[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކޮރޯނާގެ މި ޙާލަތުގައި ދުރުދުރުގައި ތިބެ ޖަމާޢަތުގެ ނަމާދު ކުރުމުގެ ޙުކުމަކީ ކޮބާ؟

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم. أما بعد:

މި މައްސަލައިގެ ޙުކުމަށް ވާސިލުވުމުގެ ކުރިން މުހިންމު ނުކުތާތަކަކަށް އަލިއަޅުވާލަން ޖެހެއެވެ. އެގޮތުން ފަހަރަކު ނުކުތާއަކަށް ބަލައިލަމުން ގެންދާނަމެވެ.

 

  • ފުރަތަމަ ނުކުތާ

ސަފުތައް ސީދާކޮށް ތެދުކުރުމަށާއި ކައިރިކައިރިއަށް ޖެހި ހުސްތަންތަން ފުރާ، ސަފަކަށް ފަހު ސަފެއް ފުރިހަމަކުރުމަށް ސުންނަތުގައި އަންގަވާފައިވާ ވެއެވެ.

އަނަސް رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލުﷲ صلى الله عيه وسلم ޙަދީޘްކުރެއްވިއެވެ.

 ((أَتِمُّوا الصَّفَّ الْأَوَّلَ ثُمَّ الَّذِي يَلِيهِ، وَإِنْ كَانَ نَقْصٌ فَلْيَكُنْ فِي الصَّفِّ الْمُؤَخَّرِ)) [روى أحمد (12352) والنسائي (818) وصححه الألباني في صحيح أبي داود]

މާނައީ: “ތިޔަބައިމީހުން ފުރަތަމަ ސަފު ފުރިހަމަ ކުރާށެވެ. އެއަށްފަހު ޖެހިގެންވާ ސަފު ފުރިހަމަ ކުރާށެވެ. ފަހެ ފުރިހަމަ ނުވެ ސަފެއް ވާންޖެހޭނަމަ އެއީ އެންމެ ފަހު ސަފުކަމުގައި ހަދާށެވެ.”

އަދި އަބޫ ދާވޫދު ރިވާކުރައްވާފައިވަނީ މިފަދައިންނެވެ.

((أَتِمُّوا الصَّفَّ الْمُقَدَّمَ، ثُمَّ الَّذِي يَلِيهِ، فَمَا كَانَ مِنْ نَقْصٍ فَلْيَكُنْ فِي الصَّفِّ الْمُؤَخَّرِ)) [رواه أبو داود (671) وصححه الألباني في صحيح أبي داود]

މާނައީ: “ކުރީ ސަފު ތިޔަބައިމީހުން ފުރިހަމަ ކުރާށެވެ. އެއަށް ފަހު ޖެހިގެންވާ ސަފު ފުރިހަމަ ކުރާށެވެ. ފަހެ ފުރިހަމަ ނުވެ ސަފެއް ވާނަމަ، އެއީ އެންމެ ފަހު ސަފުކަމުގައި ހަދާށެވެ.”

عبد الله بن عمر رضي الله عنهما އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

 ((أَقِيمُوا الصُّفُوفَ وَحَاذُوا بَيْنَ الْمَنَاكِبِ وَسُدُّوا الْخَلَلَ وَلِينُوا بِأَيْدِي إِخْوَانِكُمْ، وَلَا تَذَرُوا فُرُجَاتٍ لِلشَّيْطَانِ وَمَنْ وَصَلَ صَفًّا وَصَلَهُ اللَّهُ، وَمَنْ قَطَعَ صَفًّا قَطَعَهُ اللَّهُ )) [وروى أحمد (5724) وأبو داود (666) صححه الألباني في صحيح أبي داود]

“ތިޔަބައިމީހުން ސަފުތައް ޤާއިމުކުރާށެވެ. އަދި ކޮނޑުތައް ކައިރިކޮށް ހަމަހަމަ ކުރާށެވެ. އަދި ހުސްތަންތަން ފުރިހަމަ ކުރާށެވެ. އަދި ތިޔަބައިމީހުންގެ އަޚުންނާމެދު މަޑުމައިތިރިވާށެވެ. (އެބަހީ: މީހަކު ސަފަށް ވަންނަން އައިސްފިނަމަ، އޭނައަށް ހުރަސްނާޅާ ސަފަށް ވަންނަން ޖާގަ ދޭށެވެ.) އަދި ޝައިޠާނާއަށް ހުސްތަންތަން ދޫނުކުރާށެވެ. އަދި ސަފެއް ފުރިހަމަކޮށްފި މީހަކަށް ﷲގެ ރަޙުމަތް ވާސިލުވެއްޖެއެވެ. އަދި ސަފެއް މެދުކަނޑާލައިފި މީހަކަށް ﷲ ގެ ރަޙުމަތް ކެނޑިއްޖެއެވެ.”

أنس رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ﷲ ގެ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

 ((رُصُّوا صُفُوفَكُمْ، وَقَارِبُوا بَيْنَهَا، وَحَاذُوا بِالْأَعْنَاقِ))  [روى أبو داود (667) والنسائي (815)صححه الألباني في صحيح أبي داود]

މާނައީ: “ތިޔަބައިމީހުންގެ ކައިރިކައިރިޔަށް ޖެހި ސަފުތައް ފުރިހަމަ ކުރާށެވެ. އަދި އެ ދެމެދު (އެބަހީ: ދެސަފުގެ ދެމެދު) ކައިރިކުރާށެވެ. އަދި ތިޔަބައިމީހުންގެ ކަނދުރާތައް އެއްހަމަ ކުރާށެވެ.  (އެބަހީ: އެކަކަށްވުރެ އަނެކަކު ކުރިޔަށް ނުވަތަ ފަހަތަށް ނުޖެހި ތިބޭށެވެ.)”

السندي رحمه الله ވިދާޅުވިއެވެ.

“ތިޔަބައިމީހުންގެ ކައިރިކައިރިޔަށް ޖެހި ސަފުތައް ފުރިހަމަ ކުރާށެވެ.” އެކަލޭގެފާނުގެ މި ބަސްފުޅުގެ މުރާދަކީ އެކަކު އަނެކަކާ އެކައްޗެއް ފަދައިން ގުޅިގެންވުމެވެ.

“އަދި އެ ދެމެދު ކައިރިކުރާށެވެ.” މި ބަސްފުޅުގެ މުރާދަކީ ދެ ސަފު ދެމެދުގައިވާ ޖާގަ ކުޑަކުރުމެވެ. އެއްސަފު އަނެއްސަފާ ކައިރިވާނެ ފަދައިންނެވެ.”

[حاشية السندي على سنن النسائي (2 / 92)]

 

ابن المنذر رحمه الله ވިދާޅުވިއެވެ.

“أَبو عُبَيْد ގެ އަރިހުން عَلِي ރިވާކުރައްވާ ވިދާޅުވެފައިވެއެވެ. الْكِسَائِي ވިދާޅުވިއެވެ. އެއްބަޔަކު އަނެއްބަޔަކާ ގުޅި ލާމެހިފައިވާ ފަދައިން ކައިރިކައިރިއަށް ޖެހުން ހުއްޓެވެ. އެބައިމީހުންގެ ދެމެދުގައި އެއްވެސް ހުސް ޖާގައެއް ނެތިއްޖެއުމަށް ދާންދެން، އެއްބަޔަކު އަނެއްބަޔަކާ ގުޅި ލާމެހިފައިވާ ފަދައިން ކައިރިކައިރިއަށް ޖެހުން ހުއްޓެވެ. الله عز وجل ވަޙީކުރައްވާފައިވެއެވެ.

كَأَنَّهُم بُنْيَانٌ مَّرْصُوصٌ ﴿٤﴾ [سورة الصف 4]

(މާނައީ: އެބައިމީހުންނީ ގުޅި ލާމެހިފައިވާ ހަރުދަނާ ބިނާއެއް ފަދައެވެ.)”  

[الأوسط لابن المنذر (4 / 178)]

 

النووي رحمه الله ވިދާޅުވިއެވެ.

“ސަފުތައް ތަރުތީބުކުރުމުގެ މުރާދަކީ ސަފަކަށް ފަހު ސަފެއް ފުރިހަމަ ކުރުމެވެ. އަދި ސަފުގައި ތިމާއާ ޖެހިގެން ހުންނަ މީހާއަށް ވުރެ އެއްވެސް މިންވަރެއް ކުރިޔަށް ނުޖެހޭނެ ފަދައިން އެކަކު އަނެކަކާ ސީދާވެ ތިބުމެވެ. އަދި ފުރަތަމަ ސަފު ފުރުމުގެ ކުރިން ދެވަނަ ސަފަށް ނުފެށުމެވެ. އަދި ކުރީ ސަފު ފުރިހަމަ ނުވަނީސް އާ ސަފެއްގައި މަޑު ނުކުރުމެވެ.”

[المجموع للنووي (4 / 226)]

 

ابن عثيمين رحمه الله ވިދާޅުވިއެވެ.

“ސަފުތައް ތަރުތީބުކުރުން ވަނީ ހަމަހަމަވެ ސީދާވުމުގައެވެ. އެކަކަށްވުރެ އަނެކަކު ކުރިއަށް ނުޖެހޭނެ ފަދައިންނެވެ. ކުރިއަށް ނުޖެހުމުގެ މާނައަކީ މީހާގެ ފައި ކުރިއަށް ނުޖެހުން ހެއްޔެވެ؟

ޖަވާބަކީ: އެންމެ މުހިއްމު ކަމަކީ ހަށިގަނޑުގެ މަތިން ކޮނޑުތައް (އެއްވަރުކުރުމެވެ.) އަދި ތިރިން ފުންނާބުތައް (އެއްވަރުކުރުމެވެ.)…

އަދި ތަރުތީބުކުރުމުގައި (تَسْوِيَة މި ލަފުޒުގައި) ފުރިހަމަކަމުގެ މާނަވެސް އެކުލެވެއެވެ. އެބަހީ: ތަރުތީބުކޮށް އެއްވަރުކުރުން (تَسْوِيَة ނުވަތަ الاِسْتَوَاء) ފުރިހަމަކުރުމުގެ މާނައިގައިވެސް އައިސްފައިވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ފަދައިންނެވެ.

﴿وَلَمَّا بَلَغَ أَشُدَّهُ وَاسْتَوَىٰ﴾ [سورة القصص:14]  

(މާނައީ: އަދި އެކަލޭގެފާނު ބޮޑުފުޅުވެ، ފުރާ ފުރިހަމަވި ހިނދެވެ.)

وَاسْتَوَى، އެބަހީ: ފުރިހަމަވުމެވެ. އެހެންކަމުން “اِسْتَواءُ الصَّفِّ” (ސަފުތައް ތަރުތީބުކުރުން) ފުރިހަމަކުރުމުގެ މާނައިގައި ބުނާނަމަ، އެކަމުގައި ވަނީ ހަމައެކަނި ސަފުތައް ސިދާކޮށް އެއްވަރުކުރުމެއް ނޫނެވެ. އެހެނެއްކަމަކު އޭގައި އެތަކެއް ކަމެއް އެކުލެވިގެންވެއެވެ.

  1. ކައިރިކައިރިއަށް ޖެހި ސަފުތައް ސީދާކޮށް ތަރުތީބުކުރުން. މިކަމުގައި ރާޖިޙު ގޮތަކީ، މިއީ ވާޖިބެއްކަމެވެ. އެކަން އިސްވެ ބަޔާންވެ ހިނގައްޖެއެވެ.
  2. ހުސްތަން ނޯންނާނެހެން ކައިރިކައިރީގައި ސަފުތައް ތަރުތީބު ކުރުމީ ސަފުތަކުގެ ފުރިހަމަކަމުގެ ތެރެއިންވާ ކަމެކެވެ. ނަބިއްޔާ صلى الله عليه وسلم ވަނީ އެކަމަށް އަމުރު ކުރައްވާފައެވެ. އަދި އެކަލޭގެފާނުގެ އުންމަތަށް އިރުޝާދު ދެއްވާފައިވަނީ މަލާއިކަތުން އެބޭކަލުންގެ ރައްބުގެ އަރިހުގައި ސަފުތައް ތަރުތީބުކުރާ ފަދައިން ސަފުތައް ތަރުތީބުކުރުމަށެވެ. މަލާއިކަތުން (ސަފުތަކުގައި) ކައިރިކައިރިއަށް ޖެހިވަޑައިގެން ސީދާ ކުރައްވައެވެ. އަދި ސަފަކަށްފަހު ސަފެއް ފުރިހަމަ ކުރައްވައެވެ. ކައިރިކައިރިއަށް ޖެހި ސަފުތައް ތަރުތީބު ކުރުމުގެ މުރާދަކީ ޝައިޠާނާ ވަނުމަށް ހުސްޖާގަ ދޫނުކުރުމެވެ. އަދި އޭގެ މުރާދަކީ ފިތިބާރުވެ ތާށިވެގެން ތިބުމެއް ނޫނެވެ. އެހެނީ، ކައިރިކައިރިއަށް ޖެހި ހުސްޖާގަ ނުދީ ތިބުމާއި، އެކަކު އަނެކަކާ މާ ބޮޑަށް ފިތިބާރުވެގެން ތިބުމަކީ ތަފާތު ދެކަމެކެއެވެ.”

[الشرح الممتع (3 / 12)]

 

 

  • ދެވަނަ ނުކުތާ

النَّوَوِي رحمه الله ވިދާޅުވެފައިވެއެވެ.

“ތިމަންމެންގެ އަޞްޙާބުންނާއި އެނޫން ބޭފުޅުންވެސް އިއްތިފާޤު ވެލައްވާފައިވާ ގޮތުގައި، ފުރަތަމަ ސަފު ހޯދުމަށް މަސައްކަތްކުރުން ސުންނަތްވެގެންވެއެވެ. الصَحِيْحُ ގައި މިކަމާ ގުޅޭ ގިނަ ޙަދީޘްތަކެއް އައިސްފައިވެއެވެ. އަދި އިމާމު މީހާގެ ކަނާތްފަޅީގައި ހުރުމާއި، ސަފުގެ ހުސްތަންތަން ފުރިހަމަ ކުރުމާ އަދި ފުރަތަމަ ސަފު ފުރިހަމަކުރުމަށްފަހު އެއާ ވިދިގެން އޮތް ސަފު ފުރިހަމަކުރަމުން ދިޔުމާއި، ސަފު ފުރިހަމަވުމުގެ ކުރިން އައު ސަފެއް ނުފެށުން ސުންނަތްވެގެންވެއެވެ.”

[المجموع (4 / 301)]

 

އެހެނެއްކަމަކު ސަފުތައް ސީދާކޮށް ފުރިހަމަކުރުމަށް ނަބިއްޔާ صلى الله عليه وسلم ބާރުއަޅުއްވާފައިވާ މިންވަރުގެ ބޮޑުކަމުން އެއީ ވާޖިބެއްކަމަށް ދަލީލުކޮށްދެއެވެ. ابن تيمية رحمه الله ވެސް ދެކެލައްވަނީ މިފަދައިންނެވެ.

ابن تيمية رحمه الله ވިދާޅުވެފައިވެއެވެ.

“ފަހެ ނަމާދުގެ ޖަމާޢަތަށް ޖަމާޢަތޭ ކިޔުނީ ނަމާދުކުރާ މީހުން ނަމާދުކުރުމަށްޓަކައި އެއް ތަނަކަށް އެއް ވަގުތެއްގައި ޖަމާވާތީއެވެ… އަދި އެބައިމީހުނަށް އަމުރުވެވިގެންވަނީ ސަފުތަކަށް އެތުރުމަށެވެ. އަދި އެބައިމީހުނަށް ނަބިއްޔާ صلى الله عليه وسلم އަމުރު ކުރައްވާފައިވަނީ ސަފުތައް ވަރުގަދަކުރުމަށާއި ތަރުތީބުކުރުމަށެވެ. އަދި ސަފުތަކުގައި ކައިރިކައިރިއަށް ޖެހި ހުސްތަންތަން ފުރިހަމަކުރުމަށެވެ. އަދި ފުރަތަމަ ސަފުން ފެށިގެން ސަފަކަށް ފަހު ސަފެއް ފުރިހަމަކުރުމަށެވެ. މި އެންމެހާ ކަންކަމަކީވެސް އެތަނަކާއި އެކަށޭގެންވާ އެންމެ ފުރިހަމަ ސިފައެއްގައި އެބައިމީހުންގެ ޖަމާވުން ޙާޞިލުކުރުމަށް ލައްވާފައިވާ ކަންކަމެވެ. އަދި ސަފުސަފަށް އެތުރުން ވާޖިބުވެގެން ނުވާނަމަ، މީހަކަށްފަހު މީހެއް އެކަކުގެ ފަހަތުގައި އަނެކަކު ހުންނަ ފަދައިން އެތުރި ތިބުން ހުއްދަވީހެވެ. ކޮންމެ މީހަކަށްވެސް ޢާންމުވެ އެނގިފައިވާނޭހެން މިއީ މުސްލިމުންގެ ނަމާދެއް ނޫނެވެ. (އެބަހީ: މުސްލިމުން ނަމާދުކުރާ ގޮތެއް ނޫނެވެ.) މިއީ ހުއްދަވެގެންވާ ކަމެއްނަމަ، މުސްލިމުން އެ ފަދައިން އެންމެ ފަހަރަކު ނަމަވެސް ކޮށްފައިވީހެވެ… އެހެންކަމުން އަޞްލުތަކަށް ޤިޔާސްކުރުމުން ދޭހަވަނީ ސަފުސަފަށް އެތުރުން ވާޖިބުވެގެންވާކަމެވެ.”

[مَجْمُوعُ الفَتَاوَى (23/394)]

 

ابن عُثَيمِين رحمه الله އިޚްތިޔާރު ކުރައްވަނީވެސް މި ރައުޔުއެވެ. ابن عُثَيمِين رحمه الله ވިދާޅުވެފައިވެއެވެ.

“އެހެންކަމުން މި މައްސަލައިގައި ރާޖިޙު ގޮތަކީ، ސަފުތައް ތަރުތީބުކުރުން ވާޖިބުވެގެންވުމެވެ. އަދި ބަޔަކުމީހުން ސަފުތައް ސީދާކޮށް ތެދުނުކުރާނަމަ، އެބައިމީހުން ފާފަވެރިވެގެންވެއެވެ. شَيخُ الإسلام ابن تَيمِيَّة رحمه الله ގެ ބަސްފުޅުންވެސް ދޭހަވަނީ މި ފަދައިންނެވެ. އެހެންނަމަވެސް މި އަމުރާ ޚިލާފުވެ ސަފުތައް ސީދާކޮށް ތަރުތީބު ނުކޮށްފިނަމަ، އެ ދޫކޮށްލީ ވާޖިބެއްކަމަށް ވާތީ އެބައިމީހުންގެ ނަމާދު ބާޠިލުވާނެ ހެއްޔެވެ؟

ޖަވާބު: މި ކަމުގައި އިޙުތިމާލެއް ވެއެވެ. އެބައިމީހުން ދޫކޮށްލީ ވާޖިބެއްކަމަށްވާތީ އެބައިމީހުންގެ ނަމާދު ބާޠިލުކަމަށް ފަހަރުގައި ބުނެވިދާނެއެވެ. ނަމަވެސް ނަމާދު ބާޠިލުވުމަކާއި ނުލާ ފާފަވެރިވާނޭކަމަށް އޮތް އިޙުތިމާލު އެއަށްވުރެ ވަރުގަދައެވެ. އެހެނީ ސަފުތައް ސީދާކޮށް ތަރުތީބުކުރުމަކީ ނަމާދަށްޓަކައިވާ ވާޖިބެކެވެ. ނަމާދުގެ ތެރެއިންވާ ވާޖިބެއް ނޫނެވެ. އެބަހީ: އެއީ ނަމާދުގެ އިމުން ބޭރުންވާ ވާޖިބެކެވެ. ނަމާދަށްޓަކައިވާ (ނަމާދުގެ ބޭރުންވާ) ވާޖިބެއް ދޫކޮށްލައިފި މީހާ ފާފަވެރިވާނެވެ. އަދި އެކަމުގެ ސަބަބުން ނަމާދު ބާޠިލެއް ނުވާނެއެވެ. މިސާލަކަށް ބަންގިއެވެ. ބަންގިއަކީ ނަމާދަށްޓަކައިވާ ވާޖިބެކެވެ. އަދި ބަންގި ނުދީ ދޫކޮށްލުމަކުން ނަމާދު ބާޠިލު ނުވާނެއެވެ.”

[الشَرْحُ الممْتِع (10/3)]

 

 

  • ތިންވަނަ ނުކުތާ

މިފަދައިން ސަފުތައް ތަރުތީބުނުކޮށް ކުރެވޭ ނަމާދު ޞައްޙަވާނެ ހެއްޔެވެ؟

އެފަދައިން ކުރެވޭ ނަމާދުވެސް ޞައްޙަވާނެއެވެ. ސަފެއްގެ ފަހަތުގައި އެކަކު އެކަނި ހުރެ ކުރާ ނަމާދު ބާޠިލުވާނެކަމަށް ދެކެލައްވާ ޙަންބަލީ މަޒުހަބުގެ ޢިލްމުވެރިންވެސް ދެކެލައްވަނީ މިފަދައިންނެވެ.

“مُطَالِبُ أَولِيَ النَّهِى شَرْحُ غَايَةِ المنْتَهَى” ގައި ވެއެވެ.

“ސަފު ކެނޑިގެން ނަމާދު ބާޠިލެއް ނުވާނެއެވެ. އެއީ، އިމާމުމީހާގެ ފަހަތުން ކަމަށްވިޔަސް، ނުވަތަ އިމާމުމީހާގެ ކަނާތުންކަމަށް ވިޔަސްމެއެވެ. އިމާމު މީހާގެ ވާތްފަރާތުން ސަފު ކެނޑިގެން ވާ ޙާލަތެއްގައި މެނުވީއެވެ. އެބަހީ: އިމާމާ ދުރުގައި، ތިން މީހަކަށް ތިބެވޭ ޖާގައަށް ވުރެ ދުރުމިނަށް ސަފު ކެނޑިފައިވާނަމަ އޭނާގެ ނަމާދު ބާތިލުވާނެއެވެ. الرِعَايَةُ الكُبرَى ގައި ابن حَامِد މި ފަދައިން ވިދާޅުވެފައިވެއެވެ.

އަދި އެއީ ސަފުތަކުގެ ތެރެއިން އެފަދަ މިންވަރެއް ކެނޑިފައިވުންކަމަށް ވެސް ބައެއް ބޭފުޅުން ދެކެލައްވައެވެ. އެބަހީ: ތިން މީހުނަށް ތިބެވޭހާ ޖާގައަށްވުރެ ބޮޑު މިންވަރެއް ކެނޑިފައިވާނަމަ އޭނާ އެ ހުރީ ވަކިވެފައެވެ. އެބަހީ އެފަދަ މީހާގެ ނަމާދު ޞައްހަނުވާނެއެވެ.

ނަމަވެސް މިއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އެހެނީ ކުރިން ބަޔާންކުރެވުނު ފަދައިން އިމާމާގެ ފަހަތުންނާއި ކަނާތްފަރާތުން ސަފު ކެނޑިގެން ދިއުމުގައި (ނަމާދު ޞައްޙަވުމަށް ބަލާއިރު) މައްސަލައެއް ނެތެވެ. އޭގައި އެއް ފަރުދަކު އަދި ޖަމާޢަތެއްގެ މީހުން ވަކިވެގެންވުން ޝާމިލުވެއެވެ.”

[مُطَالِبُ أَولِيَ النَّهِى شَرْحُ غَايَةِ المنْتَهَى (1/695)]

 

އަދި العَلَّامَة عُثْمَانُ النَّجْدِي “شَرحُ المُنتَهَى” (1/318) ގައި ވިދާޅުވެފައިވެއެވެ.

“ފަހެ ޖާގަތައް ފުރިހަމަނުކޮށް ދޫކުރެވިގެން ސަފު މެދުކެނޑުމުގައި، ފަހަރުގައި އެއީ 3 މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުނަށް ތިބެވޭހާ ޖާގަކަމުގައި ވެދާނެއެވެ. އަދި އަނެއްބައި ފަހަރުގައި އެއަށްވުރެ މަދު ބަޔަކަށް ތިބެވޭހާ ޖާގަކަމުގައިވެސް ވެދާނެއެވެ. އަދި ސަފާ ވަކިވެފައި ހުންނަނީ އެންމެ މީހެއް ކަމުގައިވެސް ވެދާނެއެވެ. އަދި ފަހަރުގައި ގިނަ ޢަދަދެއްގެ ބަޔަކަށްވެސް ވެދާނެއެވެ. މިފަދައިން ބާރަ ސިފައަކަށް/ގޮތަކަށް ސަފު ކެނޑިފައި ހުރެދާނެއެވެ. އޭގެ ތެރެއިން ދިހަ ގޮތް ޞައްހަވެގެންވެއެވެ. އަދި ދެ ގޮތުގައި ސަފުން ވަކިވެފައި ހުންނަ މީހާގެ ނަމާދު ބާޠިލު ވާނެއެވެ. އެ ދެ ގޮތަކީ: އިމާމު މީހާއާ ޖެހިގެން ވާތްފަރާތުގައި ހެދޭ ސަފުގައި ތިނެއް ނުވަތަ އެއަށްވުރެ ގިނަ މީހުނަށް ތިބެވޭހާ ޖާގަ ދޫކޮށްލެވިފައިވާ ޙާލަތެވެ. އެފަދައިން ސަފުން ކެނޑިފައި ހުރީ އެކަކު ކަމުގައިވިޔަސް ނުވަތަ ގިނަ ޢަދަދެއްގެ ބަޔަކުކަމުގައި ވިޔަސް އެބައިމީހުންގެ ނަމާދު ބާޠިލުވާނެއެވެ.”

 

އެހެންކަމުން ޙަންބަލީ މަޛްހަބުގެ ޢިލްމުވެރިންގެ އަރިހުގައި ސަފު ކެނޑިގެން ނަމާދު ބާޠިލުވާ ދެ ސިފައަކީ:

  1. އިމާމާއާ ޖެހިގެން ވާތް ފަރާތުގައި ހެދޭ ސަފުގައި ތިނެއް ނުވަތަ އެއަށްވުރެ ގިނަ މީހުނަށް ތިބެވޭހާ ޖާގަ ދޫކޮށްލާފައި ވަކިން އެއް މައުމޫމަކު ހުރުމެވެ.
  2. އިމާމާއާ ޖެހިގެން ވާތް ފަރާތުގައި ހެދޭ ސަފުގައި ތިނެއް ނުވަތަ އެއަށްވުރެ ގިނަ މީހުނަށް ތިބެވޭހާ ޖާގަ ދޫކޮށްލާފައި ވަކިން ގިނަ ޢަދަދެއްގެ މައުމޫމުން ތިބުމެވެ.

އިމާމާގެ ފަހަތުގައި ހެދޭ ސަފުތަކުގައި ނުވަތަ އިމާމާއާ ޖެހިގެން ކަނާތްފަޅީގައި ހެދޭ ސަފުގައި، ތިނެއް ނުވަތަ އެއަށްވުރެ ގިނަ މީހުން ތިބެވޭހާ ހުސް ޖާގަ ދޫކޮށްފައި ހުރި ކަމުގައި ވިޔަސް ނަމާދު ބާޠިލު ނުވާނެއެވެ.

މަތީގައި އިޝާރާތް ކޮށްފައިވާ ސަފު ކެނޑިގެންގޮސްދާނެ ސިފަތަކުގެ ތެރޭގައި، ސަފެއްގެ ފަހަތުގައި އެކަނި ވަކިން ހުރެ ޖަމާޢަތުގެ ނަމާދުގައި ބައިވެރިވާ މީހާ ހިމެނިގެން ނުވެއެވެ. އެއީ، އިޝާރާތް ކޮށްފައި އެވަނީ އެކަކަށްވުރެ ގިނަ މީހުން ތިބޭ ސަފެއް މެދުކެނޑިގެން ހިނގައިދާނެ ގޮތްތަކެވެ.

ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި އުޒުރެއް ނެތި ސަފެއްގެ ފަހަތުގައި އެކަނި ހުރެ ޖަމާޢަތުގެ ނަމާދުކުރުން މަކްރޫހަވުމާއެކު ނަމާދު ޞައްހަވެގެންވެއެވެ. އެހެންކަމުން ހުސް ޖާގަ ދޫކޮށްފައިނަމަވެސް އެހެންމީހުން ތިބި ސަފެއްގައި ހުރެ ކުރާ ޖަމާޢަތުގެ ނަމާދު ޞައްހަވުން މާ އައުލާވެގެންވެއެވެ.

 

އަދި المَوسُوعَةُ الفِقْهِيَّة ގައި ވެއެވެ.

“ބަޔާންވެ ގޮސްފައިވާ ފަދައިން ޖަމާޢަތުގެ އަޞްލަކީ މައުމޫމުން ކައިރިކައިރިއަށް ޖެހި ސަފުތަށް ސީދާކޮށް ތަރުތީބުކުރުމެވެ. އެހެންކަމުން އުޒުރެއް ނެތި އެކަކު އެކަނި ސަފެއްގައި ހުރެ ނަމާދުކުރުން މަކްރޫހަވެގެން ވެއެވެ. މަކްރޫހަ ވުމާއެކުވެސް ނަމާދު ޞައްޙަ ވާނެއެވެ. އަދި އުޒުރަކާ އެކުނަމަ މަކްރޫހަކަން ކެނޑިގެން ދާނެއެވެ. މިކަމުގެ ތަފްސީލު ބަޔާންވެގެން އަންނާނެއެވެ.

މިއީ ޖުމްހޫރު ފިޤުހުވެރިން (ޙަނަފީ، މާލިކީ އަދި ޝާފިޢީ) ގެ ރައުޔެވެ. މިކަމަށް ދަލީލު ނަންގަވަނީ أبو بَكْرَة رضي الله عنه ގެ އަރިހުން ބުޚާރީ ރިވާ ކުރައްވާފައިވާ ޙަދީޘުންނެވެ. އެކަލޭގެފާނު ނަމާދަށް ވަޑައިގެންނެވި އިރު ނަބިއްޔާ صلى الله عليه وسلم އޮންނެވީ ރުކޫޢުގައެވެ. އެހެންކަމުން އެކަލޭގެފާނު ސަފަށް ފޯރުމުގެ ކުރިން ރުކޫޢު ކުރެއްވީއެވެ. އެކަން ނަބިއްޔާ صلى الله عليه وسلم އަށް ޒިކުރު ކުރެއްވުމުން ޙަދީޘްކުރެއްވެވިއެވެ. ((زَادَكَ الله حِرصًا وَلَا تَعُد)) (ﷲ ތިބާގެ ޝައުޤުވެރިކަމާއި ހިތްވަރު އިތުރު ކުރައްވާށިއެވެ. އަދި (އެކަން) ތަކުރާރު ނުކުރައްވައްޗެވެ.)

ފިޤުހުވެރިން ވިދާޅުވެފައިވެއެވެ. މި ޙަދީޘުން، އެ ނަމާދު އަލުން ކުރަން ނުޖެހޭނެކަމަށް ދަލީލު ލިބެއެވެ. އަދި ނަބިއްޔާ صلى الله عليه وسلم އަށް ސަފުގެ ފަހަތުގައި ނަމާދަށް ހުރި މީހަކު ފެނިވަޑައިގެން ހިނދު ނަމާދު އަލުން ކުރެއްވުމަށް އަމުރު ކުރެއްވިކަމަށް، وَابِصَة بن مَعْبَد ގެ އަރިހުން التِرْمِذِي ރިވާކުރައްވާފައިވާ ޙަދީޘްގައި އައިސްފައިވާ އަމުރަކީ ނަމާދު އަލުން ކުރުން މުސްތަހައްބުކަމަށް އައިސްފައިވާ އަމުރެއްކަމަށް މި ދެ ޙަދީޘް ޖަމާކުރައްވާ ދަލީލު ނަންގަވައެވެ.

އަދި މަތީގައި ޒިކުރުކޮށްފައި އެވާ وَابِصَة بن مَعْبَد އަރިހުން ރިވާކުރެއްވި ޙަދީޘުން ދަލީލު ނަންގަވާ، ޙަންބަލީ މަޒްހަބުގައި ސަފެއްގެ ފަހަތުގައި އުޒުރެއް ނެތި އެކަނި ހުރެ ރަކުޢަތެއް ފުރިހަމަކޮށްފި މީހާގެ ނަމާދު ބާޠިލު ވާނެއެވެ.

عَلِي بن شَيْبَان رضي الله عنه އަރިހުން ރިވާވެގެންވެއެވެ. އެބޭކަލުންނާއެކު ނަބިއްޔާ صلى الله عليه وسلم ނަމާދު ކުރެއްވުމަށްފަހު ވަޑައިގަތެވެ. އަދި މީހަކު ސަފުގެ ފަހަތުގެ އެކަނި ހުއްޓެވެ. އެ މީހާ (ނަމާދުން ނިމިގެން) ވަޑައިގަންނަވަނިކޮށް ނަބިއްޔާ صلى الله عليه وسلم އޭނާގެ ގާތަށް ހުއްޓިފައި ޙަދީޘް ކުރެއްވިއެވެ. ތިބާގެ ނަމާދު ލިބިގަންނާށެވެ. ސަފުގެ ފަހަތުގައި ހުންނަ މީހާއަށް ނަމާދެއް ނުވެއެވެ. [رواه ابن ماجه] އަދި أبو بَكْرَة رضي الله عنه ގެ ޙަދީޘްގައި ނަބިއްޔާ صلى الله عليه وسلم އެކަން ނަހީކުރައްވާ ޙަދީޘްކުރެއްވިއެވެ. ((لَا تَعُدْ)) (ތަކުރާރު ނުކުރައްވައްޗެވެ.) މިފަދައިން ނަހީ ކުރެއްވުމުން ދޭހަވަނީ ޢަމަލު ފަސާދަވެގެން ވުމެވެ. އަދި އެކަލޭގެފާނަށް އެ ޢަމަލަކީ ޙަރާމްވެގެންވާ ކަމެއްކަން އެނގިލައްވާފައި ނުވުމުން އެކަލޭގެފާނަށް އުޒުރު ލިބިވަޑައިގެންނެވީއެވެ. ނޭނގުމަކީ ފުއްސެވުމަށް އަސަރުކުރާ ކަމެކެވެ.”

[المَوسُوعَةُ الفِقْهِيَّة (23/183)]

 

 

  • ހަތަރުވަނަ ނުކުތާ

ސަފެއްގެ ފަހަތުގައި އެކަނި ހުރެ ކުރާ ނަމާދު ބާޠިލުވާނެކަމަށް ދެކޭނަމަ، އޭނާއާއެކު ސަފުގައި ހުންނާނެ އިތުރު މީހަކު ނުލިބިއްޖެ މީހާގެ ނަމާދު ޞައްޙަވާނެ ހެއްޔެވެ؟

الشَيخُ ابن عُثَيمِين رحمه الله ވިދާޅުވިއެވެ.

“ކުރީ ސަފު ފުރިހަމަވެފައިވުމުގެ ސަބަބުން ސަފުގެ ފަހަތުގައި އެކަނި ހުރެ ނަމާދުކުރަން ޖެހިއްޖެ މީހާއަށް އެކަމުގައި މައްސަލައެއް ނެތެެވެ. އަދި އޭނާގެ ނަމާދުވެސް ޞައްޙަވާނެއެވެ. އޭނާއަށް އަޖުރުލިބޭނެއެވެ. އެއީ  ﷲ ތަޢާލާގެ މި ވަޙީބަސްފުޅުގައިވާ ފަދައިންނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿فَاتَّقُوا اللَّـهَ مَا اسْتَطَعْتُمْ﴾ [سورة التغابن 16]

މާނައީ: “ފަހެ ތިޔަބައިމީހުނަށް ކުޅަދާނަވެގެންވީވަރަކުން ﷲ އަށް ތަޤުވާވެރިވާށެވެ.”

ނަމަވެސް ކުރީ ސަފު ފުރިހަމަ ނުވެ އޮވެ، ފަހަތުގައި އެކަނި ހުރެ ނަމާދުކޮށްފިނަމަ އޭނާ އެ ނަމާދު އަލުން އިޔާދަ ކުރަން ޖެހޭނެއެވެ. އެއީ ނަބިއްޔާ صلى الله عليه وسلم އަންނަނިވި ޙަދީޘްގައިވާ ފަދައިންނެވެ.

((لَا صَلَاةَ لِفَرْدٍ خَلْفَ الصف)) [رواه أحمد (16297)، وابن خزيمة (1569) وابن حبان (2202) وصححه الألباني]

މާނައީ: “ސަފުގެ ފަހަތުގައި އެކަނި ހުރެ (ނަމާދު ކުރާ މީހާއަށް) ނަމާދެއް ނުވެއެވެ.”

އަދި ސަފުގެ ފަހަތުގައި އެކަނިހުރެ މީހަކު ނަމާދު ކުރާތަން ނަބިއްޔާ صلى الله عليه وسلم އަށް ފެނިވަޑައިގެންނެވުމުން، އަލުން ނަމާދު ކުރުމަށް އެމީހާއަށް އެކަލޭގެފާނު އަމުރު ކުރެއްވިއެވެ.

ރާޖިޙު ގޮތަކީ އިހުގައި ބަޔާންކުރެވުނު ގޮތެވެ. ކުރިމަތީގައިވާ ސަފު ފުރިހަމަ ވެފައިވާނަމަ އެ ސަފު ފަހަތުގައި އެކަނި ހުރެ ނަމާދު ކުރާ މީހާގެ ނަމާދު ޞައްޙަވާނެއެވެ.”

[فَتَاوَى نُورُ عَلَى الدَرْبِ لِلعُثَيمِين (8/2)]

 

އަދި ابن عُثَيمِين رحمه الله ވިދާޅުވިއެވެ.

“ރާޖިޙު ގޮތަކީ ސަފުގެ ފަހަތުގައި އެކަނި ހުރެ ކުރާ ނަމާދު ޞައްޙަ ނުވާނެއެވެ. އެއީ ކުރީ ސަފު ފުރިގެން އެސަފުގައި ބައިވެރިވުމަށް އުޒުރުވެރިވާ މީހާ މެނުވީއެވެ. ފަހެ، އޭނާ އިމާމަށް ތަބާވެ، ސަފު ފަހަތުގައި އެކަނި ހުރެ ނަމާދު އެކުރަނީ އުޒުރުވެރިވުމުގެ ސަބަބުންނެވެ. ކުޅަދާނަކަން ލިބިގެން ނުވާކަމެއް ވާޖިބުނުވާނެކަމުގައި ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އަދި ފިރިހެނުންގެ ސަދުގެ ފަހަތުގައި އެކަނިހުރެ ނަމާދުކުރުމަށް ނަބިއްޔާ صلى الله عليه وسلم ވަނީ އަންހެން ބޭކަނބަލަކަށް އަންގަވާފައިވެއެވެ. އެއީ ޝަރުޢީ އުޒުރަށްޓަކައެވެ. ފިރިހެނުންގެ ސަފުގައި އަންހެނުންނަށް ނުތިބެވޭނެތީއެވެ. ފަހެ، ޙިއްސީ ސަބަބެއް އޮތުމުން ސަފުގައި ބައިވެރިވުމުގެ ވާޖިބުކަން ކެނޑިގެންދެއެވެ.”

[مَجمُوعُ فَتَاوَى وَرَسَائِلُ العُثَيمِين (15/193)]

 

الإمَام ابن تَيمِيَّة رحمه الله ވިދާޅުވިއެވެ.

“އަންހެނުންގެ ޤަޟިއްޔާއިން (އެބަހީ: އަންހެނަަކަށް ފިރިހެނުންގެ ސަފުގައި ނުހުރެވުމުގެ މައްސަލައިން) ދެ ކަމެއް އަންގައިދެއެވެ. ސަފުގެ ފަހަތުގައި އޭނާއާއެކު ބައިވެރިވާނެ އިތުރު މީހަކު ނެތްނަމަ، އަދި ކުރީ ސަފަށް ވަންނަން އުޒުރުވެރިވާނަމަ އެކަނި ހުރެ ނަމާދު ކުރީ އެކަމަށް ހާޖަތްޖެހިގެންނެވެ. މިއީ ޤިޔާސްކުރުމެކެވެ. ހަމަކަށަވަރުން ހާޖަތްޖެހޭ ހާލަތުގައި (މަޖުބޫރުވާ ހާލަތުގައި) ވާޖިބުކަން ކެނޑިގެންދާނެއެވެ. ސަފު ހެދުމުގައި އެހެން މީހަކާއެކު ސަފުހެދުމަށް އައިސްފައިވާ އަމުރަކީ ވާޖިބުތަކުގެ ތެރެއިންވާ ކަމެކެވެ. ނަމަވެސް އެކަމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި އެ ހާޖަތަށްޓަކައި ވާޖިބުކަން ކެނޑިގެން ދާނެއެވެ. މިސާލަކަށް صَلَاةُ الخَوف ގައި އެންމެންގެ ސަލާމަތަށްޓަކައި ބައެއް ފަރުޟުތައް ދޫކޮށްލެވޭ ފަދައިންނެވެ. ހަމަ އެފަދައިން އިމާމާއަށް ވުރެ ކުރީގައި ހުރެގެން މެނުވީ ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެވޭނެ އެއްވެސް ގޮތެއް ނެތް ހާލަތެއްގައި އެ ގޮތަށް ނަމާދު ކުރާނީއެވެ. މިއީ ޢިލްމުގެ އަހުލުވެރިންގެ ޖަމާޢަތެއް ދެކިލައްވާ ގޮތެވެ. އަދި މިއީ ޙަންބަލީ މަޛްހަބުގެ ޢިލްމުވެރިން ދެކެލައްވާ ދެ ގޮތުންކުރެ އެއް ގޮތެވެ. އިމާމާއަށް ވުރެ ކުރިޔަށް ނުޖެހި ޖަމާޢަތުގައި ބައިވެރިވެވޭނެ ގޮތެއް އޮތްނަމަ އިމާމާއަށްވުރެ ކުރިއަށް ޖެހުން ހުއްދަވެގެން ނުވެއެވެ. ސަފުސަފަށް ތަރުތީބުވުން އެހެން ކަންކަމަށްވުރެ ވާޖިބުކަން އިތުރުވެގެން ނުވެއެވެ. އެހެންކަމުން އެހެންކަމުން އުޒުރަކާހުރެ ވާޖިބުކަން ކެނޑޭނަމަ، އުޒުރަކާ ހުރެ އެކަމުން ވާޖިބުކަން ކެނޑުން މާ އައުލާވެގެންވެއެވެ. ޝަރުޢުގައި ކުޅަދާނަކަން ލިބިގެން ނުވާ މީހާގެ ވާޖިބުކަން ކެނޑިގެން ދެއެވެ. ހަމަކަށަވަރުން ކަމެއް މަޖުބޫރު ކުރެވިގެންވާ މީހާއަށް އެކަން މަނާވެވިގެން ނުވެއެވެ. އަދި އެކަމުގެ ސަބަބުން އޭނާ ފާފަވެރިވެސް ނުވެއެވެ. އަދި އަޅަކަށް ކުޅަދާނަވެގެން ނުވާކަމެއް ﷲ ތަޢާލާ އޭނާގެ މައްޗަށް ވާޖިބު ނުކުރައްވާނެއެވެ. އަދި އަޅަކަށް މަޖުބޫރުވެވިގެންވާ ކަމެއް އޭނާއަށް ޙަރާމް ނުކުރައްވާނެއެވެ.”

[مَجمُوعُ الفَتَاوَى (559/20) ]

 

އަދިވެސް ابن تَيمِيَّة رحمه الله ވިދާޅުވެފައިވެއެވެ.

“މީހަކަށް ސަފުގެ ފަހަތް ނޫން ތަނެއްގައި ހުންނާނެ ޖާގައެއް ނުލިބިއްޖެ ހާލަތުގައި، ސަފުގެ ފަހަތުގައި އެކަނި ހުރެ ކުރާ ނަމާދު ބާޠިލުވާނެތޯ ނުވަތަ ނޫންތޯ، މިއީ ކޮންމެވެސް  ވަރެއްގެ ޚިޔާލު ތަފާތުވުމެއް ހުރި މައްސަލައެކެވެ. ނަމަވެސް މިކަމުގައި އެންމެ ޞައްޙަ ބަސްފުޅަކީ އެފަދަ ހާލަތުގައި ނަމާދު ޞައްޙަވާނެއެވެ. އެހެނީ ނަމާދުގެ ވާޖިބެއް އަދާކުރުމަށް ކުޅަދާނަކަން ލިބިގެން ނުވާ ހާލަތުގައި އެކަމުގެ ވާޖިބުކަން ކެނޑިގެންދެއެވެ. އަދި މިއީ ހާޖަތަކަށްޓަކައި އިމާމާއަށް ވުރެ ކުރީގައި ހުރެ ނަމާދު ކުރާ މީހާގެ ނަމާދު ޞައްޙަވާނެ ކަމަށް ޙަންބަލީ މަޛްހަބުގައިވާ ފަދައިންއެވެ.”

[مَجمُوعُ الفَتَاوَى (23/396)]

 

އެހެން ކަމުން މި މައްސަލައިގެ ރާޖިޙު ގޮތަކީ، ކުރީ ސަފު ފުރިހަމަވެ، ފުރުމުގެ ސަބަބުން ސަފުގެ ފަހަތުގައި އެކަނި ހުރެ ނަމާދު ކުރާ މީހާގެ ނަމާދު ޞައްޙަވާނެކަމެވެ.

 

 

  • ފަސްވަނަ ނުކުތާ (މައްސަލައިގެ ޙުކުމް)

އިސްވެ ބަޔާންވެ ދިޔަ ކަންކަމުގެ އަލީގައި، ނަމާދުގެ ޖަމާޢަތުގައި މައުމޫމުންގެ ދެމެދު ހުސް ޖާގަ ބަހައްޓައިން ނަމާދުކުރުމަކީ ﷲ ގެ އިރާދަފުޅާއެކު މި ބަލި ފެތުރިގެން ދިޔުމުން ސަލާމަތްކޮށްދޭނެ އަދި މި ވަބާއިން ރައްކާތެރިކޮށްދޭނޭ މަގެއްކަމަށް ވަނީނަމަ އެ ފަދައިން ނަމާދު ކުރުން ހުއްދަވެގެން ވެއެވެ. ޖުމްހޫރު ޢިލްމުވެރިން ދެކިލައްވާ ގޮތުގައި އެކަން ވަރަށް ވާޟިޙެވެ. އެހެނީ އެބޭފުޅުން ދެކިލައްވާ ގޮތުގައި ސަފުގެ ހުސްޖާގަތައް ފުރާ ފުރިހަމަ ކުރުމަކީ މުސްތަޙައްބު ވެގެންވާ ކަމެކެވެ. ވާޖިބެއް ނޫނެވެ. އަދި ވާޖިބު ކަމަށް ދެކެލައްވާ ރައުޔަށް ބިނާކުރި ނަމަވެސް އެ ފަދައިން ނަމާދު ކުރުން ޞައްޙަވެގެންވެއެވެ. އެއީ އަންނަނިވި ވަޖުހުތަކުންނެވެ.

 

  • ފުރަތަމަ ވަޖުހު

الإمام ابن تيمية رحمه الله ދެކެލައްވާ ގޮތުގައި ސަފު ހެދުން ވާޖިބުވެގެން ވެއެވެ. އަދި ސަފެއްގައި ބައިވެރި ނުވާނަމަ (ސަފުގެ ފަހަތުގައި އެކަނި ހުރެ ޖަމާޢަތުގައި ބައިވެރިވާ މީހާގެ) ނަމާދު ޞައްޙަވެގެން ނުވެއެވެ. އެއާކުވެސް ސަފުގައި ޖާގަ ނެތިގެންނަމަ ސަފުގެ ފަހަތުގައި އެކަނި ހުރެ ނަމާދުގައި ބައިވެރިވުން ހުއްދަކުރައްވައެވެ. އެއީ ޖަމާޢަތް ދޫކޮށްލުމަށްވުރެ، އެ ފަދައިން ބައިވެރިވުން ހެޔޮވެގެން ވާތީއެވެ. އަޅުގަނޑުމެން މަޝްވަރާ ކުރަމުން މި ގެންދާ މައްސަލަ، މިކަމާ ޤިޔާސް ކުރެވެއެވެ. އަދި އެއަށްވުރެ އަޅުގަނޑުމެންގެ މި މައްސަލަ އައުލާވެގެންވެއެވެ.

ابن تيمية رحمه الله ވިދާޅުވެފައިވެއެވެ.

“އޭނާއާއެކު ސަފުގައި ބައިވެރިވެ ނަމާދު ކުރާނެ މީހަކު ނުވެއްޖެނަމަވެސް ނަމާދުގެ ޖަމާޢަތް ދޫކޮށްނުލާ ސަފުގެ ފަހަތުގައި އެކަނި ހުރެ ނަމާދުގައި ބައިވެރިވާނީއެވެ. އަންހެނަކުވެސް ސަފުގައި އޭނާއާއެކު ބައިވެރިވާނެ އިތުރު އަންހެނަކު ނެތްނަމަ ފިރިހެނުންގެ ސަފުގެ ފަހަތުގައި އެކަނި ހުރެ ނަމާދުގައި ބައިވެރިވެވޭނެކަމަށް ޢިލްމުވެރިން އިއްތިފާޤުވެލައްވާފައިވާ ފަދައިންނެވެ. ސަފު ހެދުމަށް އަމުރުވެވިގެންވަނީ އެކަމަށް ކުޅަދާނަވެގެންވުމާ އެކުއެވެ. ސަފު ހެދުމަށް ކުޅަދާނަވެގެން ނުވާ ހާލަތަކު ނޫނެވެ.”

[مجموع الفتاوى (406/23)]

 

  • ދެވަނަ ވަޖުހު

ސަފުތައް ތަރުތީބުކުރުން ނަމާދުގެ އެހެނިހެން ވާޖިބުތަކަށް ޤިޔާސް ކުރެވޭނެވެ. ނަމާދުގެ އެހެނިހެން ވާޖިބުތަކުގައިވެސް ކުޅަދާނަކަން ލިބިގެން ނުވާ މީހާގެ މަތިން އެކަމުގެ ވާޖިބުކަން ކެނޑިގެންދެއެވެ.

ابن تيمية رحمه الله ވިދާޅުވެފައިވެއެވެ.

“ނަމާދުގައި ކޮޅަށް ހުރުމާއި، (ޤުރުއާނުން މިންވަރެއް) ކިޔެވުމާއި، ފުރިހަމައަށް ރުކޫޢު ކުރުމާއި، ސަޖިދަކުރުމާއި، ފެނުން ޠާހިރުވުން (ވުޟޫކުރުން) އަދި އެ ނޫންވެސް ކަންކަން އެކަމަށް ކުޅަދާނަ ނުވުމުން (ވާޖިބުކަން) ކެނޑިގެންދާނަމަ، ސަފުހެދުމާއި އިމާމާއަށްވުރެ ކުރިއަށް ނުޖެހުންވެސްވަނީ އެ ފަދައިންނެވެ. އަދި އިމާމާ ނުފެންނަ ހިސާބުގައި އަދި އިމާމާގެ ފަހަތުގައި ތިބި ބަޔަކުވެސް ނުފެންނަ ފަދައިން ހުރެ ނަމާދު ކުރާ މީހާގެ މައްސަލަފަދަ ސަފު ހެދުމާ ގުޅުން ހުރި އެހެނިހެން މައްސަލަތައްވެސްވަނީ މި ފަދައިންނެވެ.”

[مجموع الفتاوى (23/396)]

 

  • ތިންވަނަ ވަޖުހު

މަތީގައި ނަޤުލު ކުރެވިފައިވާ އިބާރާތްކޮޅުގައި ابن تيمية رحمه الله ބަޔާންކޮށް ދެއްވާފައިވާ ފަދައިން ސަފުތަކާ ގުޅުންހުރި އެންމެހާ މައްސަލަތައް އުޒުރުވެރިންގެ ކިބައިން ކެނޑިގެންވެއެވެ.

ސަފުތަކާ ގުޅުން ހުރި މައްސަލަތަކުގެ ތެރޭގައި ސަފުތަކުގައި ކައިރިކައިރިއަށް ޖެހި ބަދަހިކުރުން ހިމެނެއެވެ. ނަމަވެސް މިއީ ސަފެއްގެ ފަހަތުގައި އެކަނި ހުރުމަށްވުރެ ޙުކުމުގެ ގޮތުންވެސް ލުއި މައްސަލައެވެ. އެހެނީ ސަފުގެ ފަހަތުގައި އެކަނި ހުންނަ މީހާގެ ނަމާދު ބާތިލުވާނެކަމަށް ދެ ޙަދީޘެއްގައި އައިސްފައިވެއެވެ. އެއާ ޚިލާފަށް ކައިރިކައިރިއަށް ޖެހި ސަފުތައް ބަދަހި ކުރުމަށް އައިސްފައިވަނީ ހަމައެކަނި އަމުރެކެވެ. އެހެންކަމުން ކައިރިކައިރިއަށް ޖެހި ސަފުތައް ބަދަހިކުރުން ވާޖިބުކަމުގައި ދެކިލެއްވުމާއެކުވެސް، الشيخ ابن عثيمين رحمه الله އިޚްތިޔާރު ކުރެއްވީ، މައުމޫމުންގެ ދެމެދުގައި ހުސްޖާގަ ހުރެ ކުރާ ނަމާދު ޞައްޙަ ވާނެކަމަށާއި ސަފުގެ ފަހަތުގައި އެކަނި ހުރެ ކުރާ ނަމާދު ބާތިލު ވާނޭކަމަށް އޮތް ރައުޔެވެ. އެ ވާހަކަތައް އިސްވެ ޒިކުރުކުރެވި ހިނގައްޖެވެ. މިކަމުން ސަފުގެ ފަހަތުގައި އެކަނި ހުރުމަށްވުރެ ކައިރިކައިރިއަށް ޖެހި ތިބުމުގެ ޙުކުމް ލުއިކަން ބަޔާންވެގެން ދެއެވެ.

 

  • ހަތަރުވަނަ ވަޖުހު

އެއީ އިމާމާއަށް ވުރެ ކުރިއަށްޖެހި ހުރެ ނަމާދުކުރުން ހުއްދަކަމަށް އޮތް މައްސަލައާއި، މި މައްސަލަ ޤިޔާސް ކުރުމެވެ. އެއީ شيخ الإسلام ابن تيمية رحمه الله އިޚްތިޔާރު ކުރެއްވި ރައުޔުއެވެ. އެންމެހާ ޢިލްމުވެރިންވެސް ވިދާޅުވާ ގޮތުގައި އިޚްތިޔާރު ލިބިގެންވާ ހާލުގައި އިމާމާއަށްވުރެ ކުރިއަށް އެރުން ހުއްދަވެގެން ނުވެއެވެ.

ابن تيمية رحمه الله ވިދާޅުވިއެވެ.

“މިތަނުގައި މަޤްޞަދަކީ ޖަމާޢަތް ހެދުންވަނީ ކުޅަދާނަކަން ލިބިގެންވާ މިންވަރަކުންކަމެވެ. މައުމޫމަށް އިމާމާއާ ބައިވެރިވެވެން އޮތް ހަމައެކަނި ގޮތަކީ އިމާމާއަށްވުރެ ކުރީގައި ހުރުން ކަމުގައިވަނީނަމަ އޭނާއަށް އޮތީ ޖަމާޢަތް ލިބިގަތުމައްޓަކާ އިމާމާއަށްވުރެ ކުރިއަށްޖެހި ހުރުމެވެ. އެއީ ޖަމާޢަތް ދޫކޮށްލުމަށްވުރެ ލުއި ކަމެއްކަމުގައި އެކަން ވާތީއެވެ.”

[مجموع الفتاوى (23 / 406)]

 

  • ފަސްވަނަ ވަޖުހު

ބަލި ހާލަތުގައި ނަމާދުގައި ޢަމަލު ކުރާނެ ގޮތް ބަޔާންކުރައްވާ ތިން ރައުޔުއެއް ޢިލްމުވެރިން ގެންނަވާފައިވެއެވެ.

ފުރަތަމަ ރައުޔު: އޭނާ ޖަމާޢަތުގައި ނަމާދު ކުރާނަމަ އިށީނދެ އިނދެގެން ކުރާނީއެވެ. އަދި ގޭގައި އެކަނި ނަމާދު ކުރާނަމަ ކޮޅަށް ހުރެ ކުރާނީއެވެ. ޙަންބަލީ މަޒުހަބުގެ ރައުޔުއަކީ މިއެވެ. އެހެނީ އޭރަށް ކޮންމެ ހާލަތެއްގައިވެސް އެ ދޫކޮށްލެވޭނީ ވާޖިބެވެ.

ދެވަނަ ރައުޔު: އޭނާ ގޭގައި ނަމާދު ކުރާނީއެވެ. އެއީ ނަމާދުގައި ކޮޅަށް ހުރުމުގެ ފަރުޟަކީ ވަރަށް މުހިންމު ކަމަކަށްވާތީއެވެ.

ތިންވަނަ ރައުޔު: މިއީ الشيخ ابن عثيمين رحمه الله ބުރަވެލައްވާ ރައުޔުއެވެ. އޭނާ ނަމާދުގެ ޖަމާޢަތަށް ޙާޟިރުވުން ވާޖިބުވެގެންވެއެވެ. އަދި އޭނާއަށް ކުޅަދާނަވެގެން ނުވާނަމަ އިށީނދެގެން ނަމާދު ކުރާނީއެވެ. [الشَرحُ المُمتِع على زَادُ المُسْتَقْنِع (4/339)]

އަޅުގަނޑުމެން ވާހަކަދައްކަމުން މިގެންދާ މައްސަލައަކީވެސް މިކަމާ އެއްފަދަ މައްސަލައެކެވެ. އަދި އެއަށްވުރެ އައުލާވެގެންވާ މައްސަލައެކޭވެސް ދެންނެވިދާނެއެވެ. އެހެނީ މިއަދު މި ވާހަކަ ދެކެވެނީ އެކަކު މިސްކިތަށް ނުދިޔުމުގެ ވާހަކައެއް ނޫނެވެ. އެހެނީ އެންމެ މީހެއްގެ ސަބަބުން މިސްކިތުގެ ޖަމާޢަތަށް އަސަރެއް ނުކުރާނެއެވެ. ނަމަވެސް މިދެކެވެނީ މިސްކިތްތައް ބަންދުކޮށް މިސްކިތުގެ ޖަމާޢަތް އެއްކޮށް ހުއްޓާލާ ވާހަކައެވެ. މިސްކިތުގެ ޖަމާޢަތް އެއްކޮށް ހުއްޓާލުމަށްވުރެ، އުޒުރަކާއިއެކު މައުމޫމުންގެ ދެމެދު ހުސް ޖާގައެއް ދޫކޮށްގެން ވިޔަވެސް، މިސްކިތުގައި ޖަމާޢަތުގައި ނަމާދުކުރުން ހެޔޮކަން ބޮޑުވެގެންވާކަމާމެދު ޝައްކެއް ނެތެވެ.

 

  • ހަވަނަ ވަޖުހު

ބޯކޮށް ވާރޭވެހުމުގެ ސަބަބުން ދެ ނަމާދު ޖަމްޢުކުރުން ސުންނަތްވެގެންވެއެވެ. އެކަމުގެ ސަބަބަކީ މިސްކިތުގެ ޖަމާޢަތް މެދުކަނޑާ ނުލުމެވެ. އެހެނީ ކޮންމެ ފިރިހެނަކަށްވެސް އޭނާގެ އާއިލާއާއިއެކު ގޭގައި ޖަމާޢަތް ހަދައިގެން ނަމާދު ކުރެވިދާނެއެވެ. ނަމަވެސް މިސްކިތުގެ ޖަމާޢަތަކީ އިސްލާމީ ޝަރީޢަތުގައި ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން މިސްކިތުގެ ޖަމާޢަތް މެދުކަނޑާލާ މިސްކިތްތައް ބަންދުކުރުމަށްފަހު، ކޮންމެ ނަމާދެއްވެސް އެ ނަމާދެއްގެ ވަގުތުގައި ގޭގައި ކުރުމަށްވުރެ، މިސްކިތުގައި ނަމާދުގެ ޖަމާޢަތް ކުރިޔަށް ގެންދިޔުމަށްޓަކާ ދެ ނަމާދު އެކުގައި ޖަމްޢުކުރުންވެސް މާ ހެޔޮކަން ބޮޑުވެގެންވެއެވެ.

 

  • ހަތްވަނަ ވަޖުހު

شَيْخُ الإسلام ابن تَيمِيّة رحمه الله ގެ ބަސްފުޅުން މި މައްސަލައަށް އަލިއަޅުވާލެވިދާނެއެވެ. އެހެނީ އެކަލޭގެފާނު ދެކެލައްވާ ގޮތުގައި ހުސްޖާގަ ފުރުމަށްވުރެ އެކަކަށްވުރެ ގިނަ މީހުނާއެކު ސަފު ހެދުމުގެ މުހިންމުކަން މާ ބޮޑެވެ.

ابن تَيمِيّة رحمه الله ވިދާޅުވެފައިވެއެވެ.

“ނަމާދުގެ ޖަމާޢަތަށް ދެ މީހުންނަށް އާދެވޭ ހިނދު ސަފުގައި ހުސްކޮށް ހުރީ އެކަކަށް ހުރެވޭވަރުގެ ޖާގައެއްނަމަ ޢަމަލުކުރުން އެންމެ ރަނގަޅީ ކޮން ގޮތަކަށް ހެއްޔެވެ؟ ދެ މީހުން އެކުގައި ސަފެއް ހަދާފައި ކުރީ ސަފުގެ ޖާގަ ހުސްކޮށް ބެހެއްޓުން ހެއްޔެވެ؟ ނުވަތަ އެތަނުން އެކަކު އެ ހުސް ޖާގަ ފުރާފައި އަނެކަކު އެކަނި ސަފުގެ ފަހަތުގައި ހުރުން ހެއްޔެވެ؟ أبو العَبَّاس ރާޖިޙު ކުރައްވާގޮތުގައި އެންމެ ރަނގަޅީ ދެ މީހުން އެކުގައި ސަފެއް ހެދުމަށްފަހު ހުސް ޖާގަ ދޫކޮށްލުމެވެ. އެހެނީ ހުސްތަންތަން ފުރުމަކީ ސުންނަތެކެވެ. އަދި އެކަކަށްވުރެ ގިނަ މީހުނާއެކު ސަފު ހެދުމަކީ ވާޖިބެކެވެ.”

[الفَتَاوَى الكُبْرَى لابن تَيمِيَّة (5/348)]

ابن تَيمِيّة رحمه الله، ސަފު ފުރިގެން ނުވަތަ އެކުގައި ހުންނާނެ އިތުރު މީހަކު ނެތުންފަދަ އުޒުރެއް މެދުވެރިވާ މީހާ ސަފުގެ ފަހަތުގައި އެކަނި ހުރެ ޖަމާޢަތުގައި ބައިވެރިވެ ކުރާ ނަމާދު ޞައްޙަވާނެކަމަށް ދެކިލެއްވުމާއެކުވެސް، ސަފެއް ހެދުމަށްޓަކާ ކުރީ ސަފުގައި ހުސްޖާގައެއް ދޫކޮށްލުން ރާޖިޙު ކުރެއްވުމުން، އެކަލޭގެފާނުގެ އަރިހުގައި ސަފުގައި ހުސްޖާގަ ދޫކުރުމަކީ އެއަށްވުރެ ލުއިކަމެއްކަން ދޭހަކޮށްދެއެވެ. އަޅުގަނޑުމެންގެ ކުރިމަތީ މިވާ މައްސަލައާ ގުޅުންހުރީ ސަފުގައި ހުސްޖާގަ ދޫކުރުމާއެވެ. އެހެންކަމުން ސަބަބެއް މެދުވެރިވެގެން އެ ފަދައިން ޢަމަލުކުރުން ހުއްދަވެގެން ވެއެވެ.

 

 

  • ޚުލާސާ:

މި ކަންކަމުން ވާސިލުވި ނަތީޖާއަކީ، ބަލި ފެތުރިދާނެކަމަށްޓަކާ މިސްކިތުގައި އެކަކު އަނެކެއްގެ ދެމެދު ހުސްޖާގަ އޮންނާނެހެން ސަފުތައް ހަދައިގެން ޖަމާޢަތުގައި ނަމާދުކުރުން ހުއްދަވެގެންވެއެވެ. އަދި މިސްކިތްތައް ބަންދުކޮށްފައި ބެހެއްޓުމަށްވުރެ އެގޮތް ހެޔޮކަން ބޮޑުވެގެންވެއެވެ. އެހެނީ މި ހާލަތުގައި ކައިރިކައިރީގައި ތިބުން ދޫކޮށްލަނީ އުޒުރަކާ ލައިގެންނެވެ. އަދި މި ވާހަކަ ދެކެވޭ މައުޟޫޢުއަށްވުރެ މުހިންމު ބޮޑެތި ކަންކަމުގައިވެސް ވާޖިބުތަކާއި ޝަރުތުތަކާއި ރުކުންތައް އުޒުރަކާއެކު ކެނޑިގެންދާ ހާލަތްތައް އިސްލާމީ ޝަރީޢަތުން ފެންނަން އެބަ ހުއްޓެވެ.

ޖަމާޢަތް ހަދައިން ނަމާދު ކުރާ އިރު ކޮރޯނާ ވައިރަސްގެ މި ވަބާ ފެތުރިދާނެކަމުގެ ބިރައްޓަކާ ސަފުތަކުގެ ދެމެދު ހުސްޖާގަ ދޫކުރުން ހުއްދަ ވާނެތޯ، الشَيخ عَبدُ الرَحمن البَرَّاك حفظه الله އާ ސުވާލު ކުރެވުނެވެ.

ޖަވާބުގައި ދެންނެވިއެވެ.

“الحمدُ للهِ، وصلَّى الله وسلَّمَ على نبيِّنا محمَّدٍ، أمَّا بعد :

ސަބަބެއް މެދުވެރިވެގެން ސަފުތަކުގެ ދެމުދު ދުރު ކުރުން ހުއްދަވެގެންވެއެވެ. އެހެނީ ސަފުތައް ކައިރީގައި ހެދުން ވާޖިބުވެގެން ނުވެއެވެ. އެހެނަސް ވާޖިބުވެގެންވަނީ ސަފުތައް ތެދުކޮށް ބަދަހިކަންމަތީ ހެދުމެވެ. ނަމަވެސް މި ހާލަތުގައި މިވާ ފަދައިން ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ ބިރުވެރިކަން އޮތްނަމަ ސަފުގެ ބަދަހިކަމާއި ގާތްކަން ދޫކޮށްލުމުގައި، إن شاء الله މައްސަލައެއް ނެތެވެ. والله أعلم.

(عَبدُ الرَحمن البَرَّاك حفظه الله އަރިހުން 21 ޝަޢުބާން 1441 ގައި އިމްލާ ކުރައްވާފައި)

https://sh-albarrak.com/article/18038

 

ނަމަވެސް ފާހަގަކޮށްލަން ޖެހޭ ނުކުތާއަކީ މި ފަދައިން ޢަމަލުކުރުން ހުރީ އެ ތަނެއްގެ ޞިއްޙީ އިދާރާތަކުން މިސްކިތްތަކުގެ ޖަމާޢަތް މެދުކަނޑާލާ ވަގުތީގޮތުން މިސްކިތްތައް ބަންދު ކުރަން އަންގާފައި ނުވާނަމައެވެ. މި ވަބާ ފެތުރިފައިވާ މި ހާލަތުގައި އެތަކެއް މުސްލިމު ޤައުމުތަކަކުން ދަނީ މިފަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެފަދަ ހާލަތެއްގައި އެންމެނަށް ވާޖިބުވެގެންވަނީ އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކާ އެ އެންގުންތަކާއި އެއްގޮތަށް ޢަމަލު ކުރުމެވެ. والله أعلم.

 

 

މުހިންމު ނުކުތާތަކެއް:

* މިސްކިތުގެ ޖަމާޢަތްތަކާއި ހުކުރުނަމާދާއި ޢީދު ނަމާދު ހުއްޓާލުމަށް ވުރެ ދުރުދުރުގައި ސަފުތައް ހަދައިގެން މިސްކިތުގެ ޖަމާޢަތުގައި ނަމާދުކުރުން ރަނގަޅެވެ. އެއީ އިސްވެ ބަޔާންވެގެން ދިޔަ ދަލީލުތަކާއި ޢިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައެވެ.

* މިފަދަ ވަބާތަކުގެ ދުވަސްވަރުގައި މިސްކިތްތަކުގެ ޖަމާޢަތްތައް ކުރިއަށް ގެންދިޔުމުގައި ޢަމަލުކުރާ އުޞޫލަކީ މުޖުތަމަޢުގައި ކުރިއަށްދާ އެހެނިހެން ކަންކަމާ އެކަށޭނެ ގޮތަކަށް ހެދިފައިވާ އުޞޫލަކަށްވުން މުހިންމެވެ. ސްކޫލުތަކާއި ޕާކުތަކާއި ސައިހޮޓާ ކެފޭތަކާއި ވިޔަފާރިތައް އުޞޫލުތަކެއްގެ ދަށުން ކުރިއަށް ގެންދިޔުމާއެކު ޖަމާޢަތުގެ ނަމާދުތައް ދޫކޮށްލުމީ ދުނިޔަވީ ހަމަތަކުންނާއި ދީނީ ހަމަތަކުންވެސް ހަމަޖެހޭ އުޞޫލަކަށް ނުވާނެއެވެ. މިސްކިތްތަކާއި މިސްކިތްތަކުގެ ޖަމާޢަތްތަކަކީވެސް ޚާއްޞަ އުޞޫލުތަކެއްގެ ދަށުން ބެލެހެއްޓިގެން ޢާންމުތަންތަނެކޭ އެއްގޮތަށް ކުރިއަށް ގެންދެވޭނެ ތަންތަނެވެ. ބައެއް އެހެނިހެން އިސްލާމީ ޤައުމުތަކުގައިވެސް މިފަދަ އުޞޫލުތަކެއްގެ ދަށުން މިސްކިތްތަކުގެ ޖަމާޢަތާއި ހުކުރުނަމާދު މިހާރުވެސް ޤާއިމުކުރަމުންދެއެވެ.

* މިހާލަތުގައި ދުރުދުރުގައި ތިބެ ޖަމާޢަތުގެ ނަމާދު ކުރުން ހުއްދަކަމުގައިވިޔަސް، އެހެނިހެން ހަރަކާތްތަކުގައި ގައިދުރުކުރުމެއް ނެތި ހަމައެކަނި ޖަމާޢަތުގެ ނަމާދުގައި ގައިދުރުކުރުމަށް ބުނުމަކީވެސް ހަމަޖެހޭ އުޞޫލަކަށް ނުވާނެއެެވެ. ޖަމާޢަތުގައި މިފަދައިން ޢަމަލުކުރާކަމުގައިވާނަމަ، މިހާލަތު ބަދަލުވަންދެން ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް ގައިދުރުކުރުމުގެ އުޞޫލަށް ތަބާވާން ޖެހެއެވެ.

* ދީނުގައިވާ ކޮންމެ ވާޖިބެއް ކެނޑިގެންދާނީ ކުޅަދާނަކަން ކެނޑިގެންދާ ހާލަތްތަކުގައެވެ. އެހެންކަމުން މިފަދަ ޙުކުމްތައް ޢާންމު ކުރުމުގެ ބަދަލުގައި، މިކަމުގައި ޢަމަލުކުރަންވާނީ އެރަށެއް ނުވަތަ ސަރަހަައްދެއްގެ ނުވަތަ ޢާންމު ފަރުދުންގެ ޢުމުރާއި ބަލިހާލަތަށް ރިޢާޔަތްކޮށް އިތުބާރު ހިފޭ ޑޮކްޓަރުން ދެއްވާ ލަފަޔާއި މަޝްވަރާގެ މަތިންނެއެވެ.

=ނިމުނީ=

 

މަޞްދަރު