[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٦ (ف 1 ، د 9 – ކިޔަމަން ގަތުމުގައްޔާއި ލޯބިވުމުގައި ޝިރުކުކުރުން)

ތިންވަނަ ވައްތަރު: ކިޔަމަންގަތުމުގައި ޝިރުކުކުރުން

 

މިކަމުގެ ދަލީލަކީ ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ.

اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِّن دُونِ اللَّـهِ وَالْمَسِيحَ ابْنَ مَرْيَمَ وَمَا أُمِرُوا إِلَّا لِيَعْبُدُوا إِلَـٰهًا وَاحِدًا لَّا إِلَـٰهَ إِلَّا هُوَ سُبْحَانَهُ عَمَّا يُشْرِكُونَ ﴿٣١﴾ [سورة التوبة]

މާނައީ: “އެބައިމީހުންގެ ޢިލްމުވެރިންނާއި، ފާދިރީންނާއި، މަރްޔަމްގެފާނުގެ ދަރިކަލުން އަލްމަސީޙް (ޢީސާގެފާނު) އަކީ ﷲ ފިޔަވައި އިލާހުން ކަމުގައި އެބައިމީހުން ހެދިއެވެ. (ނަމަވެސް) އެއްކައުވަންތަ އިލާހަށް، އަޅުކަން ކުޅައުމަށް މެނުވީ އެބައިމީހުންނަށް އަމުރުކުރައްވާފައި ނުވެއެވެ. އެއިލާހު މެނުވީ ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކު ނުވެއެވެ. އެބައިމީހުން އެ ޝަރީކުކުރާ ތަކެތިން، އެއިލާހު ހުސްޠާހިރުވެ ވޮޑިގެންވެއެވެ.”

މިކަމުގެ ތަފްސީރަކީ: ﷲއަށް އުރެދުމުގައި ޢިލްމުވެރިންނާއި އަޅުވެރިންނަށް ކިޔަމަންގަތުމެވެ. އެބައިމީހުންގެ ކައިރިއަށް ގޮސް ކަންކަމަށް އެދި ދުޢާކުރުމެއް ނޫނެވެ. ރަސޫލާ صلى الله عليه وسلم ވަނީ ޢަދިއްޔު ބުނު ޙާތިމު رضي الله عنه ސުވާލު ދެންނެވުމުން މިކަމުގެ ތަފްޞީލު ކިޔައިދެއްވާފައެވެ. ފަހެ އެކަލޭގެފާނު ބަޔާންކޮށްދެއްވާފައިވަނީ ﷲއަށް އުރެދުމުގައި އެބައިމީހުންނަށް ކިޔަމަންގަތުމަކީ އެބައިމީހުންނަށް އަޅުކަންކުރުންކަމުގައެވެ.

 

 

ހަތަރުވަނަ ވައްތަރު: ލޯބިވުމުގައި ޝިރުކުކުރުން

 

މިކަމުގެ ދަލީލަކީ ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ.

وَمِنَ النَّاسِ مَن يَتَّخِذُ مِن دُونِ اللَّـهِ أَندَادًا يُحِبُّونَهُمْ كَحُبِّ اللَّـهِ وَالَّذِينَ آمَنُوا أَشَدُّ حُبًّا لِّلَّـهِ وَلَوْ يَرَى الَّذِينَ ظَلَمُوا إِذْ يَرَوْنَ الْعَذَابَ أَنَّ الْقُوَّةَ لِلَّـهِ جَمِيعًا وَأَنَّ اللَّـهَ شَدِيدُ الْعَذَابِ ﴿١٦٥﴾ [سورة البقرة]

މާނައީ: “އަދި ﷲ ފިޔަވައި އެއިލާހާ އެއްފަދަ ޝަރީކުންތަކެއް (ބައިވެރިންތަކެއް) ބަލައިގަންނަ ބަޔަކު، މީސްތަކުންގެ ތެރެއިންވެއެވެ. ﷲ ދެކެ ލޯބިވާ ފަދައިން، އެބައިމީހުން އެ ޝަރީކުން ދެކެ ލޯބިވެއެވެ. އަދި އީމާންވިމީހުން ﷲ ދެކެ ލޯބިވުން މާބޮޑެވެ. އަދި އަނިޔާވެރިވި މީހުންނަށް (އާޚިރަތް ދުވަހުގެ) ޢަޛާބު ފެންނަހިނދު، ހަމަކަށަވަރުން އެންމެހާ ބާރުތައް މިލްކުވެވޮޑިގެންވަނީ ﷲ އަށް ކަމާއި އަދި ހަމަކަށަވަރުން ﷲ އީ ޢަޛާބު ދެއްވުމުގައި ގަދަފަދަވެވޮޑިގެންވާ ރަސްކަލާނގެކަން އެއުރެންނަށް އެނގޭނެ ނަމައެވެ.”

 

 

ފިލާވަޅުގެ އިރުޝާދުތައް

 

* ޢަދިއްޔު ބުން ޙާތިމު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް ތިމަންކަލޭގެފާނު ދިޔައީމެވެ. އޭރު ތިމަންކަލޭގެފާނުގެ ކަރުގައި ރަނުން ހަދާފައިވާ ޞަލީބެއް އޮތެވެ. ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އޭ ޢަދިއްޔެވެ! ތިޔަ އަޅުކަންކުރާ އެތި (އެބަހީ: ޞަލީބު) ކަރުން ނަގާފައި އެއްލާލައްވާށެވެ. އެއެއްލާލާފައި ތިމަންކަލޭގެފާނު އެކަލޭގެފާނުގެ އަރިހަށް ދިޔައީމެވެ. އޭރު އެކަލޭގެފާނު ތައުބާ ސޫރަތުގެ މިއާޔަތް ކިޔަވާ ވިދާޅުވަނީއެވެ.

﴿اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِّن دُونِ اللَّـهِ وَالْمَسِيحَ ابْنَ مَرْيَمَ وَمَا أُمِرُوا إِلَّا لِيَعْبُدُوا إِلَـٰهًا وَاحِدًا لَّا إِلـهَ إِلَّا هُوَ سُبْحَانَهُ عَمَّا يُشْرِكُونَ﴾

މާނައީ: “އެބައިމީހުންގެ ޢިލްމުވެރިންނާއި، ފާދިރީންނާއި، މަރްޔަމްގެފާނުގެ ދަރިކަލުން އަލްމަސީޙް (ޢީސާގެފާނު) އަކީ، ﷲ ފިޔަވައި އިލާހުން ކަމުގައި އެބައިމީހުން ހެދިއެވެ. (ނަމަވެސް) އެއްކައުވަންތަ އިލާހަށް، އަޅުކަން ކުޅައުމަށް މެނުވީ އެބައިމީހުންނަށް އަމުރުކުރައްވާފައި ނުވެއެވެ. އެއިލާހު މެނުވީ ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކު ނުވެއެވެ. އެބައިމީހުން އެ ޝަރީކުކުރާ ތަކެތިން، އެއިލާހު ހުސްޠާހިރުވެ ވޮޑިގެންވެއެވެ.”

މިއާޔަތް ކިޔާ ނިމުމުން ތިމަންކަލޭގެފާނު ދެންނެވީމެވެ. “ތިމަންބޭކަލުން އެމީހުންނަކަށް އަޅުކަމެއް ނުކުރަމެވެ.”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ﷲ ޙަލާލުކުރެއްވި ކަންތައްތައް އެބައިމީހުން ޙަރާމްކުރުމުން ތިޔަބައިމީހުންވެސް އެއީ ޙަރާމް ކަންތައްތަކުގައި ބަލައި ނުގަންނަން ހެއްޔެވެ! އަދި ﷲ ޙަރާމްކުރެއްވި ކަންތައްތައް އެބައިމީހުން ޙަލާލުކުރުމުން ތިޔަބައިމީހުންވެސް އެއީ ޙަލާލު ކަންތައްތަކުގައި ބަލައި ނުގަންނަން ހެއްޔެވެ!”

އެކަލޭގެފާނު ވިދާޅުވިއެވެ. “އާދޭހެވެ.”

ދެން ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އެއީ އެބައިމީހުންނަށް އަޅުކަންކުރުމެވެ.” [1]

* ޙަލާލު އެއްޗެއް ޙަރާމްކުރުމުގައި ނުވަތަ ޙަރާމް އެއްޗެއް ޙަލާލުކުރުމުގައި، ﷲ ނޫން ފަރާތަކަށް އެކަންކުރުމުގެ ޙައްޤު ލިބިގެންވާކަމަށް ޤަބޫލުކޮށް ކިޔަމަންގަންނަ މީހާ ދަންނައެވެ. ފަހެ އެފަދަ މީހަކީ މުޝްރިކެކެވެ. އަދި އެއީ ބޮޑު ޝިރުކެކެވެ.

އަދި ޙަލާލު އެއްޗެއް ޙަރާމްކުރުމުގައި ނުވަތަ ޙަރާމް އެއްޗެއް ޙަލާލުކުރުމުގައި، ﷲ ނޫން ފަރާތަކަށް އެކަންކުރުމުގެ ޙައްޤު ލިބިގެންނުވާކަމަށް ޤަބޫލުކޮށް ކިޔަމަންގަންނަ މީހާ ދަންނައެވެ. ފަހެ އެފަދަ މީހާއަކީ ﷲ އަށް އުރެދިފައިވާ މީހެކެވެ. އަދި އެކަމުގެ ސަބަބުން އޭނާ ފާފަވެރިވާނެއެވެ.

* މުޝްރިކުންވަނީ ﷲއާއެކު އެހެނިހެން އިލާހުންދެކެވެސް ލޯބިވެފައެވެ. އޭގެ ތެރޭގައި ގަސްތަކާއި ހިލަތަކާއި މަލާއިކަތުންނާ އަދި އެނޫން ތަކެތިވެސް ހިމެނެއެވެ. އެއީ ޝިރުކުގެ އަޞްލާއި އޭގެ އަސާސެވެ.
* ލޯބިވުމަކީ އަޅުކަމުގެ އަޞްލެވެ. އެހެންކަމުން މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ ﷲ ދެކެ ލޯބިވާ ވަރަށް ނުވަތަ އެއަށްވަރު ބޮޑަށް އެއްވެސް ފަރާތެއްދެކެ ލޯބި ނުވުމެވެ. އެހެންވެއްޖެނަމަ ޝިރުކުގެ ތެރެއަށް ވެއްޓިގެންދާނެއެވެ.

 

 

ސުވާލުތައް

 

1- ކިޔަމަން ގަތުމުގައި ޝިރުކުކުރުމޭ ބުނެވޭ ބަހުގެ މުރާދަކީ ކޮބާ ހެއްޔެވެ؟ ދަލީލާއެކު އެކަން ބަޔާންކުރާށެވެ.

2- ލޯބިވުމުގައި ޝިރުކުކުރުމޭ ބުނެވޭ ބަހުގެ މުރާދަކީ ކޮބާ ހެއްޔެވެ؟ ދަލީލާއެކު އެކަން ބަޔާންކުރާށެވެ.

3- ޢީސާ އަށް އަޅުކަން ކުރަނީ ކޮން ބައެއް ހެއްޔެވެ؟ އެކަލޭގެފާނަށް އަޅުކަންކުރުމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟

4- ޙަލާލުކޮށްފައިވާ ކަމެއް ޙަރާމްކުރުމުގައި އަދި ޙަރާމްކޮށްފައިވާ ކަމެއް ޙަލާލުކުރުމުގައި ﷲ ނޫން ފަރާތަކަށް ކިޔަމަންގަތުމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟

= ނުނިމޭ =

_____________________________

مادة التوحيد ١ (ފޮތް)

مادة التوحيد ٢ (ފޮތް)

مادة التوحيد ٣ (ފޮތް)

مادة التوحيد ٤ (ފޮތް)

مادة التوحيد ٥

مادة التوحيد ٦

 

 

 

[1] أخرجه الترمذي برقم: (3095) والطبراني برقم: (218) وحسنه شيخ الإسلام ابن تيمية في مجموع الفتاوى (7/67).