މި ސޫރަތުގެ ވަށަރޮނގު އެޅިފައިވާ މައުޟޫޢު
ހަވާ ނަފުސަށް ތަބާވެ ބޮޑާވުމުގެ ސަބަބުން ޙައްޤު މަގުން އެއްކިބާވެފައިވާ މީހުންނާމެދު އިންޛާރުކުރުން
މި ސޫރަތުގައި އައިސްފައިވާ މުހިއްމު ނުކުތާތައް
- ކުޅަދުންވަންތަކަމުގެ ހެކިތައް ބަޔާންކުރުން. (3 ވަނަ އާޔަތުން 5 ވަނަ އާޔަތަށް)
- އިންސާނުންނަށް މާތްﷲ ދެއްވާފައިވާ ނިޢުމަތްތަކުގެ މަތިން ހަނދާންކޮށްދިނުން.
﴿اللَّـهُ الَّذِي سَخَّرَ لَكُمُ الْبَحْرَ لِتَجْرِيَ الْفُلْكُ فِيهِ بِأَمْرِهِ وَلِتَبْتَغُوا مِن فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ [١٢] وَسَخَّرَ لَكُم مَّا فِي السَّمَاوَاتِ وَمَا فِي الْأَرْضِ جَمِيعًا مِّنْهُ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ [١٣]﴾
މާނައީ: “ﷲ އީ، ތިޔަބައިމީހުންނަށްޓަކައި ކަނޑު خدمة ތެރިކުރެއްވި އިލާހެވެ. (އެއީ) އެކަލާނގެ أمر ފުޅަށް އެތާނގައި އުޅަނދުތައް ދުވުމަށްޓަކައެވެ. އަދި ތިޔަބައިމީހުން އެކަލާނގެ فضل ވަންތަކަމުން އެދިގަތުމަށްޓަކައެވެ. އަދި ތިޔަބައިމީހުން شكر ކުރުމަށްޓަކައެވެ. އަދި އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި خدمة ތެރިކޮށްދެއްވިއެވެ. އެހުރިހާ ތަކެއްޗެއްވަނީ، އެކަލާނގެ حضرة ންނެވެ. ހަމަކަށަވަރުން، އެކަމުގައި ފިކުރުކުރާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ.”
- ކާފިރުންނަށް މާތްﷲ ގެ އާޔަތްތައް ކިޔަވައިދެވުމުން އީމާންނުވެ، ކިބުރުވެރިވިކަން ޤިޔާމަތްދުވަހު ހަނދާންކޮށްދެވޭނެއެވެ. ޤިޔާމަތް ވާނޭކަމާއިމެދު ޝައްކުކޮށް، ފާފަކުރުންމަތީ ކިބުރުވެރިން ދެމިތިބެއެވެ. ޤިޔާމަތްދުވަހުން އެބައިމީހުން ކުޅަ ފާފަތައް ފާޅު ކުރެވޭނެއެވެ. އަދި މާތްﷲ އާ ބައްދަލުވާނޭކަން އެބައިމީހުން ހަނދާންނައްތާލި ގޮތަށް، ޤިޔާމަތް ދުވަހުން މާތްﷲ އެބައިމީހުންގެ މަތިން ހަނދާން ނައްތާލައްވާނެއެވެ. ކިބުރުވެރިން ﷲގެ އާޔަތްތައް ފުރައްސާރައެއް ކަމުގައި ހަދައެވެ. ދުނިޔޭގެ ދިރިއުޅުމުގެ ޗާލޫކީކަމަށް ހެއްލެއެވެ. މިވާހަކަތައް މި ސޫރަތުގެ 31 ވަނަ އާޔަތުން 35ވަނަ އާޔަތަށް އައިސްފައިވެއެވެ.
- ހަވާނަފުސަށް ތަބާވުމަކީ ނުރައްކާތެރިކަން ބޮޑުކަމެއްކަން މި ސޫރަތުގެ 23 ވަނަ އާޔަތުގައި ބަޔާންވެފައިވެއެވެ.
- މި ސޫރަތުގެ 16 ވަނަ އާޔަތާއި 17ވަނަ އާޔަތުގައި ބަނީ އިސްރާއީލުންނަށް މާތްﷲ ދެއްވި ނިޢުމަތްތަކުގެ މަތިން ހަނދާންކޮށް ދެއްވިފައިވެއެވެ. އަދި އެބައިމީހުންގެ އުރެދުންތެރިކަމުގެ ވާހަކަވެސް ބަޔާންވެފައިވެއެވެ.
- މުލްޙިދުންނާއި މެޓީރިއަލިސްޓުންގެ ޢަޤީދާ މި ސޫރަތުގެ 24 ވަނަ އާޔަތާއި 25 ވަނަ އާޔަތުގައި ބަޔާންވެފައިވެއެވެ.
މި ސޫރަތުން ލިބިދޭ ބައެއް ފައިދާތައް
- މި ސޫރަތުގައި ކިބުރުވެރިންގެ ވާހަކަތައް އައިސްފައިވެއެވެ.
- ޝަރުޢީ ޢިލްމު ހުރެމެ، މަގުފުރެދިފައިވާ މީހަކު ތިބާއަށް ފެނިއްޖެނަމަ، ދަންނާށެވެ. އެއީ އޭނާ ހަވާނަފުސަށް ތަބަޢަވުމުގެ ސަބަބުން ﷲ އޭނާއަށް ދެއްވި ޢުޤޫބާތެވެ. މިކަން މިސޫރަތުގެ 23 ވަނަ އާޔަތުން އެނގެއެވެ.
﴿أَفَرَأَيْتَ مَنِ اتَّخَذَ إِلَـٰهَهُ هَوَاهُ وَأَضَلَّهُ اللَّـهُ عَلَىٰ عِلْمٍ وَخَتَمَ عَلَىٰ سَمْعِهِ وَقَلْبِهِ وَجَعَلَ عَلَىٰ بَصَرِهِ غِشَاوَةً فَمَن يَهْدِيهِ مِن بَعْدِ اللَّـهِ ۚ أَفَلَا تَذَكَّرُونَ [٢٣]﴾
މާނައީ: “ފަހެ، އެމީހެއްގެ އެދުންތައް އެއީ، އެމީހަކު އަޅުކަންކުރާ إله އެއްކަމުގައި ހަދައި، އަދި علم ލިބިފައިވުމާއެކުވެސް، ﷲ އެމީހަކު މަގުފުރައްދަވައި، އަދި އޭނާގެ އިވުމާއި، ހިތުގައި ސިއްކަގައްސަވައި، އަދި އޭނާގެ ލޮލުގައި ފަރުދާއެއްލައްވައިފިމީހާ، ކަލޭގެފާނު ދެކެވަޑައިގަތީމު ތޯއެވެ؟ ﷲ މެނުވީ އެމީހަކަށް ތެދުމަގު ދައްކާނީ ފަހެ، ކާކުހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ހަނދުމަ ނުކުރަނީ ހެއްޔެވެ؟”
____________________________________________________
މަޞްދަރު: أول مرة أتدبر القرآن