-
ތިޔަބައިމީހުންގެ ކިބައިން އެއްވެސް އުޖޫރައަކަށް ނޭދެން
ޞާލިޙުގެފާނު ވިދާޅުވިއެވެ. ރަސޫލުކަން އިއްވެމަށް ތިޔަބައިމީހުންގެ ކިބައިން އެއްވެސް އުޖޫރައަކަށް ތިމަންކަލޭގެފާނު އެދިވަޑައިނުގަންނަވަމެވެ. ތިޔަބައިމީހުންގެ މުދަލުން އެއްޗެއް މަދުކުރާ ބޭކަނލެއް ކަމުގައި ތިމަންކަލޭގެފާނު ނުވަމުއެވެ.
ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ނަޞޭޙަތްތެރިވަމެވެ. ތިމަންކަލޭގެފާނީ ތިމަންކަލޭގެފާނުގެ ވެރި ރައްބުގެ ޙަޟްރަތުންވާ ރަސޫލަކީމެވެ.
(وَمَا أَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِيَ إِلَّا عَلَىٰ رَبِّ الْعَالَمِينَ)[1]
މާނަ: “އަދި ތިމަންކަލޭގެފާނު އެރަސޫލުކަން އިއްވުމަކަށް ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. ޢާލަމްތަކުގެ ވެރި ރައްބުގެ ޙަޟްރަތުން މެނުވީ، ތިމަންކަލޭގެފާނަށް ޘަވާބު ދެއްވުމެއް ނުވެއެވެ.”
ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ކިޔަމަންތެރި ނުވަނީ ކީއްވެގެން ހެއްޔެވެ. ތިމަންކަލޭގެފާނީ ތިޔަބައިމީހުންނަށްވާ އަމާނާތްތެރި ނަޞޭޙަތް ތެރިޔަކީމެވެ. މީސްތަކުންނަށް އަނިޔާކުރާ މީހުންނަށް ތިޔަބައިމީހުން ކިޔަމަންވަނީ ކީއްވެ ހެއްޔެވެ؟ އެބައިމީހުން މީސްތަކުންގެ މުދާތައް (ބާތިލު ގޮތުގައި) ކައެވެ. އަދި އެމީހުންނަކީ ބިމުގައި ފަސާދަ އުފައްދާ އަދި އިސްލާޙު ނުކުރާ މީހުންނެވެ.
ޞާލިޙުގެފާނަށް ޖަވާބު ދިނުމަށް، ޤައުމުގެ މީހުން ނުކުޅެދުނެވެ. އެމީހުން ބުންޏެވެ.
(قَالُوا إِنَّمَا أَنتَ مِنَ الْمُسَحَّرِينَ)[2]
މާނަ: “އެއުރެން ދެންނެވިއެވެ. ކަލޭގެފާނުވަނީ ސިޙުރު ޖެހި (ބުއްދި ގޯސްވެ) ފައިވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ.”
(مَا أَنتَ إِلَّا بَشَرٌ مِّثْلُنَا فَأْتِ بِآيَةٍ إِن كُنتَ مِنَ الصَّادِقِينَ)
މާނަ: “ތިމަންމެންކަހަލަ އާދަމުގެ ދަރިޔެއްކަމުގައި މެނުވީ ކަލޭގެފާނު ނުވެއެވެ. ކަލޭގެފާނު ތެދުވެރިންގެ ތެރެއިންވާނަމަ، ފަހެ، އެކަމުގެ ހެއްކެއް ގެންނަވައި ބައްލަވާށެވެ!”
___________________
މަޞްދަރު: قصص النبيين للأطفال
[1] الشعراء 109
[2] 154-153 الشعراء