[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މޫސާގެފާނުގެ ވާހަކަ – 28

  • ބަނޫ އިސްރާއީލު މީހުންގެ އިމްތިޙާން

 

  ފިރުޢައުނު، ބަނޫ އިސްރާއީލުގެ މީހުންނާ މެދު ހުރި ޢަދާވާތްތެރިކަން މިޞްރުގެ އަހުލުވެރިންނަށް އެނގެއެވެ. އެމީހުންގެ ތެރެއިން ބަޔަކު އެކަމުގައި ބައިވެރިވިއެވެ. ބަނޫ އިސްރާއީލުގެ ދަރިން ކަތިލުމަށް އެމީހުން ހިތްވަރު ދިނެވެ. އަދި ކުއްތާ އަޑުލައްވާ ފަދައިން ބަނޫ އިސްރާއީލުގެ މީހުންނާ ދިމާލަށް އަޑު ލަމުން ދިޔައެވެ. ކޮންމެ ދުވަހަކީވެސް އެމީހުންނަށް އިމްތިޙާނުގެ ދުވަހެކެވެ. އަދި ކޮންމެ ދުވަހަކީ އެމީހުންގެ މައްޗަށް އިތުރުވެގެންދާ މުޞީބާތެކެވެ. މޫސާގެފާނު އެ މީހުންގެ ހިތްތަކަށް ހިތްހަމަޖެހުން ވައްދަވައިދެއްވިއެވެ. އަދި އެމީހުންނަށް ކެތްތެރިވުމަށް ވަޞިއްޔަތް ކުރެއްވިއެވެ. އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ.

(اسْتَعِينُوا بِاللَّـهِ وَاصْبِرُوا ۖ إِنَّ الْأَرْضَ لِلَّـهِ يُورِثُهَا مَن يَشَاءُ مِنْ عِبَادِهِ ۖ وَالْعَاقِبَةُ لِلْمُتَّقِينَ) [1]

މާނަ: “ތިޔަބައިމީހުން، ﷲގެ ޙަޟްރަތުން ވާގިއެދޭށެވެ! އަދި ތިޔަބައިމީހުން ކެތްކުރާށެވެ! ހަމަކަށަވަރުން، ބިން މިލްކުވެގެންވަނީ ﷲ އަށެވެ. އެކަލާނގެ އަޅުންގެ ތެރެއިން އެކަލާނގެ އިރާދަކުރައްވާ މީހަކަށް، އެ ބިން ވާރުތަކޮށްދެއްވައެވެ. އަދި ހެޔޮ ނިމުންވަނީ، ތަޤްވާވެރިންނަށެވެ.”

ފިރުޢައުނު އެމީހުންނަށް ކުރިމަތި ކުރާ އުނދަގޫތައް ޙައްދު ފަހަނައެޅުމުން، ބަނޫ އިސްރާއީލުގެ މީހުން އެންމެ ފަހުން އުންމީދުކެނޑި މާޔޫސްވިއެވެ. އެމީހުން މޫސާގެފާނަށް ދެންނެވިއެވެ.

(قَالُوا أُوذِينَا مِن قَبْلِ أَن تَأْتِيَنَا وَمِن بَعْدِ مَا جِئْتَنَا) [2]

މާނަ: “އެބައިމީހުން ދެންނެވިއެވެ. ތިމަންމެންގެ ގާތަށް ކަލޭގެފާނު ވަޑައިގަތުމުގެ ކުރިންނާއި، ތިމަންމެންގެ ގާތަށް ކަލޭގެފާނު ވަޑައިގަތުމުގެ ފަހުންވެސް، ތިމަންމެންނަށް އުނދަގޫ ލިބެމުން ދިޔައެވެ.”

އެކަމަކު މޫސާފާނު އުންމީދު ކަނޑާނުލައްވައެވެ. އަދި މާޔޫސްވަޑައި ނުގަންނަވައެވެ.

(قَالَ عَسَىٰ رَبُّكُمْ أَن يُهْلِكَ عَدُوَّكُمْ وَيَسْتَخْلِفَكُمْ فِي الْأَرْضِ فَيَنظُرَ كَيْفَ تَعْمَلُونَ) [3]

މާނަ: “އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ރައްބު ތިޔަބައިމީހުންގެ ޢަދާވާތްތެރިޔާ ހަލާކުކުރައްވައި، ތިޔަބައިމީހުން ބިމުގައި ވެރިކުރައްވައިފާ ހުށްޓެވެ. ދެން ތިޔަބައިމީހުން ޢަމަލުކުރަނީ ކިހިނަކުންކަން، އެކަލާނގެ ބައްލަވާވޮޑިގެން ވާނެއެވެ.”

(وَقَالَ مُوسَىٰ يَا قَوْمِ إِن كُنتُمْ آمَنتُم بِاللَّـهِ فَعَلَيْهِ تَوَكَّلُوا إِن كُنتُم مُّسْلِمِينَ) [4]

މާނަ: “އަދި މޫސާގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނެވެ! ތިޔަބައިމީހުން ﷲ އަށް އީމާންވެގެންވާނަމަ، ފަހެ، އެކަލާނގެއަށް ވަކީލުކުރާށެވެ! ތިޔަބައިމީހުންނީ މުސްލިމުންކަމުގައި ވާނަމައެވެ.”

(فَقَالُوا عَلَى اللَّـهِ تَوَكَّلْنَا رَبَّنَا لَا تَجْعَلْنَا فِتْنَةً لِّلْقَوْمِ الظَّالِمِينَ) [5]

މާނަ: “ފަހެ، އެބައިމީހުން ދެންނެވިއެވެ. ﷲއަށް އަޅަމެން ވަކީލުކޮށްފީމެވެ. އަޅަމެންގެ ރައްބެވެ! އަނިޔާވެރިވީ މީހުންނަށް ފިތުނައެއްކަމުގައި (އެބަހީ: އެއުރެންގެ އަނިޔާވެރިކަމުގެ ދަށުގައި) އަޅަމެން ނުލައްވާނދޭވެ!”

 ( وَنَجِّنَا بِرَحْمَتِكَ مِنَ الْقَوْمِ الْكَافِرِينَ)

މާނަ: “އަދި ކާފިރުވި މީހުންގެ ކިބައިން، އިބައިލާހުގެ ރަޙްމަތްފުޅުން އަޅަމެން ސަލާމަތް ކުރައްވާނދޭވެ!”

ބަނޫ އިސްރާއީލު މީހުން، ﷲ އަށް އަޅުކަން ކުރުން، ފިރުޢައުނު މަނާކުރިއެވެ. ﷲ އަށް އަޅުކަންކޮށް އުޅޭ ތަން ފިރުޢައުނުގެ މީހުންނަށް ފެނިއްޖެނަމަ، އެކަމާ ވަރަށް ރުޅި އާދެއެވެ. އެ ބިން ހެއްދެވި ފަރާތަށް މީހަކު އަޅުކަން ކޮށްފިނަމަ، އެ މީހެއް ދެކެ އޭނާ ރުޅި އާދެއެވެ.

ފިރުޢައުނުގެ ޖާހިލުކަމާއެވެ! ބިން މިލްކު ވޮޑިގެންވަނީ ﷲ އަށެވެ. ފިރުޢައުނަކަށް ނޫނެވެ. ﷲ ގެ ބިމުގައި، އެ އިލާހަށް އަޅުކަން ކުރުމަކީ، މަނާކަމެއް ކަމުގައި ހަދާ މީހެއްގެ އަނިޔާވެރިކަން ބޮޑުކަމާއެވެ! އަދި ﷲ ގެ ބިމުގައި އެމީހެއްގެ، އަމިއްލަ ނަފްސަށް އަޅުކަން ކުރުމަށް ގޮވައިލާ މީހެއްގެވެސް އަނިޔާކަން ބޮޑުކަމާއެވެ!  ބަނޫ އިސްރާއީލުގެ މީހުން، އެމީހުންގެ ގޭގައި ކުރާ އެއްވެސް ކަމެއް މަނާކުރުމަށް ފިރުޢައުނު ނުކުޅެދުނެވެ. މޫސާގެފާނު ދޫފުޅުން ބަނޫއިސްރާއީލުގެ މީހުންނަށް ވިދާޅުވިއެވެ.

(وَاجْعَلُوا بُيُوتَكُمْ قِبْلَةً وَأَقِيمُوا الصَّلَاةَ) [6]

މާނަ: “ތިޔަ ދެބޭކަލުންގެ ޤައުމުގެ މީހުންނަށް މިޞްރުގައި ގޭގެ ހައްދަވާށެވެ! އަދި ތިޔަބައިމީހުންގެ ގޭގެ، ޤިބުލައަށް ބަހައްޓައި، ނަމާދު ޤާއިމުކުރާށެވެ!”

ބަނޫއިސްރާއީލުގެ މީހުންނާއި ﷲ އާއި ދެމެދުގައިވާ ގުޅުމަށް ހުރަސްއެޅުމަށް ފިރުޢައުނާއި އޭނާގެ ސިފައިން ނުކުޅެދުނެވެ. އަޅާއާއި އޭނާގެ ރައްބާއި ދެމެދުގައިވާ ގުޅުމަށް ހުރަސް އެޅޭނީ ކާކަށް ހެއްޔެވެ؟

___________________

މަޞްދަރު: قصص النبيين للأطفال

 

މިލިޔުމުގެ އެހެންބައިތައް

 

[1]  128 الأعراف

[2] الأعراف 129

[3] الأعراف 129

[4] 84 يونس

[5] 86-85 يونس

[6] يونس 87