ދެވަނައީ: މިފަދަ ކަންކަމުގައި މަތިވެރިވެގެންވާ ޙިކުމަތެއް، ﷲ ތަޢާލާގެ ޙަޟްރަތުގައިވާކަމަށް އީމާންވުމަކީ ވާޖިބެކެވެ. ފަހެ، އެއިލާހީ އެންމެހާ ބޭކާރުކަމެއް ކުރެއްވުމުން ހުސްޠާހިރުވެ ވޮޑިގެންވާ އިލާހެވެ. އެއިލާހުގެ ޚަލްޤުކުރެއްވުމާއި އަމުރުފުޅުތަކުގެ މަތިވެރި ޙުކުމް ވަނީ އެއިލާހަށެވެ. އަޅުގަނޑުމެންނަށް އެކަންކަން އެނގިވެސް ދާނެއެވެ. އަދި ނޭނގިވެސް ދާނެއެވެ. އެހެނަސް ޢިލްމުވެރިން އަބަދުވެސް މަސައްކަތްކުރައްވަނީ އެޙިކުމަތްތައް ހޯއްދެވުމަށެވެ. އެއީ އެއިލާހުގެ އާޔަތްތަކާމެދު ވިސްނާ ފިކުރުކޮށް ތަދައްބުރު ކުރުމަށް އެއިލާހު ކުރައްވާފައިވަ އަމުރުފުޅަށް އިޖާބަދިނުމުގެ ގޮތުންނެވެ.
ޙުކުމް ދެމިއޮތުމާއެކު ކިޔެވުން ނަސްޚުވުމާމެދު ބައެއްމީހުން އުފައްދާ ޝުބުހަތަކަށް ޖަވާބު ދެއްވަމުން އައްޒުރްޤާނީ رحمه الله ވިދާޅުވިއެވެ.
“އެބައިމީހުން ބުނެއެވެ. ހަމަކަށަވަރުން އާޔަތް ޙުކުމަށް ދަލީލުކޮށްދެއެވެ. ފަހެ، އެ މަންސޫޚު ނުކުރައްވާ އާޔަތް މަންސޫޚު ކުރައްވައިފިނަމަ އޭގެ ސަބަބުން މުކައްލަފުންނަށް މިކަން އޮޅި ނުބައި ޢަޤީދާތަކަށް ހުށަހެޅިދާނެއެވެ.
މިޝުބުހައަށް އޮތް ޖަވާބަކީ އެކުރާ ދަޢުވާތަކަކީ ބާޠިލު ދަޢުވާތަކެއް ކަމެވެ. އެކަން އެބުނާ ގޮތަށް ވާނީ އާޔަތް ނަސްޚުވިކަމުގެ ދަލީލެއް ނެތި، ޙުކުމް ދެމިގެންވާނަމައެވެ. އެހެނަސް ކިޔެވުން ނަސްޚުވިކަމަށް ދަލީލު އައުމަށްފަހު އަދި ޙުކުމް ދެމިގެންވާކަން ޘާބިތުވުމަށްފަހު މިކަމުގައި އެއްވެސް އޮޅުމެއް ނެތެވެ. އޭގެ މިސާލަކީ ޒިނޭކުރާ މީހުންކުރެ މުޙްޞަނުންނާމެދު އައިސްފައިވާ އާޔަތެވެ. ޝަރުޢުކުރައްވާ ފަރާތުން އެއިލާހުގެ އަޅުތަކުންނަށް އެކަމުގައި އޮޅުވާލުމެއް ނެތެވެ. އަދި ފޮރުވުމެއްވެސް ނުވެއެވެ.
އަދި އެބައިމީހުން ބުނެއެވެ. ޙުކުމް ދެމިއޮތުމާއެކު އާޔަތް ނަސްޚުވުމަކީ އެއްވެސް މާނައެއް އޮތް ކަމެއް ނޫނެވެ. އަދި އެއީ ޝަރުޢުކުރައްވާ ޙިކުމަތްތެރި ފަރާތަށް އެކަށީގެންވާ ކަމެއްވެސް ނޫނެވެ. އެހެނީ އެއީ އެއްވެސް ފައިދާއެއް ނެތް ކަމެކެވެ.
މިޝުބުހައާ ދެކޮޅަށް ދެ ޖަވާބެއް ވެއެވެ.
ފުރަތަމައީ: އާޔަތް ނަސްޚުވެފައި ޙުކުމް ދެމިއޮތުމީ އެކަމުގައި ޙިކުމަތެއް އެކުލެވިގެންވާ ކަމެކެވެ. އެއީ ފައިދާއެއް ނެތް ބޭކާރުކަމެއް ނޫނެވެ. އެކަމުގައި ވަރަށް ބޮޑު ފައިދާއެއް ވެއެވެ. އެއީ ޤުރުއާން ހިތުދަސްކޮށް އަދި އެފާޅުކުރެވޭފަދަ މިންވަރަކަށް ޤުރުއާނުގެ އާޔަތްތައް މަދުވުމުން އެ ރައްކާތެރިކުރުމަށް ފަސޭހަވުމެވެ. އަދި އުންމަތުގެ ބޮޑު ބަޔަކަށް އެކަން ޔަޤީންކޮށް ދެނެގަތުމަށް ފަސޭހަވުމަށްޓަކައެވެ. އެއީ ފުރިހަމަ ސޫރަތްތަކެއް ރިވެތި ގޮތަކަށް އައިސްފައި ވުމުން އެއަށް އުނި އިތުރު ގެންނަން އުޅޭ މީހުންނަށް އުނދަގޫވާނެއެވެ.
އެހެނީ ވާހަކައެއްވެސް ފެތުރި އެންމެންނަށް އެނގުމުން ދެން މީހަކު އެބަދަލުކުރަން އުޅެފިއްޔާ ވަރަށް އަވަހަށް އެކަން އެނގޭނެއެވެ. އަދި އެކަމަށް މީހުން އިންކާރުކުރާނެއެވެ. އޭގެ ސަބަބުން އޭގެ އަޞްލު ބަދަލުވުމުން ރައްކާތެރިވެގެންދާނެއެވެ. އެއީ ﷲ ތަޢާލާގެ އަންނަނިވި ބަސްފުޅުގައިވާ ފަދައިންނެވެ.
﴿إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ﴾ [سورة الحجر 9]
މާނައީ: “ހަމަކަށަވަރުން ޤުރުއާން ބާވައިލެއްވީ ތިމަންއިލާހެވެ. އަދި ހަމަކަށަވަރުން ތިމަންއިލާހު އެ ޤުރުއާން ރައްކާތެރި ކުރައްވާހުށީމެވެ.”
ޚުލާޞާއަކީ ﷲ ތަޢާލާގެ ޙިކުތަމުގައިވާ ގޮތުން، ބައެއް ޢަމަލީ ޝަރުޢީ ޙުކުމްތަކާ ގުޅޭ އާޔަތްތަކެއް ބާވައިލެއްވުމަށްފަހު، އެ ޙުކުމްތައް މަޝްހޫރުވުމުން ﷲ ތަޢާލާވަނީ އެއާޔަތްތައް ކިޔެވުން މަންސޫޚުކުރައްވާފައެވެ. އޭގެ ސަބަބުން ކީރިތި ޤުރުއާން އިޖުމާލީ ރިވެތި ފޮތެއްގެ ގޮތުގައި ދެމިގެން ދެއެވެ. އަދި އެފޮތުގެ އާދައިގެ މަތިން ޝަރުޢީ ޙުކުމްތަކުގެ ތަފްޞީލުތައް އެފޮތުގައި މަދުވެގެންދެއެވެ. އޭގެ ސަބަބުން އެ ދަސްކުރަން ފަސޭހަވެއެވެ. އަދި އެފޮތް ރައްކާތެރިވެގެންވެއެވެ.
﴿وَاللَّـهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ﴾
މާނައީ: “އަދި ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެއެވެ.”
ދެވަނައީ: ނަސްޚުގެ މިބާވަތުގެ ޙިކުމަތާއި ފައިދާ އަޅުގަނޑުމެންނަށް ނޭނގޭކަމަށް ބެލިޔަސް، އެއްޗެއްގެ ޢިލްމު ނެތުމަކީ އެއެއްޗެއް ނެތްކަމަށް ފުދޭނެ ޙުއްޖަތެއް ނޫނެވެ. ޖާހިލުކަމަކީ ޢިލްމު ޙާޞިލުކުރުމުގެ މަގެއްކަމުގައި ވެގެން ދިޔައީ ކޮން އިރަކު ހެއްޔެވެ؟ ދެން އެއަށްފަހުގައި، ޢިލްމާއި ޙިކުމަތުގެ ވެރި، ރަޙްމާނުވަންތަ ރަޙީމުވަންތަ އިލާހު ކުރައްވާ ކޮންމެ ކަމެއްގައިވެސް ޙިކުމަތެއްވާނޭކަން ނުވަތަ ފައިދާއެއްވާނޭކަމަށް އަޅުގަނޑުމެން އީމާންވަމެވެ. އެއީ ކަނޑައެޅިގެން ވަކި ޙިކުމަތެއް އަޅުގަނޑުމެންނަށް ނޭނގުނުކަމަށްވިޔަސް މެއެވެ. ފަހެ، އިސްލާމްދީނުގައި އަޅުކަމާ ގުޅޭ ކިތައް ކަމުގައި ﷲ ތަޢާލާ ފިޔަވާ އެހެން އެއްވެސް ފަރާތަކަށް ނޭނގޭ ޙިކުމަތްތައްވޭ ހެއްޔެވެ. ނުވަތަ އެއިލާހު ޚާއްޞަކުރެއްވި، އެއިލާހުގެ ލޯބިލިބިގެންވާ މަދު ބަޔަކަށް މެނުވީ އެކަންކަން ނޭނގެއެވެ.
﴿وَفَوْقَ كُلِّ ذِي عِلْمٍ عَلِيمٌ﴾ [سورة يوسف 76]
މާނައީ: “އަދި ކޮންމެ ޢިލްމުވެރިޔެއްގެ މައްޗަށް (ހުރިހާކަމެއް) މޮޅަށް ދެނެވޮޑިގެންވާ އިލާހު ވޮޑިގެންވެއެވެ.”
﴿وَمَا أُوتِيتُم مِّنَ الْعِلْمِ إِلَّا قَلِيلًا﴾ [سورة الإسراء 85]
މާނައީ: “އަދި ތިޔަބައިމީހުންނަށް (އެބަހީ: އިންސާނުންނަށް) ޢިލްމުގެ ތެރެއިން ވަރަށް ކުޑަ މިންވަރެއް މެނުވީ ދެއްވައިފައެއް ނުވެއެވެ.”
މިއީ އާކަމެއް ނޫނެވެ. ގޭގެ ވެރި ފަރާތުން، އެގޭގައި އުޅޭ ކުޑަކުދިންނަށް ކުރާ އަމުރެއްގައި ފައިދާއެއް އޮތްކަމުގައިވިޔަސް، އެކުދިންގެ ބުއްދިއާއި ވިސްނުމުގެ އުނިކަމުގެ ސަބަބުން، އެފައިދާއެއް ނޭނގިދާނެއެވެ. އޭގެ ފައިދާ ނޭނގުނު ކަމުގައިވިޔަސް އެކުދިންނަށް އެވަނީ އަމުރުވެވިގެންނެވެ. އަދި ރައީސަކު ރައްޔިތުންނަށް ކުރާ އަމުރެއްގެ ފޮރުވިފައިވާ ސިއްރާއި ޙިކުމަތް ނޭނގިދާނެއެވެ. އެބައިމީހުންނަށް ސިއްރާއި ޙިކުމަތް ނޭނގުނުކަމުގައިވިޔަސް އެއަމުރު އެބައިމީހުންގެ މައްޗަށް ތަންފީޒުކުރެވޭނެއެވެ.
ﷲ ތަޢާލާއާއި އެއިލާހުގެ ޚަލްޤުތަކުންނާ މެދުވެސް ވަނީ ހަމައެފަދައިންނެވެ. އެއިލާހު ޝަރުޢު ކުރައްވާކަމެއްގައި ޚަލްޤުތަކުންނަށް ފޮރުވިފައިވާ ސިއްރުތަކެއް ވާނެއެވެ. އަދި ޙުކުމް ދެމިއޮތުމާއެކު އާޔަތް ކިޔެވުން ނަސްޚުވުމުގައިވެސް އެބައިމީހުންނަށް އެނގިފައިނުވާ ފައިދާތަކެއް ވާނެއެވެ.
﴿وَلِلَّـهِ الْمَثَلُ الْأَعْلَىٰ ۚ وَهُوَ الْعَزِيزُ الْحَكِيمُ﴾ [سورة النحل 60]
މާނައީ: “އަދި އެންމެ މަތިވެރި މިސާލުވަނީ ﷲ އަށެވެ. އަދި އެއިލާހީ ޢަޒީޒުވަންތަ ޙަކީމުވަންތަ އިލާހެވެ.”
[مناهل العرفان في علوم القرآن 2/218-219]
والله أعلم .
– ނިމުނީ –