[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަވަށްޓެރިންގެ ޙައްޤުތައް (2)

އަވަށްޓެރިންގެ މާނަ:

ބަހަވީ ގޮތުން الْجَارِ (އަވަށްޓެރިޔާ)އާ ބެހޭގޮތުން اِبْنُ مَنْظُوْر ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އަވަށްޓެރިވުމަކީ ކައިރިއެވެ. އެހެނީ އަވަށްޓެރިންނަކީ ތިބާއާ ކައިރީގައި އުޅުމެވެ. އަދި އަވަށްޓެރިވުމަކީ ކައިރިވުމެވެ. އެހެނީ ކައިރީގައި ދިރިއުޅުމެވެ. އަދިވެސް ވިދާޅުވެފައިވެއެވެ. ތިބާގެ އަވަށްޓެރިއަކީ ތިބާއާ ކައިރީގައި އުޅޭމީހުންނެވެ.”[1]

އިޞްޠިލާޙީ ގޮތުން الْجَارِ (އަވަށްޓެރިޔާ) އަކީ: މުސްލިމުންނާއި ކާފަރުން، ދީންވެރި މީހުންނާއި ދީންވެރިނޫންމީހުން، ރަހުމަތްތެރިންނާއި ޢަދާވާތްތެރިން، ބިދޭސީންނާއި ރަށްވެހިން، ތިބާއަށް ހެޔޮކޮށް ހިތާ މީހުންނާއި ތިބާއަށް ގެއްލުންދޭ މީހުން، ރަށްޓެހިންނާއި ބީރަށްޓެހިން، ތިމާގެ ގެއާ ކައިރީގައި އުޅޭމީހުންނާއި ތިމާގެ ގެއާ ދުރުގައި އުޅޭމީހުންނެވެ.

އަވަށްޓެރިންގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ. އޭގެތެރެއިން އެންމެ ހެޔޮވެގެންވަނީ، އިސްވެބުނެވުނު ޞިފަތަކުން (އެންމެ އެދެވިގެންވާ) ހުރިހާޞިފައެއް އެކުލެވިގެންވާ މީހުންނެވެ. އެޔަށްފަހު ދެން ހެޔޮވެގެންވަނީ ހުރިހާޞިފައެއް ނޫނަސް ބައެއް ޞިފަތައް އެކުލެވިގެންވާ މީހުންނެވެ. ދެން އެއަށްވުރެ މަދެވެ. މިގޮތައް ގޮސް އެންމެ ޞިފައެއް އެކުލެވިގެންވާ މީހާ ހިމެނެއެވެ. އެންމެ ނުބައި އަވަށްޓެރިއަކީ އެންމެ ނޭދެވޭ ހުރިހާ ޞިފަތައް އެކުލެވިގެންވާ މީހުންނެވެ. ކޮންމެ އަވަށްޓެރިއަކަށްވެސް އޭނާގެ ކިބައިގައިވާ ޞިފަތަކާ އެއްގޮތަށް އޭނަގެ ޙައްޤު އަދާކުރައްވާނެއެވެ. އަވަށްޓެރިޔާއަކީ ތިބާ އެދޭ އަދި ނޭދޭ ކަންކަން ހުރި މީހެއްނަމަ އިންސާފުން އޭނައާއި މެދު ޢަމަލު ކުރުމަކީ އެންމެ އެދެވިގެންވާ ގޮތެވެ.[2]

އަވަށްޓެރިން ބެހެނީ 3 ބަޔަކަށެވެ. «رَوَى جَابِرُ بِنْ عَبْدُ اللهِ رَضِيَ اللهُ عَنْهُمَا عَنِ النَّبِيِّ صَلَّى اللهُ عليه وسلَّمَ أَنَّهُ قَالَ: الجِيْرَانُ ثَلَاثَةٌ: جَارٌ لَهُ حَقٌّ وَاحِدٌ وَهُوَ أَدْنَى الجِيْرَانِ حَقًّا ، وَجَارٌ لَهَ حَقَّانِ ، وَجَارٌ لَهُ ثَلَاثَةُ حُقُوْقٍ وَهُوَ أَفْضَلُ الجِيْرَانِ حَقًّا. فَأَمَّا الجَارُ الَّذِيْ لَهُ حَقٌّ وَاحِدٌ فَالجَارُ المُشْرِكُ لَا رَحِمَ لَهُ وَلَهُ حَقَّ الجِوَارِ. وَأَمَّا الَّذِيْ لَهُ حَقَّانِ فَالجَارُ المُسْلِمُ لَا رَحِمَ لَهُ وَلَهُ حَقُّ الإِسْلَامِ وَحَقُّ الجِوَارِ ، وَأَمَّا الَّذِيْ لَهُ ثَلَاثَةُ حُقُوْقٍ فَجَارٌ مُسْلِمٌ ذُوْ رَحِمٍ لَهُ حَقُّ الإِسْلَامِ وَحَقُّ الجِوَارِ وَحَقُّ الرَّحِمِ» މާނައީ: “ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން މާތްﷲ އެދެބަފައިކަލުންއަށް ރުއްސުންލެއްވި ޖާބިރު ބިން ޢަބްދުﷲ ރިވާކުރެއްވިއެވެ. އަވައްޓެރިން ތިން ބަޔަކަށް ބެހެއެވެ. އެއީ އެންމެ ޙައްޤެއް ލިބިގެންވާ އަވަށްޓެރިޔާއެވެ. އޭނާއަށް ލިބިގެންވަނީ އަވަށްޓެރިކަމުގެ އެންމެ ދަށް ޙައްޤެވެ. އަދި  ދެ ޙައްޤު ލިބޭ އަވަށްޓެރިޔާއާއި، ތިން ޙައްޤު ލިބޭ އަވަށްޓެރިޔާއެވެ. އޭނާއަށް ލިބިގެންވަނީ އަވަށްޓެރިކަމުގެ އެންމެ މަތީ ޙައްޤެވެ. އެންމެ ޙައްޤެއް އަދާކުރަންޖެހޭ އަވަށްޓެރިންނަކީ ކާފަރު، ގާތްތިމާގެ ނޫން އަވަށްޓެރިޔާއެވެ. އޭނާއަށް އަދާކުރަންޖެހޭނީ ހަމައެކަނި އަވަށްޓެރިޔާގެ ޙައްޤެވެ.  ދެ ޙައްޤު އަދާކުރަންޖެހޭ އަވަށްޓެރިންނަކީ މުސްލިމް، ގާތްތިމާގެ ނޫން އަވަށްޓެރިޔާއެވެ. އޭނާއަށް އަދާކުރަންޖެހޭނީ  މުސްލިމަކަށްވީތީ އަދާކުރަންޖެހޭ ޙައްޤާއި، އަވަށްޓެރިއަކަށްވީތީ އަދާކުރަންޖެހޭ ޙައްޤެވެ. ތިން ޙައްޤު އަދާކުރަންޖެހޭ އަވަށްޓެރިންނަކީ މުސްލިމް، ގާތްތިމާގެ އަވަށްޓެރިޔާއެވެ. އެއީ މުސްލިމަކަށްވީތީ އަދާކުރަންޖެހޭ ޙައްޤާއި، ގާތްތިމާގެ މީހަކަށްވީތީ އަދާކުރަންޖެހޭ ޙައްޤާއި، އަވަށްޓެރިއަކަށްވީތީ އަދާކުރަންޖެހޭ ޙައްޤެވެ.”[3]

__________________________

[1]  لسان العرب لابن منظور  (4/153).

[2]  لسان العرب لابن منظور  (4/153-154) و فتح الباري لابن حجر  (10/441).

[3]  أخرجه الطبراني في ((مسند الشاميين)) (2458)، وابو نعيم في ((حلية الأولياء)) (5/207)، والبزار كما في (( كشف الأستار)) (1896).