[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މޫސާގެފާނުގެ ވާހަކަ – 10

  • މޫސާގެފާނުގެ އަތްޕުޅުން ޤިބްތީއެއް މަރުވުން

 

މޫސާގެފާނު ޒުވާން އުމުރުފުޅަށް އައި ހިނދު، ޙުކުމް ކުރައްވާނެ ގޮތާއި އަދި ޢިލްމު، ﷲ ތަޢާލާ އެކަލޭގެފާނަށް ދެއްވިއެވެ. އެކަލޭގެފާނު އަނިޔާވެރިން ދެކެ ކޯފާވެ ވަޑައިގަންނަވައެވެ. އަދި އެމީހުންނަށް ނުރުހުންތެރިވެ ވަޑައިގަންނަވައެވެ. ނިކަމެތިންނާއި، އަނިޔާލިބިފައިވާ މީހުން ދެކެ އެކަލޭގެފާނު ލޯބިވެއެވެ. ދި އެމީހުންނަށް އެހީތެރިވެލައްވައެވެ. އެއީ ކޮންމެ ނަބިއްޔެއްގެ ވެސް މަގެވެ.

އެއްދުވަހަކު މޫސާގެފާނު، ފިރުޢަވްނުގެ މީހުން ދިރިއުޅޭ އަވަށަށް ވަޑައިގަތެވެ. އެ މީހުން ތިބީ ޣާފިލުކަމުގައެވެ. އެހިނދު އެކަލޭގެފާނަށް ފެނިވަޑައިގަތީ ތަޅާފޮޅާ ދެމީހެކެވެ. އެތަނުން އެކަކީ ބަނޫ އިސްރާއީލުގެ މީހެކެވެ. އަނެކަކީ ބަނޫ އިސްރާއީލުގެ މީހުންނާއި ޢަދާވާތްތެރި މީހެކެވެ. އެކަލޭގެފާނުގެ ޢަދުއްވުން ތެރެއިންވާ މީހާއާ ދެކޮޅަށް އެކަލޭގެފާނުގެ ބައިގެ މީހާއަށް އެހީތެރިވުމަށް އޭނާ ގޮވައިލިއެވެ. އެކަލޭގެފާނުގެ ޢަދުއްވުންގެ މީހާގެ ގައިގައި އެކަލޭގެފާނުގެ އަތްޕުޅުން ޖެއްސެވިއެވެ. އެހިނދު ޢަދުއްވުންގެ މީހާ (ޤިބްތީމީހާ) މަރުވެއްޖެއެވެ. އެހިނދު މޫސާގެފާނު އެކަމާ ވަރަށް ބޮޑަށް ހިތާމަކުރެއްވިއެވެ. އެއީ ޝައިތާނާގެ ފަރާތުން އައި ކަމެއްކަން އެކަލޭގެފާނު ދެނެވަޑައިގަތެވެ. އެކަމަށް ﷲ ގެ ހަޟްރަތުގައި މޫސާގެފާނު ތައުބާ ވެވަޑައިގެންނެވިއެވެ. އެއީ ކޮންމެ ނަބީބޭކަލެއްގެވެސް މަގެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

)هَـٰذَا مِنْ عَمَلِ الشَّيْطَانِ ۖ إِنَّهُ عَدُوٌّ مُّضِلٌّ مُّبِينٌ)[1]

މާނަ: އެކަލޭގެފާނު ވިދާޅުވިއެވެ. މިކަންތައް މިވީ شيطان އާގެ عمل ގެ ތެރެއިންނެވެ. ހަމަކަށަވަރުން، އެ شيطان އާއީ، ބަޔާންވެގެންހުރި މަގުފުރައްދާ عداوة ތެރިޔެކެވެ.

އެ ޤިބްތީ މީހާ މަރާލުމުގެ ނިޔަތެއް އެކަލޭގެފާނުގެ ނެތެވެ. އެކަމަކު އެކަލޭގެފާނުގެ ނިޔަތްޕުޅަކީ އެ ދެމީހުން އެ ތަޅާފޮޅުމުން ދުރުކުރުމެވެ. އެކަލޭގެފާނު ޤިބްތީ މީހާގެ ގައިގައި އަތްޕުޅުން ޖެއްސެވުމުން އޭނާ މަރުވީއެވެ.  މޫސާގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނަށް ﷲ ނިޢުމަތްތައް ދެއްވިއެވެ. އަދި ތިމަންކަލޭގެފާނުގެ ފާފަތައް ފުއްސަވައިދެއްވިއެވެ.

(فَلَنْ أَكُونَ ظَهِيرًا لِّلْمُجْرِمِينَ) [2]

މާނަ:  “ފަހެ، ދުވަހަކުވެސް ކުށްވެރިންނަށް ވާގިވެރިވާ މީހެއްކަމުގައި މިއަޅާ ނުވާހުށީމެވެ.”

އެކަން އެހެން ދިމާވުމުން މޫސާގެފާނު އެ ރަށުގައި ބިރުވެރި ޙާލުގައި ހުންނެވިއެވެ. ފިރުޢަވްނުގެ ސިފައިންގެ ފަރާތުން އަތުވެދާނެ ނުރައްކަލަކަށް އިންތިޒާރުގައި ހުންނެވިއެވެ.

___________________

މަޞްދަރު: قصص النبيين للأطفال

މިލިޔުމުގެ އެހެންބައިތައް

[1] 15         القصص

[2]    17        القصص