[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މޫސާގެފާނުގެ ވާހަކަ – 5

  • މޫސާގެފާނު އުފަންވުން

ފިރުޢައުނު ޖެހިލުންވާފަދަ ކަމެއް މެދުވެރިކުރެއްވުމަށް ﷲ އިރާދަކުރެއްވިއެވެ. އަދި ﷲ ގެ އިރާދަފުޅުން މި ވިހޭ ކުއްޖާގެ ސަބަބުން ފިރުޢައުނުގެ ރަސްކަން، އޭނާގެ ކިބައިން ބީވެގެން ދާނެއެވެ. އަދި ﷲ ގެ އިރާދަފުޅުން މި ވިހޭ ކުއްޖާ، ފިރުޢައުނުގެ އަތްދަށުން ބަނޫ އިސްރާއީލުގެ މީހުން ސަލާމަތް ކުރައްވާނެއެވެ. އަދި ﷲ ގެ އިރާދަފުޅުން މި ވިހޭ ކުއްޖާ، މީސްތަކުންގެ އަޅުވެތިކަމުން ﷲ ގެ އަޅުވެތިކަމަށް މީސްތަކުން ނެރުއްވާނެއެވެ. އަދި ﷲ ގެ އިރާދަފުޅުން މި ވިހޭ ކުއްޖާ، އަނދިކަމުން އަލިކަމަށް މީސްތަކުން ނެރުއްވާނެއެވެ. އެއީ ކޮން ބޭކަލެއް ހެއްޔެވެ. އެއީ މޫސާ ބުން ޢިމްރާނެވެ.

މޫސާގެފާނު އުފަންވެވަޑައިގަތީ ފިރުޢައުނުގެ އަނިޔާވެރިކަން ހައްދުފަހަނައަޅާއިފައިވާ ދުވަސްވަރެއްގައެވެ.

 

 

  • ނީލަކޯރުގައި

މޫސާގެފާނު އުފަންވެވަޑައިގަތުމުން އެކަލޭގެފާނުގެ މަންމާފުޅު އެކަލޭގެފާނާމެދު ބިރުފުޅުގެންވަޑައިގަތެވެ. ޢަދުއްވުން ތިބީ ބަނޫއިސްރާއިލުގެ ފިރިހެން ދަރިން އުފަންވާ ވަގުތަކަށް ބަލަބަލައެވެ.

ފިރުޢަވުނުގެ ޢައުވާނުންވަނީ މީގެ ކުރިންވެސް ބަނޫ އިސްރާޢީލުގެ ތެރެއަށް އުފަންވި ފިރިހެން ކުދިން، އެ ކުދިންގެ މައިން ވިހޭ ތަނުން ފޭރިގެންފައެވެ. މޫސާގެފާނުގެ މަންމާފުޅު އެކަލޭގެފާނާމެދު ކަންތައް ކުރައްވާނީ ކިހިނެއް ހެއްޔެވެ؟ މި ރީތި ދަރިފުޅު ފޮރުވާނީ ކޮންތާކު ހެއްޔެވެ؟ ފިރުޢައުނުގެ ޢައުވާނުންގެ ލޯތައް ކާޅުތަކުގެ ލޯފަދައެވެ. އަދި ހިނިތައް ހޮރުން ނިކުމެ ދުވާފަދައިން، ބަނޫ އިސްރާއީލުގެ މީހުން ދިރިއުޅޭ އަވަށްތަކުގައި އެބައިމީހުން އުޅެއެވެ.

އެހިނދު މުސާގެފާނުގެ މަންމާފުޅަށް ﷲ ތަޢާލާ އެހީތެރިވެވޮޑިގަތެވެ. މޫސާގެފާނު ފޮއްޓަކަށް ލައްވައިފައި ކޯރަށް އެއްލެވުމަށް ﷲ ތަޢާލާ އެކަމަނާއަށް އިލްހާމު ކުރެއްވިއެވެ.

ﷲ  ގެ ކުޅަދުންވަންތަކަމާއެވެ! ކިރު ތުބުން ނުވީއްލޭ ކުޑަ ކުއްޖެއް ފޮއްޓަކަށްލާ، ކޯރަށް އެއްލައިލަން އެ ކުއްޖާގެ މައިމީހާއަށް ކެރޭނެ ހެއްޔެވެ؟ ފޮށީގައިވާ ކުޑަ ދަރިފުޅަށް ކިރުދޭނީ ކާކު ހެއްޔެވެ؟ މި ދަރިފުޅަށް ފޮށީގައި ނޭވާލެވޭނެ ހެއްޔެވެ؟ މިހުރިހާ ކަމަކާއި މޫސާގެފާނުގެ މަންމާފުޅު ފިކުރުކުރެއްވިއެވެ. އެކަމަކު ﷲ އަށް ވަކީލު ކުރެއްވިއެވެ. އަދި ﷲ ގެ ވަޙީއަށް އިތުބާރުކުރެއްވިއެވެ.

ފަހެ ކުޑަ ކުއްޖަކަށް ރައްކާތެރިވެގެންވަނީ ފޮޓެއްގައި އޮތުން ހެއްޔެވެ؟ ނުވަތަ މައިމީހާ ކައިރީގައި ގޭގައިވުން ހެއްޔެވެ؟ ޢަދުއްވުން ވަނީ ފާރަވެރިވެގެންނެވެ. ހުރިހާ ތަނެއްގައި އެމީހުން ހަރަކާތްތެރިވަމުން ދިޔައެވެ.

މޫސާގެފާނާމެދު އެ ކަމަނާ ކަންތައްކުރެއްވީ ﷲ އަމުރު ކުރެއްވި ފަދައިންނެވެ. އެ ރީތީ ދަރިފުޅު ފޮއްޓަކަށް ލެއްވިއެވެ. ދެން އެއަށްފަހު ނީލަ ކޯރުގެ ތެރެއަށް ދޫކޮށްލެއްވިއެވެ. އެދަރިފުޅު އެކަމަނާއާ ވަކިވެގެން ދިޔައެވެ. އެކަމަށް އެކަމަނާ ކެތްތެރިވެވަޑައިގެން ﷲ އަށް ވަކީލު ކުރެއްވިއެވެ.

(وَأَوْحَيْنَا إِلَىٰ أُمِّ مُوسَىٰ أَنْ أَرْضِعِيهِ ۖ فَإِذَا خِفْتِ عَلَيْهِ فَأَلْقِيهِ فِي الْيَمِّ وَلَا تَخَافِي وَلَا تَحْزَنِي ۖ إِنَّا رَادُّوهُ إِلَيْكِ وَجَاعِلُوهُ مِنَ الْمُرْسَلِينَ) [1]

މާނަ: “އަދި ތިމަންއިލާހު މޫސާގެފާނުގެ މަންމައަށް އިލްހާމުކުރެއްވީމެވެ. ކަމަނާ އެކަލޭގެފާނަށް ކިރުފޮދު އަރުވާހުށިކަމެވެ! ފަހެ، ކަމަނާ އެކަލޭގެފާނުގެ މައްޗަށް ބިރުފުޅުގެންފިނަމަ، އެކަލޭގެފާނު (ފޮށްޓަކަށް ލައްވައިފައި) ކޯރުގެ ތެރެއަށް އެއްލަވާހުށިކަމެވެ! އަދި ކަމަނާ ބިރުފުޅު ނުގަންނާށެވެ! އަދި ހިތާމަވެސް ނުކުރައްވާށެވެ! ހަމަކަށަވަރުން ތިމަންއިލާހު އެކަލޭގެފާނު ކަމަނާއަށް ރައްދުކުރައްވާހުށީމެވެ. އަދި އެކަލޭގެފާނު ރަސޫލުންގެ ތެރެއިން ލައްވާހުށީމެވެ.”

___________________

މަޞްދަރު: قصص النبيين للأطفال

 

މިލިޔުމުގެ އެހެންބައިތައް

 

[1] القصص 7