ދެވަނައީ: މަލާއިކަތުންގެ ދެ ޖިންސެއްވޭ ހެއްޔެވެ؟
މަލާއިކަތުންނަކީ އަންހެން އަދި ފިރިހެން ގޮތުގައި ސިފަކުރެވިފައިވާ ބައެއް ނޫނެވެ. ފަހެ އެބޭކަލުންނީ އަންހެން ބައެއްގެ ގޮތުގައި ސިފަ ނުކުރެވޭ ސަބަބަކީ، ﷲ އެކަން ނަފީކޮށްފައިވުމެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ.
﴿وَجَعَلُوا الْمَلَائِكَةَ الَّذِينَ هُمْ عِبَادُ الرَّحْمَنِ إِنَاثًا أَشَهِدُوا خَلْقَهُمْ سَتُكْتَبُ شَهَادَتُهُمْ وَيُسْأَلُونَ﴾ [سورة الزخرف 19]
މާނައީ: “އަދި ރަޙްމާންވަންތަ އިލާހުގެ އަޅުކަމުގައިވާ މަލާއިކަތުންނަކީ، އަންހެން ބަޔެއްކަމުގައި އެއުރެން ހެދީ ހެއްޔެވެ؟ އެ މަލާއިކަތުން ހެއްދެވިއިރު، އެއުރެން ޙާޟިރުވެ ތިބީ ހެއްޔެވެ؟ އެއުރެން އެހެކިވާ ހެކިވުން ނިކަންހުރެ ލިޔުއްވާ ހުއްޓެވެ. އަދި (އާޚިރަތްދުވަހުން) އެއުރެންނާ ސުވާލު ކުރައްވާހުށްޓެވެ.”
އަދިވެސް ވަޙީކުރައްވާފައިވެއެވެ.
﴿أَمْ خَلَقْنَا الْمَلَائِكَةَ إِنَاثًا وَهُمْ شَاهِدُونَ﴾ [سورة الصافات 150]
މާނައީ: “ނުވަތަ އެއުރެން ޙާޟިރުވެ ބަލަން ތިއްބައި، ތިމަންއިލާހު މަލާއިކަތުން އަންހެން ބަޔަކަށް ހެއްދެވީ ހެއްޔެވެ؟”
އަދި އެބޭކަލުންނީ ފިރިހެން ބައެއްކަން ސިފަނުކުރެވެނީ، އެފަދަ ދަލީލެއް ވާރިދުވެފައި ނެތުމުންނެވެ.
އަލްޙަލީމީ المنهاج ގައި އަދި އަލްޤަނަވީ އޭގެ މުޚްތަޞަރްގައި ވިދާޅުވެފައިވެއެވެ.
“އަލްއަޢުރާފްގެ އަސްހާބުންނަކީ މަލާއިކަތުންކަމުގައި ބަޔަކުމީހުން ދެކެއެވެ. އެބޭކަލުން ސުވަރުގެ އަހުލުވެރިންދެކެ ލޯބިވެތެވެ. އަދި ނަރަކައިގެ އަހުލުވެރިންދެކެ ރުޅިއާދެތެވެ. މިއީ ދެގޮތަކުން ހަޤީޤަތާއި ދުރު ވާހަކައެއްކަން ބަޔާންވެއެވެ.
ފުރަތަމަ ގޮތަކީ: ﷲ ގެ މި ވަހީބަސްފުޅެވެ.
( وَعَلى الأَعرافِ رِجالُ )
މާނައީ:” އަޢުރާފް މަތީގައި (އެބަހީ:ސުވަރުގޭގެ ފާރުމަތީގައި) މީހުން ތަކެއްވެއެވެ.”
(ނޯޓް:އަރަބި ބަހުގައި رِجالُ ކިޔަނީ ފިރިހެނުންނަށެވެ.) رِجالُ އެއީ ބުއްދިވެރި ފިރިހެނުންނެވެ. އެހެނެއްކަމަކު މަލާއިކަތުން ދެޖިންސަކަށް ބައި ނުކުރެވޭނެއެވެ.
ދެވަނަ ގޮތަކީ: އަޢުރާފުގެ އަހުލުވެރިން ސުވަރުގެ ވަނުމަށް ބޭނުންވާކަމަށް ﷲ އަންގަވާފައިވުމެވެ. މަލާއިކަތުންނަކީ އެކަމަށް ބޭނުން ޖެހިގެންވާ ބައެއް ނޫނެވެ. ކަމަކަށް އެދޭ ޙާލު އެކަމެއް ދިގުލައިގެން ދިޔުމަކީ އެމީހަކަށް ދެވޭ ބޮޑު އަޛާބެކެވެ. މަލާއިކަތުންނަކީ އެދުވަހުން އެއްވެސް ޢަޛާބެއް އުފުލަންޖެހޭ ބައެއް ނޫނެވެ.” [الحبائك (ص: 88) އައްސުޔޫޠީ ނަޤުލު ކުރައްވާފައިވެއެވެ.]
ޑރ. މުޙައްމަދު ބްނު ޢަބްދުއްރަޙްމާން އަލްޚަމީސް ވިދާޅުވެފައިވެއެވެ.
“އަހަރެމެން ބުނާހުށީ، މަލާއިކަތުންނަކީ އަންހެނުންތަކެއްކަމަށް ބުނާ މީހުންނީ، ﷲގެ ފޮތާއި ޚިލާފްވުމުގެ ސަބަބުން ކާފިރުވި މީހުންކަމުގައެވެ. އަދި އެބޭކަލުންނީ ފިރިހެނުންކަމުގައިވެސް ނުބުނެވޭނެއެވެ. އެހެނީ އެއީ އެފަދަ ޞައްޙަ ދަލީލެއް ވާރިދުވެފައި ނުވާތީއެވެ.” [اعتقاد أهل السنة]
والله أعلم.
= ނިމުނީ =
_______________________