[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދަރިން ތަރުބިއްޔަތުކުރުމާގުޅޭ 48 ފައިދާ (1)

ފަހެ، މިއީ ދަރިން ތަރުބިއްޔަތުކުރުމާގުޅޭގޮތުން  އައްޝައިޚު މުޙައްމަދު ޞާލިޙު އަލްމުނައްޖިދު حفظه الله ޝާއިޢުކުރައްވާފައިވާ “48 فائدة في تربية الأولاد” މި ފޮތުގެ ދިވެހި ތަރުޖަމާއެކެވެ.

بِسْمِ اللهِ الرَّحْمَنِ الرَّحِيْمِ

الحمد لله، والصلاة والسلام على رسول الله، أما بعد:

ފަހެ، މިއީ ދަރިން ތަރުބިއްޔަތުކުރުމާގުޅޭ ފައިދާތަކުގެ ޚުލާޞާއެކެވެ. އަޅުގަނޑު ﷲގެ ޙަޟްރަތުގައި އެދި ދަންނަވަނީ މި މަޢުލޫމާތުތަކުގެ މަންފާ ކިޔުންތެރިންނަށް ކޮށްދެއްވުމެވެ. އަދި މި ފޮތް ތައްޔާރުކުރުމާއި ފެތުރުމުގައި ބައިވެރިވެ، އަދި އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށް ހެޔޮ ޖަޒާދެއްވުމެވެ!

(1) ދަރިންގެ ނިޢުމަތަކީ މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ދެއްވާފައިވާ ނިޢުމަތްތަކުގެ ތެރެއިން މަތިވެރިވެގެންވާ ނިޢުމަތެކެވެ. ދަރަޖަމަތިވެގެންވާ ﷲގެ ދަރުމަވަންތަވެވޮޑިގަތުމެކެވެ. އަދި ބޮޑުވެގެންވާ ދެއްވުމެކެވެ. ޝުކުރުވެރިވުމާއި، ބެލެހެއްޓުމާއި، ރައްކާތެރިކުރުން ވާޖިބުވެގެންވާ ނިޢުމަތެކެވެ. އެ ދަރިންނަކީ ހިތްތަކުގެ މޭވާތަކެވެ. ބުރަކަށީގެ ތަނބުތަކެކެވެ. ދުނިޔަވީ ޙަޔާތުގެ ޒީނަތްތެރިކަމެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿الْمَالُ وَالْبَنُونَ زِينَةُ الْحَيَاةِ الدُّنْيَا﴾ (الكهف: 46) މާނައީ: “މުދަލާއި ދަރިންނަކީ ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަމެވެ.” އަދި ރަޙްމާންވަންތަ ރަސްކަލާނގެ ޚިޔާރުކުރައްވާފައިވާ އަޅުތަކުންގެ ދުޢާއެއްކަމުގައި އައިސްފައިވެއެވެ. ﴿رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا﴾ (الفرقان: 74) މާނައީ: “އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ޙަޔާތުގެ ބައިވެރިންގެ (އެބަހީ؛ އަނބިންނާއި ފިރިންގެ) ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ތަޤްވާވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!”

(2) އިސްލާމްދީނުގައި ވަނީ ކުޑަކުއްޖާގެ ޙައްޤުތައް ކަނޑައަޅުއްވައި، އެ ޙައްޤުތައް ކަށަވަރުކޮށްދެއްވާފައެވެ. ފަހެ، އެ ކުއްޖާ އުފަންވުމުގެ ކުރިންވެސް ވަނީ އެ ކުއްޖާގެ ޙައްޤުތައް ކަށަވަރުކޮށްދެއްވާފައެވެ. އެ ޙައްޤުތައް ފެށިގެން އަންނަނީ ހެޔޮ ޞާލިޙު މަންމައެއް އެކުއްޖާއަށްޓަކައި އިޚްތިޔާރުކުރާ ހިސާބުންނެވެ. ދެން އޭގެފަހުގައި، އެ ކުއްޖާއަށް ބަލިވެއިންނަ ދުވަސްވަރު އެ ކުއްޖާއަށް އަހައްމިއްޔަތުކަން ދީގެންނެވެ. އަދި އެ ކުއްޖާގެ ދިރިހުރުމުގެ ޙައްޤު ރައްކާތެރިކޮށްދިނުމުގެ ގޮތުން، އެ ކުއްޖާ ބަނޑުގައި އޮންނަ ދުވަސްވަރު (ޝަރުޢީގޮތުން ޤަބޫލުކުރެވޭފަދަ އުޒުރަކާނުލައި) ދަރިވައްޓާލުމަކީ ޙަރާމްކަމެކެވެ. އަދި މާބަނޑުމީހާއަށް (ރޯދައަށް ނުހުރެވޭނަމަ، އެހެން ދުވަސްތަކެއްގައި ރޯދަ ހިފުމަށްޓަކައި) ރަމަޟާންމަހުގެ ރޯދަ ދޫކޮށްލުންވަނީ ހުއްދަކުރައްވާފައެވެ. އަދި ބަނޑުގައި އެ ކުއްޖާ އޮއްވައި ޤަތުލުކޮށްލައިފިމީހެއްގެ މައްޗަށް މަރުގެދިޔަ ދިނުންވަނީ ވާޖިބުކުރައްވާފައެވެ. އަދި މަންމަ ޒިނޭކޮށްފިކަމުގައިވާނަމަ، (އެ ކުއްޖާގެ ޙައްޤަށްޓަކައި) އެ ކުއްޖާ ވިހައި، އެ ކުއްޖާ ކާއެއްޗެއް ކަންދެން އެ މަންމަގެ މައްޗަށް ޒިނޭގެ ޙައްދު ޤާއިމުކުރުން ފަސްކުރެވެއެވެ.

ވިހެއުމަށް ފަހުގައި (ދޭންޖެހޭ ޙައްޤުތަކުގެ ތެރޭގައި): އެ ކުއްޖާ އުފަންވީތީ އެކަމަށްޓަކައި މަރުޙަބާކިޔައި، އުފާވެރިކަމުގެ ޚަބަރުދިނުމާއި، އެ ކުއްޖާގެ ކަންފަތް ކައިރީގައި ބަންގިދިނުމާއި،([1]) ތަޙްނީކުކުރުމާއި،([2]) އެ ކުއްޖާގެ ބައްޕައަށް އެ ކުއްޖާ ނިސްބަތްކުރުމާއި، މާނަ ރަނގަޅު ނަމެއް ކިޔުމާއި، އެ ކުއްޖާގެ މަތިން ޢަޤީޤާ ކަތިލުމެވެ.([3]) އަދި އެ ކުއްޖާގެ ބޯބޭލުމާއި، އިސްތަށީގެ ބަރުދަނަށް (ރިހީގެ މިންވަރުން) ޞަދަޤާތްކުރުމާއި، ޚިތާނުކުރުމާއި، ގާތުންދިނުމަށް ކަނޑައެޅިފައިވާ ދުވަސްތައް ހަމަކުރުމާއި، ބެލެހެއްޓުމާއި، އެ ކުއްޖާގެ މައްޗަށް ޚަރަދުބަރަދުކުރުމާއި، އެ ކުއްޖާއާއި އެ ކުއްޖާގެ އަޚުންނާމެދު ޢަދުލުވެރިވުމާއި، ޞިއްޙީގޮތުންނާއި ނަފްސާނީގޮތުން އެ ކުއްޖާއަށް އަޅާލުން ހިމެނެއެވެ.

އަދި އެ ކުއްޖާއަށް ލިބިގެންވާ ޙައްޤުތަކުގެ ތެރޭގައި: ވާރުތަމުދަލާއި، ވަޞިއްޔަތާއި، ހިބަކޮށްދިނުމާއި، ވަޤްފާއި، އެނޫންވެސް ޙައްޤުތައް ވެއެވެ.

(3) ދަރިންނަކީ އަހަރެމެންގެ ކޮނޑުގައި އެޅިފައިވާ އަމާނާތެކެވެ. އެ އަމާނާތާމެދު ﷲ ތަޢާލާގެ ޙަޟްރަތުގައި އަހަރެމެންނާ ސުވާލުކުރެވޭނެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ﴾ (التحريم: 6) މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ.”

އަދި ޙަދީޘްގައި އައިސްފައިވެއެވެ. ((وَإِنَّ لِوَلَدِكَ عَلَيْكَ حَقًّا))([4]) މާނައީ: “އަދި ހަމަކަށަވަރުން ތިބާގެ މައްޗަށްވާ ތިބާގެ ދަރިފުޅުގެ ޙައްޤުވެއެވެ.” އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((كُلُّكُمْ رَاعٍ وَمَسْئُولٌ عَنْ رَعِيَّتِهِ … وَالرَّجُلُ فِي أَهْلِهِ رَاعٍ وَهُوَ مَسْئُولٌ عَنْ رَعِيَّتِهِ، وَالـمَرْأَةُ فِي بَيْتِ زَوْجِهَا رَاعِيَةٌ وَهِيَ مَسْئُولَةٌ عَنْ رَعِيَّتِهَا))([5]) މާނައީ: “ތިޔައިގެތެރެއިން ކޮންމެ މީހަކީ ބެލެހެއްޓުން ތެރިއެކެވެ. އަދި އެމީހެއްގެ ބެލެހެއްޓުމާމެދު މަސްއޫލުވާންޖެހޭނެއެވެ… އަދި މީހަކީ އޭނާގެ އަހުލުންގެ ބެލެހެއްޓުންތެރިއެކެވެ. އަދި އޭނާގެ ބެލެހެއްޓުމާމެދު އޭނާ މަސްއޫލުވާންޖެހޭނެއެވެ. އަދި އަންހެނަކީ، އެ ކަނބުލޭގެ ފިރިމީހާގެ ގޭގައި ބެލެހެއްޓުންތެރިއެކެވެ. އަދި އެކަނބުލޭގެ ބެލެހެއްޓުމާމެދު އެ ކަނބުލޭގެ މަސްއޫލުވާންޖެހޭނެއެވެ.” އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((إِنَّ اللهَ سَائِلٌ كُلَّ رَاعٍ عَمَّا اسْتَرْعَاهُ، أَحَفِظَ ذَلِكَ أَمْ ضَيَّعَ؟ حَتَّى يُسْأَلَ الرَّجُلُ عَلَى أَهْلِ بَيْتِهِ))([6]) މާނައީ: “ހަމަކަށަވަރުން ކޮންމެ ބެލެހެއްޓުންތެރިޔެއްގެ ބެލެހެއްޓުމާމެދު ﷲ ސުވާލުކުރައްވާ ހުއްޓެވެ. އެ ބެލެހެއްޓުންތަކާމެދު ރައްކާތެރިވިތޯ ނުވަތަ އެ ބެލެހެއްޓުންތަކާމެދު އިހުމާލުވިތޯއެވެ؟ މީހާއާ، އޭނާގެ ގޭގެ އަހުލުވެރިންނާމެދު ސުވާލުކުރެވުމަށްދާންދެނެވެ.”

އަދިވެސް ޙަދީޘްގައި އައިސްފައިވެއެވެ. ((مَا مِنْ عَبْدٍ يَسْتَرْعِيهِ اللهُ رَعِيَّةً، يَمُوتُ يَوْمَ يَمُوتُ وَهُوَ غَاشٌّ لِرَعِيَّتِهِ، إِلَّا حَرَّمَ اللهُ عَلَيْهِ الْجَنَّةَ))([7]) މާނައީ: “މާތް ﷲ އަޅަކަށް ބެލެހެއްޓުމެއް ޙަވާލުކުރައްވާފައިވަނިކޮށް، އެމީހަކު މަރުވާދުވަހުގައި އެ ބެލެއްހެއްޓުމާމެދު އޮޅުވާލާފައިވާނަމަ، އެ މީހެއްގެ މައްޗަށް ސުވަރުގެ ޙަރާމްނުކުރައްވާ ނުދެއެވެ.”

(4) ހަމަކަށަވަރުން ކޮންމެ މުސްލިމަކުމެ އޭނާގެ ދަރިންނާމެދު ﷲއަށް ބިރުވެތިވާހުށިކަމެވެ. އެއީ އެކުދިންނަށް ހެޔޮކަމަށް މަގުދައްކައިގެންނާއި، އެކުދިންނަށް އަޅާލައިގެންނެވެ. އަދި ނުބައިކަންކަމުންނާއި، ފަސާދަތަކުންނާއި، މުންކަރާތްތަކުން އެ ކުދިން ދުރުކުރުވައިގެންނެވެ. އަދި ﷲ ތަޢާލާއަށް އުރެދުމަށް މަގުފަހިކުރުވާ ކޮންމެ މަގެއް އެކުދިންނަށް ބަންދުކޮށްދީގެންނެވެ.

(5) ދަރިން ތަރުބިއްޔަތުކުރުން ފެށިގެން އަންނަނީ ޞާލިޙު އަންބެއް އިޚްތިޔާރުކުރާ ހިސާބުންނެވެ. ފަހެ، އެފަދަ މަންމައެއް ދަރިންނަށް ހޯދައިދިނުމަކީ ދަރިންގެ ޙައްޤުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މަންމައަކީ އެކަނބުލޭގެ ފުށުން ޖީލުތައް ނުކުމެގެން އަންނަ މަދަރުސާއެވެ. ޙަދީޘްގައި އައިސްފައިވެއެވެ. ((فَاظْفَرْ بِذَاتِ الدِّيْنِ تَرِبَتْ يَدَاكَ))([8]) މާނައީ: “ފަހެ، ދީންވެރި އަންހެނާ ޚިޔާރުކުރާށެވެ.  (ނޫނީ) ތިބާގެ އަތް ވެއްޔާ މޮޑެވިދާނެއެވެ.”

ޙަދީޘްގައިވާ (تَرِبَتْ يَدَاكَ) (އެބަހީ: ތިބާގެ އަތް ވެއްޔާ މޮޑެވުމުގެ) މާނައަކީ: ދީންވެރި އަންހެނާ ޚިޔާރުނުކޮށްފިނަމަ ތިބާ ފަޤީރުވެ، ޙަޔާތް ބަރުބާދުވެދާނެއެވެ. މުރާދަކީ: ދީންވެރި އަންހެނާއާ ކައިވެނިކުރުމަށް ބާރުއެޅުއްވުމެވެ.

އަދި ޝާޢިރަކު ވިދާޅުވެފައިވެއެވެ.

الأُمُّ مَدْرَسَةٌ إِذَا أَعْدَدْتَهَا      أَعْدَدْتَ شَعْباً طَيِّبَ الأَعْرَاقِ

ޅެންބައިތުގެ މާނައީ: “ތިބާ ތައްޔާރުކޮށްފިކަމުގައިވާނަމަ މަންމައަކީ މަދަރުސާއެކެވެ. (އެގޮތަށް އެކަންކުރެވިއްޖެނަމަ) ތިބާ ތައްޔާރުކޮށްފައި އެވަނީ ހެޔޮ ރަނގަޅު ލެޔެއް ހިނގާ ބައެކެވެ.”

(6) މަންމައާއި ބައްޕަގެ މައްޗަށްވާ ދަރިފުޅުގެ ޙައްޤުތަކުގެ ތެރޭގައި: ﷲގެ ފޮތާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތުގެ މައްޗަށް ކުއްޖާ ތަރުބިއްޔަތުކުރުމާއި، އެ ކުއްޖާ އެ ގޮތުގެ މަތީގައި ގެންގުޅުންވެއެވެ. އިސްލާމީ ތަރުބިއްޔަތުގެ ތެރޭގައި ހިމެނޭ ރިވެތި އަޚްލާޤީ ޞިފަތަކާއި ރިވެތި އަދަބުތަކުގެ މަތީގައި ބަލަހައްޓައި، ތަރުބިއްޔަތުކުރަންޖެހެއެވެ. އީމާންކަމުގެ ގޮތުންނާއި، އަޅުކަމުގެ ގޮތުންނާއި، އަޚްލާޤީގޮތުންނާއި، ބުއްދީގެގޮތުންނާއި، ޞިއްޙީގޮތުންނާއި، ނަފްސާނީގޮތުންނާއި، އިޖުތިމާޢީގޮތުން ތަރުބިއްޔަތުކުރަންޖެހެއެވެ. އަދި އެ ކުއްޖާގެ އަތުގައި ހިފައިގެން ސީދާވެގެންވާ ތެދުމަގަށް ގެންގޮސް؛ ސުވަރުގެ ކާމިޔާބުކޮށް، ނަރަކައިން މިންޖުކުރުވާންޖެހެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ﴾ (التحريم: 6) މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ.” އެބަހީ؛ އެބައިމީހުންނަށް ހެޔޮކަންކަމަށް އަމުރުކޮށް، ނުބައިކަންކަން ނަހީކުރާށެވެ. އަދި އެބައިމީހުންނަށް އުނގަންނައިދީ، އަދަބުވެރިކުރުވާށެވެ. އަދި އެކަންކަން ކޮށްދީގެން އެބައިމީހުން ނަރަކައިން ސަލާމަތްކުރާށެވެ.([9])

(8) ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. “ތުއްތުކުއްޖާއަކީ މައިންބަފައިންގެ އަތްމަތީގައިވާ އަމާނާތެކެވެ. އަދި އެ ކުއްޖާގެ ޠާހިރު ހިތަކީ އެއްވެސް ކޫރުމެއްނެތް އަގުބޮޑު ޖަވާހިރެކެވެ. އެ ޖަވާހިރުގައި އެއްވެސް ކަހަލަ ކަނޑާނެގުމެއް އަދި ސޫރައެއް ނުވެއެވެ. އަދި އެ ހިތުގައި ކޮންމެ އެއްޗެއްވެސް ކަނޑާނެގިދާނެއެވެ. އަދި އެ ހިތް ލަންބުވައިފި ކޮންމެ އެއްޗަކާ ދިމާލަށް އެ ހިތް ލެނބޭނެވެ.

ފަހެ، ހެޔޮކަންކަމަށް ޢާދަކުރުވައި، އެފަދަ ކަންކަން އުނގަންނައިދީފިނަމަ؛ އެ ހެޔޮކަންކަމުގެ މައްޗަށް ހެދިބޮޑުވެގެން އަންނާނެއެވެ. އަދި ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބޭނެއެވެ. އަދި އެ ކުއްޖާއަށް ލިބޭ ޘަވާބުގައި އެ ކުއްޖާގެ ބައްޕައާއި، އެ ކުއްޖަކަށް ޢިލްމު އުނގަންނައިދިން ކޮންމެ މުޢައްލިމަކާއި، އަދަބުވެރިކަން ދަސްކޮށްދިން ކޮންމެ މުއައްދިބެއް ހިމެނޭނެއެވެ.

އަދި ނުބައިކަންކަމަށް ޢާދަކުރުވައި، ޖަނަވާރުންފަދަ ތަކެތި އިހުމާލުވާފަދައިން އެ ކުއްޖާއާމެދު އިހުމާލުވެއްޖެނަމަ؛ އެ ކުއްޖަކު އަބާއްޖަވެރިވެ ހަލާކުވާހުއްޓެވެ. އެކަމުގެ ނުބައިކަން އެ ކުއްޖެއްގެ ކޮނޑުގައި އެޅޭނެއެވެ. އަދި އެ ކުއްޖާ އެމަގަކަށް މަގުދައްކައިދިން މީހުންނާއި އެ ކުއްޖާގެ ބެލެހެއްޓުންތެރިންގެ ކޮނޑުގައިވެސް އެޅޭނެއެވެ.

ވީ ކޮންމެ ގޮތަކުން، ދުނިޔޭގެ އަލިފާނުން އެ ކުއްޖާ ސަލާމަތްކުރުމަށްޓަކައި އެ ކުއްޖާގެ ބައްޕަ މަސައްކަތްކުރާއިރު، އާޚިރަތުގެ އަލިފާނުން އެ ކުއްޖާ ސަލާމަތްކުރުމަކީ މާބޮޑަށް އައުލާވެގެންވާނެކަމެވެ.”([10])

ޅަފަތުގައި ތަޢުލީމުދިނުމަކީ ހިލާގައި ކަނޑާނެގުންފަދަ ކަމެކެވެ. (އެބަހީ؛ ޅަފަތުގައިދޭ ތަޢުލީމަކީ އެތައް ދުވަސްތަކެއްވަންދެން ހަނދާނުން ނުފިލާ ހުންނާނެ ތަޢުލީމެކެވެ.) އެއީ ޅެންބައިތުގައި ބުނެވިފައިވާ ފަދައިންނެވެ.

إِنَّ الغُصُونَ إِذَا قَوَّمْتَهَا اعْتَدَلَتْ      وَلَا يَلِينُ إِذَا قَوَّمْتَهُ الخَشَبُ

قَدْ يَنْفَعُ الأَدَبُ الأَحْدَاثَ فِي صِغَرٍ      وَلَيْسَ يَنْفَعُ عِنْدَ الشَّيْبَةِ الأَدَبُ

ޅެންބައިތުތަކުގެ މާނައީ: “ހަމަކަށަވަރުން ތިބާ ގޮފިކޮޅެއް ތެދުކޮށްފިކަމުގައިވާނަމަ އެ ގޮފިކޮޅު ސީދާވެ ތެދުވެދާނެއެވެ. އަދި ތިބާ ލަކުޑި ސީދާކުރިކަމުގައިވީނަމަވެސް އެ ލަކުޑި (ބޭނުން ގޮތަކަށް ތެދުކުރާކަށް) މަޑެއްނުވާނެއެވެ. ޅަފަތުގައި އަދަބުވެރިކަމެއް ދަސްކޮށްދީފިނަމަ މަންފާކޮށްފާނެއެވެ. އަދި މުސްކުޅިވުމުން ދަސްކޮށްދޭ އަދަބަކުން މަންފާނުކުރާނެއެވެ.”

(8) މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވަނީ، އޭނާގެ ދަރިންތައް އީމާންކަމުގެ ތަރުބިއްޔަތަކުން ތަރުބިއްޔަތުކުރުމެވެ. އެއީ؛ މާތް ﷲ އެއްކައުވަންތަކުރުމުގެ ޢިލްމު އެ ދަރިންނަށް އުނގަންނައިދީގެންނެވެ. އެއީ؛ ލުޤްމާނުގެފާނާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿وَإِذْ قَالَ لُقْمَانُ لِابْنِهِ وَهُوَ يَعِظُهُ يَا بُنَيَّ لَا تُشْرِكْ بِاللَّـهِ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ﴾ (لقمان: 13) މާނައީ: “އަދި ލުޤްމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ނަޞީޙަތް ދެއްވަމުން ވިދާޅުވިހިނދު ހަނދުމަކުރާށެވެ! އޭ ދަރިފުޅާއެވެ! ﷲ އަށް ތިބާ ޝަރީކު ނުކުރާށެވެ! ހަމަކަށަވަރުން، ޝަރީކު ކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ.” އިބްރާހީމުއް ތައިމީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އެބޭކަލުން (އެބަހީ؛ ޞަޙާބީންނާއި އެބޭކަލުންގެ ފަހުން އައި ހެޔޮ ޤަރުނުތަކުގެ ބޭކަލުން) ޅަކުދިންނަށް ނަމާދު އުނގަންނަވައި ދެއްވުމަށް ލޯބިކުރައްވަތެވެ. އަދި އެ ކުދިންނާ މުޚާޠަބުކޮށް ބަސްބުނާނަމަ لَا إِلَهَ إِلَّا اللهُ ހަތް ފަހަރު ވިދާޅުވެއެވެ. އޭރުން އެ ކުދިން އެންމެ ފުރަތަމަ ބުނާ ކަލިމައަކީ އެ ކަލިމަކަމުގައި ވެއެވެ.”([11])

(10) މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވަނީ، ﷲ ތަޢާލާގެ ޙަޟްރަތުން ރައްކާތެރިކަމާއި ސަލާމަތްތެރިކަމަށް އެދޭނެގޮތްތައް އޭނާގެ ދަރިންނަށް އުނގަންނައިދިނުމެވެ. އަދި އެކަލާނގެއަށް ވަކީލުކުރުމާއި، (އެންމެބޮޑު އިތުބާރެއް) ކުރަންޖެހޭ ފަރާތަކީ ހަމައެކަނި އެކަލާނގެއަށް ކަމާއި، ޤަޟާޤަދަރަށް އީމާންވާނެ ގޮތް އުނގަންނައިދިނުމެވެ. އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ތުއްޕުޅު ބޭފުޅެއްގެ ގޮތުގައި ވަނިކޮށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަޞިއްޔަތްޕުޅުތަކެއް ޙަދީޘްކުރެއްވިއެވެ. ((يَا غُلَامُ، إِنِّي أُعَلِّمُكَ كَلِمَاتٍ: احْفَظِ اللَّهَ يَحْفَظْكَ، احْفَظِ اللَّهَ تَجِدْهُ تُجَاهَكَ، إِذَا سَأَلْتَ فَاسْأَلِ اللَّهَ، وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ، وَاعْلَمْ أَنَّ الأُمَّةَ لَوْ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ لَمْ يَنْفَعُوكَ إِلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ لَكَ، وَلَوْ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْكَ، رُفِعَتِ الأَقْلَامُ وَجَفَّتِ الصُّحُفُ))([12]) މާނައީ: “އޭ ކޮއިފުޅާއެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނު ބަސްފުޅުތަކެއް އުނގަންނަވައި ދެއްވާނަމެވެ. ﷲ ގެ ކިބައަށް (އެބަހީ: އެއިލާހުގެ އަމުރުފުޅުތަކަށް) ތިބާ ރައްކާތެރިވާށެވެ. އޭރުން އެއިލާހު ތިބާ ރައްކާތެރި ކުރައްވާނެއެވެ. ﷲ ގެ ކިބައަށް (އެބަހީ: އެއިލާހުގެ އަމުރުފުޅުތަކަށް) ތިބާ ރައްކާތެރިވާށެވެ. އޭރުން ތިބާގެ ކުރިމަތީގައި އެއިލާހު ވޮޑިގެންވާނެއެވެ. (އެބަހީ: އެއިލާހު ތިބާއަށް ހެޔޮމަގު ދައްކަވާނެއެވެ.) ތިބާ ކަމަކަށް އެދޭނަމަ، ﷲ ގެ ޙަޟްރަތުން އެދި ދަންނަވާށެވެ. އަދި ވާތްގަށް އެދޭނަމަވެސް، ﷲ ގެ ޙަޟްރަތުން ވާތްގަށް އެދޭށެވެ. އަދި ދަންނާށެވެ! ހަމަކަށަވަރުން، މުޅި އުންމަތް އެކަތިގަނޑަކަށްވެ، ތިބާއަށް މަންފާއެއް ޙާޞިލުކޮށްދޭން އުޅުނަސް، ﷲ ތިބާއަށްޓަކައި ލިޔުއްވައިފައިވާ މަންފާއެއް މެނުވީ އެބައިމީހުންނަކަށް ހާޞިލުކޮށެއް ނުދެވޭނެއެވެ. އަދި އެބައިމީހުން އެކަތިގަނޑަކަށްވެ، ތިބާއަށް ގެއްލުމެއް ދިނުމަށް އުޅުނަސް، ﷲ ތިބާގެ މައްޗަށް ލިޔުއްވައިފައިވާ ގެއްލުމެއް ނޫނީ އެބައިމީހުންނަކަށް ނުދެވޭނެއެވެ. ގަލަންތައް އުފުލިއްޖެއެވެ. އަދި (ލިޔެވުނު) ފަތްތައް ހިކިއްޖެއެވެ. (އެބަހީ: އެންމެހާ ކަމެއްވަނީ ލިޔެވި ނިމިފައެވެ. އަދި އެއިލާހުގެ ނިޔާފުޅާއެކު އެކަންކަން ހިނގާނެއެވެ.)”

(10) މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވަނީ، އޭނާގެ ދަރިންގެ ހިތްތަކުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަދެކެ ލޯބިވުން އަށަގެންނެވުމެވެ. އަދި މަތިވެރި ޞަޙާބީންނާއި އިސްވެދިޔަ ޞާލިޙު ބޭކަލުންދެކެ ލޯބިވުން އަށަގެންނެވުމެވެ. އެބޭކަލުން މަތިވެރިކުރުމާއި، އެބޭކަލުންނަށް ޤަދަރުކުރުމަށް ދަސްކޮށްދިނުމެވެ. އަދި އެބޭކަލުންގެ މަތިވެރި ދަރަޖަ އުނގަންނައިދިނުމެވެ. އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސިޔަރަތާއި، އެކަލޭގެފާނު ކުރައްވާފައިވާ ހަނގުރާމަތަކާއި، އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ކަންކަމާއި، އެކަލޭގެފާނުގެ ޙަދީޘް ބަސްފުޅުތައް އުނގަންނައިދިނުމެވެ. ފަހެ، އެކަލޭގެފާނަކީ މަތިވެރިވެގެންވާ ނަމޫނާއެކެވެ.

އިމާމް މާލިކު ބުން އަނަސް ރަޙިމަހުﷲ ވިދާޅުވިއެވެ. “ސަލަފުންގެ ބޭކަލުން، އެބައިމީހުންގެ ދަރިންނަށް ޤުރްއާނުގެ ސޫރަތެއް އުނގަންނަވައިދެއްވާ ފަދައިން އަބޫބަކުރުގެފާނާއި ޢުމަރުގެފާނުދެކެ ލޯބިވުމަށް އުނގަންނަވައިދެއްވައެވެ.”([13])

އަދި ޢަލީ ބުނުލް ޙުސައިން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ކީރިތި ޤުރްއާނުގެ ސޫރަތެއް އުނގަންނަވައިދެއްވާ ފަދައިން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ކުރައްވާފައިވާ ހަނގުރާމަތަކާއި ފޮނުއްވާފައިވާ ލަޝްކަރުތަކުގެ ވާހަކަތައް ތިމަންމެން އުނގަންނައިދީ އުޅެމެވެ.”([14])

އަދި އިސްމާޢީލު ބުން މުޙައްމަދު ބުން ސަޢުދު ބުން އަބީ ވައްޤާޞް ރަޙިމަހުﷲ ވިދާޅުވިއެވެ. “ތިމަންގެ ބައްޕަ ތިމަންމެނަށް، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ކުރައްވާފައިވާ ހަނގުރާމަތައް އުނގަންނަވައިދެއްވައެވެ. އަދި ތިމަންމެނަށް އެ ހަނގުރާމަތަކުގެ ޢަދަދު ގުނައިދެއްވައެވެ. އަދި ވިދާޅުވެއެވެ. އޭ ތިމަންގެ ދަރިންނޭވެ! މިއީ ތިޔަ ކުދިންގެ ކާބަފައިންގެ ހަނދާންތަކެވެ. ފަހެ، އެ ހަނދާންތައް ގެއްލުވާނުލާހުށިކަމެވެ.”([15])

______________________

([1]) އުފަންވާ ކުއްޖާގެ ކަންފަތް ކައިރީގައި ބަންގިދިނުމާއި ޤަމަތްދިނުމާބެހޭގޮތުން ވާރިދުވެފައިވާ ޙަދީޘްތައް ޞައްޙަކަމުގައި ނުވާތީ، އެކަމަކީ ސާބިތުވާ ކަމެއްނޫންކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. އަދި ބައެއް ޢިލްމުވެރިން އެއީ ކުރުން ސުންނަތްކަމެއްކަމުގައި ވިދާޅުވެއެވެ. (މުތަރުޖިމް)

([2]) ތަޙްނީކުކުރުމަކީ: ކަދުރުފަދަ ފޮނި އެއްޗެއްގެ އެތިކޮޅެއް ޗިސްކޮލުމަށްފަހު ކުއްޖާގެ ތަލީގައި ކާއްތާލުމެވެ. (މުތަރުޖިމް)

([3]) ޢަޤީޤާ ކަތިލުމަކީ: ކުއްޖަކު ދުނިޔެއަށް އުފަންވުމާގުޅިގެން ބަކަރީގެ ޢާއިލާގެ ތެރެއިން އެއްޗެއް މާތް ﷲއަށް ޤުރުބާންކުރުމެވެ. މިކަމުގެ ސަބަބުން މާތް ﷲ އެ ކުއްޖާއަށް ބަރަކާތް ލައްވާނެތެވެ. މިގޮތުން؛ ފިރިހެން ކުއްޖެއްނަމަ ދެ ބަކަރި ކަތިލުމާއި، އަންހެން ކުއްޖެއްނަމަ އެއް ބަކަރި ކަތިލުމަކީ އެންމެ ރަނގަޅުގޮތެވެ. ފިރިހެންކުއްޖާގެ މަތިން އެކަތި ކަތިލިނަމަވެސް ފުދޭނެއެވެ. އެންމެ މޮޅުއިތުރު ގޮތަކީ ކުއްޖާއަށް ހަތް ދުވަސްވާ ދުވަހުގައި ކަތިލުމެވެ. އުޒުރަކާހުރެ އެ ދުވަހަށްވުރެ ފަސްވުމަކީ މައްސަލައެއް ނޫނެވެ. ކުކުޅުފަދަ އެއްޗެއް ކަތިލިނަމަވެސް ޢަޤީޤައެއްކަމުގައި ނުބެލެވޭނެއެވެ. (މުތަރުޖިމް)

([4]) رواه مسلم (1159).

([5]) رواه البخاري (2409)، ومسلم (1829).

([6]) رواه النسائي في الكبرى (9174)، وصحّحه الألباني.

([7]) رواه البخاري (7151)، ومسلم (142) وللفظ له.

([8]) رواه البخاري (5090)، ومسلم (1466).

([9]) ينظر: تفسير البغوي (8/169).

([10]) إحياء علوم الدين للغزالي (3/72)، باختصار وتصرُّف يسير.

([11]) رواه ابن أبي شيبة في مصنَّفِهِ (3519).

([12]) رواه البخاري (5090)، ومسلم (1466).

([13]) أصول اعتقاد أهل السنة والجماعة للالكائي (7/1313).

([14]) الجامع لأخلاق الراوي للخطيب البغدادي (1591).

([15]) الجامع لأخلاق الراوي للخطيب البغدادي (1590).