ޙަރާމް މުދަލުން ޒަކާތް ދިނުން
ފުރަތަމަ މަސްއަލަ؛ ޙަރާމްމުދަލުގެ ތަޢުރީފު
ޙަރާމްމުދަލަކީ؛ އެ މުދަލެއް ހޯދުމަށް ނުވަތަ އެ މުދަލަކުން މަންފާ ހޯދުމަށް ޝަރުޢުގައި މަނާކުރައްވާފައިވާ ކޮންމެ މުދަލެކެވެ. އެއީ މުޅަތަކެއްޗާއި ބަނގުރާފަދަ އެ މުދަލެއްގައި އެކުލެވޭ ގެއްލުމެއްގެ ސަބަބުން ނުވަތަ ނުބައިކަމުގެ ސަބަބުން އޭގެ ޒާތުގައި ޙަރާމްވެފައިވާ ތަކެތިކަމުގައި ވީނަމަވެސްމެއެވެ. ނުވަތަ މުދަލުގެ މިލްކުވެރިޔާ ނޫން އެހެންމީހުންނަށް ޙަރާމްވެގެންވާ ތަކެތިކަމުގައި ވީނަމަވެސްމެއެވެ. އެއީ މިލްކުވެރިޔާ ނޫން އެހެންމީހަކު އެމުދާ ހޯދުމުގައި ނުބައިމަގެއް އިޚްތިޔާރުކުރުމުގެ ސަބަބުންނެވެ. މީގެތެރޭގައި ފޭރިގަތުންފަދަ މުދަލުގެ މިލްކުވެރިޔާގެ އިޒުނައާނުލައި ހޯދާ މުދާ ހިމެނިގެންވެއެވެ. ނުވަތަ ރިބާއާއި، ރިޝްވަތުފަދަ ޝަރުޢުގައި ހުއްދަނުދެއްވާ މަގަކުން، ދެފަރާތުން ރުހުނުކަމުގައި ވީނަމަވެސް، ހޯދާ މުދަލެވެ.([1])
ދެވަނަ މަސްއަލަ؛ ޙަރާމްމުދަލުން ޒަކާތްދިނުން
ޙަރާމްމުދަލުން ޒަކާތްދިނުން ވާޖިބުވެގެންނުވެއެވެ. އަދި އެ މުދަލުގެ ވެރިފަރާތަށް އެ މުދާ ރައްދުކޮށްދީފުމަށް ދާންދެން، ނުވަތަ ކާކުކަން ނޭނގޭނަމަ، އެމީހާގެ މަތިން ޞަދަޤާތްކޮށްދީ ޚަލާޞްވެއްޖައުމަށް ދާންދެން އެމީހާގެ ކިބައިން ޒިންމާ ފިލައިނުދާނެއެވެ. މިއީ ފިޤްހީ ހަތަރު މަޛްހަބުކަމުގައިވާ ޙަނަފީންނާއި،([2]) މާލިކީންނާއި،([3]) ޝާފިޢީންނާއި،([4]) ޙަންބަލީންގެ([5]) މެދުގައި އިއްތިފާޤުވެފައިވާ ކަމެކެވެ. އަދި މިގޮތް އިބްނު ޙަޒްމު އިޚްތިޔާރުކުރައްވާފައިވެއެވެ.([6])
ދަލީލުތައް؛
ފުރަތަމައީ؛ ޤުރުއާނުން
ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِم بِهَا)) (التوبة: 103) މާނައީ: “އޭގެސަބަބުން ކަލޭގެފާނު އެބައިމީހުން ޠާހިރު ކުރައްވާނޭ، އަދި އެބައިމީހުންނަށް ހެޔޮކަން އިތުރުކޮށްދެއްވާނޭ ޞަދަޤާތެއް (އެބަހީ: ޒަކާތް)، އެބައިމީހުންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ!”
ދަލީލުނެގޭ ގޮތް:
އާޔަތުން ދަލީލުކޮށްދެނީ؛ ޒަކާތަކީ ޒަކާތްދޭމީހާއާއި ޒަކާތަށްދެވެނު މުދާ ޠާހިރުކޮށްދޭ ކަމެއްގެ ގޮތުގައެވެ. އަދި ޙަރާމް މުދަލަކީ ޠާހިރުކޮށްދޭނެ އެއްޗެއް ނޫނެވެ. އެހެނީ، އެ މުދަލަކީ ނުބައި މުދަލެކެވެ. ފަހެ، އެ މުދަލަކީ ޠާހިރު މުދަލެއް ނޫނެވެ.([7])
ދެވަނައީ؛ ސުންނަތުން
(1) އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވަނިކޮށް ތިމަން އަޑުއެހީމެވެ. ((لَا يَقْبَلُ اللهُ صَلَاةً بِغَيْرِ طُهُوْرٍ، وَلَا صَدَقَةً مِنْ غُلُوْلٍ))([8]) މާނައީ: “ޠަހާރަތާނުލައި ނަމާދެއް، އަދި ޣަނީމާ މުދަލުން ފޭރިގެންފައިވާ މުދަލަކުންކުރާ ޞަދަޤާތެއް މާތް ﷲ ޤަބޫލެއް ނުކުރައްވާނެއެވެ.”
ދަލީލުނެގޭ ގޮތް:
ޣަނީމާމުދަލުން ފޭރިފައިވާ މުދަލަކުން ޒަކާތް ނުދެއްކޭނެކަމަށް މި ޙަދީޘަކީ ނައްޞެކެވެ. الغُلولُ އަކީ ޣަނީމާ މުދަލަށް ޚިޔާނާތްތެރިވުމެވެ. އަދި ޣަނީމާމުދާ ބެހުމުގެ ކުރިން އެ މުދަލުން ވައްކަންކުރުމެވެ.([9])
(2) އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((أيُّها النَّاسُ، إنَّ اللهَ طيِّبٌ لا يَقبَلُ إلَّا طيِّبًا، وإنَّ اللهَ أمَرَ المؤمنينَ بما أمَرَ به المرسَلينَ، فقال: ((يَا أَيُّهَا الرُّسُلُ كُلُوا مِنَ الطَّيِّبَاتِ وَاعْمَلُوا صَالِحًا إِنِّي بِمَا تَعْمَلُونَ عَلِيمٌ)) [المؤمنون: 51]. وقال: ((يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ)) [البقرة: 172]. ثم ذكَرَ الرَّجُلَ يُطيلُ السَّفرَ، أشعثَ أغبَرَ، يمدُّ يَدَيه إلى السَّماءِ، يا ربِّ! يا ربِّ! ومَطعمُه حرامٌ، ومَشرَبُه حرامٌ، وملبَسُه حرامٌ، وغُذِيَ بالحرامِ؛ فأنَّى يُستجابُ لذلك؟!))([10]) މާނައީ: “އެންމެހާ މީސްތަކުންނޭވެ! ހަމަކަށަވަރުން ﷲ އީ ހެޔޮ ރަނގަޅު ފަރާތެކެވެ. ހެޔޮ ރަނގަޅު އެއްޗެއް މެނުވީ އެކަލާނގެ ޤަބޫލުނުކުރައްވާނެއެވެ. އަދި ހަމަކަށަވަރުން ރަސޫލުންނަށް އަމުރުކުރައްވާފައިވާ ކަމަށް (އެބަހީ؛ ހެޔޮ ރަނގަޅުތަކެތި ކެއުމަށް) މުއުމިނުތަކުންނަށް މާތް ﷲ އަމުރުކުރެއްވިއެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. ((يَا أَيُّهَا الرُّسُلُ كُلُوا مِنَ الطَّيِّبَاتِ وَاعْمَلُوا صَالِحًا إِنِّي بِمَا تَعْمَلُونَ عَلِيمٌ)) (المؤمنون: 51) މާނައީ: “އޭ ރަސޫލުންނޭވެ! ޙަލާލު ރަނގަޅު ތަކެތިން ތިޔަބޭކަލުން ފަރިއްކުޅުއްވައި އުޅުއްވާށެވެ! އަދި ޞާލިޙު ޢަމަލު ކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ތިޔަބޭކަލުން ކުރައްވާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.” އަދިވެސް އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ. ((يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ)) [البقرة: 172] މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ރަނގަޅު ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ!” ދެން މީހެއްގެ ވާހަކަ (މާތް ނަބިއްޔާ) ބަޔާންކޮށްދެއްވިއެވެ. އޭނާގެ ދަތުރުވަނީ ދިގުލައިފައެވެ. އޭނާގެ އިސްތަށިގަނޑު ވަނީ ހޭވި، ހިރަފުހާ ތަތްތެޅިފައެވެ. (އެހިނދު) އޭނާގެ އަތް އުޑާ ދިމާލަށް އުފުލައިގެންހުރެ، އޭ ތިމަންގެ ވެރި ރައްބު! ތިމަންގެ ވެރި ރައްބު! ކިޔައި ދުޢާކުރެތެވެ. އޭނާގެ ކާބޯތަކެއްޗަކީ ޙަރާމް ތަކެއްޗެވެ. އަދި އޭނާގެ އަންނައުނަކީ ޙަރާމް ތަކެއްޗެވެ. އޭނާ ބަނޑަށްލައިއުޅެނީ ޙަރާމް އެއްޗިއްސެވެ. ފަހެ، އޭނާގެ ދުޢާ އިޖާބަކުރެވޭނީ ކޮންފަދައަކުން ހެއްޔެވެ؟”
ތިންވަނައީ؛
މީހެއްގެ އަތުގައި ޙަރާމް މުދަލެއް ހުރެއްޖެނަމަ، އެމީހެއްގެ މައްޗަށް ވާޖިބުވެގެންވަނީ އެ މުދަލެއް އެއްކޮށް ނެރުމެވެ. އެއީ އެ މުދަލުގެ ވެރި ފަރާތް އެނގޭނަމަ، އޭނާއަށް ރައްދުކުރުމުގެ ގޮތުންނެވެ. ނުވަތަ މުދަލުގެ ވެރި ފަރާތް ނޭނގޭނަމަ ފަޤީރުންނަށް ހޭދަކުރުމަށެވެ.([11])
ހަތަރުވަނައީ؛
ފުރިހަމައަށް މުދަލެއް މިލްކުވުމަކީ ޒަކާތް ވާޖިބުވުމުގެ ޝަރުޠުތަކުގެ ތެރެއިންވާ ޝަރުޠެކެވެ. ޙަރާމް މުދަލެއް ހުރެއްޖެމީހަކަށް އެ މުދަލެއް އެމީހަކަށް މިލްކެއް ނުވާނެއެވެ.([12])
ފަސްވަނައީ؛
ޒަކާތަކީ (ޒަކާތްދެވޭ ފަރާތަށް) މުދާ މިލްކުކޮށްދޭ ކަމެކެވެ. އެހެންކަމުން، މިލްކުވެރި ނޫންމީހަކަށް އެހެންމީހަކަށް މިލްކުކޮށެއް ނުދެވޭނެއެވެ.([13])
(ނުނިމޭ)
________________________________________
([1]) ((ندوات قضايا الزكاة المعاصرة – الندوة الرابعة)) (ص607).
([2]) ((فتح القدير)) للكمال ابن الهمام (2/154)، ((حاشية ابن عابدين)) (2/291، 5/99).
([3]) ((حاشية الصاوي)) لأحمد بن محمد الخلوتي (1/588)، ((الشرح الكبير)) للدردير (1/431).
([4]) ((المجموع)) للنووي (9/352)، ((إحياء علوم الدين)) للغزالي (2/134).
([5]) ((الإنصاف)) للمرداوي (3/19)، ((كشاف القناع)) للبهوتي (2/173).
([6]) އިބްނު ޙަޒްމު ވިދާޅުވެފައިވެއެވެ. “ޙަރާމް މުދަލަކުން ޞަދަޤާތް ޤަބޫލުނުކުރެވޭނެއެވެ. އެހެނެއްކަމަކު، އެ ހޭދަކުރުމުގެ ސަބަބުން ފާފަ ވާނީ އިތުރުވެގެންނެވެ. އެހެނީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((إنَّ دِمَاءَكُمْ وَأَمْوَالَكُمْ عَلَيْكُمْ حَرَامٌ)) މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުންގެ ލެޔާއި، މުދާތައް ވަނީ (ޙައްޤަކާނުލައި) ތިޔަބައިމީހުންގެ މައްޗަށް ޙަރާމްވެގެންނެވެ.” ފަހެ، ޙަރާމް މުދަލެއް ބޭނުންކުރާ ކޮންމެ ފަހަރަކު އުރެދުން އިތުރުވެގެންދާނެއެވެ. އަދި އުރެދުން އިތުރުވާވަރަކަށް ފާފަ އިތުރުވާނެއެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((مَنْ يَعْمَلْ سُوءًا يُجْزَ بِهِ)) (النساء: 123) މާނައީ: “ނުބައިކަމެއް ކުރާމީހާޔަށް އެކަމުގެ ޖަޒާ ލިބޭނެތެވެ.” ((المحلى)) (8/122). އިބްނު ޢަބްދުލްބައްރު ވިދާޅުވެފައިވެއެވެ. “ލަޝްކަރު ބައިބައިވެފައިވަނިކޮށް، ލަޝްކަރާހަމައަށް ދެވުމުގެ ކުރިން ޣަނީމާ މުދަލުން ވަގަށް ނަގާ އެއްޗަކާމެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފުވެފައިވެއެވެ. ޢިލްމުވެރިންގެ ޖަމާޢަތެއްގެ ބޭކަލުން ވިދާޅުވާގޮތުގައި: އެމީހަކު ޖެހޭނީ އިމާމާއަށް ފަސްބައިކުޅަ އެއްބައިދިނުމަށްފަހު، ބާކީ ހުންނަ އެއްޗަކުން ޞަދަޤާތްކުރާށެވެ. މިއީ ޒުހުރީއާއި، މާލިކާއި، އައުޒާޢީއާއި، ލައިޘާއި، ޘައުރީގެ މަޛްހަބެވެ. އަދި މިފަދައިން ޢުބާދާ ބުނުއްޞާމިތުއާއި، މުޢާވިޔަތު ބުން އަބީ ސުފްޔާނުއާއި، ޙަސަނުލް ބަޞަރީގެ ކިބައިން ރިވާވެފައިވެއެވެ. އަދި މިއީ އިބްނު މަސްޢޫދުއާއި އިބްނު ޢައްބާސްގެ މަޛްހަބާ އެއްގޮތް މަޛްހަބެކެވެ. އެހެނީ، އެ ދެ ބޭކަލުން ދެކެވަޑައިގަންނަވާގޮތުގައި ވެރިޔަކު ނޭނގޭ މުދަލުން ޞަދަޤާތް ކުރެވޭނެއެވެ. ބައެއްމީހުން ޝާފިޢީގެ ކިބައިން ރިވާކުރައްވާގޮތުގައި؛ ވެރިޔަކު ނޭނގޭ މުދަލުން ޞަދަޤާތް ކުރެވޭނެކަމަކަށް ދެކެވަޑައެއްނުގަންނަވައެވެ. ޝާފިޢީ ވިދާޅުވާކަމުގައިވެއެވެ. ‘އެހެންމީހެއްގެ މުދަލުން ޞަދަޤާތް ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟’ (ޝާފިޢީގެ މިބަސްފުޅުން) ތިމަންނަގެ ގާތުގައި ނެގޭ މާނައަކީ: އެމުދަލުގެ ވެރިޔާ ހުރެ، އޭނައާ ހަމައަށް ވާޞިލުވެވި، ނުވަތަ އޭނާގެ ވާރުތަވެރިންނާ ހަމައަށް ވާޞިލުވެވޭނެގޮތް އޮވެއްޖެނަމަ (ޞަދަޤާތްކުރުން ހުއްދައެއް ނުވާނެ) އެވެ. އަދި މިއިން ގޮތަކުން ވާޞިލުވެވޭނެގޮތެއް ނެތްނަމަ، މި ޙާލަތުގައި ޞަދަޤާތްކުރުން މަކްރޫހަކަމުގައި ޝާފިޢީ رحمه الله ދެކެވަޑައެއްނުގަންނަވައެވެ. إن شاء الله” ((التمهيد)) (2/24)، وينظر: ((تفسير القرطبي)) (4/260، 261). އިބްނު ރަޖަބު ވިދާޅުވެފައިވެއެވެ. “ފޭރިގެންފައިވާ މުދަލާމެދު ފޭރުނުމީހާ ކަންތައްކުރާނެ ދެވަނަ ގޮތަކީ: އެ މުދަލުގެ ވެރި ފަރާތަށް ނުވަތަ އޭނާގެ ވާރިޘުންނަށް އެ މުދަލެއް ރައްދުކުރުމަށް ކުޅަދާނަނުވިނަމަ، އެ މުދަލުގެ ވެރިފަރާތުގެ މަތިން ޞަދަޤާތްކުރާނީއެވެ. މިގޮތަކީ ގިނަ ޢިލްމުވެރިންގެ އަރިހުގައި ހުއްދަކަމެކެވެ. އެބޭކަލުންގެ ތެރޭގައި: މާލިކާއި، އަބޫ ޙަނީފާއާއި، އަޙްމަދާއި އެނޫންބޭކަލުން ހިމެނެއެވެ.” ((جامع العلوم والحكم)) (1/267). އަދިވެސް އިބްނު ރަޖަބު ވިދާޅުވެފައިވެއެވެ. “ފޭރުނުމީހާ ފޭރުނު މުދަލުން ޞަދަޤާތްކޮށްފިކަމުގައިވާނަމަ އޭނާއަށް ހޭދަކުރެވުނު ޞަދަޤާތަކަށް ނުވާނެއެވެ. އަދި ޘަވާބެއްވެސް ނުލިބޭނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((لَا يَقْبَلُ اللهُ صَلَاةً بِغَيْرِ طُهُوْرٍ، وَلَا صَدَقَةً مِنْ غُلُوْلٍ)) މާނައީ: “ޠަހާރަތާނުލައި ނަމާދެއް، އަދި ޣަނީމާ މުދަލުން ފޭރިގެންފައިވާ މުދަލަކުންކުރާ ޞަދަޤާތެއް މާތް ﷲ ޤަބޫލެއް ނުކުރައްވާނެއެވެ.” އަދި އެ މުދަލުގެ ވެރި ފަރާތަށް ނިސްބަތް ނުކުރާތީ، އޭނާއަށްވެސް ޘަވާބެއް ނުލިބޭނެއެވެ. މިގޮތަށް އިބްނު ޢަޤީލުގެ “ފުނޫން” އޭ ކިޔުނު ފޮތުގައި ގެންނަވާފައިވެއެވެ. އަދި އިބްނު ޢަޤީލުގެ ކިބައިންވެސް ނަޤުލުވެފައިވެއެވެ. އަދި ހަމަމިގޮތަށް ސަޢީދު ބުނުލް މުސައްޔަބުގެ ކިބައިންވެސް ނަޤުލުވެފައިވެއެވެ. އަދި މީސްތަކުންކުރެ ބައެއްމީހުން ވިދާޅުވާގޮތުން މުދަލުގެ ވެރި ފަރާތަށް ޘަވާބު ލިބޭނެއެވެ. އަހަރެމެންގެ ބައެއް ޝެއިޚުން މިގޮތް ރާޖިޙުކުރައްވައެވެ. ފޭރުނުމީހާ އެ ފޭރުނު މުދަލެއް އިތުރުކޮށްގެން، މުދަލުގެ ޙަޤީޤީ ވެރި ފަރާތަށް ޘަވާބު ލިބުމަށް ޤަޞްދުނުކުރިނަމަވެސް، (އެ މުދަލުން ޞަދަޤާތްކުރާނަމަވެސް) މުދަލުގެ ޙަޤީޤީވެރިފަރާތަށް އަޖުރު ލިބޭނެއެވެ. އެއީ މުޞީބާތްތަކުގެ ސަބަބުން މުޞީބާތްޖެހުނު މީހާއަށް ހެޔޮކަން ލިބޭ ފަދައިންނެވެ. އަދި މީހެއްގެ ޞާލިޙު ދަރިއަކު ހެޔޮ ޢަމަލެއްކުރުމުން ހެޔޮކަން ލިބޭ ފަދައިންނެވެ. އަދި މީހެއްގެ ދަނޑުންނާއި މޭވާތަކުން މީސްތަކުންނާއި ނަޢަމްސޫފިތައް މަންފާ ޙާޞިލުކުރުމުން ޘަވާބުލިބޭ ފަދައިންނެވެ.” ((القواعد لابن رجب)) (4/184). އަދި އިބްނު ތައިމިއްޔާ ވިދާޅުވެފައިވެއެވެ. “ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި: މުދަލެއްގެ ވެރި ފަރާތް ނޭނގިއްޖެނަމަ، އެ މުދަލެއްޖެހޭނީ މުސްލިމުންގެ މަޞްލަޙަތުހުރިކަމަކަށް ހޭދަކުރާށެވެ. މިގޮތަށް ވިދާޅުވާ ބޭކަލުންގެ ތެރޭގައި: މާލިކާއި، އަޙްމަދާއި އެނޫންވެސް ބޭކަލުން ހިމެނެއެވެ. މުދަލެއް، އެ މުދާ ފޭރިގެންފައިވާ މީހެއްގެ އަތުގައި ހުރުމުގެ ސަބަބުން، ނުވަތަ ބަދަލަކާނުލައި މަންފާ ޙާޞިލުކުރުމަށް ޢާރިޔާއެއްގެ ގޮތުގައި ގެނެސްފައިވުމުގެ ސަބަބުން، ނުވަތަ ރައްކާކުރުމަށް ބެހެއްޓުމުގެ ސަބަބުން، ނުވަތަ ރަހުނެއްގެ ގޮތުގައި ބެހެއްޓުމުގެ ސަބަބުން އެ މުދަލެއްގެ ވެރިފަރާތް އެނގުމަށް ކުޅަދާނަނުވެއްޖެނަމަ، އެފަދަ ބައެއްގެ މަތިން އެ މުދަލެއްޖެހޭނީ ޞަދަޤާތް ކުރަން ނުވަތަ މުސްލިމުންގެ މަޞްލަޙަތުހުރިކަމަކަށް ހޭދަކުރާށެވެ. ނުވަތަ ޝަރުޢީ މަޞްލަޙަތުތަކާ އެއްގޮތަށް މުސްލިމުންގެ މަޞްލަޙަތުހުރިކަމަކަށް ހޭދަކުރާ ޢަދުލުވެރިމީހަކާ އެ މުދަލެއްޖެހޭނީ ޙަވާލުކުރާށެވެ.” ((مجموع الفتاوى)) (29/321). އަދި އިބްނު ޙަޖަރު ވިދާޅުވެފައިވެއެވެ. “އަލްޤުރުޠުބީ ވިދާޅުވިއެވެ. ދަންނާށެވެ! ޙަރާމް މުދަލަކުން މާތް ﷲ ޞަދަޤާތެއް ޤަބޫލެއްނުކުރައްވާނެއެވެ. އެހެނީ، އެ މުދަލަކީ އެ ޞަދަޤާތްކުރާމީހާގެ މިލްކެއް ނޫނެވެ. އަދި އެ މުދާ ބޭނުންކުރުން އޭނާއަކަށް ހުއްދައެއް ނުވާނެއެވެ. ޞަދަޤާތްކުރެވޭނީ މުދާ ބޭނުންކުރުން ހުއްދަ މީހަކަށެވެ. ފަހެ، އޭނާގެ ކިބައިން ޤަބޫލުކުރެވޭނެކަމަށް ބުނާނަމަ، އެއީ އަމުރުކުރެވިފައިވާކަމަކާއި ނަހީ ކުރެވިފައިވާކަމެއް އެއްތަންވަނީއެވެ. މިއީ ކަންވާނެ ގޮތެއް ނޫނެވެ.” ((فتح الباري)) لابن حجر (3/279).
([7]) ((الموسوعة الفقهية الكويتية)) (23/248).
([9]) ((النهاية)) لابن الأثير (3/380).
([11]) ((إحياء علوم الدين)) للغزالي (2/134)، وينظر: ((حاشية ابن عابدين)) (2/291).
([12]) ((أبحاث فقهيَّة في قضايا الزَّكاة المعاصرة أحكام المال الحرام، وحكم إخراج زكاته)) لمحمد الأشقر (1/90).
([13]) ((حاشية الشلبي)) مع ((تبيين الحقائق)) للزيلعي (1/250).
____________________________________