ފޮތުގެ ނަން:
ޙަދީޘްތައް ޖަމާކުރެވިފައިވާ ފޮތްތަކުގެ ތެރެއިން މުހިއްމު، ފައިދާބޮޑު އެއްފޮތަކީ އިމާމް އަބޫ ޢީސާ އައްތިރުމިޛީ ރަޙިމަހުﷲ ލިޔުއްވާފައިވާ ޙަދީޘްފޮތެވެ. މި ޙަދީޘްފޮތަށް ޢިލްމުވެރިން ތަފާތު ނަން ކިޔައެވެ. އޭގެ ތެރޭގައި:
1. “الجَامِعُ”: މިއީ މިފޮތަށްކިޔޭ އެންމެ މަޝްހޫރުނަމެވެ. މުޙައްދިޘުންގެ އަރިހުގައި “الجَامِعُ” އޭ ކިޔެނީ އެފޮތެއްގައި ޙަދީޘްގެ އެންމެހާ ބައިތަކެއް ހިމެނިފައިވާތީއެވެ. އެއީ 1. ޢަޤީދާ (ޢަޤީދާއާބެހޭ ޙަދީޘްތައް)، 2. އަޙްކާމް (ފިޤްހީ ޙުކުމްތަކާބެހޭ ޙަދީޘްތައް)، 3. އައްރަޤާއިޤު ވައްޒުހުދު، 4. އަލްއާދާބު (ރިވެތި އަދަބުތަކާބެހޭ ޙަދީޘްތައް)، 5. އައްތަފްސީރު (ޤުރުއާނުގެ އާޔަތްތަކުގެ ތަފްސީރާބެހޭ ޙަދީޘްތައް)، 6. އައްތާރީޚު ވަލް މަޣާޒީ (ރަސޫލާގެ ސީރަތާއި ހަނގުރާމަތަކާބެހޭ ޙަދީޘްތައް)، 7. އަލްފިތަން ވަ އަޝްރާތުއް ސާޢާ (ފިތުނަތަކާއި ޤިޔާމަތުގެ ޢަލާމާތްތަކާބެހޭ ޙަދީޘްތައް)، 8. އަލްމަނާޤިބު ވަލް ފަޟާއިލު (ޞަޙާބީންނާއި އެނޫން ބޭކަލުންނާއި ބައެއް ތަންތަނުގެ މަތިވެރިކަމާބެހޭ ޙަދީޘްތައް) މިބައިތަކެވެ. މިފަދައިން ވިދާޅުވެފައިވާ ބޭކަލުންގެ ތެރޭގައި، އައްސަމްޢާނީ (އ. 562ހ.)، އިބްނުލް އަޘީރު (އ. 606ހ.)، އައްޛަހަބީ (އ. 748ހ.)، އިބްނު ކަޘީރު (އ. 774ހ.)، އިބްނު ޙަޖަރު (އ. 852ހ.) ފަދަ ބޭކަލުން ހިމެނެއެވެ.
2. “الجَامِعُ الكَبِيرُ”.
3. “المُسْنَدُ الجَامِعُ”: މުޙައްދިޘުންގެ އަރިހުގައި “المُسْنَدُ” އަކީ ކޮބައިކަން ޞަޙީޙުލް ބުޚާރީގެ ތަޢުރީފުގައި އިސްވެހިނގައްޖެއެވެ.
4. “الصَّحِيحُ” އަދި “الجَامِعُ الصَّحِيحُ “.
5. “السُّنَنُ”: މުޙައްދިޘުންގެ އަރިހުގައި “السُّنَنُ” އަކީ ކޮބައިކަން ސުނަން އަބީދާވުދުގެ ތަޢުރީފުގައި އިސްވެހިނގައްޖެއެވެ. އިމާމް ތިރުމިޛީ ރަޙިމަހުﷲ ގެ މިފޮތުގައި ސުނަނުގެ އިތުރަށް ޖާމިޢުއެއްގައި އެކުލެވިގެންވާ ބައިތައް އެކުލެވިފައިވާތީ، މިފޮތަށް ސުނަން ކިޔުމަށް ބައެއް ޢިލްމުވެރިން އިންކާރުކުރައްވައެވެ.
6. “الجَامِعُ المُخْتَصَرُ مِنَ السُّنَنِ عَنْ رَسُوْلِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَمَعْرِفَةِ الصَّحِيحِ وَالْمَعْلُولِ وَمَا عَلَيْهِ العَمَلُ”: މިނަމުން އިމާމް ތިރުމިޛީގެ ޙަދީޘްފޮތް އެއްކޮށް މަޢުރިފާކުރެވެއެވެ. މިފޮތުގެ ދެފަތްފުށުގައި ވަނީ މިނަމުން ނަންކިޔުއްވާފައެވެ. “الجَامِعُ” ކިޔޭ ސަބަބު އިސްވެ ހިނގައްޖެއެވެ. “المُخْتَصَرُ” އޭ ކިއިފައިވަނީ ކުރުކުރެވިފައިވާތީއެވެ. އިމާމް ތިރުމިޛީ ވަނީ މިފޮތް ކުރުކުރައްވާފައިވާކަމަށް “އަލްޢިލަލުއް ޞަޣީރު” ގައި ވިދާޅުވެފައެވެ. “السُّنَنِ عَنْ رَسُوْلِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ” އެބަހީ މިފޮތުގައި އިމާމް ތިރުމިޛީ ގެންނަވާފައިވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައާ ހަމައަށް ގުޅިފައިވާ މުސްނަދު ޙަދީޘްތަކެވެ. މައުޤޫފު ޙަދީޘްތަކަށް ވަނީ ވަކިފޮތެއް އެކުލަވާ ލައްވާފައެވެ. މައުޤޫފު ޙަދީޘަކީ ކޮބައިކަން ސުނަން އަބީދާވުދުގެ ތަޢުރީފުގައި އިސްވެހިނގައްޖެއެވެ. “وَمَعْرِفَةِ الصَّحِيحِ وَالْمَعْلُولِ” މިޢިބާރާތުން އެނގޭގޮތުގައި އިމާމް ތިރުމިޛީ ވަނީ ޙަދީޘްތަކުގެ ދަރަޖަ ބަޔާންކުރައްވާފައެވެ. ޞައްޙަކަމުގައިވާނަމަ ޞައްޙަކަން ނުވަތަ ޙަސަން ކަމުގައިވާނަމަ ޙަސަން ދަރަޖަކަން ބަޔާންކުރައްވާފައެވެ. ހަމައެފަދައިން ޙަދީޘުގައި ޢިއްލަތެއް ވާނަމަ އެކަންވެސް ބަޔާން ކުރައްވާފައެވެ. ޢިއްލަތަކީ ޙަދީޘްގެ ބޭރުފުށުން ޞައްޙަކަމަށް ފެނުނަމަވެސް، ވަންހަނާވެގެންވާ ސަބަބަކާހުރެ ޙަދީޘް ޞައްޙަކަމަށް ބުރުއަރާ ކަންކަމެވެ. ހަދީޘެއްގައި ޢިއްލަތެއް ހުރިކަން އެނގޭނީ އެޙަދީޘެއް ވަރަށް ބޮޑަށް ދިރާސާކޮށްގެންނެވެ. “وَمَا عَلَيْهِ العَمَلُ ” އެބަހީ މިފޮތުގައި ޖަމާކުރައްވާފައިވާ ޙަދީޘްތަކަކީ ޢިލްމުގެ އަހުލުވެރިން އެޙަދީޘްތަކަށް ޢަމަލުކުރައްވާ ޙަދީޘްތަކެވެ.
މުއައްލިފު:
އިމާމް ތިރުމިޛީ ރަޙިމަހުﷲގެ ފުރިހަމަ ނަންފުޅަކީ މުޙައްމަދު ބުން ޢީސާ ބުން ސަވްރަތަ ބުން މޫސާ ބުނުލް ޟައްޙާކުއް ސުލަމީ އައްތިރުމިޛީއެވެ. ކުންޏާއަކީ އަބޫ ޢީސާއެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 209 ވަނަ އަހަރުއެވެ. އަދި އަވަހާރަވެފައިވަނީ ހިޖުރައިން 279 ވަނަ އަހަރުއެވެ.
އެކަލޭގެފާނު ޢިލްމު ޙާޞިލުކުރެއްވި ބޭކަލުންގެ ތެރޭގައި: ޤުތައިބާ ބުން ސަޢީދު އަލްބަޣްލާނީ (އ. 240ހ.)، މުޙައްމަދު ބުން އިސްމާޢިލް އަލްބުޚާރީ (އ. 256ހ.)، ޢަލިއްޔު ބުން ޙުޖުރު އަލްމަރުވަޒީ (އ. 244ހ.)، ހަންނާދު ބުން ސަރިއްޔި (އ. 243ހ.)، ރަޙިމަހުމުﷲ ފަދަ އެތައް ޢިލްމުވެރިންނެއް ވެއެވެ. އެކަލޭގެފާނުގެ ކިބައިން ޢިލްމު ޙާޞިލުކުރެއްވި ބޭކަލުންގެ ތެރޭގައި: އަބުލްޢައްބާސް މުޙައްމަދު ބުން އަޙްމަދު އަލްމަޙްބޫބީ (އ. 346ހ.)، އަލްހައިޘަމް ބުން ކުލައިބު އައްޝާޝީ (އ. 335ހ.)، އަބޫޢަލީ މުޙައްމަދު ބުން މުޙައްމަދު އަލްޤައްރާބު (އ. 324ހ.) ރަޙިމަހުމުﷲ ފަދަ އެތައް ބޭކަލުންނެއް ހިމެނިވަޑައިގަންނަވައެވެ.
އިމާމް ތިރުމިޛީ ރަޙިމަހުﷲ ސުނަންގެ އިތުރަށް ލިޔުއްވާފައިވާ ފޮތްތަކުގެ ތެރޭގައި: ކިތާބުލް ޢިލަލުއް ޞަޣީރު، ކިތާބުލް ޢިލަލުއް ކަބީރު، އަލްމުފްރަދު، އައްތާރީޚް، އައްޝަމާއިލުއް ނަބަވިއްޔާ ވަލް ފަޟާއިލުލް މުޞްޠަފަވިއްޔާ، އަލްއަސްމާއު ވަލްކުނާ، ކިތާބުއް ޒުހުދު ފަދަ ފޮތްތައް ހިމެނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އިމާމް ތިރުމިޛީއަށް ރަޙުމަތް ލައްވާށި!
ޖާމިޢުއް ތިރުމިޛީ ލިޔުއްވަން މެދުވެރިވި ސަބަބު:
ފިޤުހުވެރި ބޭކަލުންގެ ބަސްފުޅުތަކާއި، މަޛްހަބުތަކުގެ ބަހަކީ ކޮބައިކަމާއި، ހަމައެއާއެކު ޙަދީޘްގެ ޢިއްލަތްތައް އެއްފޮތަކުން ފެންނަން ހުރުމަކީ މުހިއްމުކަމެއް ކަމުގައި ދެކެ، ޙަދީޘްތަކާއެކު މިދެބައި ޖަމާކޮށް އިމާމް ތިރުމިޛީގެ ޙަދީޘްފޮތް އެކުލަވާލެއްވިއެވެ. ނަމަވެސް އިމާމް ތިރުމިޛީގެ ކުރިން ޢަލިއްޔު ބުން މަދީނީ (އ. 234ހ.) އާއި ޔަޢުޤޫބު ބުން ޝައިބާ (އ. 262ހ.) ރަޙިމަހުމަﷲ ފަދަ ބޭކަލުން ވަނީ ޢިއްލަތާ ބޭހެ މުސްނަދުތައް ޖަމާކުރައްވާފައެވެ. މިތަނުގައި މުސްނަދުގެ މާނައަކީ ޙަދީޘްތައް ފޮތުގައި އެތުރުމުގައި ޞަޙާބީންގެ ނަންފުޅުން އަތުރާފައިވުމެވެ. މިސާލެއްގެގޮތުން އެފޮތްތަކުގައި އަނަސް ރަޟިޔަﷲ ޢަންހުގެ ޙަދީޘްތައް ގެނެސްފައިވާނީ އެކަލޭގެފާނުގެ ނަންފުޅުގެ ދަށުންނެވެ. އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ ޙަދީޘްތައް ގެނެސްފައިވާނީ އެކަލޭގެފާނުގެ ނަންފުޅުގެ ދަށުންނެވެ. ނަމަވެސް އެންމެ ފުރަތަމަ ފިޤުހީ ބާބުތަކަށް އަތުރުއްވައި ޢިއްލަތް ބަޔާންކުރައްވާފައިވާ ބޭކަލަކީ ތިރުމިޛީ އެވެ. އިމާމް ތިރުމިޛީ ވަނީ އެކަން “އަލްޢިލަލުއް ޞަޣީރު” ގައި ބަޔާންކުރައްވާފައެވެ. ހަމައެއާއެކު ފިޤުހު ޢިލްމުވެރިންގެ ބަސްފުޅުތައްވެސް ގެންނަވާފައިވެއެވެ.
ޖާމިޢުއް ތިރުމިޛީއަށް އަވަސް ނަޒަރެއް:
އިމާމުލް ބުޚާރީ އާއި އިމާމް މުސްލިމް ފަދަ ބޭކަލުންގެ ފޮތްތަކާ ޚިލާފަށް، އިމާމް ތިރުމިޛީ މިފޮތުގައި ޞައްޙަ ޙަދީޘްތައް ޖަމާކުރެއްވުން ޝަރުޠެއް ނުކުރައްވައެވެ. އެކަލޭގެފާނު ޝަރުޠުކުރައްވާފައިވަނީ ޢިލްމުވެރިންގެ ތެރެއިން ބޭކަލަކު ނަމަވެސް ޢަމަލުކުރައްވާފައިވާ ހަދީޘްތައް ގެންނެވުމެވެ. ނަމަވެސް ވަރަށް ބޮޑަށް ޟަޢީފު ރާވީންގެ ކިބައިން ރިވާވެފައިވާ ޙަދީޘްތައް ވަރަށް މަދުން ނޫނީ ގެންނަވާފައެއް ނުވެއެވެ. މިފަދަ ޙަދީޘެއް ގެންނެވިނަމަވެސް އެކަންބަޔާންކުރައްވާފައިވެއެވެ.
ޖާމިޢުއް ތިރުމިޛީ ގައިވާ ޙަދީޘްތަކަށް ބަލާލާއިރު، މިފޮތުގައި ޞައްޙަ ޙަދީޘާއި، ޙަސަން ދަރަޖައިގެ ޙަދީޘާއި، ޟަޢީފް ޙަދީޘާއި، ވަރަށް މަދު މުންކަރު ޙަދީޘްތައް ހިމެނެއެވެ. އާއްމުކޮށް މުންކަރު ޙަދީޘް ގެންނަވާފައިވަނީ އަލްމަނާޤިބު (ޞަޙާބީންނާއި އެނޫން ބޭކަލުންނާއި ބައެއް ތަންތަނުގެ މަތިވެރިކަމާބެހޭ ޙަދީޘްތައް) މިކިތާބުގައެވެ. ނަމަވެސް އިމާމް ތިރުމިޛީ މިކަން ބަޔާންކުރައްވާފައިވެއެވެ. މުޙައްމަދު ޝޫމާން އައްރަމްލީ “އަޙާދީޘުއް ސުނަނުލް އަރްބަޢާ އަލްމަޢުޟޫޢާ ބިޙުކުމިލް ޢައްލާމާ އަލްއަލްބާނީ” މިފޮތުގައިވާގޮތުން، ޖާމިޢުއް ތިރުމިޛީގައި ޝެއިޚު އަލްބާނީ ރަޙިމަހުﷲ މަޢުޟޫކަމަށް 18 ޙަދީޘަކަށް ވިދާޅުވެފައިވެއެވެ. މަޢުޟޫ ހަދީޘަކީ މީސްމީހުން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ނިސްބަތްކޮށް ހަދާފައިވާ ދޮގު ބަސްތަކެވެ.
އިމާމް ތިރުމިޛީ ޙަދީޘްތައް އަތުރުވާފައިވާ ކިތާބުތަކަށް ނަންދެއްވާފައިވަނީ “އަބްވާބުއް ޠަހާރާ” “އަބްވާބުއް ޞަލާތު” މިފަދައިންނެވެ. އޭގެފަހުގައި ޙަދީޘްތަކާގުޅޭގޮތުން ބާބުތައް ވަކިކުރައްވާފައިވެއެވެ. ކޮންމެ ބާބެއްގައި އާއްމުކޮށް ގެންނަވާފައިވަނީ އެއްޙަދީޘް ނުވަތަ ދެޙަދީޘެވެ. މިސަބަބާހުރެ، ފޮތުގެ ބާބުތައް ގިނައެވެ. ބާބުތައް ގިނަވުމަކީ ޙަދީޘުން ނެގޭ ފިޤުހީ މަސްއަލަ ބޮޑަށް އޮޅުން ފިލާނެކަމެކެވެ. ޙަދީޘްގެންނެވުމަށްފަހު، އެޙަދީޘަށް ލަފްޡުގެގޮތުން ނުވަތަ މާނާއިގޮތުން ބާރުދޭ ޙަދީޘްތަކަށް އިރުޝަދު ދެއްވާފައިވެއެވެ. ދެން އެއަށްފަހު، ޙަދީޘްގެ ދަރަޖަ ބަޔާންކުރައްވައި، އަދި ޙަދީޘްގައިވާ ރާވީންގެ ތެރެއިން، އެކަހެރިކޮށް ޙަދީޘްރިވާކުރައްވާފައިވާ ރާވީންނާގުޅޭ ވާހަކަތައް ގެންނަވައެވެ. އަދި ޙަދީޘްގައި ޢިއްލަތެއްވާނަމަ އެކަން ބަޔާން ކުރައްވައެވެ. އަދި އޭގެފަހުގައި، ޞަޙާބީންނާއި، ތާބިޢީންނާއި، އަދި އޭގެފަހުން ވަޑައިގެންނެވި ބޭކަލުންގެ ފިޤުހު ކުރުކޮށް ބަޔާންކުރައްވައެވެ. މިއީ އާއްމުގޮތެއްގައި އިމާމް ތިރުމިޛީ މިފޮތް އަތުރުއްވާފައިވާ ގޮތެވެ. ބައެއްފަހަރަށް މިތަރުތީބު އިސްފަސްކުރައްވައެވެ.
މިފޮތުގެ ޚާއްޞަކަންތައްތައް:
އިމާމް ތިރުމިޛީ ރަޙިމަހުﷲގެ ޖާމިޢުއަކީ ތަފާތު ގޮތްގޮތުން ފާހަގަކޮށްލެވޭ ފޮތެކެވެ. އެގޮތުން ބައެއްކަންކަމަކީ:
1. އާއްމުގޮތެއްގައި ކޮންމެ ބާބެއްގައިވެސް ގެންނަވާފައިވަނީ އެއްޙަދީޘް ނުވަތަ ދެޙަދީޘެވެ.
2. ބާބުތައް އަތުރުއްވާފައިވާ ރިވެތިކަމާއި، ޙަދީޘްތައް ތަކުރާރު ނުކުރެއްވުން.
3. ފިޤުހުވެރި ބޭކަލުންގެ މަޛްހަބާއި، އެބޭކަލުން އެޙަދީޘަކުން ދަލީލު ނަންގަވާގޮތް ބަޔާންކުރެއްވުން.
4. ޙަދީޘުގެ ދަރަޖަ ބަޔާންކޮށްދީފައި ވުން.
5. ޙަދީޘްގެ ސަނަދުގައިވާ ރާވީންގެ ނަންފުޅާއި، ލަޤަބާއި، ކުންޏާ ފަދަ މުހިއްމު މަޢުލޫމާތުތައް ގެންނަވާފައިވުން.
ޖާމިޢުއް ތިރުމިޛީއަށް ކިޔުއްވާފައިވާ ޘަނާ:
ޖާމިޢުއް ތިރުމިޛީގެ މުހިއްމުކަމާބެހޭގޮތުން އަބޫ އިސްމާޢީލް ޢަބްދުﷲ ބުން މުޙައްމަދު އަލްއަންޞާރީ ރަޙިމަހުﷲ (އ. 481ހ.) ވިދާޅުވެފައިވެއެވެ. “ތިމަންގެ ކައިރީ އެފޮތް (އެބަހީ، ޖާމިޢުއް ތިރުމިޛީ) ބުޚާރީއާއި މުސްލިމްގެ ފޮތަށް ވުރެ ފައިދާބޮޑެވެ. އެހެނީ، ބުޚާރީއާއި މުސްލިމްގެ ދެފޮތުން ފައިދާއެއް ޙާޞިލުކުރެވޭނީ ޢިލްމުގައި ފުންނާބުއުސް ޢިލްމުވެރިޔަކަށެވެ. ނަމަވެސް އަބޫ ޢީސާގެ ފޮތުން ކޮންމެ މީހަކަށްވެސް ފައިދާއާ ހަމައަށް ވާޞިލުވެވިދާނެއެވެ.”
އިބްނުލް އަޘީރު ރަޙިމަހުﷲ (އ. 606ހ.) ވިދާޅުވެފައިވެއެވެ. “މިޞަޙީހް ފޮތަކީ އެންމެ މަތިވެރި އަދި އެންމެ ފައިދާބޮޑު، ތަރުތީބުގައި އެންމެރިވެތި، ތަކުރާރު ކުރުން އެންމެމަދު ފޮތެވެ…”
ޖާމިޢުއް ތިރުމިޛީގައި ބޭނުން ކުރައްވާފައިވާ ބައެއް މުހިއްމު ލަފްޡުތައް:
އިމާމް ތިރުމިޛީ ރަޙިމަހުﷲ މިފޮތް އެކުލަވާލެއްވުމުގައި މުހިއްމު ލަފްޡުތަކެއް ބޭނުން ކުރައްވާފައިވެއެވެ. މިގޮތުން:
1. “الكَرَاهَةُ وَ الكَرَاهِيَّةُ”: މިލަފްޡުގެ މުރާދުގައި މަކުރޫހުގެ މާނައާއި ޙަރާމްގެ މާނަ ޝާމިލުވެއެވެ. ބައެއްފަހަރު މިލަފްޡު ޙަރާމްގެ މާނާގައި ގެންނަވާފައިހުރެއެވެ. އަނެއްބައިފަހަރަށް މަކްރޫހަގެ މާނާގައި ގެންނަވާފައި ހުރެއެވެ.
2. “أَهْلُ الرَّأَيّ”: މިލަފްޡުގެ މުރާދަކީ ޙަނަފީ މަޛްހަބެވެ.
3. “أَصْحَابُنَا”: މިލަފްޡުގެ މުރާދަކީ އަހުލުލް ޙަދީޘެވެ.
4. “الفُقَهَاءُ”: މިލަފްޡުގެ މުރާދަކީ ސުފްޔާނުއް ޘަވްރީ، މާލިކް، އައްޝާފިޢީ، އަޙްމަދު، އިސްޙާޤު ބުން ރާހޫޔާ ފަދަ މުޙައްދިޘުންގެ ތެރެއިންވާ ފިޤުހުވެރި ބޭކަލުންނެވެ.
5. “حَدِيْثٌ حَسَنٌ”: މިލަފްޡުގެ މުރާދަކީ، އިމާމް ތިރުމިޛީ “އަލްޢިލަލުއް ޞަޣީރު” ގައިވާގޮތުން، އިމާމް ތިރުމިޛީ އަރިހުގައި ތިން ޝަރުޠެއް ހަމަވާ ޙަދީޘެވެ. ފުރަތަމައީ: އެޙަދީޘެއްގެ ސަނަދުގައި ދޮގުހެދިކަމަށް ތުހުމަތުނުކުރެވޭ ރާވީއެއްވުން. ދެވަނައީ: ޝާޛު ޙަދީޘަކަށް ނުވުން. ޝާޛު ޙަދީޘަކީ އިތުބާރު ބޮޑު ރާވީއެއް ރިވާކުރާ ޙަދީޘަކާ ޚިލާފަށް އެއަށްވުރެ އިތުބާރުކުޑަ ރާވީއެއް ރިވާކޮށްފައިވާ ޙަދީޘެވެ. މިފަދަ ޙަދީޘަކަށް ވެގެންނުވާނެއެވެ. ތިންވަނައީ: އެހެން އިސްނާދަކުން ހަމައެޙަދީޘްގެ މާނައާ އެއްގޮތަށް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ކިބައިން ރިވާވެފައިވުމެވެ. މިތިން ޝަރުޠު ފުރިހަމަވާ ޙަދީޘަކީ މިލަފްޡަށް ފެތޭ ޙަދީޘެވެ.
6. “حَدِيْثٌ غَرِيبٌ”: މިލަފްޡުގެ މުރާދަކީ، އެޙަދީޘަކީ އެންމެ ސަނަދަކުން ރިވާވެފައިވާ ޙަދީޘަކަށް ވުމެވެ. ނުވަތަ ގިނަ ސަނަދުތަކަކުން އައިސްފައިވާ ޙަދީޘެއްގައި، އިމާމް ތިރުމިޛީ ގެންނަވާފައިވާ ސަނަދުގެ މަތަނުގައި ލަފްޡެއް އިތުރުވުމެވެ. މިލަފްޡު އެހެން ލަފްޡަކާ ނުގުޅި ވަކިން ގެންނަވާފައިވާނަމަ، ޢާއްމުގޮތެއްގައި އިމާމް ތިރުމިޛީ މިލަފްޡު ބޭނުންކުރައްވާފައިވާނީ ޟަޢީފް ޙަދީޘަށެވެ.
7. “حَدِيْثٌ حَسَنٌ غَرِيبٌ”: އިމާމް ތިރުމިޛީ މިލަފްޡުގެންނަވާފައިވަނީ ކޮން މުރާދެއްގައިތޯ މިއީ ޢިލްމުވެރިން ޚިޔާލުތަފާތުވެފައިވާ ކަމެކެވެ. ޙަސަން ދަރަޖައިގެ ޙަދީޘެއްކަމަށް ވިދާޅުވުމާއެކު ޟަޢީފްކަމަށް ވިދާޅުވާ ސަބަބަކީ ކޮބައިތޯއާމެދުއެވެ. އިމާމް ތިރުމިޛީ މިލަފްޡުގެ މުރާދަކީ ކޮބައިކަން ބަޔާންކުރައްވާފައެއް ނުވެއެވެ. އެއްވަގުތެއްގައި މިދެލަފްޡުގެންނަވާފައިވާތީއެވެ. ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ، އަދި އިބުނު ރަޖަބު ފަދަ ބޭކަލުން ވިދާޅުވާގޮތުގައި މިލަފްޡުގެ މުރާދަކީ، އިމާމް ތިރުމިޛީ ޙަސަން ދަރަޖައިގެ ޙަދީޘުން ބޭރުނުވާ، އެހެން ސަނަދަކުން ނުވަތަ އެޙަދީޘަކަށް ބާރުދޭނެ ޙަދީޘެއް ރިވާވެފައިވާ ޙަދީޘެވެ. އެބަހީ، ޙަސަން ލިޣައިރިހީ ޙަދީޘެވެ. އަލްބަޤާޢީ، ޝެއިޚް އަލްބާނީ ފަދަ ބޭކަލުން ވިދާޅުވާގޮތުގައި މިލަފްޠުގެ މުރާދަކީ އެންމެ ސަނަދަކުން މެނުވީ ރިވާވެފައިނުވާ ޙަސަން ލިޛާތިހީ ޙަދީޘެވެ. (ނޯޓް: ޙަސަން ލިޛާތިހީ ޙަދީޘަކީ ޞަޙީހް އާއި ޟަޢީފު ދެމެދުގެ ޙަދީޘެވެ. ހަސަން ލިޣައިރިހީ ޙަދީޘަކީ ޟަޢީފް ޙަދީޘެއް، އެހެންނަމަވެސް އެކި ސަނަދުތަކުން ރިވާވެފައިވާ ޙަދީޘެވެ. ނަމަވެސް މީގެ ޝަރުޠަކީ އެޙަދީޘް ޟަޢީފްވީ، ސަނަދުގައި ފާސިޤުކަމެއްގެ ސަބަބުން ނުވަތަ ދޮގުވެރިކަމުގެ ސަބަބުން ޟައީފް ރާވީއެއް ހިމެނިފައިވުން ކަމުގައި ނުވުމެވެ.)
8. “حَدِيْثٌ حَسَنٌ صَحِيحٌ”: އިމާމް ތިރުމިޛީ މިލަފްޡުގެންނަވާފައިވަނީ ކޮން މުރާދެއްގައިތޯ މިއީ ޢިލްމުވެރިން ޚިޔާލުތަފާތުވެފައިވާ ކަމެކެވެ. މިގޮތުން އިބްނު ރަޖަބު ރަޙިމަހުﷲ (އ. 795ހ.) “ޝަރަޙް ޢިލަލުއް ތިރުމިޛީ” ގައި ވިދާޅުވެފައިވާގޮތުން، އިމާމް ތިރުމިޛީ މިލަފްޡު ގިނައިން ގެންނަވާފައިވާ ޙަދީޘްތަކަކީ އިމާމް ބުޚާރީއާއި މުސްލިމް އިއްތިފާޤުވެފައިވާ، އަދި އެންމެ މަތީދަރަޖައިގެ ރާވީން ހިމެނޭ ޙަދީޘްތަކެވެ.
9. “حَدِيْثٌ حَسَنٌ صَحِيحٌ غَرِيبٌ”: އިބްނު ރަޖަބު ރަޙިމަހުﷲ (އ. 795ހ.) “ޝަރަޙް ޢިލަލުއް ތިރުމިޛީ” ގައި ވިދާޅުވެފައިވާގޮތުން، އިމާމް ބުޚާރީއާއި މުސްލިމް އިއްތިފާޤުވެފައިވާ، އަދި އެންމެ މަތީދަރަޖައިގެ ރާވީން ހިމެނޭ، އަދި ސަނަދުގެ ކޮންމެވެސް އެއްބައެއްގައި އެންމެ ރާވީއެއް ހިމެނިފައިވާ ޙަދީޘްތަކަށެވެ. މިގޮތުން “إِنَّمَا الأَعْمَالُ بِالنِيَّات” މިޙަދީޘެވެ. މިޙަދީޘް ޢުމަރުގެފާނާ ހަމައިން ޔަޙްޔާ ބުން ސަޢީދުލް އަންޞާރީއާ ހަމައަށް ރިވާވެފައިވަނީ އެއްރާވީ، އެއްރާވީގެ ކިބައިންނެވެ. ޔަޙްޔާ ބުން ޞަޢީދުލް އަންޞާރީގެ އަރިހުން ވަރަށް ގިނަ ބޭކަލުން މިޙަދީޘް ރިވާކުރެއްވިއެވެ.
ޖާމިޢުއް ތިރުމިޛީގެ ބައެއް ޝަރަޙަތައް:
1. ޢާރިޟަތުލް އަޙްވަޛީ: އަބޫބަކުރު ބުނުލް ޢަރަބީ އަލްމާލިކީ (އ. 543ހ.).
2. ޝަރަޙަ އައްތިރުމިޛީ: އިބްނު ރަޖަބް އަލްހަންބަލީ (އ. 795ހ.).
3. ތުޙުފަތުލް އަޙްވަޛީ: ޢަބްދުއްރަޙްމާން އަލްމުބާރަކްޕޫރީ (އ. 1352ހ.).
__________________________________________
މަރުޖިޢުތައް:
1. މުޞްޠަލަޙުލް ޙަދީޘް: މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން.
2. އަޢްލާމުލް މުޙައްދިޘީން ވަ މައާޘިރުހުމުލް ޢިލްމިއްޔާ: ތަޤިއްޔުއްދީނުއް ނަދްވީ.
3. ތަދްވީނުއް ސުންނާ: މުޙައްމަދު މަޠަރުއް ޒަހްރާނީ.
4. އަޅުގަނޑަށް ޖާމިޢުއް ތިރުމިޛީ ކިޔަވައި ދެއްވި އުސްތާޛު އައިމަނުއް ރުޙައިލީގެ މުޛައްކިރާއިން ވަރަށް ގިނަ މަޢުލޫމާތު މިލިޔުމުގައި ހިމަނާފައިވާނެއެވެ.
__________________________________________