[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޒަކާތާބެހޭ ފިޤްހު (13): އިތުރުވާ މުދަލަށް ޙައުލު ގުނާނީ ކިހިނެއް؟

ޙައުލުގެ ތެރޭގައި ލިބޭ މުދާ

ފުރަތަމަ މަސްއަލަ: ޙައުލުގެ ތެރޭގައި ލިބޭ މުދަލުގެ ތަޢުރީފު

ޙައުލުގެ ތެރޭގައި ލިބޭ މުދަލަކީ: އެއީ ކުރިން މީހެއްގެ މިލްކުގައި ނެތް މުދަލެއް މިލްކުވުމެވެ. އެއީ ރަނާއި ރިހިކަމުގައިވީނަމަވެސް، ނުވަތަ ބިމެއް، ނުވަތަ ނަޢަމްސޫފީގެ ތެރެއިން ޖަނަވާރެއްވިޔަސް، ނުވަތަ އެނޫންވެސް އެއްޗެއް ވިޔަސް މެއެވެ. އަދި މީގެ ތެރޭގައި؛ މަހު މުސާރައާއި، އުޖޫރައާއި، އެހެނިހެން ގޮތްގޮތުން ލިބޭ މުދަލާއި، ވިޔަފާރީގެ ފައިދާއާއި، ހިބައާއި ވާރުތައިގެގޮތުންފަދަ ގޮތްގޮތުން މިލްކުވާ މުދާ ހިމެނެއެވެ.([1])

 ދެވަނަ މަސްއަލަ: ޙައުލުގެ ތެރޭގައި ލިބޭ މުދަލުން ޒަކާތްނެރުމުގެ ޙުކުމް

ފުރަތަމައީ: މިގޮތަށް ލިބޭ މުދަލުގައި ނިޞާބު ހަމަވުން، ނުވަތަ އެމީހެއްގެ އަތުގައި ހުރި މުދަލާއި ފަހުން މިލްކުވި މުދަލާއެކު ނިޞާބު ހަމަވުމެވެ.

އެބަހީ؛ ލިބުނު މުދަލުގައި ނިޞާބުހަމަވެ، އަދި މި ނޫން މުދަލެއް ނެތް ޙާލަތް، ނުވަތަ އެއް ވައްތަރެއްގެ މުދާ އަތުގައިހުރިނަމަވެސް ނިޞާބުހަމަނުވެހުއްޓައި، ފަހުން ލިބުނު މުދަލާއެކު ނިޞާބު ހަމަވުމެވެ. މި ޙާލަތްތަކުގައި؛ ނިޞާބު ހަމަވާ ވަގުތުން ފެށިގެން ޙައުލު ގުނަންފަށާނީއެވެ. ފަހެ، ޙައުލު ހަމަވުމުން ޒަކާތް ދިނުން ވާޖިބުވާނެއެވެ.([2])

ދަލީލުތައް؛

ފުރަތަމައީ؛ ސުންނަތުން

އަބޫ ސަޢީދުލް ޚުދްރީ رَضِيَ اللهُ عنه ވިދާޅުވިއެވެ. ނަބިއްޔާ صلَّى الله عليه وسلَّم ޙަދީޘްކުރެއްވިއެވެ. ((لَيْسَ فِيمَا دُونَ خَمْسِ أَوَاقٍ صَدَقَةٌ، وَلَا فِيمَا دُونَ خَمْسِ ذَوْدٍ صَدَقَةٌ، وَلَا فِيمَا دُونَ خَمْسِ أَوْسُقٍ صَدَقَةٌ))([3]) މާނައީ: “ފަސް އޫޤިއްޔާ (އެބަހީ؛ 200 ދިރުހަމް) ހަމަނުވާ (ރިހިން) ޒަކާތްދިނުމެއް ނުވެއެވެ. އަދި ފަސް ޖަމަލު ހަމަނުވާނަމަ ޒަކާތްދިނުމެއް ނުވެއެވެ. އަދި ފަސް ވަސަޤު (އެބަހީ؛ ކަދުރާއި ގޮވާމުން 300 ޞާޢު ނުވަތަ ގޮދަނުން ގާތްގަނޑަކަށް 612 ކިލޯ) ހަމަނުވާނަމަ ޒަކާތްދިނުމެއް ނުވެއެވެ.”

ދަލީލުނެގޭ ގޮތް؛

ފަހުން ލިބުނު މުދާ ލިބިމުގެކުރިން ނިޞާބު ހަމަވާވަރަކަށް މުދާ މިލްކުވެފައެއްނުވެއެވެ. އެހެންކަމުން، އެމީހާގެ މައްޗަކަށް ޒަކާތް ވާޖިބެއްނުވާނެއެވެ. ފަހުން ލިބުނު މުދަލާއެކު ނިޞާބު ހަމަވެއްޖެނަމަ، އެ ހިސާބުން އެވަނީ (އެބހީ؛ ނިޞާބުގެ ގޮތުން ބަލާއިރު އެވަނީ) ޒަކާތް ވާޖިބުވެފައެވެ. އެހެންކަމުން، ދެން ޙައުލު ގުނަން ފަށާނީއެވެ.

ދެވަނައީ؛ އިޖްމާޢުން

އިބްނުލް މުންޛިރާއި،([4]) އިބްނު ރުޝްދު([5]) މިގޮތަށް އިޖްމާޢު ނަޤުލުކުރައްވާފައިވެއެވެ.

ދެވަނައީ: ފަހުން މިލްކުވި މުދަލާނުލައިވެސް، އެމީހެއްގެ އަތުގައި ހުރި މުދަލުގައި ނިޞާބު ހަމަވުމެވެ. މި ވައްތަރުގެ މިލްކުވާ މުދަލުގެ 3 ވައްތަރެއްވެއެވެ.

ފުރަތަމަ ވައްތަރު: އެމީހާގެ އަތުގައި ހުރި މުދާ އިތުރުވެގެން ލިބުނު މުދަލަކަށްވުމެވެ. މިސާލަކަށް؛ ވިޔަފާރީގެ ފައިދާއާއި، ނަޢަމްސޫފި ވިހައިގެން އިތުރުވުމެވެ. މި ޙާލަތުގައި ފަހުން ލިބުނު މުދާ ކުރިން ހުރި މުދަލާ އެއްކޮށްލާނީއެވެ. އެހެނީ، އިތުރުވާ މުދަލުގެ ޙައުލަކަށްވަނީ އެ މުދާ އިތުރުވުމުގެ ސަބަބުކަމުގައިވާ އަޞްލު މުދަލުގެ ޙައުލެވެ.

ދަލީލުތައް؛

ފުރަތަމައީ؛ އިޖްމާޢުން

އިބްނުލް މުންޛިރާއި،([6]) އަލްބަޣަވީއާއި،([7]) އަލްކާސާނީއާއި،([8]) އިބްނު ޤުދާމާއާއި،([9]) ޤުރްޠުބީއާއި،([10]) އަލްޢައިނީ([11]) މިގޮތަށް އިޖްމާޢު ނަޤުލުކުރައްވާފައިވެއެވެ.

ދެވަނަ ދަލީލަކީ؛ މި ވައްތަރުގެ މުދާ، މި މުދަލާ އެއް ޖިންސެއްގެ މުދަލަށް ތަބާވާނެތީއެވެ. މިހައިރުން ބެލެވޭނީ އެއް މުދާ އަނެއް މުދަލާ ގުޅިގެން ފައިދާވި މުދަލަކަށެވެ.([12])

ތިންވަނަ ދަލީލަކީ؛ މި ވައްތަރުގެ މުދާ ބެލެވޭނީ ނިޞާބު ހަމަވެފައިވާ މުދާ އިތުރުވެ، އެ މުދަލުގެ ފައިދާކަމުގައެވެ. އެހެންކަމުން، މި ވައްތަރުގެ މުދަލަށް ވަކި ޙައުލެއް ގުނާކަށް ނުޖެހޭނެއެވެ.([13])

ހަތަރުވަނަ ދަލީލަކީ؛ ނަޢަމްސޫފީގެ އެކި އެއްޗެހި ވިހާ ވަގުތުތައް ތަފާތުވާނެއެވެ. ކަންމިހެންހުރިއިރު، ކޮންމެ އެއްޗަކަށް ޙައުލު ހަމަވޭތޯ ބެލުމަކީ އުނދަގޫކަމެކެވެ. އެހެންކަމުން، ޅަ ނަޢަމްސޫފިތައް އެހެން އެންމެހާ ނަޢަމްސޫފިތަކަށް ތަބާވާ އެއްޗެއްގެ ގޮތުގައި ހެދޭނެއެވެ. އެއީ؛ އެންމެހާ ނަޢަމްސޫފިތަކާ އެއްގޮތަށް ފަހުން ލިބުނު ނަޢަމްސޫފިތައް އެމީހެއްގެ މިލްކަކަށްވި ފަދައިންނެވެ.([14])

ފަސްވަނަ ދަލީލަކީ؛ ވިޔަފާރީގެ ފައިދާއަކީ، އެ ފައިދާ ލިބުމުގެ ސަބަބުތައް ގިނަވެއްޖެނަމަ ގިނަވާ ފައިދާއެކެވެ. އެހެންކަމުން، ފައިދާވާ ކޮންމެ މުދަލަކަށް ޙައުލު ހަމަވާތޯ ބެލުމަކީ އުނދަގޫކަމެކެވެ.

ހަވަނަ ދަލީލަކީ؛ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޒަމާނުގައި މުސްލިމުން ވަނީ ވިޔަފާރީގެ ފައިދާއާއި ނަޢަމްސޫފި މިލްކުވީ ކޮންއިރަކުތޯ ސުވާލުކުރުމެއްނެތި ޒަކާތް ނަގާފައެވެ.

ދެވަނަ ވައްތަރު: ފަހުން މިލްކުވި މުދަލަކީ ކުރިން އަތުގައި ހުރި މުދަލާ އެއް ޖިންސެއްގެ މުދަލަކަށް ނުވުމެވެ. މިސާލަކަށް؛ އެމީހެއްގެ މުދަލަކަށް ޖަމަލު ހުއްޓައި، ރަން ނުވަތަ ރިހި މިލްކުވުމެވެ. މި ވައްތަރުގައި ކުރިން ހުރި މުދަލަށް ޙައުލު ހަމަވިނަމަވެސް ފަހުން މިލްކުވި މުދަލަށް ޒަކާތްދޭކަށް ނުޖެހޭނެއެވެ. މި ޙާލަތުގައި ޖެހޭނީ؛ ފަހުން މިލްކުވި މުދަލުގައި ނިޞާބު ހަމަވެއްޖެނަމަ ޙައުލު ވަކިން ގުނާށެވެ. މިއީ ހަތަރު މަޛްހަބުކަމުގައިވާ ޙަނަފީ،([15]) މާލިކީ،([16]) ޝާފިޢީ،([17]) އަދި ޙަންބަލީ([18]) މަޛްހަބުގައި އިއްތިފާޤުވެފައިވާކަމެކެވެ. އަދި ޢާއްމުކޮށް އެންމެހާ ޢިލްމުވެރިން ވިދާޅުވާގޮތެވެ.([19]) އަދި މިކަމުގައި ޚިލާފެއްނެތްކަމުގައި އައިސްފައިވެއެވެ.([20]) އެއީ އަންނަނިވި ކަންކަމަށް ބިނާކޮށެވެ.

(1) މިއީ ޚުލަފާއުއްރާޝިދޫންގެ ހަތަރު ޚަލީފާއިންކަމުގައިވާ އަބޫބަކުރުގެފާނާއި، ޢުމަރުގެފާނާއި، ޢުޘްމާންގެފާނާއި، ޢަލީގެފާނު رَضِيَ اللهُ عنهم أجمعينَ ގެ ބަސްފުޅެވެ.([21])

(2) ފަހުން މިލްކުވި މުދަލަކީ އޭގެ ޙަޤީޤަތާއި ޙުކުމުގައިވެސް އެމީހާގެ އަތުގައިހުރި މުދަލާ ތަފާތު މުދަލެކެވެ. އެހެންކަމުން، މީގެން ކޮންމެ މުދަލަކަށް ޚާއްޞަ ނިޞާބާއި، ޚާއްޞަ ޙައުލުވެއެވެ.([22])

ތިންވަނަ ވައްތަރު: މީހެއްގެ އަތުގައި ހުރި ފައިސާއަށް ނިޞާބުހަމަވެ، އަދި ހައުލުވެސް ހަމަވެފައިވަނިކޮށް، ހިބަކޮށްދިނުން، ނުވަތަ މަސައްކަތެއްކޮށް ނިންމުމުން އުޖޫރަލިބުންފަދަ ސަބަބަކުން ނިޞާބު ހަމަވާވަރަށް އިތުރަށް ފައިސާ މިލްކުވުމެވެ. މި ޙާލަތުގައި ޖެހޭނީ ކުރީގެ ފައިސާތަކަށް ޙައުލު ހަމަވުމުން ޒަކާތް ދައްކާށެވެ. އަދި ފަހުން އިތުރުވި މުދަލަށް ޙައުލު ހަމަވުމުން ވަކިން ޒަކާތް ދައްކާށެވެ. މިއީ ޖުމްހޫރު ޢިލްމުވެރިންގެ މަޛްހަބެވެ. އެއީ؛ މާލިކީ،([23]) ޝާފިޢީ،([24]) އަދި ޙަންބަލީ([25]) މަޛްހަބެވެ. އެއީ އަންނަނިވި ކަންކަމަށް ބިނާކޮށެވެ.

(1) ޙައުލު ގުނުމުގައި އެއްމުދަލާއި އަނެއްމުދާ އެއްކޮށްލެވޭނެ އެއްގޮތަކީ؛ އެމީހެއްގެ އަތުގައިހުރި މުދާ އިތުރުވެއްޖެނަމައެވެ. މި ޙާލަތުގައި؛ އަތުގައި ހުރި މުދަލުގެ ޙައުލަށް ފަހުން އިތުރުވި މުދަލުގެ ޙައުލު ތަބާވާނެއެވެ. މިސާލަކަށް؛ ޙައުލުގެ ތެރޭގައި ނަޢަމްސޫފީގެ ތެރެއިން އެއްޗެއް ވިހެއުމެވެ. ދެވަނަ ގޮތަކީ؛ އެ މުދަލަކުން ކުރި ފަޅައިގެން ފައިދާވުމެވެ. މިސާލަކަށް؛ ވިޔަފާރި މުދަލުން ލިބޭ ފައިދާއެވެ. އާ ވައްތަރެއްގެ މުދަލެއް މިލްކުވެއްޖެނެމަ، އެއީ އަތުގައި ހުރި މުދަލާ ތަފާތު މުދަލެކެވެ. އަދި އަތުގައި ހުރި މުދަލުން ކުރިފަޅައިގެން ފައިދާވި މުދަލެއްނޫނެވެ. އެހެންކަމުން، ޙައުލު ގުނުމުގައި އެއްކޮށެއްނުލެވޭނެއެވެ.([26])

(2) ނިޞާބު ގުނުމުގައި އެއްކޮށްލެވޭ ސަބަބަކީ؛ ކުރީގެ މުދަލާއި ފަހުން ލިބުނު މުދަލުގެ މިލްކުވެރިކަން ލިބެނީ އެކަކަށެވެ. އެހެންކަމުން، ކުރީގައި ހުރި މުދަލާއި، ފަހުން ލިބުނު މުދަލުގެ ސަބަބުން މުދަލުގެ ވެރިޔާ މުއްސަނދިވެއެވެ. މުއްސަނދިކަމަށް ނިޞާބު ތަބާވާނެއެވެ. އެހެނީ، ނިޞާބުގެ މަޤްޞަދަކީ އެހެންމީހަކަށް ބައިއެޅުމަށްޓަކައި މުދަލުގައި ވަކި ޙައްދެއް ހަމަވުމެވެ. އެއީ މުދާ ގިނަވުމެވެ. މިކަމާ ޙައުލާ ތަފާތެވެ. ޙައުލުގެ މަޤްޞަދަކީ މުދަލުގެ ވެރި ފަރާތަށް އޯގާތެރިވެ ދިނުމެވެ.([27])

ޙައުލު ހަމަވުމުގެ ކުރިން މުދަލުން ބޭނުންކުރުން

ޒަކާތް ދެއްކުމުން ދުރުވުމުގެ ޙީލަތަކަށްނުހަދާނަމަ، ޙައުލު ހަމަވުމުގެ ކުރިން މުދާ ވިއްކުމާއި، ހިބަކޮށްދިނުމާއި، ނުވަތަ އެނޫންވެސް ކަންކަމުގައި ބޭނުންކުރުމަކީ ހުއްދަކަމެކެވެ. މިކަމަށް ދަލީލު ލިބެނީ އިޖްމާޢުންނެވެ. އިބްނު ބައްޠާލާއި،([28]) ޤުރްޠުބީއާއި،([29]) އަލްޢައިނީ([30]) މިގޮތަށް އިޖްމާޢު ނަޤުލުކުރައްވާފައިވެއެވެ.

(ނުނިމޭ)

__________________________

([1]) ((فقه الزَّكاة)) للقرضاوي (1/164).

([2]) ((المغني)) لابن قدامة (2/467).

([3]) رواه البخاري (1405)، ومسلم (979).

([4]) އިބްނުލް މުންޛިރު ވިދާޅުވިއެވެ. “އަހަރެމެން އެ ޢިލްމުވެރިން ކުރެން ޢިލްމު ދަސްކުރެއްވި އެންމެހާ ޢިލްމުވެރިން އެއްބަސްވެލައްވާގޮތުގައި؛ މީހަކަށް ލިބުނު މުދަލުގައި ނިޞާބުހަމަވެ، އަދި މި ނޫން މުދަލެއް ނެތް ޙާލަތް، ނުވަތަ އެއް ވައްތަރެއްގެ މުދާ އަތުގައިހުރިނަމަވެސް ނިޞާބުހަމަނުވެހުއްޓައި، ފަހުން ލިބުނު މުދަލާއެކު ނިޞާބު ހަމަވެއްޖެނަމަ، އެ ވަގުތުން ފެށިގެން ޙައުލު ގުނަންފަށާނީއެވެ. ޙައުލު ހަމަވެއްޖެނަމަ، ޒަކާތް ވާޖިބުވާނެއެވެ.” ((الإشراف)) (3/53).

([5]) އިބްނު ރުޝްދު ވިދާޅުވިއެވެ. “ފަހެ، އެބައިމީހުން (އެބަހީ؛ ޢިލްމުވެރިން) އިޖްމާޢުވެފައިވާގޮތުގައި؛ ނިޞާބަށްވުރެ މަދު މުދަލެއްހުއްޓައި، އެމީހާ އެމުދަލުގެ ފައިދާ ނޫންގޮތަކަށް މުދަލެއް ލިބި، ހުރިހާ މުދަލެއް އެއްކޮށްލުމުން ނިޞާބު ހަމަވެއްޖެނަމަ، ނިޞާބު ހަމަވި ދުވަހުން ފެށިގެން ޙައުލަށް ގުނާނީއެވެ.” ((بداية المجتهد)) (1/271).

([6]) އިބްނުލް މުންޛިރު ވިދާޅުވިއެވެ. “ޢިލްމުވެރިން އިޖްމާޢުވެފައިވާގޮތުގައި؛ މީހެއްގެ އަތުގައި ނިޞާބުހަމަވާވަރަށް މުދާހުރެފައި، ފައިދާއަށް ލިބުނު މުދަލަކީ ވިޔަފާރި މުދަލުގެ ފައިދާއާއި، ނަޢަމްސޫފިން އިތުރުވި މުދާފަދަ އަތުގައި ހުރި މުދާ އިތުރުވެގެން ލިބުނު މުދަލެއްނަމަ، އަތުގައި ހުރި އަޞްލު މުދަލުގެ ޙައުލާއި، ފަހުން ލިބުނު މުދަލުގެ ޙައުލަކީ އެއް ޙައުލެއްކަމަށް ބެލުން ވާޖިބުވާނެއެވެ. އަތުގައި ކުރިން ހުރި މުދަލަށް ޙައުލުހަމަވުމަކީ ފަހުން ލިބުނު މުދަލަށްވެސް ޙައުލު ހަމަވުންކަމުގައި ބަލާނީއެވެ.” ((الإشراف)) (3/53).

([7]) އަލްބަޣަވީ ވިދާޅުވިއެވެ. “ޢިލްމުވެރިން އިއްތިފާޤުވެފައިވާގޮތުގައި؛ ޙައުލު ގުނުމުގައި ފަހުން ލިބޭ ނަޢަމްސޫފި ޖެހޭނީ އޭގެ އަޞްލު ތަކެއްޗާ އެއްކޮށްލާށެވެ. ހަމަމިގޮތަށް، ވިޔަފާރީގެ ޒަކާތް ދައްކާއިރު، ލިބޭ ފައިދާ ޖެހޭނީ އަތުގައި ހުރި މުދަލުގެ ޙައުލާ އެއްކޮށްލާށެވެ. އަތުގައި ކުރިން ހުރި މުދަލަށް ޙައުލު ހަމަވުމުން، އަތުގައިހުރި އޭގެ ހުރިހާ މުދަލަކަށް ޒަކާތް ދައްކާނީއެވެ.” ((شرح السنة)) (6/29).

([8]) އަލްކާސާނީ ވިދާޅުވެފައިވެއެވެ. “އަތުގައި ހުރި މުދާ ގިނަވެގެން، ނުވަތަ އެ މުދަލުގެ ސަބަބުން ޙާޞިލުވި މުދަލެއްނަމަ، (ޙައުލު ގުނުމުގައި) އަތުގައި ހުރި މުދަލާ އެއްކޮށްލާނީއެވެ. އަދި އަތުގައި ހުރި މުދަލަށް ޙައުލު ހަމަވުމުން (ހުރިހާ މުދަލަކަށް) ޒަކާތް ދެއްކުމަށް އިޖްމާޢުވެފައިވެއެވެ.” ((بدائع الصنائع)) (2/13).

([9]) އިބްނު ޤުދާމާ ވިދާޅުވިއެވެ. “ވިޔަފާރި މުދަލުގެ ފައިދާއާއި، ނަޢަމްސޫފި ވިހައިގެން އިތުރުވުންފަދަ އަތުގައި ހުރި މުދާ އިތުރުވެގެން ލިބޭ މުދާ، އަތުގައި ކުރިން ހުރި މުދަލާ އެއްކޮށްލުން ވާޖިބުވެގެންވެއެވެ. މި ޙާލަތުގައި؛ ފަހުގެ މުދަލުގެ ޙައުލަކަށް ވާނީ ކުރިން އަތުގައި ހުރި މުދަލުގެ ޙައުލެވެ. މިކަމުގައި ޚިލާފެއް އޮތްކަމެއް އަހަރެމެންނަކަށް އެނގިގެނެއް ނުވެއެވެ.” ((المغني)) (2/468).

([10]) ޤުރްޠުބީ ވިދާޅުވެފައިވެއެވެ. “ޙައުލުގެ ކުރީކޮޅުގައި ނިޞާބު ހަމަވިޔަސް ރިޢާޔަތްކުރާކަށް ނުޖެހޭނެއެވެ. (އެބަހީ؛ ޙައުލުގެ ކުރީކޮޅުގައި ނިޞާބު ހަމަވިޔަސް ޒަކާތް ނެރޭކަށް ނުޖެހޭނެއެވެ.) ރިޢާޔަތްކުރަންޖެހޭނީ ޙައުލުގެ ފަހުކޮޅަށެވެ. (އެބަހީ؛ ޙައުލުގެ ފަހުކޮޅާޖެހެންދެން ނިޞާބު ހަމަވެއްޖެނަމަ ޒަކާތް ނެރެންޖެހޭނެއެވެ.) ޢިލްމުވެރިން އިއްތިފާޤުވެ ލައްވާފައިވާގޮތުގައި ފައިދާއަށް އަންނާނީ އެ ފައިދާ ލިބުނުގެ އަޞްލު މުދަލުގެ ޙުކުމެވެ.” ((تفسير القرطبي)) (8/124). އަދިވެސް ވިދާޅުވެފައިވެއެވެ. “ހަމަމިގޮތަށް، އެބޭކަލުން އިއްތިފާޤުވެވަޑައިގެންފައިވާގޮތުގައި، މީހަކަށް ސާޅީސް ބަކަރި ލިބިފައި، ޙައުލުގެ ތެރޭގައި އެ ބަކަރިތައް ވިހާފައި، އެ ވިހޭ ޅަބަކަރީގެ އެންމެ އެއްޗެއް ނޫނީ އެހެން ހުރިހާ ބަކަރިއެއް މަރުވެއްޖެނަމަ، ދިރި އޮތް ޅަބަކަރީގެ ސަބަބުން ބަކަރިތަކުގެ ނިޞާބު ހަމަކޮށްދޭނެއެވެ. އެހެންކަމުން، އެ ބަކަރިތަކުން ޒަކާތް ނެރެންޖެހޭނެއެވެ.” ((تفسير القرطبي)) (8/124).

([11]) އަލްޢައިނީ ވިދާޅުވެފައިވެއެވެ. “ފަހުން މިލްކުވާ މުދަލުގެ ދެ ވައްތަރެއްވެއެވެ. ފުރަތަމަ ވައްތަރަކީ: އަތުގައިހުރި މުދަލާ އެއްޖިންސެއްގެ މުދަލަކަށްވުމެވެ. މިސާލަކަށް؛ މީހެއްގެ އަތުގައި ޖަމަލު ހުރެފައި، ޙައުލުގެ ތެރޭގައި އެހެން ޖަމަލު ލިބުމެވެ. މި ޙާލަތުގައި ފަހުން ލިބުނު މުދާ ކުރިން ހުރި މުދަލާ އެއްކޮށްލުމަށްފަހު، ހުރިހާ އެއްޗަކުން ޒަކާތް ދޭނީއެވެ. ދެވަނަ ވައްތަރަކީ: އަތުގައިހުރި މުދަލާ އެއްޖިންސެއްގެ މުދަލަކަށްނުވުމެވެ. މިސާލަކަށް؛ މީހެއްގެ އަތުގައި ޖަމަލު ހުއްޓައި، ޙައުލުގެ ތެރޭގައި ގެރި ނުވަތަ ބަކަރި ލިބުމެވެ. ޢިލްމުވެރިން އިއްތިފާޤުވެފައިވާގޮތުގައި މި ޙާލަތުގައި ފަހުން ލިބުނު މުދާ ކުރިން ހުރި މުދަލާ އެއްކޮށެއް ނުލެވޭނެއެވެ. ޖެހޭނީ ދެ ބަޔަށް ވަކިން ޙައުލު ގުނާށެވެ. ފުރަތަމަ ބަޔާންވި ވައްތަރު އަދި އިތުރު ދެ ބަޔަކަށް ބެހެއެވެ. އޭގެ އެއްވައްތަރަކީ؛ ފަހުން ލިބުނު މުދަލަކީ ކުރިން އަތުގައި ހުރި މުދަލުން އިތުރުވި އެއްޗެއްކަމުގައިވުމެވެ. މިސާލަކަށް؛ ނަޢަމްސޫފި ވިހެއުމުން ލިބޭ ދަރިންނާއި، ވިޔަފާރީގެ ފައިދާއެވެ. ޢިލްމުވެރިން އިޖްމާޢުވެފައިވާގޮތުގައި، މި ޙާލަތުގައި ދެ މުދާ އެއްކޮށްލަންޖެހޭނެއެވެ. ދެވަނަ ވައްތަރަކީ: ވަކި ސަބަބަކާހުރެ ލިބޭ މުދަލެވެ. މިސާލަކަށް؛ ވާރުތަކޮށްގެންނާއި، އެއްޗެއް ވިއްކައިގެންނާއި، ހިބައަށް ލިބިގެންފަދަ ގޮތްގޮތުން ލިބޭ މުދަލެވެ. މި ހާލަތުގައި، އަހަރެމެންގެ ގާތުގައި ދެ މުދާވެސް ޖެހޭނީ އެއްކޮށްލާށެވެ.” ((البناية شرح الهداية)) (3/353).

([12]) ((المغني)) لابن قدامة (2/468)، ((حاشية ابن عابدين)) (2/288).

([13]) ((المجموع)) للنووي (5/370)، ((مغني المحتاج)) للشربيني (1/378).

([14]) ((شرح منتهى الإرادات)) للبهوتي (1/395).

([15]) ((العناية شرح الهداية)) للعيني (2/195)، ويُنظر: ((بدائع الصنائع)) للكاساني (2/13).

([16]) ((حاشية الدسوقي)) (1/432)، ويُنظر: ((شرح مختصر خليل)) للخرشي (2/149).

([17]) ((المجموع)) للنووي (5/365)، ويُنظر: ((الحاوي الكبير)) للماوردي (3/118).

([18]) ((كشاف القناع)) للبُهوتي (2/178)، ويُنظر: ((المغني)) لابن قدامة (2/468).

([19]) އިބްނު ޤުދާމާ ވިދާޅުވިއެވެ. “މީހަކަށް ލިބުނު މުދަލަކީ އޭނާގެ އަތުގައި ހުރި މުދަލާ ޖިންސު ތަފާތު މުދަލެއްނަމަ، އެ މުދަލަކަށް އަންނާނީ ވަކި ޙުކުމެވެ. އަދި ޙައުލު ގުނުމާއި، ނިޞާބު ބެލުމުގައި އެމީހާގެ އަތުގައި ހުރި މުދަލާ މި މުދާ އެއްނުކުރެވޭނެއެވެ. އަދި އެ ލިބުނު މުދަލުގައި ނިޞާބު ހަމަވާނަމަ ޙައުލު ހަމަކޮށްފައި ޒަކާތްދޭނީއެވެ. އެހެންނޫނީ، (އެބަހީ؛ ނިޞާބު ހަމަނުވާނަމަ) ޒަކާތް ދޭކަށް ނުޖެހޭނެއެވެ. މިއީ ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅެވެ. އިބްނު މަސްޢޫދާއި، އިބްނު ޢައްބާސްއާއި، މުޢާވިޔަތުގެފާނުގެ ކިބައިން ރިވާވެފައިވާގޮތުގައި: މުދާ ލިބޭ ވަގުތު ޒަކާތް ދެއްކުން ވާޖިބުވާނެއެވެ. އަޙްމަދާއި އެނޫން ބޭކަލުން ވިދާޅުވާގޮތުގައި: މުދާ ލިބޭ ވަގުތު ޒަކާތް ދެއްކުން ވާޖިބުވާނެއެވެ. އަޙްމަދުގެ ސަނަދުން އިބްނު މަސްޢޫދުގެ ކިބައިން ރިވާކުރައްވާފައިވެއެވެ. ޢަބްދުﷲ (އެބަހީ؛ އިބްނު މަސްޢޫދު) ތިމަންމެނަށް (މުދާ) ދީފައި ޒަކާތް ދައްކާކަމުގައިވެއެވެ. އަޢުޒާޢީގެ ކިބައިން އައިސްފައިވާގޮތުގައި: މީހަކު އަޅަކު ނުވަތަ ގެއެއް ވިއްކައިފިނަމަ، އެމީހާގެ އެހެން މުދަލުން ޒަކާތް ދައްކަން މަހަކަށް ނުވާނަމަ، އެމީހާގެ އަތަށް އަގު އެރުމުން ޒަކާތް ދޭންވާނެއެވެ. މަހަކަށް ވެއްޖެނަމަ، އެމީހާގެ އެހެން މުދަލާއެކު ޒަކާތް ދެއްކުމަށް ފަސްކޮށްލާނީއެވެ. ޖުމްހޫރު ޢިލްމުވެރިން މި ބަސްފުޅާ ޚިލާފުވެއެވެ. އޭގެ ތެރޭގައި؛ އަބޫބަކުރުގެފާނާއި، ޢުމަރުގެފާނާއި، ޢުޘްމާންގެފާނާއި، ޢަލީގެފާނު رَضِيَ اللهُ عنهم ހިމެނެއެވެ.” ((المغني)) (2/468).

([20]) އަލްކާސާނީ ވިދާޅުވެފައިވެއެވެ. “އަލަށް ލިބޭ މުދަލުގެ ޚުލާޞާ ބަހަކީ: އެފަދަ މުދާ ލިބުނީ ޙައުލުގެ ތެރޭގައިކަމަށްވުން، ނުވަތަ ޙައުލަށްފަހުގައި ލިބުމެވެ. ޙައުލުގެ ތެރޭގައި ލިބޭ މުދާ ވާނީ އަޞްލު އަތުގައި ހުރި މުދަލާ އެއް ޖިންސެއްގެ މުދަލަކަށެވެ. ނުވަތަ ތަފާތު ޖިންސެއްގެ މުދަލަކަށެވެ. ޖިންސު ތަފާތުނަމަ، މިސާލަކަށް؛ ޖަމަލު ހުއްޓައި ގެރި ލިބުން، ނުވަތަ ގެރި ހުއްޓައި ބަކަރި ލިބުންފަދަ ޙާލަތުގައި، އަތުގައި ހުރި ތަކެތީގެ ނިޞާބަށް އެއްކޮށްގެންނުވާނެއެވެ. ޖެހޭނީ އަލުން އެ ލިބުނު ތަކެއްޗަށް އާ ޙައުލަކަށް ގުނާށެވެ. މިކަމުގައި ޚިލާފެއްނެތެވެ.” ((بدائع الصنائع)) (2/13). އަލްބާބިރުތީ ވިދާޅުވެފައިވެއެވެ. “އަލަށް ލިބޭ މުދަލުގެ ދެ ވައްތަރެއްވެއެވެ. އެއީ؛ އަތުގައި ހުރި އަޞްލު މުދަލާ އެއް ޖިންސެއްގެ މުދަކަށްވުމާއި، ތަފާތު ޖިންސެއްގެ މުދަލަކަށްވުމެވެ. ޢިލްމުވެރިންގެ އިއްތިފާޤުން ދެވަނަ ވައްތަރު (އެބަހީ؛ ޖިންސު ތަފާތުނަމަ) ކުރިން ހުރި މުދަލާ އެއްކޮށްނުލެވޭނެއެވެ. އެއީ އަތުގައި ޖަމަލު ހުއްޓަކައި ޙައުލުގެ ތެރޭގައި ގެރި ނުވަތަ ބަކަރި ލިބުމެވެ. އެހެނެއްކަމަކު، ފަހުން އެލިބުނު މުދަލަށް ޖެހޭނީ ވަކި ޙައުލެއް ގުނާށެވެ.” ((العناية شرح الهداية)) (2/195). އަލްޚަރަޝީ ވިދާޅުވެފައިވެއެވެ. “ނިޞާބު ގުނުމުގައި ލިބޭ ފައިދާ (މިހާރު ހުރި މުދަލާ) އެއްކޮށްލުން ބިނާވެފައިވަނީ އެއްޖިންސަކަށްވުމަށެވެ. ޖިންސު ތަފާތުވެއްޖެނަމަ، މިސާލަކަށް؛ ޖަމަލާއި ބަކަރިނަމަ، މީގެ ކޮންމެ މުދަލަކަށް ބަލާނީ ޙައުލެކެވެ. މިއީ އިއްތިފާޤުވެފައިވާކަމެކެވެ.” ((شرح مختصر خليل)) (2/149). ދަސޫޤީ ވިދާޅުވެފައިވެއެވެ. “ނިޞާބު ގުނުމުގައި ލިބޭ ފައިދާ (މިހާރު ހުރި މުދަލާ) އެއްކޮށްލުން ބިނާވެފައިވަނީ އެއްޖިންސަކަށްވުމަށެވެ. ޖިންސު ތަފާތުވެއްޖެނަމަ، މިސާލަކަށް؛ ޖަމަލާއި ބަކަރިނަމަ، މީގެ ކޮންމެ މުދަލަކަށް ބަލާނީ ޙައުލެކެވެ. މިއީ އިއްތިފާޤުވެފައިވާކަމެކެވެ.” ((حاشية الدسوقي)) (1/432).

([21]) ((المغني)) لابن قدامة (2/468).

([22]) ((كشاف القناع)) للبهوتي (2/178).

([23]) ((منح الجليل شرح مختصر خليل)) لمحمد عليش (2/5)، ((الشرح الكبير للشيخ الدردير وحاشية الدسوقي)) (1/432).

([24]) ((المجموع)) للنووي (5/367)، ((مغني المحتاج)) للشربيني (1/379).

([25]) ((شرح منتهى الإرادات)) للبهوتي (1/395)، ويُنظر: ((المغني)) لابن قدامة (2/468). މަހު މުސާރައާއި ކުލިފަދަ މަހުންމަހަށް ލިބޭ ފައިސާ ދަންނައެވެ. އެފަދަ މީހަކުޖެހޭނީ މިލްކުވާ ފައިސާތަކަށް ފުރަތަމަ ނިޞާބު ހަމަވެ، ޙައުލު ހަމަވުމުން އެމީހާގެ މިލްކުގައިވާ ހުރިހާ ފައިސާއަކަށް ޒަކާތް ދައްކާށެވެ. ينظر: ((فتاوى اللَّجنة الدَّائمة)) (9/280).

([26]) ((المجموع)) للنووي (5/367)، ((مغني المحتاج)) للشربيني (1/379).

([27]) ((المجموع)) للنووي (5/367)، ((مغني المحتاج)) للشربيني (1/379).

([28]) އިބްނު ބައްޠާލު ވިދާޅުވިއެވެ. “ޢިލްމުވެރިން އިޖްމާޢުވެފައިވާގޮތުގައި؛ ޒަކާތް ދިނުމުން މަނާވެގަތުމުގެ ނިޔަތެއްނެތި، ޙައުލު ހަމަވުމުގެ ކުރިން ވިޔަފާރިއަށާއި، ހިބަކުރުމާއި، ޛަބަޙަކުރުންފަދަ ކަންކަމަށް މުދާ ހޭދަކުރެވޭނެއެވެ.” ((شرح صحيح البخاري)) (8/314). وينظر: ((فتح الباري)) لابن حجر (12/331).

([29]) ޤުރްޠުބީ ވިދާޅުވެފައިވެއެވެ. “ޢިލްމުވެރިން އިޖްމާޢުވެފައިވާގޮތުގައި؛ ޒަކާތް ދިނުމުން މަނާވެގަތުމުގެ ނިޔަތެއްނެތި، ޙައުލު ހަމަވުމުގެ ކުރިން ވިޔަފާރިއަށާއި، ހިބަކުރުންފަދަ ކަންކަމަށް މުދާ ހޭދަކުރެވޭނެއެވެ.” ((تفسير القرطبي)) (9/236).

([30]) އަލްޢައިނީ ވިދާޅުވެފައިވެއެވެ. “ޙައުލު ހަމަވުމުގެ ކުރިން މުދާ ބޭނުންގޮތަކަށް ހޭދަކުރުން ހުއްދަކަމަށް އިޖްމާޢުވެފައިވެއެވެ.” ((عمدة القاري شرح صحيح البخاري)) (24/110).