[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަމަޟާންމަހަށްފަހުގައްޔާއި ޗުއްޓީތެރޭ ހެޔޮމަގުގައި ސާބިތުވުމާގުޅޭ 20 ފައިދާ (1)

މި ފޮތަކީ މުޙައްމަދު ބުން ޞާލިޙުލް މުނައްޖިދު حفظه الله ލިޔުއްވާފައިވާ “20 فائدة في الاستقامة بعد رمضان والإجازة الصيفية” މި ފޮތުގެ ދިވެހި ތަރުޖަމާއެކެވެ.

بِسْمِ اللهِ الرَّحْمَنِ الرَّحِيْمِ

الحمد لله، والصلاة والسلام على رسول الله، أما بعد:

ފަހެ، މިއީ ރަމަޟާންމަހަށްފަހު ހެޔޮޢަމަލު ކުރުންމަތީ ސާބިތުވެހުރުމާއި ޗުއްޓީގެދުވަސްތައް ހެޔޮގޮތުގައި ހޭދަކުރުމާގުޅޭ ފައިދާތަކުގެ ޚުލާޞާއެކެވެ. އަޅުގަނޑު ﷲގެ ޙަޟްރަތުގައި އެދި ދަންނަވަނީ މި މަޢުލޫމާތުތަކާއި މި ސިލްސިލާގެ މަޢުލޫމާތުތަކުގެ މަންފާ ކިޔުންތެރިންނަށް ކޮށްދެއްވުމެވެ. އަދި މި ފޮތް ތައްޔާރުކުރުމާއި ފެތުރުމުގައި ބައިވެރިވެ، އަދި އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށް ހެޔޮ ޖަޒާދެއްވުމެވެ!

(1) ރަމަޟާންމަހުގައި ﷲ ތަޢާލާއަށް ކިޔަމަންގަތުމުގެ ތައުފީޤު ދެއްވައި، އެ މައްސަރުގެ ރޭތަކާއި ދުވާލުގެ ވަގުތުތަކުގެ ބޭނުން ﷲ ތަޢާލާއާ ކުއްތަންވުމުގައި ހޭދަކޮށްފައިވާމީހާގެ މައްޗަށް އޮތީ ރަމަޟާންމަހަށްފަހުވެސް ހެޔޮޢަމަލު ކުރުންމަތީ ސާބިތުވެ ހުރުމެވެ. އެއީ؛ ސީދާވެގެންވާ ތެދުމަގުގައި އެމީހަކު ހިނގަމުންދާއިރު ﷲ އަންގަވާފައިވާ ކަންކަމުގައި ގަދައަށް ހިފެހެއްޓުމަށްޓަކައެވެ. އަދި އެމަގުން އެއްކިބާވެ ދިޔަ ނުދިނުމަށްޓަކައެވެ.

(2) މީހަކަށް ލިބޭނެ އެންމެބޮޑު ދެއްވުމަކީ ހެޔޮކަންކުރުންމަތީ ޤާއިމުވެ، ސާބިތުވެހުރުމެވެ. މިއީ؛ ﷲ ތަޢާލާ އަޅަކަށް ދެއްވާނެ އެންމެބޮޑު ނިޢުމަތްތަކުގެ ތެރޭގައި ހިމެނޭ ނިޢުމަތެކެވެ.

މި ސަބަބާހުރެ؛ އިސްލާމްދީނުގެ އެންމެހާ ކަމަކަށް ޝާމިލު، ފުދިގެންވާ، އެބަސްކޮޅަށްފަހު އެހެންބަސްކޮޅަކަށް ބޭނުންނުވާނެފަދަ ބަސްކޮޅަކަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން ސުފްޔާން ބުން ޢަބްދުﷲ އައްޘަޤަފީ ރަޟިޔަﷲ ޢަންހު އެދިވަޑައިގަތެވެ. ސުފްޔާން ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ! އިސްލާމްދީނާމެދު ކަލޭގެފާނަށްފަހު އިތުރުމީހެއްކުރެން އެފަދަ ބަހަކަށް ތިމަން ނޭދޭނެވަރުގެ ބަސްފުޅެއް ތިމަންނައަށް ޙަދީޘްކޮށްދެއްވަ ބައްލަވާށެވެ!” އެކަލޭގެފާނު ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((قُلْ: آمَنْتُ بِاللهِ، فَاسْتَقِمْ))([1]) މާނައީ: “ތިމަން ﷲއަށް އީމާންވެއްޖައީމުއޭ ބުނާށެވެ! ދެން އެ ބަހުގެ މަތީގައި ސާބިތުވާށެވެ!”

އަދި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿فَاسْتَقِمْ كَمَا أُمِرْتَ وَمَن تَابَ مَعَكَ وَلَا تَطْغَوْا إِنَّهُ بِمَا تَعْمَلُونَ بَصِيرٌ﴾ (هود: 112) މާނައީ: “ފަހެ، ކަލޭގެފާނަށް އަމުރުކުރައްވާފައިވާ ފަދައިން، ކަލޭގެފާނުންގެ އަރިހުގައި އީމާންވެ، ތައުބާވެގެން ތިބިމީހުންނާއެކު، ކަލޭގެފާނު ސާބިތުވެވަޑައިގަންނަވާށެވެ! އަދި ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.”

އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿إِنَّ الَّذِينَ قَالُوا رَبُّنَا اللَّـهُ ثُمَّ اسْتَقَامُوا تَتَنَزَّلُ عَلَيْهِمُ الْمَلَائِكَةُ أَلَّا تَخَافُوا وَلَا تَحْزَنُوا﴾ (فصّلت: 30) މާނައީ: “ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއީ ﷲ އޭ ބުނެ، ދެން ސީދާމަގުގައި ދެމިތިބިމީހުން (ދަންނާށެވެ!) އެބައިމީހުންގެ މައްޗަށް މަލާއިކަތުން ފައިބައިވަޑައިގަންނަވާނެތެވެ. ވިދާޅުވަމުންނެވެ. ތިޔަބައިމީހުން ބިރުނުގަންނާށެވެ! އަދި ހިތާމަނުކުރާށެވެ!”

ޢުމަރު ރަޟިޔަﷲ ޢަންހު މިންބަރުކޮޅުމަތީ މި އާޔަތް ކިޔަވާވިދާޅުވިއެވެ. ދެން ވިދާޅުވިއެވެ. “ތިޔަބައިމީހުން ﷲއަށް ކިޔަމަންގަތުމުގައި ސާބިތުވާށެވެ! އަދި މަކަރުވެރިކަމާއެކު ހިޔަޅު އެކިދިމަދިމާލަށް ދާ ފަދައިން ތިޔަބައިމީހުން (އެކަލާނގެއަށް ކިޔަމަންގަތުމުން އެއްކިބާވެ) ފަރާތް ފަރާތަށް ނުދާށެވެ!”([2])

އަދި (މިއާޔަތުގެ ތަފްސީރުގައި) އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. “އެކަލާނގެ ފަރުޟުކުރައްވާފައިވާ ފަރުޟުތައް އަދާކުރުމުގައި ތިޔަބައިމީހުން ސާބިތުވެތިބޭށެވެ!”

އަދި ޤަތާދާ ރަޙިމަހުﷲ ވިދާޅުވިއެވެ. “ﷲއަށް ކިޔަމަންގަތުމުގައި ތިޔަބައިމީހުން ސާބިތުވެތިބޭށެވެ!”

އަލްޙަސަން (އަލްބަޞަރީ) ރަޙިމަހުﷲ މި އާޔަތް ކިޔަވާވިދާޅުވެއްޖެނަމަ ވިދާޅުވެއެވެ. “ޔާ ﷲ! ފަހެ، އިބައިލާހަކީ އަޅަމެންގެ ރައްބުވަންތަ ފަރާތެވެ. ފަހެ، އަޅަމެންނަށް ސާބިތުކަން ދެއްވާނދޭވެ!”

މި އާޔަތުން ޙާޞިލުކުރަންޖެހޭ މަޤްޞަދަކީ: ﷲ ތަޢާލާގެ އަމުރުފުޅުގައާއި އެކަލާނގެއަށް ކިޔަމަންގަތުމުގައި ސާބިތުވެހުރުމެވެ. އަދި ސީދާވެގެންވާ ތެދުމަގުގައިވާމީހުންގެ ސުލޫކުގައި ހިފެހެއްޓުމެވެ. އެމަގު ފަހަނައަޅައި ކަނާތްފަރާތަކަށް އަދި ވާތްފަރާތަކަށްވެސް ނުދިޔުމެވެ. އެތެރެއާއި ބޭރުފުށުގެ އެންމެހާ ކިޔަމަންތެރިކަމެއް ކުރުމާއި، ނަހީކުރައްވާފައިވާ އެންމެހާ ކަމެއް ދޫކޮށްލުން މީގެ ތެރޭގައި ޝާމިލުވާނެއެވެ.([3])

(3) މުސްލިމަކީ؛ އެމީހެއްގެ ގާތަށް މަރުއަތުވެއްޖައުމަށް ދާންދެން ﷲ ތަޢާލާއަށް ކިޔަމަންގަތުމުގައި ސާބިތުވެހުންނަ މީހެކެވެ. މުއުމިނަކު ކުރާ ހެޔޮޢަމަލުތަކަކީ އޭނާގެ ގާތަށް އަޖަލުއައިސްޖެހުމާ ހަމައަށް ކޮށްކޮށް ހުންނަ ޢަމަލުތަކެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿وَاعْبُدْ رَبَّكَ حَتَّىٰ يَأْتِيَكَ الْيَقِينُ﴾ (الحجر: 99) މާނައީ: “އަދި ކަލޭގެފާނުގެ އަރިހަށް ޔަޤީންވެގެންވާ ކަންތައް (އެބަހީ: މަރު) އަތުވެއްޖައުމަށް ދާނދެން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުރައްވާށެވެ!”

އަލްޙަސަނުލް ބަޞަރީ ރަޙިމަހުﷲ ވިދާޅުވިއެވެ. “ހަމަކަށަވަރުން މުއުމިނެއްގެ ޢަމަލުތަކުގެ އަޖަލެއް މާތް ﷲ ލައްވާފައެއްނުވެއެވެ. މަރު ފިޔަވައެވެ.” ދެން، މި އާޔަތް ކިޔަވާވިދާޅުވިއެވެ.([4])

އަދި ޢަބްދުއްރަޙްމާން ބުން މަހްދީ ވިދާޅުވިއެވެ. “ތިބާ މާދަމާ އަވަހާރަވާނެއޭ މިފަދައިން ޙައްމާދު ބުން ސަލަމާއަށް ދެންނެވުނުނަމަވެސް، ދެން އިތުރު ޢަމަލުތަކެއް ކުރުމުގެ ކުޅަދާނަކަމެއް ޙައްމާދަށް ލިބިގެން ނުވެއެވެ. (އެބަހީ؛ ޙައްމާދު ބުން ސަލަމާ އަބަދުވެސް ގިނަ ހެޔޮ ޢަމަލުތަކެއް ކުރެއްވުންމަތީގައި ސާބިތުވެ ހުންނަވާވަރުން، މާދަމާ އަވަހާރަވެދާނެކަމުގެ ޚަބަރުދެއްވުނުނަމަވެސް އިތުރު ހެޔޮޢަމަލުތަކެއް ނުކުރެއްވޭހާ ގިނައިން ހެޔޮޢަމަލުތައް އަބަދުވެސް ކުރައްވައެވެ.)”

އައްޛަހަބީ ވިދާޅުވެފައިވެއެވެ. “(ޙައްމާދު ބުން ސަލަމާގެ) އެންމެހާ ވަގުތުތަކެއް ފުރާލައްވާފައިވަނީ އަޅުކަންކުރެއްވުމުގައްޔާއި ޛިކުރުތައް ކުރެއްވުމުގައެވެ.”([5])

އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ކުރައްވާފައިވާ ދުޢާފުޅެއްގައިވެއެވެ. ((اللَّهُمَّ إِنِّي أَسْأَلُكَ الثَّبَاتَ فِي الْأَمْرِ، وَالْعَزِيمَةَ عَلَى الرُّشْدِ))([6]) މާނައީ: “ޔާ ﷲ! ހަމަކަށަވަރުން މިއަޅާއަށް ދީނުގައި ސާބިތުކަން ދެއްވުމަށާއި، ހެޔޮ ރަނގަޅު ކަންކަމުގައި ޢަޒުމުވަރުގަދަކޮށް ދެއްވުމަށް އެދި އިބައިލާހަށް ދަންނަވަމެވެ.”

އިބްނުލް ޤައްޔިމު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “މަތިވެރި ހިއްމަތަކާއި ޞައްޙަ ނިޔަތަކާގުޅުވާލައިފިކަމުގައިވާނަމަ؛ ﷲ ރުއްސަވާވޮޑިގެންވާ އެންމެ މަތީ ދަރަޖައަށް އެމީހަކު ފޯރާނެތެވެ.”([7])

(4) މުސްލިމަކީ އެއްއަޅުކަމުން އަނެއްއަޅުކަމަށް، އެއްކިޔަމަންގަތުމަކުން އަނެއްކިޔަމަންގަތުމަކަށް ބަދަލުވެބަދަލުވެ ހުންނަ މީހެކެވެ. އޭނާގެ މުޅި ޙަޔާތުގައި ހެޔޮކަންކަން ގިނަވެ އިތުރުވުމަށް އަބަދުވެސް އެދިއެދި ހުންނަ މީހެކެވެ. ހެޔޮކަމުގެ މޫސުމުންކުރެ މޫސުމެއް ނިމުނުކަމުގައިވީނަމަވެސް ކިޔަމަންގަތުމުގެ ގޮތުން ކުރާ ހެޔޮކަންކަމަކަށް ނިމުމެއްނާދެއެވެ. އެންމެފަހު ނޭވަޔާހަމައަށްވެސް އެކަންކަމުގައި ދެމިހުރެއެވެ. ފަހެ، ﷲ ތަޢާލާއަށް އަޅުގަނޑުމެން ކުރާ އަޅުކަންތަކަކީ ހަމައެކަނި ރަމަޟާންމަހަށް ޚާއްޞަ ކަންކަމެއް ނޫނެވެ. ފަހެ، ރަމަޟާންމަހެކޭ ޝައްވާލުމަހެކޭ އެހެން މަސްތަކެކޭ ގާތްގަނޑަކަށް އެއްފަދައެވެ. މުޅި އަހަރުތެރޭގައިވެސް އަޅުކަންކުރުމަކީ މުސްލިމަކަށް އަމުރުވެގެންވާ ކަމެކެވެ. އެއީ ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّـهِ رَبِّ الْعَالَمِينَ * لَا شَرِيكَ لَهُ وَبِذَٰلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ﴾ (الأنعام: 162-163) މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ނަމާދާއި، ތިމަންކަލޭގެފާނުގެ (އެހެނިހެން) އަޅުކަންތަކާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި، ތިމަންކަލޭގެފާނުގެ އަވަހާރަވުންވަނީ، ޢާލަމްތަކުގެ ވެރި ﷲ އަށެވެ. އެކަލާނގެއަށް އެއްވެސް ޝަރީކަކު ނުވެއެވެ. އަދި ތިމަންކަލޭގެފާނަށް އަމުރު ކުރައްވާފައިވަނީ އެގޮތަށެވެ. އަދި ތިމަންކަލޭގެފާނީ (މި އުއްމަތުގެ) މުސްލިމުންކުރެ، އެންމެ ފުރަތަމަ މީހާއެވެ.”

އަޅަކަށް، ހަމައެކަނި ރަމަޟާންމަހުގައި އޭނާގެ ވެރިރަސްކަލާނގެއެއްވާކަން އެނގޭ އަޅަކީ ހާދަހާވާ އަބާއްޖަވެރި އަޅެކެވެ!

ނުކިޔަމަންތެރިކަމުގެ ޢަލާމާތްތަކުގެ ތެރޭގައި: ކިޔަމަންތެރިކަމުގެ މޫސުމް ނިމުމާއެކު ކުރިންކުރަމުންއައި ނުބައިޢަމަލުތަކަށް އެނބުރި އިޢާދަވުން ހިމެނެއެވެ. ނުކިޔަމަންތެރިކަމުން ރައްކާތެރިކޮށްދެއްވުމަށް އެދި އަޅަމެން ﷲއަށް ދަންނަވަމެވެ!

(5) ޢަހުދުތައް ވުމަށްފަހުގައި އެ ޢަހުދުތައް އުވާލުމާއި، ކިޔަމަންތެރިވުމުގައި އުޅުމަށްފަހު އެ ކިޔަމަންތެރިކަން ދޫކޮށްލުމާއި، ޞާލިޙު ހެޔޮޢަމަލުތައް ނެތިކޮށް ހަލާކުކޮށްލަނިވި ނުބައި ޢަމަލުތަކުން އެ ޞާލިޙުޢަމަލުތައް ފަސާދަކޮށްލުމުގެ މިސާލެއް ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގައި ގެންނަވާފައެވެ. އަދި އެކަލާނގެ ވަނީ މުއުމިނުތަކުން މިފަދަ ގޮތަކަށް ކަންތައްކުރުމުން އެއްކިބާވުމަށް އަންގަވާފައެވެ. ހުސްޠާހިރުވަންތަ ކަލާނގެ ވަޙީކުރައްވާފައިވެއެވެ. ﴿وَلَا تَكُونُوا كَالَّتِي نَقَضَتْ غَزْلَهَا مِن بَعْدِ قُوَّةٍ أَنكَاثًا﴾ (النحل: 92) މާނައީ: “އަދި އުއިގުޅައި، ރޮދިއަޅައި ހަރުކުރުމަށްފަހު، އެތިއެތިކޮޅަށް އެ ކޮށައި ހަލާކުކޮށްލި ކަނބުލޭގެ ފަދައިން، ތިޔަބައިމީހުން ނުވާށެވެ! (އެބަހީ: ޢަހުދުތަކުގެ ބާރު ލިބިގަތުމަށްފަހު، އެ ޢަހުދުތައް އުވައިލާ ބަޔަކު ކަމުގައި ތިޔަބައިމީހުން ނުވާށެވެ!)” އެބަހީ؛ އެ ކަނބުލޭގެ އުއިތައް ރަނގަޅަށް އެކަތި އަނެކައްޗާ ގުޅައި، ރޮދިއަޅައި ހަރުކުރުމަށްފަހު އަލުން އެ ރޫޅައި ހަލާކުކޮށްލައެވެ. މީގެ މުރާދަކީ؛ ޢަހުދުތަކާއި އެއްބަސްވުންތައް ރޫޅާލުމެވެ.

އަދި (މި އާޔަތާބެހޭގޮތުން) ބުނެވިފައިވެއެވެ. މި ކަނބުލޭގެއަކީ ދެއުޅިއެއްނުވާ، ބުއްދިހަމަނުޖެހޭ ޤުރައިޝުންގެ އަންހެނެކެވެ. އޭނައަށް ވަސްވާސް އަންނަކަމުގައިވެއެވެ. އަދި އެކަނބުލޭގެ ތަކެތި ވިޔުމުގެ މަސައްކަތްކުރެއެވެ. އަދި އުޔާއި، ކެހެރިއާއި، ރޮދި އޮޅައިހަދައެވެ. އަދި އޭނާ ގެންގުޅޭ ކުދިންނަށްވެސް އެކަންކުރުމަށް އަމުރުކުރެއެވެ. އެ އަންހެންމީހާއާއި އެ ކުދިން ހެނދުނުހެނދުނާ މަސައްކަތް ފަށައިގެން މެންދުރުވަންދެން އެ މަސައްކަތްކުރެތެވެ. އަދި ދުވާލުގެ ފަހުކޮޅަށް އަންނައިރު، އެ މަސައްކަތް ފުރިހަމަވެދާނެހެން ހީވާހާއިރުވާއިރަށް، އެ އަންހެންމީހާ އެތަކެތިތައް ރޫޅައި، ކުދިކުދިކޮށް ކުރިންހުރިގޮތަށް ހަދާލައެވެ. ދެން ޖެހިގެން އަންނަދުވަހު އަލުން މަސައްކަތްފަށައެވެ. މި އަންހެނާގެ ޢާދައަކީ އަދި އޭނާގެ މަސައްކަތަކީ މިއެވެ. ފަހެ، ﷲ ތަޢާލާ އެވަނީ ޢަހުދުތަކުގެ މަތީގައި ޤާއިމުވުމަށްފަހު، އެ ޢަހުދުތައް އުވާލާމީހުންގެ މިސާލު އެ އަންހެންމީހާގެ މިސާލުން މިސާލުޖައްސަވާފައެވެ. އެކަލާނގެ ވަނީ ޢަހުދުތަކަށް ވަފާތެރިވުމަށް އަމުރުކުރައްވާފައެވެ. އަދި އެކަލާނގެ މުއުމިނު އަޅުތަކުން އިންޒާރުކުރައްވާފައި އެވަނީ ޢަހުދުތަކުގެ މަތީގައި ޤާއިމުވުމަށްފަހު، އެ ޢަހުދުތައް އުވާލައިގެން އެފަދަ މިސާލުޖެހޭފަދަ ބައެއްގެގޮތުގައި ނުވުމަށެވެ. ކިޔަމަންތެރިވުމުގައި އުޅުމަށްފަހު އެ ކިޔަމަންތެރިކަން ދޫކޮށްނުލުމަށެވެ. މިފަދަ ޢަމަލުތަކަކީ ހެޔޮވިސްނޭ ބުއްދިވެރިން ކުރާނެކަމެއް ނޫނެވެ. އަދި މިފަދަ ޢަމަލެއް ކުރާމީހަކު ވާނީ އިންތިހާއަށް މީސްތަކުންގެ މަލާމާތް ލިބިގެންވާ މީހުންގެ ތެރެއިންނެވެ.([8])

(6) ކިޔަމަންތެރިވުމުގައި އުޅުމަށްފަހު އެ ކިޔަމަންތެރިކަން ދޫކޮށްލުމާމެދު ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ އިންޒާރުކުރައްވާފައެވެ. ޢަބްދުﷲ ބުން ޢަމްރު ރަޟިޔަﷲ ޢަންހުމާއަށް ޙަދީޘްކުރެއްވިއެވެ. ((يَا عَبْدَ اللَّهِ، لاَ تَكُنْ مِثْلَ فُلاَنٍ كَانَ يَقُومُ اللَّيْلَ، فَتَرَكَ قِيَامَ اللَّيْلِ))([9]) މާނައީ: “އޭ ޢަބްދުﷲ އެވެ! މިވެނި މީހަކު ފަދައިން ތިބާ ނުވާށެވެ! އޭނާ ރޭގަނޑު (ރޭއަޅުކަމަށް) ތެދުވާކަމުގައިވިއެވެ. ދެން ރޭއަޅުކަން ނުކޮށް ދޫކޮށްލިއެވެ.”

މި ޙަދީޘްގައިވާގޮތުން؛ “ހެޔޮކަމެއްކުރުންމަތީ ހުރެއްޖެނަމަ، ފަރުވާކުޑަކުރުމެއްނެތި އެ ހެޔޮކަމެއްގެ މަތީގައި ދާއިމުވެ ހުރުމަކީ އެދެވިގެންވާކަމެކެވެ.”([10])

އަދި މުސްލިމަކީ އަޅުކަމެއް ކުރުމަށްފަހު، އެ އަޅުކަމަކުން ރުޖޫޢަވެގަންނަ މީހެއް ނޫނެވެ. “އެހެނެއްކަމަކު، އޭނާގެ މައްޗަށް ވަނީ ކޮންމެ ދުވަހަކުވެސް ހެޔޮކަމުގެ ދަރަޖަތަކަށް ކުރިއަރައިގެން އައުމެވެ. އަދި އޭނާގެ ޢަމަލުތަކުގެ ނިމުން ހެޔޮގޮތުގައިލައްވަވާތޯ ﷲއަށް އުއްމީދުކުރުމެވެ.”([11])

ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އާދަފުޅާބެހޭގޮތުން ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. ((إِذَا عَمِلَ عَمَلًا أَثْبَتَهُ))([12]) މާނައީ: “އެކަލޭގެފާނު ޢަމަލެއްކުރައްވާކަމުގައިވާނަމަ (އެ ޢަމަލެއް ކުރެއްވުމުގައި) ސާބިތުވެވަޑައިގަންނަވައެވެ.”

އަދިވެސް އެކަލޭގެފާނު ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((إِنَّ أَحَبَّ الْأَعْمَالِ إِلَى اللهِ: مَا دُووِمَ عَلَيْهِ، وَإِنْ قَلَّ))([13]) މާނައީ: “އެކަލޭގެފާނު ޢަމަލެއްކުރައްވާކަމުގައިވާނަމަ (އެ ޢަމަލެއް ކުރެއްވުމުގައި) ސާބިތުވެވަޑައިގަންނަވައެވެ.”

އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ކުރައްވާފައިވާ ދުޢާފުޅެއްގައިވެއެވެ. ((اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْحَوْرِ بَعْدَ الْكَوْرِ))([14]) މާނައީ: “ޔާ ﷲ! ހަމަކަށަވަރުން ފުރިހަމަކަމަށްފަހު އުނިކަންދެއްވުމުން ސަލާމަތްކޮށްދެއްވުމަށް މިއަޅާ އެދެމެވެ.” އެބަހީ: ހެޔޮކަމެއްގައި ހުރެފައި ނުބައިކަމަކަށް ރުޖޫޢަވަމުން ސަލާމަތްކޮށްދެއްވުމަށް އެދެމެވެ. މިސާލަކަށް؛ އީމާންކަމުން ކުފުރަށް ރުޖޫޢަވުން، ނުވަތަ ކިޔަމަންތެރިކަމުގައި ހުރެފައި ފާފަވެރިވުމަށް ރުޖޫޢަވުން، ނުވަތަ (ހެޔޮކަންކަން) އިތުރުވުމަށްފަހު އުނިކަމަށް ރުޖޫޢަވުން، ނުވަތަ ކަންކަން ތަރައްޤީވުމަށްފަހު ދަށަށްވެއްޓިގެން ދިޔުންފަދަ ކަންކަމެވެ. އިންސާނާ ހެޔޮ ފާގަތިކަމުގައި ވުމަށްފަހު އެކަމުން ރުޖޫޢަވުމެވެ.([15])

(7) ހެޔޮކަމުގައި ސާބިތުވެވޭނެ އެންމެ މަތިވެރި ސަބަބަކީ: ﷲގެ ޙަޟްރަތުން ވާތްގަށް އެދުމެވެ. އެއީ؛ އަޅަކު ހެޔޮކަންކަމުގައި ދާއިމުކުރައްވާތޯއާއި ކިޔަމަންތެރިކަމުގައި ސާބިތުކަން ދެއްވާތޯ އޭނާގެ ވެރިރަސްކަލާނގެއަށް ދެންނެވުމެވެ. ކޮންމެ ނަމާދެއްގައި ފާތިޙާ ސޫރަތުގައި އަޅުގަނޑުމެން ދަންނަވާ ފަދައިންނެވެ. ﴿إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ * اهْدِنَا الصِّرَاطَ الْمُسْتَقِيمَ﴾ (الفاتحة: 5-6) މާނައީ: “އަޅަމެން އަޅުކަންކުރަނީ، އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ، އިބަރަސްކަލާނގެ ޙަޟްރަތުންނެވެ. އަޅަމެންނަށް، ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ!”

(8) ހެޔޮކަމުގައި ސާބިތުވުމަކީ ތިބާގެ އާރާއި ބާރަކުން ވާނެކަމެއް ނޫނެވެ. އެއީ ﷲ ތަޢާލާގެ ޙަޟްރަތުން ތިބާއަށް ދެއްވާ ބާރެކެވެ. އެއީ؛ މުއުމިނުންގެ ދުޢާގައިވާ ފަދައިންނެވެ. ﴿رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً إِنَّكَ أَنتَ الْوَهَّابُ﴾ (آل عمران: 8) މާނައީ: “އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ތެދުމަގު ދައްކަވައިފުމަށްފަހުގައި، އަޅަމެންގެ ހިތްތައް ޙައްޤުން އެއްކިބާ ނުކުރައްވާނދޭވެ! އަދި އަޅަމެންނަށް އިބަރަސްކަލާނގެ ޙަޟްރަތުން ރަޙްމަތެއް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގުނަ ނިޢުމަތްތައް ދެއްވާ ރަސްކަލާނގެއެވެ.”

އަދި ވާރިދުވެފައިވާ ދުޢާއެއްގައި ވެއެވެ. ((اللَّهُمَّ رَحْمَتَكَ أَرْجُو، فَلَا تَكِلْنِي إِلَى نَفْسِي طَرْفَةَ عَيْنٍ))([16]) މާނައީ: “ޔާ ﷲ! ހަމަކަށަވަރުން މިއަޅާ އުންމީދުކުރަނީ ހަމައެކަނި އިބަﷲގެ ރަޙްމަތަށެވެ. ފަހެ، އެސްފިޔައެއްޖަހައިލާ ހިނދުކޮޅަކަށްވެސް މިއަޅާއާ މިއަޅާގެ ނަފްސު ޙަވާލުނުކުރައްވާނދޭވެ!”

އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ މި ދުޢާފުޅުކުރެއްވުން ގިނަކުރައްވާކަމުގައިވެއެވެ. ((يَا مُقَلِّبَ القُلُوبِ، ثَبِّتْ قَلْبِي عَلَى دِينِكَ))([17]) މާނައީ: “އޭ ހިތްތައް ފުރޮޅުއްވާ ރަސްކަލާކޮ! މިއަޅާގެ ހިތް އިބައިލާހުގެ ދީން މަތީގައި ސާބިތުކޮށްދެއްވާނދޭވެ!”

(9) ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެކަލޭގެފާނުގެ އަޞްޙާބުންނަށް ވަޞިއްޔަތްކުރައްވަމުން ޙަދީޘްކުރެއްވިއެވެ. ((إِذَا كَنَزَ النَّاسُ الذَّهَبَ وَالْفِضَّةَ، فَاكْنِزُوا هَؤُلَاءِ الْكَلِمَاتِ: اللَّهُمَّ إِنِّي أَسْأَلُكَ الثَّبَاتَ فِي الْأَمْرِ، وَالْعَزِيمَةَ عَلَى الرُّشْدِ…))([18]) މާނައީ: “މީސްތަކުން ރަނާއި ރިހި ކަންޒުކުރަމުންދާއިރު ތިޔަބައިމީހުން މިކަލިމަތައް ކަންޒުކުރާށެވެ! ޔާ ﷲ! ހަމަކަށަވަރުން މިއަޅާއަށް ދީނުގައި ސާބިތުކަން ދެއްވުމަށާއި، ހެޔޮ ރަނގަޅު ކަންކަމުގައި ޢަޒުމުވަރުގަދަކޮށް ދެއްވުމަށް އެދި އިބައިލާހަށް ދަންނަވަމެވެ…”

އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ދީން ދައުރުވަނީ ދެ އަޞްލެއްގެ މައްޗަށެވެ. އެއީ؛ ޢަޒުމާއި ސާބިތުކަމެވެ… ފަހެ، އަޅަކަށް ޢަޒުމާއި ސާބިތުކަން ދެއްވިއްޖެކަމުގައިވާނަމަ، ފަހެ އެ އަޅަކަށް ވާގިވެރިކަމާއި ތައުފީޤު ދެއްވާހުއްޓެވެ.”([19])

(10) ސާބިތުވުމުގެ ސަބަބުތަކުގެ ތެރޭގައި: ގަދައަޅައި މަސައްކަތްކުރުމާއި، ތެދުވެރި ޢަޒުމެއްކުރުން ވެއެވެ. އެއީ؛ ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿وَالَّذِينَ جَاهَدُوا فِينَا لَنَهْدِيَنَّهُمْ سُبُلَنَا وَإِنَّ اللَّـهَ لَمَعَ الْمُحْسِنِينَ﴾ (العنكبوت: 69) މާނައީ: “އަދި ތިމަންރަސްކަލާނގެ މަގުގައި ގަދައަޅައި މަސައްކަތްކުރި މީހުން (ދަންނާށެވެ!) ހަމަކަށަވަރުން، އެބައިމީހުންނަށް ތިމަންރަސްކަލާނގެ މަގުތަކަށް މަގު ދައްކަވާހުށީމެވެ. އަދި ހަމަކަށަވަރުން، ﷲ ވޮޑިގެންވަނީ، އިޙްސާންތެރިންނާ އެކުގައިކަން ކަށަވަރެވެ.”

________________________________

([1]) رواه مسلم (38).

([2]) تفسير الطبري (20/425).

([3]) ينظر: جامع العلوم والحكم لابن رجب (1/510).

([4]) لطائف المعارف لابن رجب (ص 223).

([5]) سير أعلام النبلاء (7/447)، بتصرف.

([6]) رواه الترمذي (3407)، والنسائي (1304)، وصحَّحه الألبانيُّ لغيره.

([7]) الفوائد (ص 200).

([8]) ينظر: تفسير الطبري (14/342)، والبغوي (5/39)، وابن كثير (4/599).

([9]) رواه البخاري (1152)، ومسلم (1159).

([10]) فتح الباري لابن حجر (3/38).

([11]) التوضيح  لشرح الجامع الصحيح لابن الملقن (9/125).

([12]) رواه مسلم (746).

([13]) رواه البخاري (6464)، ومسلم (782).

([14]) رواه مسلم (1343)، والترمذي (3439).

([15]) ينظر: شأن الدعاء للخطابي (ص 180)، وشرح النووي على مسلم (9/111)، وشرح المشكاة للطِّيبي (6/1893).

([16]) رواه أبو داود (5090)، وحسّنه الألباني.

([17]) رواه الترمذي (2140)، وهو في صحيح الجامع (7987).

([18]) رواه الإمام أحمد (17114)، وابن حبَّان (935)، وجوَّد إسناده الألباني في الصحيحة (3228).

([19]) عدّة الصابرين (ص 110).