[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މޫސާގެފާނުގެ ވާހަކަ – 29

  • ބަނޑުހައިހޫނުކަން

 

ފިރުޢައުނު ޙައްދުފަހަނައަޅައި ދިޔައެވެ. ކޮންކަމެއްގައި ހެއްޔެވެ؟ ޣާފިލުކަމުގައެވެ. އަދި ބޮޑާވެގަތުމުގައެވެ. ﷲ ޞުބްޙާނަހޫ ވަތަޢާލާ އޭނާއަށް އެކަމުގައި އިންޛާރުކުރެއްވުމަށް އިރާދަކުރެއްވިއެވެ. އަޅުތަކުން، ކާފިރުވުމަށް ﷲ އެދިވޮޑިނުގަންނަވައެވެ. އަދި ބިން ފަސާދަކޮށް އުޅޭ މީހުން ދެކެވެސް އެކަލާނގެ ލޯބިވެވޮޑިގެން ނުވެއެވެ.

ފިރުޢައުނުވީ ނަޞޭޙަތުން ފައިދާކުރާ މީހެއްކަމުގައި ނުވެއެވެ. ފިރުޢައުނަށް އިންޒާރު ކުރެއްވުމަށް ﷲ އިރާދަކުރެއްވިއެވެ.

މިޞްރަކީ ވަރަށް ހަނަފަސްކަމެއް ނެތް ފެހި ބިމެކެވެ. ދަނޑު ގޮވާންކުރުމުގައި ކުރިއަރާފައިވާ ރަށެކެވެ. ހަމަޔަޤީނުންވެސް މީގެ ކުރިން ޔޫސުފުގެފާނުގެ ޒަމާނުގައި، (ބަނޑުހައިހޫނު ކަން ޢާއްމު ވި ދުވަސްވަރުގައި) މިޞްރުންވަނީ ދުރުރަށްތަކަށް ކަބޯތަކެތީގެ ގޮތުން އެހީތެރިވެދީފައެވެ. މިޞްރުން ޝާމްކަރައަށް އެހީތެރިކަން ދެވުނީ ކިހިނެތް ހެއްޔެވެ؟  އަދި ކަންޢާނު ގެ އަހުލުވެރިންނަށް ވެސް މެއެވެ. މިޞްރުގެ ބިމުގެ ފެހިކަމަކީ އެ ރަށުގެ ވަރަށް ބޮޑުބަޔަކަށް ދެމިފައިވާ ނީލަ ކޯރެވެ. އެ ކޯރުން އެމީހުންގެ ދަނޑުތަކަށް ފެން ދެއެވެ.

މިޞްރުގެ މުއްސަނދި ކަމަކީ އެ ބިމަށް ވެހޭ ވާރޭ ފެނާއި އަދި ނީލަކޯރެވެ. ރިޒުޤުގެ ތަޅުދަނޑިތައް ލިބިވޮޑިގެންވާ ފަރާތަކީ ﷲ ތަޢާލާކަން އެމީހުން ނުދަނެއެވެ. ﷲ، އެކަލާނގެ އިރާދަކުރައްވާ އަޅަކަށް ރިޒުޤު ތަނަވަސްކޮށްދެއްވައެވެ. ނީލަކޯރު ހިނގަހިނގާ ހުންނަނީ ﷲ ގެ އަމުރުފުޅަށެވެ. އަދި އެ ކޯރުގެ ފެން މަދުނުވެ ހުންނަނީ ވެސް ﷲ ގެ އަމުރުފުޅަށެވެ.

އެމީހުންގެ އަތުން މޭވާތައް މަދުވިއެވެ. އަދި އެ އެއްޗެހީގެ އޮށްތައް ވެސް މަދުވިއެވެ. ބަނޑުހައިހޫނުކަން ފެތުރިގެންދިޔައެވެ. އެކަން ޙައްލުކުރުމަށް، ފިރުޢައުނަށާއި އޭނާގެ ވަޒީރުންނަށް ނުކުޅެދުނެވެ. އެހިނދު މިޞްރުގެ މީހުންނަށް ޔަޤީންވެގެން ދިޔައީ ފިރުޢައުނަކީ އެމީހުންގެ ރައްބު ނޫން ކަމެވެ. އަދި ރިޒުޤުވަނީ ﷲގެ އަތްޕުޅުގައި ކަމެވެ. އެކަމަކު ބުއްދިން ފައިދާ ޙާޞިލުކުރި ބަޔެއްކަމުގައި ފިރުޢައުނާއި މިސްރުގެ މިހުންނެއް ނުވިއެވެ. އަދި އެއީ ﷲ ގެ ޙަޟްރަތުން އައި އިންޛާރެއް ކަމުގައި އެމީހުން ބަލައެއް ނުގަތެވެ. ޢިބްރަތް ލިބިގަތުމުގެ ބަދަލުގައި އެމީހުންގެ މައްޗަށް ވެރިވީ ޝައިތާނެވެ. އެމީހުން ބުންޏެވެ. މިއީ ބަނޫއިސްރާއީލާއި މޫސާގެފާނުގެ ނުބައިކަމުން، އަހަރުމެންނަށް ޖެހިފައިވާ ބަނޑުހައިހޫނު ކަމެކެވެ. ހުރި ޢަޖައިބެއްގެ ބޮޑުކަމާއެވެ! މޫސާގެފާނު މީގެ ކުރިން އެމީހުންނާއެކު މިޞްރުގައި ނޫޅުއްވާ ހެއްޔެވެ؟ އަދި ބަނޫއިސްރާއީލުގެ މީހުން މީގެ އެތައް ޒަމާނެއްގެ ކުރިން މިޞްރުގައި ތިބި ބަޔެއް ނޫން ހެއްޔެވެ؟

އެހެނެއް ކަމަކު އެ ކަންތައް އެ މީހުންނަށް ކުރިމަތިވީ، އެމީހުންގެ ނުބައި ޢަމަލުތަކުގެ ސަބަބުންނެވެ. އަދި އެ މީހުންގެ ކުފުރުގެ ސަބަބުންނެވެ. ފިރުޢައުނާއި އޭނާގެ ޤައުމުގެ މީހުންނަށް ޙައްޤު އެނގުމާއެކުވެސް ، ޙައްޤަށް ދެކޮޅުވެރިވެގަތެވެ. އެމީހުން ބުންޏެވެ. ކަލޭގެފާނު އަހަރުމެންގެ މައްޗަށް ތި ހެއްދެވި ސިޙުރަށް، އަހަރުމެން ކިޔަމަނެއް ނުވާނަމަވެ.

(وَقَالُوا مَهْمَا تَأْتِنَا بِهِ مِنْ آيَةٍ لِّتَسْحَرَنَا بِهَا فَمَا نَحْنُ لَكَ بِمُؤْمِنِينَ) [1]

މާނަ: “އެބައިމީހުން ދެންނެވިއެވެ. ތިމަންމެން، ސިޙުރުގައި ޖެއްސެވުމަށްޓަކައި ކޮންމެފަދަ އާޔަތެއް ކަލޭގެފާނު ތިމަންމެންނަށް ގެނެސްދެއްވި ކަމުގައިވިޔަސް، ކަލޭގެފާނަށް އީމާންވާ ބަޔަކުކަމުގައި ތިމަންމެން ނުވާހުށީމުއެވެ.”

___________________

މަޞްދަރު: قصص النبيين للأطفال

 

މިލިޔުމުގެ އެހެންބައިތައް

 

[1] الأعراف 132