الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
* ޤުނޫތުއްނާޒިލާއަކީ ކޮބާ؟
ޤުނޫތަކީ ނަމާދުގެ ޤިޔާމުގެ ޚާއްޞަ މަޤާމެއްގައި ކިޔާ ދުޢާއަކަށް ކިޔާ ނަމެކެވެ. [1]
ނާޒިލާއަކީ މުސްލިމުންނަށް ކުރިމަތިވާ ބޮޑެތި ކަންކަމަށް ކިޔާ ނަމެކެވެ. އެއީ މިޘާލަކަށް: ޢަދުއްވުންގެ ނުރައްކަލެއް ނުވަތަ ބިރުވެރިކަމެއް ނުވަތަ ހަނަފަސްކަން ނުވަތަ ވަބާއެއް ނުވަތަ މުސްލިމުންނަށް ލިބޭ އެނޫންވެސް ބޮޑު ގެއްލުމެކެވެ. [2]
* ޤުނޫތާ ބެހޭގޮތުން އައިސްފައިވާ ބައެއް ޙަދީޘްތަކާއި އަޘަރުތައް
– ފުރަތަމައީ: ޤުނޫތު ކިޔުމާ ބެހޭގޮތުން އައިސްފައިވާ ބައެއް ޞައްޙަ ޙަދީޘްތައް
- އަނަސް رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
«أَنَّ رِعْلًا، وَذَكْوَانَ، وَعُصَيَّةَ، وَبَنِي لَحْيَانَ، اسْتَمَدُّوا رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عَلَى عَدُوٍّ، فَأَمَدَّهُمْ بِسَبْعِينَ مِنَ الأَنْصَارِ، كُنَّا نُسَمِّيهِمْ القُرَّاءَ فِي زَمَانِهِمْ، كَانُوا يَحْتَطِبُونَ بِالنَّهَارِ، وَيُصَلُّونَ بِاللَّيْلِ، حَتَّى كَانُوا بِبِئْرِ مَعُونَةَ قَتَلُوهُمْ وَغَدَرُوا بِهِمْ، فَبَلَغَ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَنَتَ شَهْرًا يَدْعُو فِي الصُّبْحِ عَلَى أَحْيَاءٍ مِنْ أَحْيَاءِ العَرَبِ، عَلَى رِعْلٍ، وَذَكْوَانَ، وَعُصَيَّةَ، وَبَنِي لَحْيَانَ». [3]
މާނައީ: “ރިޢުލާއި، ޛަކްވާނާއި، ޢުޞައްޔަތާއި، ބަނޫ ލަޙްޔާނުގެ މީހުން ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި، ޢަދުއްވުންނާ ދެކޮޅަށް އެބައިމީހުންގެ ޤައުމުގެ މީހުންނަށް މަދަދުވެރިވުމަށް ބަޔަކު ފޮނުއްވައި ދެއްވުމަށް އެދުނެވެ. ފަހެ، އެބައިމީހުންނަށް މަދަދުވެރިވުމުގެ ގޮތުން އެކަލޭގެފާނު، އަންޞާރުންގެ ތެރެއިން ހަތްދިހަ ބޭކަލުން ފޮނުއްވިއެވެ. ތިމަންބޭކަލުން އެބޭކަލުންނަށް، އެބޭކަލުންގެ ޒަމާނުގެ القُرَّاء އިންނޭ (އެބަހީ: ޤުރުއާނުގެ ޢިލްމުގައި އަރާތިއްބެވި ބޭކަލުންނޭ) ކިޔަމެވެ. އެބޭކަލުން ދުވާލު ދަރު އެއްކުރެއްވިއެވެ. އަދި ރޭގަނޑު ނަމާދުކުރައްވައެވެ. ފަހެ، ބިއުރު މަޢޫނާއާ ހަމައަށް ވަޑައިގެންނެވެންދެން އެބައިމީހުންނާއެކު އެބޭކަލުން ދަތުރުކުރެއްވިއެވެ. އެތަނުގައި އެބައިމީހުން އެބޭކަލުންނަށް ޣައްދާރުވެ، އެބޭކަލުން ޤަތުލުކުރިއެވެ. ފަހެ، ނަބިއްޔާ صلى الله عليه وسلم އަށް އެޚަބަރު ލިބިވަޑައިގެންނެވިއެވެ. ފަހެ، މަހެއް ވަންދެން ފަތިސް ނަމާދުގައި ޢަރަބީންގެ ޤަބީލާތަކެއްގެ މައްޗަށް އެކަލޭގެފާނު ބަދުދުޢާ ކުރެއްވިއެވެ. އެއީ ރިޢުލާއި، ޛަކްވާނާއި، ޢުޞައްޔާ އަދި ބަނޫ ލަޙްޔާނުގެ މައްޗަށެވެ.
- އަނަސް رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
«كَانَ القُنُوتُ فِي الْمَغْرِبِ وَالفَجْرِ». [4]
މާނައީ: “އެކަލޭގެފާނު ޤުނޫތު ކިޔުއްވީ މަޣްރިބު ނަމާދާއި ފަތިސް ނަމާދުގައެވެ.”
- އަނަސް رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
«أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَنَتَ شَهْرًا يَلْعَنُ رِعْلًا، وَذَكْوَانَ، وَعُصَيَّةَ عَصَوُا اللهَ وَرَسُولَهُ». [5]
މާނައީ: “ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم މަހެއް ވަންދެން ރިޢުލާއި، ޛަކްވާނާއި، ޢުޞައްޔާއަށް ލަޢުނަތްލެއްވުން އެދި ޤުނޫތު ކިޔުއްވިއެވެ. އެބައިމީހުންވަނީ ﷲއާއި އެއިލާހުގެ ރަސޫލާއަށް އުރެދިފައެވެ.”
- އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ إِذَا أَرَادَ أَنْ يَدْعُوَ عَلَى أَحَدٍ أَوْ يَدْعُوَ لِأَحَدٍ، قَنَتَ بَعْدَ الرُّكُوعِ، فَرُبَّمَا قَالَ: إِذَا قَالَ: «سَمِعَ اللَّهُ لِمَنْ حَمِدَهُ، اللَّهُمَّ رَبَّنَا لَكَ الحَمْدُ اللَّهُمَّ أَنْجِ الوَلِيدَ بْنَ الوَلِيدِ، وَسَلَمَةَ بْنَ هِشَامٍ، وَعَيَّاشَ بْنَ أَبِي رَبِيعَةَ، اللَّهُمَّ اشْدُدْ وَطْأَتَكَ عَلَى مُضَرَ، وَاجْعَلْهَا سِنِينَ كَسِنِي يُوسُفَ». يَجْهَرُ بِذَلِكَ. [6]
މާނައީ: “ހަމަކަށަވަރުން ރަސޫލުﷲ صلى الله عليه وسلم މީހެއްގެ މައްޗަށް ބަދުދުޢާ ކުރައްވަން ނުވަތަ މީހަކަށް ދުޢާކޮށްދޭން އެދިވަޑައިގަންނަވާ ހިނދު، ރުކޫޢުގެ ފަހުގައި ޤުނޫތު ކިޔުއްވައެވެ. ފަހެ، ބައެއްފަހަރު سَمِعَ اللَّهُ لِمَنْ حَمِدَهُ، اللَّهُمَّ رَبَّنَا لَكَ الحَمْدُ އަށްފަހު، މިފަދައިން ދުޢާކުރައްވައެވެ. «اللَّهُمَّ أَنْجِ الوَلِيدَ بْنَ الوَلِيدِ، وَسَلَمَةَ بْنَ هِشَامٍ، وَعَيَّاشَ بْنَ أَبِي رَبِيعَةَ، اللَّهُمَّ اشْدُدْ وَطْأَتَكَ عَلَى مُضَرَ، وَاجْعَلْهَا سِنِينَ كَسِنِي يُوسُفَ» [މާނައީ: “އޭﷲ! الوَلِيد بْن الوَلِيد އާއި سَلَمَة بْن هِشَام އާއި وَعَيَّاش بْن أَبِي رَبِيعَة ނަޖާކުރައްވާނދޭވެ! އޭﷲ މުޟަރުގެ މައްޗަށް ކޯފާލައްވާނދޭވެ! އަދި ޔޫސުފުގެފާނުގެ ޤައުމުގެ މީހުންނަށް ލެއްވިފަދަ ހަނަފަސްކަމެއް އެބައިމީހުންނަށް ލައްވާށިއެވެ!”] އެފަދައިން އަޑުހަރުކޮށް ދުޢާކުރައްވައެވެ.”
- އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
قَنَتَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ شَهْرًا مُتَتَابِعًا فِي الظُّهْرِ، وَالْعَصْرِ، وَالْمَغْرِبِ، وَالْعِشَاءِ، وَالصُّبْحِ، فِي دُبُرِ كُلِّ صَلَاةٍ إِذَا قَالَ: «سَمِعَ اللَّهُ لِمَنْ حَمِدَهُ» صَلَّى الرَّكْعَةَ الْآخِرَةَ يَدْعُو عَلَى حَيٍّ مِنْ بَنِي سُلَيْمٍ عَلَى رِعْلٍ، وَذَكْوَانَ، وَعُصَيَّةَ، وَيُؤَمِّنُ مَنْ خَلْفَهُ، وَكَانَ أَرْسَلَ إِلَيْهِمْ يَدْعُوهُمْ إِلَى الْإِسْلَامِ فَقَتَلُوهُمْ. قَالَ عِكْرِمَةُ: هَذَا مِفْتَاحُ الْقُنُوتِ. [7]
މާނައީ: “ރަސޫލުﷲ صلى الله عليه وسلم ޖެހިޖެހިގެން މަހެއް ވަންދެން، މެންދުރު ނަމާދާއި، ޢަޞްރު ނަމާދާއި، މަޣްރިބު ނަމާދާއި، ޢިޝާ ނަމާދާއި، ފަތިސް ނަމާދުގެ ފަހު ޤުނޫތު ކިޔުއްވިއެވެ. ފަހު ރަކުއަތުގައި سَمِعَ اللَّهُ لِمَنْ حَمِدَهُ އަށްފަހު، ބަނޫ ސުލައިމުގެ ބައެއްގެ މައްޗަށް ބަދުދުޢާ ކުރެއްވިއެވެ. އެއީ ރިޢުލުގެ މައްޗަށާއި، ޛަކުވާނުގެ މައްޗަށާއި، ޢުޞައްޔާގެ މައްޗަށެވެ. އަދި އެކަލޭގެފާނުގެ ފަހަތުގައި ތިއްބެވި ބޭކަލުން އާމީން ވިދާޅުވިއެވެ. އެބައިމީހުންވަނީ، އިސްލާމްދީނަށް ދަޢުވަތު ދެއްވުމަށް އެބައިމީހުންގެ ގާތަށް ފޮނުއްވި ބޭކަލުން ޤަތުލުކޮށްފައެވެ. އިކްރިމާ ވިދާޅުވިއެވެ. މިއީ ޤުނޫތުގެ ތަޅުދަނޑިއެވެ.”
- އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
لَأُقَرِّبَنَّ صَلاَةَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَكَانَ أَبُو هُرَيْرَةَ رَضِيَ اللَّهُ عَنْهُ يَقْنُتُ فِي الرَّكْعَةِ الآخِرَةِ مِنْ صَلاَةِ الظُّهْرِ، وَصَلاَةِ العِشَاءِ، وَصَلاَةِ الصُّبْحِ، بَعْدَ مَا يَقُولُ: سَمِعَ اللَّهُ لِمَنْ حَمِدَهُ، فَيَدْعُو لِلْمُؤْمِنِينَ وَيَلْعَنُ الكُفَّارَ. [8]
މާނައީ: “ނަބިއްޔާ صلى الله عليه وسلم ނަމާދުކުރެއްވި ގޮތާ ގާތްކުރާގޮތަށް ތިމަންކަލޭގެފާނު ނަމާދުކުރައްވާ ހުށީމެވެ.” ފަހެ، އަބޫ ހުރައިރާ رضي الله عنه، މެންދުރު ނަމާދާއި، ޢިޝާ ނަމާދާއި، ފަތިސް ނަމާދުގެ ފަހު ރަކުޢަތުގައި ޤުނޫތު ކިޔުއްވިއެވެ. سَمِعَ اللَّهُ لِمَنْ حَمِدَهُ އަށް ފަހު، މުޢުމިނުންނަށް ދުޢާކުރައްވާ އަދި ކާފިރުންނަށް ލަޢުނަތްލެއްވުން އެދި ދުޢާކުރައްވައެވެ.
– ދެވަނައީ: ޤުނޫތު ކިޔުމާ ބެހޭގޮތުން އައިސްފައިވާ ޞައްޙަ ނޫން ޙަދީޘެއް
އަނަސް رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
«مَا زَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقْنُتُ فِي الْفَجْرِ حَتَّى فَارَقَ الدُّنْيَا». [9]
މާނައީ: “ރަސޫލުﷲ صلى الله عليه وسلم ދުނިޔެ ދޫކުރައްވަންދެން ފަތިސް ނަމާދުގައި ޤުނޫތު ކިޔުއްވިއެވެ.”
މިއީ ޟަޢީފު ޙަދީޘެކެވެ. މިހަދީޘް ޟަޢީފުކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ، އިބްނުލް ޤައްޔިމް، އައްޝައުކާނީ، އައްލަޖުނަތުއް ދާއިމާ، ޝުޢައިބު، ޢަބްދުލްޤާދިރު އަލްއަރްނާވުޠު އަދި އިބްނު ޢުޘައިމީން ހިމެނެއެވެ. [10]
އިސްވެ ދިޔަ ޙަދީޘްތަކުން އެނގޭ ގޮތުގައި ފަތިސް ނަމާދުގައި ދާއިމީ ގޮތެއްގައި ޤުނޫތު ކިޔުއްވިކަން، ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ޞައްޙަކޮށް ޘާބިތުވެގެން އައިސްފައެއް ނުވެއެވެ. ނަމަވެސް ޤުނޫތުއްނާޒިލާ ކިޔުއްވިކަން ޘާބިތުވެފައިވެއެވެ.
އަނަސް رضي الله عنه ގެ އަރިހުން ޞައްޙަ ސަނަދަކުން ޘާބިތުވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ «لَا يَقْنُتُ إِلَّا إِذَا دَعَا لِقَوْمٍ أَوْ دَعَا عَلَى قَوْمٍ». [11]
މާނައީ: “ހަމަކަށަވަރުން ޤައުމަކަށް ހެޔޮދުޢާ ކޮށްދިނުމަށް ނުވަތަ ޤައުމެއްގެ މައްޗަށް ބަދުދުޢާ ކުރެއްވުމަށް ނޫނީ ނަބިއްޔާ صلى الله عليه وسلم ޤުނޫތު ނުކިޔުއްވައެވެ.”
= ނުނިމޭ =
________________________
[1] فتح الباري لابن حجر (2 / 633).
[2] جامع المسائل في أحكام قنوت النوازل لسعد بن صالح الزيد (ص: 17).
[3] رواه البخاري / كتاب: المغازي / باب: غزوة الرجيع، ورعل، وذكوان، وبئر معونة، وحديث عضل، والقارة، وعاصم بن ثابت، وخبيب وأصحابه / رقم: 4090.
[4] رواه البخاري / كتاب: الأذان / باب: فضل اللهم ربنا لك الحمد / رقم: 798.
[5] رواه مسلم / كتاب: المساجد ومواضع الصلاة / باب: استحباب القنوت في جميع الصلاة إذا نزلت بالمسلمين نازلة / رقم: 303 – (677).
[6] رواه البخاري / كتاب: تفسير القرآن / باب: ﴿ليس لك من الأمر شيء﴾ [آل عمران: 128] / رقم: 4560.
[7] رواه أحمد / رقم: 2746 ، وأبو داود / كتاب: باب تفريع أبواب الوتر / باب: القنوت في الصلوات / رقم: 1443 ، والحاكم / كتاب: الطهارة / رقم: 820 ، وحسنه الألباني في الإرواء (2 / 163).
[8] رواه البخاري / كتاب: الأذان / باب: فضل اللهم ربنا لك الحمد / رقم: 797 ، ومسلم / كتاب: المساجد ومواضع الصلاة / باب: استحباب القنوت في جميع الصلاة إذا نزلت بالمسلمين نازلة / رقم: 296 – (676).
[9] رواه أحمد برقم: 12657 ، والبيهقي في السنن الكبرى برقم: 3104 ، والدارقطني برقم: 1692.
[10] ބައްލަވާ: جامع المسائل في أحكام قنوت النوازل لسعد بن صالح الزيد (ص: 34 ، 35).
[11] رواه ابن خزيمة / كتاب: الصلاة / باب: ذكر البيان أن النبي صلى الله عليه وسلم لم يكن يقنت دهره كله وإنه إنما كان يقنت إذا دعا لأحد، أو يدعو على أحد / رقم: 620 ، وصححه الألباني في سلسلة الأحاديث الصحيحة برقم: 639.