(7) ޚުޝޫޢަތްތެރިކަމާއެކު ޛިކުރުކުރާމީހަކީ: އެ ޛިކުރުކުރުމުގައި އެމީހެއްގެ ހިތާއި، ދުލާއި، ހަށިގަނޑު ބައިވެރިކުރާމީހެކެވެ. އޭނާގެ ދުލުން ޛިކުރުތައް ކިޔަމުންދާއިރު، އޭނާގެ ހިތް މަޑުމޮޅިވެ، އޭނާގެ ގުނަންތައް ޚުޝޫޢަތްތެރިވާނެއެވެ.
(8) ޛިކުރުކުރުމާމެދު ޣާފިލުވުމުގެ ތެރޭގައި: ޛިކުރުތަކުގެ މާނަތަކާމެދުގައި ޣާފިލުވުން ހިމެނެއެވެ. ޚާއްޞަގޮތެއްގައި ދުވާލާއި ރޭގަނޑުގެ ޛިކުރުތަކެވެ. މި ޛިކުރުތަކުގައި އީމާންކަމުގެ ކަންކަމާއި، ޢަޤީދާގެ އަޞްލުތަކާއި، ޖަލާލުވަންތަ ﷲގެ މަތިވެރިވަންތަކަން ބަޔާންކުރުން ހިމެނިގެންވެއެވެ. އަދި މި ޛިކުރުތަކުގައި އީމާންކަމާއި، ޔަޤީންކަމާއި، އެމީހެއްގެ ހިތް ﷲ ތަޢާލާއާ ގުޅިފައިވާ ގުޅުން ހަރުދަނާކޮށްދޭނެއެވެ. މިފަދަ ޣާފިލުކަމަކީ ﷲ ތަޢާލާގެ މަގުން މީސްތަކުން ދުރުކުރުމަށްޓަކައި ވާ ޝާއިޠާނާގެ މަގުތަކުގެ ތެރެއިންވާ މަގެކެވެ.
ފަހެ، މިފަދަ މީހެއްގެ މައްޗަށް ވަނީ ޛިކުރުތަކުގެ މާނަތައް އުނގެނި، އެ ޛިކުރުތަކާމެދު ވިސްނާ ފިކުރުކުރުމެވެ. އެއީ؛ އުއްމީދުކުރެވޭ ފައިދާތައް އެ ޛިކުރުތަކުން ލިބިގަތުމަށެވެ. އަދި މުސްލިމް އަޅެއްގެ ނަފުސަށް އެ ޛިކުރުތަކުން އެންމެ ބޮޑު އަސަރުތަކެއް ކުރުވުމަށެވެ.([1])
(9) ޤުރްއާން ކިޔެވުމާއި، ތަސްބީޙާއި، ތަޙްމީދާއި، ތަހްލީލާއި،([2]) ހެނދުނާއި ހަވީރުގެ ޛިކުރުތަކާއި، ނިދުމާއި ފާޚާނާއަށްވަންނަ ޛިކުރުތައްފަދަ ޛިކުރުތަކަކީ ދުލުން ކިޔުމަށް އައިސްފައިވާ ޛިކުރުތަކެވެ. މިފަދަ ޛިކުރުތަކުގައި ދޫ ޙަރަކާތްކުރުމަކީ ކޮންމެހެން ކުރަންޖެހޭނެކަމެކެވެ. މިފަދަ ޛިކުރުތައް ކުރުމުން ލިބޭނެކަމަށް އައިސްފައިވާ ޘަވާބު ޙާޞިލުކުރެވޭނީ ދުލުން ކިޔައިގެންނެވެ.
މިފަދަ ޛިކުރުތަކާމެދު ވިސްނާ ފިކުރުކުރުމުން، ފިކުރުކުރުމާއި ތަދައްބުރުކުރުމުން ޘަވާބު ލިބުނުނަމަވެސް ދުލުންކިޔުމުން ލިބޭ ޚާއްޞަވެގެންވާ ޘަވާބެއް ޙާޞިލެއްނުކުރެވޭނެއެވެ.
އަދި ނަމާދުގެ ޛިކުރުތައް މީހެއްގެ ހިތުން އެ ޛިކުރުތައް ކިޔައިފިނަމަ އޭނާގެ ކިބައިން އެކަމެއް ޤަބޫލެއްނުކުރެވޭނެއެވެ. އެހެނެއްކަމަކު، ދުލާއި، ދެ ތުންފަތް ޙަރަކާތްކުރަންޖެހޭނެއެވެ. އެހެނީ، އެ ޛިކުރުތަކަކީ ކިޔަންޖެހޭ ބަސްތަކެކެވެ. ދުލާއި ދެ ތުންފަތް ޙަރަކާތްކޮށްގެން މެނުވީ ކިޔަންޖެހޭ ބަސްތަކެއް ނުކިޔޭނެއެވެ.([3])
(10) ޖުމްހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވާގޮތުގައި ކިޔެވުމާއި ޛިކުރުކުރާއިރު އެ ކިޔާމީހަކަށް އަޑުއިވެންޖެހޭނެކަމަށް ޝަރުޠުކުރައްވައެވެ. އެބޭކަލުންގެ މެދުގައި އެއީ ވާޖިބެއްތޯ ނުވަތަ އެދެވިގެންވާގޮތެއްތޯއާމެދު ޚިލާފުވެވަޑައިގެންނެވިނަމަވެސްމެއެވެ. އެއީ އެ ޛިކުރުތައް ގުނުމަށްޓަކައެވެ. އަޑުއިވުން ރަނގަޅުމީހެއްނަމަ އެ އަޑުއިވުމަށް ހުރަސްއަޅާފާނެ، ނުވަތަ އަޑުއިވުން މަނާކުރާނެކަމެއް ހުރެގެންނުވާނެއެވެ. އަދި ހަމައެކަނި ދުލާއި ދެ ތުންފަތް ޙަރަކާތްކުރުމަކުން ނުފުދޭނެއެވެ.
އަދި ބުނެވިފައިވެއެވެ. އަޑުއިވުން އެއީ ވާޖިބުކަމެއް ނޫނެވެ. އެހެނެއްކަމަކު، އަޑުނުއިވުނުނަމަވެސް ދުލުން ލަފުޒުތައް ކިޔައި، އަކުރުތައް ކިޔައިފިނަމަ ފުދޭނެއެވެ. އެހެނީ، މި މިންވަރަށް ކިޔައިފިނަމަ ކަލިމަތައް ކިޔައިފިކަމުގައި ވާނެއެވެ. އަދި ކިޔާމީހާއަށް އަޑުއިވުމަކީ ބަސްބުނުމާއި ވާހަކަދެއްކުމުގެ އިތުރަށް އަންނަކަމެކެވެ. އަދި އަޑުއިވުން ވާޖިބުވާނެ ދަލީލެއް އައިސްފައެއްނުވެއެވެ. މިއީ ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާއާއި އިބްނުލް ޤައްޔިމް އިޚްތިޔާރުކުރައްވާފައިވާ ގޮތެވެ. އަދި އައްޝައިޚު އިބްނު ޢުޘައިމީހުން ރާޖިޙުކުރައްވާފައިވާ([4]) ގޮތެވެ.([5]) ރަޙިމަހުމުﷲ!
މި އަޅުކަމުގައި އެންމެ ރައްކާތެރިގޮތަކީ: ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅެވެ. (އެބަހީ؛ ޛިކުރުކުރާއިރު އަމިއްލައަށް އަޑުއިވޭވަރަށް ޛިކުރުކުރުމެވެ.)
(11) ކޮންމެ ވަގުތަކުވެސް، އަދި ކޮންމެ ޙާލެއްގައިވެސް ﷲ މަތިން ޛިކުރުކުރުމަކީ ޝަރުޢުވެގެންވާކަމެކެވެ. އެކަމުގައި ވަކި ޙައްދެއް، ވަކި މިންވަރެއް ނެތެވެ. ފަހެ، ޛިކުރުކުރުމާމެދު ޣާފިލުވެ، ފަރުވާކުޑަކުރުމަކީ އެއްވެސްމީހަކަށް އުޒުރެއް އޮންނާނެކަމެއް ނޫނެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّـهَ ذِكْرًا كَثِيرًا * وَسَبِّحُوهُ بُكْرَةً وَأَصِيلًا﴾ (الأحزاب: 41-42) މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަވެގެންވާ ހަނދުމަކުޅައުމަކުން ﷲ ހަނދުމަކުރާށެވެ! އަދި ހެނދުނާއި، ހަވީރު އެކަލާނގެއަށް ތަސްބީޙަ ކިޔައި އުޅޭށެވެ!”
އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿فَاذْكُرُوا اللَّـهَ قِيَامًا وَقُعُودًا وَعَلَىٰ جُنُوبِكُمْ﴾ (النساء: 103) މާނައީ: “ފަހެ، ތިޔަބައިމީހުން ﷲ ހަނދުމަކޮށް އުޅޭށެވެ! ކޮޅަށްތިބޭ ޙާލުގައްޔާއި، އިށީނދެތިބޭ ޙާލުގައްޔާއި، އަރިކަށިތަކުގެ މައްޗަށް އޮށޯވެތިބޭ ޙާލުގައެވެ.” އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿الَّذِينَ يَذْكُرُونَ اللَّـهَ قِيَامًا وَقُعُودًا وَعَلَىٰ جُنُوبِهِمْ﴾ (آل عمران: 191) މާނައީ: “އެބައިމީހުންނީ، ކޮޅަށް ތިބެގެންނާއި، އިށީނދެތިބެގެންނާއި، އަރިކަށިތަކުގެ މައްޗަށް އޮށޯވެތިބެގެން، ﷲ ހަނދުމަކޮށްއުޅޭ މީހުންނެވެ.”
އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. “ﷲ އެކަލާނގެ އަޅުތަކުންނަށް ފަރުޟުތަކުގެ ތެރެއިން ފަރުޟެއް ފަރުޟުކުރައްވާކަމުގައިވާނަމަ ވަކި މިންވަރެއް ކަނޑަނާޅުއްވާ ނުދެއެވެ. ދެން އޭގެފަހުގައި، އުޒުރުގެ ޙާލަތުގައި އުޒުރުވެރިންނަށް އުޒުރު ލެއްވިއެވެ. ޛިކުރުކުރުން ފިޔަވައެވެ. ފަހެ، ހަމަކަށަވަރުން ޛިކުރުކުރުން ނިމޭނެ މިންވަރެއް ﷲ ލައްވާފައެއް ނުވެއެވެ. އަދި ބުއްދިފިލާފައިވާމީހަކަށް މެނުވީ އެއްވެސްމީހަކަށް މިކަމުގައި އުޒުރެއް ލައްވާފައެއް ނުވެއެވެ. ފަހެ، އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ﴿فَاذْكُرُوا اللَّـهَ قِيَامًا وَقُعُودًا وَعَلَىٰ جُنُوبِكُمْ﴾ (النساء: 103) މާނައީ: “ފަހެ، ތިޔަބައިމީހުން ﷲ ހަނދުމަކޮށް އުޅޭށެވެ! ކޮޅަށްތިބޭ ޙާލުގައްޔާއި، އިށީނދެތިބޭ ޙާލުގައްޔާއި، އަރިކަށިތަކުގެ މައްޗަށް އޮށޯވެތިބޭ ޙާލުގައެވެ.” ރޭގަނޑާއި ދުވާލުގައި، އެއްގަމާއި ކަނޑުގައި، ދަތުރުމަތީގައްޔާއި ރަށުގައި ހުންނައިރުގައްޔާއި، މުއްސަނދިންނާއި ފަޤީރުންނާއި، ބަލިމީހާއާއި ޞިއްޙަތު ސަލާމަތުންހުރިމީހާއާއި، ސިއްރާއި ފާޅުގައި، އަދި ކޮންމެ ޙާލެއްގައިވެސްމެއެވެ.”([6])
(12) ޛިކުރުކުރާމީހާ އެންމެ ރިވެތި ޞިފާގައި ހުރުމަކީ އެދެވިގެންވާކަމެކެވެ. ޛިކުރުކުރަން އިށީނދެގެން އިންނަނަމަ ޤިބުލަޔަށް ކުރިމަތިލުމާއި، ނިކަމެތިކަމާއި ޚުޝޫޢަތްތެރިކަމާއެކު، މަޑުމައިތިރިކަމާއި ހަމަހިމޭންކަމާއެކު، އިސްދަށަށްޖަހަގެން އިނުންވެއެވެ.
ބަޔާންވެދިޔަ، ގޮތްތަކަށްނޫންގޮތަކަށް ﷲ ތަޢާލާ މަތިން ޛިކުރުކުރަން އިނުމަކީ ހުއްދަ އަދި މަކްރޫހަވެގެންވާކަމެއް ނޫނެވެ. އެހެންނަމަވެސް، އެއްވެސް ޢުޛުރެއްނެތި އެގޮތްތައް ދޫކޮށްލިމީހަކު ވާނީ އެންމެ މޮޅުއިތުރުވެގެންވާ ގޮތް ދޫކޮށްލިމީހަކަށެވެ.([7])
____________________
([1]) من الكتب المهمَّة في بيان معاني الأذكار: كتاب (معاني الأذكار) للشيخ محمد صالح المنجد.
([2]) ތަސްބީޙަކިޔުމަކީ ﷲގެ ހުސްޠާހިރުވަންތަކަން ދޭހަކޮށްދޭ “سُبْحَانَ اللهِ” އާއި މި ޛިކުރުގެ މާނައިގެތެރޭގައި ހިމެނޭ ޛިކުރުކުރުމެވެ. ތަޙްމީދަކީ ﷲއަށް ޙަމްދުކޮށް ޘަނާކިޔުމުގެ ގޮތުން “الحَمْدُ لِلَّهِ” އާއި މި ޛިކުރުގެ މާނައިގެތެރޭގައި ހިމެނޭ ޛިކުރުކުރުމެވެ. ތަހްލީލަކީ ﷲގެ އިލާހުވަންތަކަން ހަނދުމަކުރުމުގެގޮތުން “لَا إِلَهَ إِلَّا اللهُ” އާއި މި ޛިކުރުގެ މާނައިގެތެރޭގައި ހިމެނޭ ޛިކުރުކުރުމެވެ. (މުތަރުޖިމް)
([3]) ينظر: الأذكار للنووي (ص 13)، والفتوحات الربّانيّة لابن علَّان (1/107)، وفتاوى ابن عثيمين (13/156).
([4]) ރާޖީހުގޮތޭ ބުނެވެނީ: ޢިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުވެފައިވާ މައްސަލައެއްގައި، ދަލީލުތަކުގެ މައްޗަށް ބުރަވާއިރު އެންމެ ބޮޑަށް އިތުބާރުކުރެވޭ ގޮތަށެވެ. މިސާލަކަށް މި މަސްއަލާގައި؛ ޛިކުރުކުރާމީހާ ކުރާ ޛިކުރުގެ އަޑުއިވުމަކީ ވާޖިބެއްތޯ ނުވަތަ ނޫންތޯއާ މެދުގައި ޢިލްމުވެރިން ވަނީ އިޚްތިލާފުވެފައެވެ. (މުތަރުޖިމް)
([5]) ينظر: الأذكار للنووي (ص 13)، والاختيارات الفقهيّة لابن تيميَّة (ص 50)، والفروع لابن مفلح (2/166)، وإعلام الموقِّعين لابن القيِّم (3/287)، والشرح الممتع (3/20).