-
ބަނޫ އިސްރާއީލުގެ މީހުން ހައްދުފަހަނައަޅައި ދިއުން
ބަނޫ އިސްރާއީލުގެ މީހުންގެ އުޅުން ހުރީ ބޯހަރު މީހުން އުޅޭ ގޮތަށެވެ. އެމީހުންނަށް ކަމެއް ކުރުމަށް އަމުރެއް އައިސްފިނަމަ، އެ އަމުރަކާ ދެކޮޅަށް ކަންތައްކުރެއެވެ. އަދި އެ ކަމަކަށް މަލާމާތްކޮށް އުޅެއެވެ. މޫސާގެފާނު އެ މީހުންގެ ކައިރީގައި ބުނާ ކަންތައްތައް ކުރުމަށް އޮތް ގޮތް ބަދަލުކުރުމަކީ އެ މީހުންގެ ކައިރީގައި ވާޖިބެއް ފަދައެވެ.
އެ މީހުން ބޭނުންވީ ރަށެއްގައި ދިރިއުޅޭށެވެ. އެއީ އެމީހުން ހިތް އެދޭ ކާ އެއްޗެއްހި ކަމުގައިވާ މުގާއި ތަރުކާރި ކެއުމަށެވެ. އެކަމަކު އެމީހުންނަށް މި ފަދައިން ބުނެވުނު ހިނދު އިލާހީ މި އަމުރުފުޅު ދެކެ އެމީހުން ރުޅި އައެވެ.
(اسْكُنُوا هَـٰذِهِ الْقَرْيَةَ وَكُلُوا مِنْهَا حَيْثُ شِئْتُمْ وَقُولُوا حِطَّةٌ وَادْخُلُوا الْبَابَ سُجَّدًا نَّغْفِرْ لَكُمْ خَطِيئَاتِكُمْ ۚ سَنَزِيدُ الْمُحْسِنِينَ) [1]
މާނަ: “ތިޔަބައިމީހުން މިރަށުގައި ވަޒަންވެރިވެ ތިބޭށެވެ! އަދި އެރަށުން ތިޔަބައިމީހުން އެދޭފަދަޔަކުން ކައިއުޅޭށެވެ! އަދި އަޅަމެންގެ އެދުމަކީ ކުށްފާފަތައް ފުއްސަވައި، ޢަފޫކުރެއްވުމޭ ދަންނަވާށެވެ! އަދި ސަޖިދަކުރާ ޙާލު، ތިޔަބައިމީހުން (އެރަށުގެ) ދޮރޯށިން ވަންނާށެވެ! އޭރުން ތިމަންއިލާހު ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ކުށްފާފަތައް ފުއްސަވާހުށީމެވެ. އިޙްސާންތެރިންނަށް ތިމަންއިލާހު (ހެޔޮކަން) އިތުރުކުރައްވާ ހުށީމެވެ.”
އެ ރަށަށް އެމީހުންވަނީ ނުރުހުންތެރިވެ އަދި ފުރައްސާރަކުރާ ޙާލުގައެވެ.
(فَبَدَّلَ الَّذِينَ ظَلَمُوا قَوْلًا غَيْرَ الَّذِي قِيلَ لَهُمْ)[2]
މާނަ: “ދެން (އޭގެ ތެރެއިން) އަނިޔާވެރިވި މީހުން، އެއުރެންނަށް ކިޔާށޭ އެންގެވި ބަސް އެނޫން ބަހަކަށް ބަދަލުކޮށްފިއެވެ.”
ﷲ ތަޢާލާގެ އަމުރުފުޅާއި ޚިލާފުވުމުން، އެ މީހުންގެ މައްޗަށް ބަލާވެރިކަން ބާވައިލެއްވިއެވެ. ބަލިމަޑުކަން އެމީހުންނަށް ކުރިމަތިވިއެވެ. ދެން އެއަށްފަހު މީދާތަކެއް މަރުވާފަދައިން އެ މީހުން މަރުވިއެވެ.
އެ މީހުންނަށް ކަމެއް ކުރުމަށް އަމުރުކުރެވިއްޖެނަމަ، އެކަމަކާ ބެހޭ ގޮތުން ގިނަ ސުވާލުތައް ކޮށް އުޅެއެވެ. އެކަމުން ފިލުމަށް އުޅެއެވެ. ކަމެއް ކުރަން ޖެހުމުން، އެ ކަމެއް ނުކުރާންވެގެން ސުވާލުތައް ގިނަ ކުރާ މިހެއް ފަދައިންނެވެ.
ބަނޫ އިސްރާއީލުގެ މީހުންގެ ތެރެއިން މީހެއް މަރާލެވުނެވެ. އެ މީހާ މާރާލީ ކާކުކަން ހޯދަން އެ މީހުން ވަރަށް މަސައްކަތްކުރިއެވެ. އެކަމަކު އެއީ ކާކު ކަމެއް އެމީހުންނަކަށް ނޭނގުނެވެ. ބަނޫ އިސްރާއީލުގެ މީހުން ތެރޭގައި އެ ވާހަކަ ދެކެވެން ފެށުނެވެ.
މޫސާގެފާނުގެ އަރިހަށް އެމީހުން ގޮސް ދެންނެވިއެވެ. އޭ ނަބީކަލޭގެފާނެވެ. މި ކަމުގައި އަޅުގަނޑުމެންނަށް އެހީތެރިވެދެއްވާށެވެ. އެ މީހާ މަރާލީ ކާކުތޯ ބަޔާންކޮށްދެއްވުމަށް ﷲ ގެ ޙަޟްރަތަށް ދުޢާ ކޮށްދެއްވާށެވެ.
___________________
މަޞްދަރު: قصص النبيين للأطفال
[1] الأعراف 161
[2] البقرة 59