[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޒަކާތާބެހޭ ފިޤްހު (16): ރަނާއި ރިހީގެ ޒަކާތް

ރަނާއި ރިހިން ޒަކާތް ދިނުން

ފެށުން

النَّقْدَانِ އަކީ (ޢަރަބިބަހުގައި) نَقْدٌ މި ލަފްޒު ދޭއްޗަށް ބޭނުންކުރާ ގޮތެވެ. މާނައަކީ؛ ދެވޭ އެއްޗެވެ. النَّقْدُ އަކީ ދިނުމެވެ. النَّقْدَانِ ގެ މުރާދަކީ ރަނާއި ރިއްސެވެ. އެހެނީ، އެ ދެ އެއްޗަކީ ގަނެވިއްކާއިރު ދެވޭ ދެ އެއްޗެވެ.(1)

ރަނާއި ރިއްސަކީ: އަގުބޮޑު ދެ މަޢުދަނެވެ. އެހެން މަޢުދަންތަކުން ނުލިބޭ މަންފާތައް މި ދެ މަޢުދަނުގައި މާތް ﷲ ވަނީ ލައްވާފައެވެ. މި ދެ މަޢުދަން ލިބުން ފަސޭހަނުވުމާއި، އަދި މަންފާ ބޮޑުކަމުން، ގަނެވިއްކުމުގައި ދެވޭ އެއްޗެއްގެ ގޮތުގައާއި، އެހެންތަކެތީގެ އަގުގެ ގޮތުގައި އެތައް ޒަމާންތަކެއް ކުރިން ފެށިގެން މި ދެ މަޢުދަން ވަނީ ބޭނުންކުރަން ފަށާފައެވެ. އަދި އެހެން މަޢުދަންތަކާޚިލާފަށް، މި ދެ މަޢުދަނަކީ އަތްކަންކުރުމުގައާއި ފަންނުވެރިކަން ދެއްކުމަށްޓަކައި ޚާއްޞަ ދެ މަޢުދަނެކެވެ. އަދި އެއް މަޢުދަން އަނެއް މަޢުދަނާ އެއްކުރުމަށާއި، ވަކިކުރުމަށް ފަސޭހަ، ރީތިކަމަށް ބަދަލެއްނައިސް ބޭނުން ބައްޓަމަކަށް ބަދަލުކޮށްލެވޭ، އަދި އެ ދެ މަޢުދަން އެކުލެވޭ ތަކެތީގެ ޢަލާމާތްތަކަކީ މީސްތަކުންގެ މެދުގައި މަޤްބޫލުވެގެންވާ ދެ މަޢުދަނެކެވެ. އަދި އެ ދެ މަޢުދަނުގެ ޞިފަތައް ރައްކާތެރިކަމާއެކު ސާބިތުވެހުންނާތީވެ، އެއީ މަކަރުހެދުމާއި، އޮޅުވާލުމުން ސަލާމަތްކޮށްދޭ ދޭއްޗެވެ. މި ސަބަބުތަކާހުރެ، އެ ދޭތި ހޯދުމަށް މީސްތަކުން އަވަސްވެގަނެއެވެ. އަދި ޒީނަތުގެގޮތުގައާއި، ގަހަނާގެގޮތުގައާއި، ގޭގޭ ޒީނަތްތެރިކުރުމަށާއި، ތަފާތު އެކި ގިނަގުނަ ބޭނުންތަކަށް ބޭނުންކުރެއެވެ.(2)

ރަނާއި ރިހިން ޒަކާތްނެރުމުގެ ޙުކުމް

ރަނާއި ރިހީގައި ނިޞާބުހަމަވެ، ޙައުލު ފުރިހަމަވެއްޖެނަމަ ޒަކާތްނެރުން ވާޖިބުވާނެއެވެ.

ދަލީލުތައް؛

ފުރަތަމައީ؛ ޤުރްއާނުން

(1) ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلَا يُنفِقُونَهَا فِي سَبِيلِ اللَّـهِ فَبَشِّرْ‌هُم بِعَذَابٍ أَلِيمٍ * يَوْمَ يُحْمَىٰ عَلَيْهَا فِي نَارِ‌ جَهَنَّمَ فَتُكْوَىٰ بِهَا جِبَاهُهُمْ وَجُنُوبُهُمْ وَظُهُورُ‌هُمْ هَـٰذَا مَا كَنَزْتُمْ لِأَنفُسِكُمْ فَذُوقُوا مَا كُنتُمْ تَكْنِزُونَ)) (التوبة: 34-35) މާނައީ: “އަދި ރަނާއި ރިހި ޚަޒާނާކޮށް، ﷲގެ މަގުގައި އެތަކެތި ހޭދަނުކޮށް ތިބޭ މީހުން (ދަންނާށެވެ!) ފަހެ، ވޭންދެނިވި ޢަޛާބު ހުރިކަމުގެ ޚަބަރު، އެބައިމީހުންނަށް ކަލޭގެފާނު ދެއްވާށެވެ! (އެގޮތުގެމަތިން) އެބައިމީހުން، އެއްކޮށް ޚަޒާނާކުޅަ، ރަންރިހި، އެދުވަހުން ނަރަކައިގެ އަލިފާނުން ދޮންކުރައްވައި، އެތަކެތިން، އެބައިމީހުންގެ ނިތްކުރިތަކުގައްޔާއި، އަރިކަށިތަކުގައްޔާއި، ބުރިކަށިތަކުގައި ޖެއްސެވޭނެއެވެ. (އަދި އަންގަވާނެތެވެ.) މިހިރީ، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށްޓަކައި، ތިޔަބައިމީހުން އެއްކޮށް ޚަޒާނާކުޅަ ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން ޚަޒާނާކޮށް އުޅުނު ތަކެތީގެ ރަހަ ދެކޭށެވެ!”

(2) ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُ‌هُمْ وَتُزَكِّيهِم بِهَا)) (التوبة: 103) މާނައީ: “އޭގެސަބަބުން ކަލޭގެފާނު އެބައިމީހުން ޠާހިރުކުރައްވާނޭ، އަދި އެބައިމީހުންގެ ހެޔޮކަން އިތުރުކޮށްދެއްވާނޭ ޞަދަޤާތެއް، އެބައިމީހުންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ!”

މި އާޔަތުން ދަލީލުނެގޭ ގޮތް:

މި އާޔަތުގައި މިވަނީ ޢާއްމުގޮތެއްގައި މުދާތަކުން ޒަކާތްނެރުން ވާޖިބުކުރައްވާފައެވެ. ރަނާއިރިއްސަކީ މުދާތަކުގެ ތެރޭގައި ހިމެނޭ މުދަލެކެވެ.(3)

ދެވަނައީ؛ ސުންނަތުން

(1) އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((مَا مِنْ صَاحِبِ ذَهَبٍ وَلاَ فِضَّةٍ لاَ يُؤَدِّي مِنْهَا حَقَّهَا إِلاَّ إِذَا كَانَ يَوْمُ الْقِيَامَةِ صُفِّحَتْ لَهُ صَفَائِحَ مِنْ نَارٍ فَأُحْمِيَ عَلَيْهَا فِى نَارِ جَهَنَّمَ فَيُكْوَى بِهَا جَنْبُهُ وَجَبِينُهُ وَظَهْرُهُ، كُلَّمَا بَرَدَتْ أُعِيدَتْ لَهُ فِى يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ حَتَّى يُقْضَى بَيْنَ الْعِبَادِ فَيُرَى سَبِيلُهُ إِمَّا إِلَى الْجَنَّةِ وَإِمَّا إِلَى النَّارِ…الحديث))(4) މާނައީ: “ރަނާއި ރިހި (މުދަލުގެ ގޮތުގައި ލިބިގެންވާ) މީހަކު، އެ ތަކެތީގެ ޙައްޤު (އެބަހީ؛ ޒަކާތް) ނުދީފިކަމުގައި ވާނަމަ، ޤިޔާމަތްދުވަހު، އެމީހަކަށް އެ މުދާތައް އަލިފާނުންވާ (ދަގަނޑު) ފޮތިތަކެއްފަދައިން ހަދާލެވެއެވެ. ފަހެ، އެތަކެތި ނަރަކައިގެ އަލިފާނުން ދޮންކުރެވި، އެތަކެތިން، އެމީހާގެ ނިތްކުރީގައްޔާއި، އަރިކަށީގައްޔާއި، ބުރިކަށީގައި، ޖައްސަވަމުން ގެންދަވާނެތެވެ. އެ ފޮތިތައް ހިހޫވާ ކޮންމެފަހަރަކު އަނެއްކާވެސް ދޮންކުރެވެއެވެ. ކޮންމެ ދުވަހެއްގެ ދިގުމިން ފަންސާސްހާސް އަހަރުވާ (ޤިޔާމަތް) ދުވަހުގައި، މީސްތަކުންނާމެދު ޙުކުމް ކުރެވިއްޖެއުމަށް ދާންދެން، އެމީހަކަށް މި ޢުޤޫބާތް ދެއްވާނެތެވެ. ފަހެ، އޭގެފަހުގައި، އެމީހާއަކަށް ސުވަރުގޭގެ މަގަށް، ނޫނީ ނަރަކައިގެ މަގަށް މަގުދެއްކެވޭނެއެވެ. …”

މުސްލިމުންގެ މައްޗަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ފަރުޟުކުރައްވާފައިވާ ޞަދަޤާތުގެ ވާހަކަ ބަޔާންވެގެންވާ އަނަސްގެފާނުގެ ޙަދީޘްވެއެވެ. އެއީ އެ ޞަދަޤާތެއް ނެންގެވުމަށް މާތް ﷲ ރަސޫލާއަށް އެންގެވި ޞަދަޤާތެވެ. އަނަސްގެފާނު ބަޙްރައިނަށް ފޮނުއްވަމުން، އަބޫބަކުރުގެފާނު ލިޔުއްވައިދެއްވި ފަތުގައިވާގޮތުގެ މަތިންނެވެ. ((وَفِي الرِّقَّةِ: رُبْعُ العُشْرِ، فَإِنْ لَمْ تَكُنْ إِلَّا تِسْعِينَ وَمِائَةً، فَلَيْسَ فِيهَا شَيْءٌ إِلَّا أَنْ يَشَاءَ رَبُّهَا))([5]) މާނައީ: “އަދި ރިހިން (200 ދިރުހަމް ހަމަވެއްޖެނަމަ) ދިހަބައިކުޅަ އެއްބައެވެ. ސަތޭކަ ނުވަދިހަ އޮވެއްޖެނަމަ (އެބަހީ؛ 200 ދިރުހަމް ހަމަނުވާނަމަ)، ޒަކާތްދިނުމެއް ނުވެއެވެ. އެއިގެ ވެރިފަރާތުން (ސަވާބަށްއެދި ދޭ ޞަދަޤާތެއް) މެނުވީއެވެ.”

(2) އަބޫ ސަޢީދުލްޚުދްރީ رَضِيَ اللهُ عنه ވިދާޅުވިއެވެ. ނަބިއްޔާ صلَّى الله عليه وسلَّم ޙަދީޘް ކުރެއްވިއެވެ. ((لَيْسَ فِيمَا دُونَ خَمْسِ أَوَاقٍ صَدَقَةٌ))(6) މާނައީ: “ފަސް އޫޤިއްޔާ (އެބަހީ؛ 200 ދިރުހަމް) ހަމަނުވާ (ރިހިން) ޒަކާތްދިނުމެއް ނުވެއެވެ.”

ޙަދީޘުން ދަލީލުނެގޭ ގޮތް:

ޙަދީޘުން ދޭހަކޮށްދެނީ ފަސް އޫޤިއްޔާ (އެބަހީ؛ 200 ދިރުހަމް) ހަމަވެއްޖެނަމަ ޒަކާތްދޭންޖެހޭނެކަމެވެ.(7)

ތިންވަނައީ؛ އިޖްމާޢުން

އަބޫ ޢުބައިދު އަލްޤަސިމް ބުނުއް ސައްލާމާއި،(8) އިބްނު ޙަޒްމާއި،(9) އިބްނު ޤުދާމާއާއި،(10) އަންނަވަވީ(11) ވަނީ ރަނާއި ރިހިން ޒަކާތް ވާޖިބުވެގެންވާކަމަށް އިޖްމާޢު ނަޤުލުކުރައްވާފައެވެ.

ރަނާއި ރިހިން ޒަކާތް ޝަރުޢުކުރެއްވުމުގެ ޙިކުމަތް

ނަގުދުތަކުގެ މުހިއްމުކަމަކީ އަބަދުވެސް އެތަކެތި އެއްތަނުން އަނެއްތަނަށް ބަދަލުވެ، އެތަކެތި ރޯލުކުރުމެވެ. އޭގެ ސަބަބުން އެތަކެތި ރޯލުކުރުވުމުން ކޮންމެ ބަޔަކަށް މަންފާކުރާނެއެވެ. މިއާޚިލާފަށް، ރޯލުނުކޮށް ޖަމާކޮށްފައި ބެހެއްޓުމާއި، ރޯލުކުރުން ހުއްޓުވުމަކީ އެތަކެތީގެ އަގުވެއްޓި، އެތަކެތީގެ މަންފާ ޙާޞިލުކުރަން ދަންނަ މީހުންނަށް އެތަކެތި ނުލިބުން ޢާއްމުވާނެކަމެކެވެ. އަދި ބާޒާރުތައް ހުއްޓި، ޢާއްމުގޮތެއްގައި އިޤްތިޞާދީ ދުވެލި މަޑުޖެހޭނެކަމެކެވެ. ނަގުދު މުދަލުން ނިޞާބުހަމަވެ، އަހަރު ފުރިހަމަވެއްޖެނަމަ އެތަކެތިން ޒަކާތްނެރުން ވަނީ ފަރުޟުކުރައްވާފައެވެ. އެއީ؛ އެތަކެތީގެ ވެރިޔާ އެތަކެތި އިސްތިސްމާރުކުރިޔަސް، އަދި އިސްތިސްމާރު ނުކުރިޔަސްމެއެވެ.(12)

______________________________________

(1) ((الشرح الممتع)) لابن عُثيمين (6/92)، وفي ((المعجم الوسيط)) (ن ق د): (النقد:… العُملةُ مِنَ الذَّهَب أو الفضَّة وغيرِهما ممَّا يُتعامَلُ به).

(2) ((قضايا الزَّكاة المعاصرة – الندوة السادسة)) (ص211، 312)، ((فقه الزَّكاة)) للقرضاوي (1/238).

(3) ((الشرح الممتع)) لابن عثمين (6/93).

(4]) رواه مسلم (987).

(5) رواه البخاري (1454).

(6) رواه البخاري (1405)، ومسلم (979).

(7) يُنظر: ((إحكام الأحكام)) لابن دقيق العيد (ص: 257).

(8) އަބޫ ޢުބައިދު ވިދާޅުވެފައިވެއެވެ. “ދިރުހަމެކޭ އެއްފަދައިން ދީނާރުންވެސް ޒަކާތް ވާޖިބުވެގެންވާކަމަށް މުސްލިމުން އިޖްމާޢުވެފައިވެއެވެ.” ((الأموال)) (ص: 542). އަދިވެސް ވިދާޅުވެފައިވެއެވެ. “ފަހެ، މިކަމުގައި މުސްލިމުންގެ މެދުގައި ޚިލާފެއްނެތެވެ. އަހަރުގެ ކުރީކޮޅުގައި، ޒަކާތްވާޖިބުވާފަދަ މުދަލެއް މީހަކަށް މިލްކުވެއްޖެކަމުގައިވެއްޖެނަމައެވެ. އެފަދަ މުދަލަކީ؛ ދުއިސައްތަ ދިރުހަމް ނުވަތަ ވހި ދީނާރެވެ. ނުވަތަ ޖަމަލުގެ ތެރެއިން ފަސް ޖަމަލެވެ. ނުވަތަ ގެރީގެ ތެރެއިން ތިރީސް ގެރިއެވެ. ނުވަތަ ބަކަރީގެ ތެރެއިން ސާޅީސް ބަކަރިއެވެ. ފަހެ، މީގެ ތެރެއިން ކޮންމެވެސް އެއް ވައްތަރެއްގެ މުދަލެއް ޙައުލުގެ ކުރީކޮޅުން ފެށިގެން ޙައުލު ނިމެންދެން މިލްކުވެފައި އޮވެއްޖެނަމަ، ފަހެ، އެންމެހާ މީސްތަކުންގެ ބަހަކީ؛ އެ މުދަލަކަށް ޒަކާތް ވާޖިބުވާނެއެވެ.” ((الأموال)) (ص:501).

(9) އިބްނު ޙަޒްމު ވިދާޅުވިއެވެ. “މައްކާގެ ވަޒަނުން ޚާލިޞް ރިހީގައި ދުއިސައްތަ ދިރުހަމް ހަމަވެ، މިނިވަން، ބާލިޣުވެފައިވާ، ބުއްދި ސަލާމަތުންހުރި، މުސްލިމަކަށް އެ މުދާ މިލްކުވެ، ހަނދު އަހަރުން ފުރިހަމަ އަހަރެއްހަމަވެއްޖެނަމަ، އެމީހަކީ ފިރިހެނަކަށްވިޔަސް ނުވަތަ އަންހެނަކަށްވިޔަސް، ބިކުރުވެރިމީހެއްކަމުގައިވިޔަސް، ނުވަތަ ކައިވެނިކޮށްގެންހުރި މީހެއްކަމުގައިވިޔަސް، ނުވަތަ ވަރިވެފައިވާމީހެއްކަމުގައިވިޔަސް، އެމީހެއްގެ މިލްކުން އެ ދިރުހަމުތައް ނުވަތަ އެއިގެ ބައެއް އެހެންމީހެއްގެ މިލްކަކަށް ބަދަލުނުކޮށް ހުރެއްޖެނަމަ، ބަޔާންވެދިޔަ ބަރުދަނުން ފަސް ދިރުހަމްގެ ޒަކާތް ވާޖިބުވާނެކަމަށް ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވައެވެ. އެއީ އަންހެނަކު، އެކަނބުލޭގެ ގަހަނާއަށް އަޅާ އެއްޗެއް، ނުވަތަ ކަނޑީގެ ޒީނަތަކަށް، ނުވަތަ ހަލާކުވެފައިވާ ތަންތަން ބެއްދުމަށް، ނުވަތަ މުޞްހަފަކަށް، ނުވަތަ އަނގޮޓިއަކަށް ބޭނުންކުރާ ރިއްސެއް މެނުވީއެވެ.” ((مراتب الإجماع)) (ص: 34، 35).

(10) އިބްނު ޤުދާމާ ވިދާޅުވެފައިވެއެވެ. “ރަނާއި ރިހީގެ ޒަކާތަކީ ވާޖިބެއްކަމަށް ޤުރްއާނުންނާއި، ސުންނަތުންނާއި، އިޖްމާޢުން އައިސްފައިވެއެވެ.” ((المغني)) (3/35).

(11) އަންނަވަވީ ވިދާޅުވެފައިވެއެވެ. “ރަނާއި ރިހީގެ ޒަކާތް ވާޖިބުކަމަށް އިޖްމާޢުވެފައިވެއެވެ. މި މަސްއަލާގެ ދަލީލު އައިސްފައި ވަނީ ނައްޞުތަކުގައްޔާއި އިޖްމާޢުންނެވެ.” ((المجموع)) (6/6).

(12) ((فقه الزَّكاة)) للقرضاوي (1/242).