މިޖީލުގެ ކުދިންނަށް މިހާ ބޮޑު ބަދަލެއް އައުމަށް މެދުވެރިވި ދެވަނަ ސަބަބަކީ: އެކުދިން ތަރުބިއްޔަތު ކުރާ ފަރާތުގެ ޝަޚުޞިއްޔަތުގެ ބަލިކަށިކަމެވެ.
މީގެ ކުރީގައިވެސް ބައެއް މުރައްބީންނަކީ ޝަޚުޞިއްޔަތު ބަލިކަށި ފަރާތްތަކެކެވެ. އެހެންނަމަވެސް، އާއްމު މާޙައުލު، ކުދިން ރަނގަޅު މަގަށް މަގުދައްކައި ދިނުމުގައި އެހީތެރިވެދިނެވެ. އެމީހުންގެ ދަރިން އިޙުތިރާމް ލިބިގެންވާ ބަޔަކަށް ހެދުމަށްޓަކައި އެކުދިންގެ މައްޗަށް ތަންކޮޅެއް ހަރުކަށިކޮށް ކަންތައް ކުރެއެވެ. އެހެންނަމަވެސް، މިއަދު މުރައްބީންގެ ޙާލަތު މިވަނީ އެތައް ގޮތަކުން ބަދަލުވެފައެވެ. މީގެ ތެރޭގައި:-
* މުރައްބީން އެމީހުންގެ ދަރިންނަށް ނަފްސާނީ ގޮތުން އަސަރުކޮށްފާނެތީއާއި، އޭގެ ސަބަބުން އިތުރު މައްސަލަތައް ނިކުމެދާނެތީ، އެދަރިފުޅު ޠަބީޢީ ގޮތުގައި ވުމަށް ދޫކޮށްލައެވެ. އެއްވެސް މަގު ދެއްކުމެއް، ރަނގަޅު މަގު ކިޔައިދިނުމެއް ނެތިއެވެ. މިއީ ފަހުގެ ތަރުބަވީ މަދަރުސާތަކުން ދެކޭ އެންމެ ރަނގަޅު ގޮތެވެ. އަހަރެމެން އެކުދިން މިބަލަހައްޓާ ބެލެހެއްޓުމުގެ ސަބަބުން ކުރިމަތިވެފައިވާ މުޞީބާތަކީ، މައިންބަފައިން އެމީހުންގެ ދަރިންގެ ކުދިކުދި ކުށްތަކާމެދު ފަރުވާ ކުޑަކޮށް، އެއީ ކުދިކުދި ކަންކަން ކަމުގައި ދެކުމެވެ. (މިގޮތުން އެކުދިން ވާއަތުން ކެޔަސް އަޅައެއް ނުލައެވެ. އެކުދިން ކުޅެނިކޮށް ކުޑަދޮރުގައި ޖެހި ހަލާކުވިއަސް، ނުވަތަ މީހެއްގެ ބޮލުގައި ޖެހުނަސް އަޅައެއް ނުލައެވެ….) މިގޮތަށް ކަންތައް ކުރާއިރު އެމީހުން ދެކެނީ އެމީހުންގެ ދަރިން މިތަރުބިއްޔަތުކުރަނީ ޒަމާނީވަންތަކަމާއެކީ، އަދި ރަނގަޅު ގޮތުގައި ކަމަށެވެ. އަދި އެމީހުން ބަލަމުން ދަނީ އަދި އިންތިޒާރުކުރަމުން ދަނީ، އެދަރިފުޅު ބޮޑުވެ، އޭނާ އަމިއްލައަށް މިފަދަ ގޯސް އާދަތަކުން ދުރުހެލިވާނެ ދުވަހަކަށެވެ!
އޭ މައިންނޭވެ! އެދަރިފުޅު ބޮޑުވާއިރު، އޭނާގެ ކިބައިގައި ހުންނާނީ، ތިޔަ ފަރުވާ ކުޑަކޮށްލެވޭ ނުބައި އާދަތައް، ބަދަލުކުރެވޭ ވަރަށް ވުރެ ބޮޑަށް އަށަގެންފައެވެ. އަދި އޭނާ ވާނީ ވަކި ގޮތެއްގައި އޭނާގެ އުޅުން ޤާއިމުކޮށް ބައްޓަންކޮށްފައެވެ. އެހެންކަމުން، ކުޑައިރުއްސުރެ އޭނާއަށް ރަނގަޅު ތަރުބިއްޔަތު ދޭށެވެ. ދަރިފުޅު ކުށެއް ކޮށްފިނަމަ، އެކަން ކުރުން އޭނާއަށް މަނާ ކުރާށެވެ. އަދި ރަނގަޅު މަގަށް މަގު ދައްކާށެވެ. އެމީހެއްގެ ދަރިފުޅުގެ ފިޠުރަތު ސާފުކަން މަތީ ހުރިނަމަ، އެކުއްޖާގެ ޠަބީޢަތުގައިވާ ގޮތަށް އުޅެން ދޫކޮށްލިއަސް މައްސަލައެއް ނެތެވެ. އެހެންނަމަވެސް އެފިޠުރަތުގެ މަގުން އެއްކިބާވެ، އެހެން ދިމާއަކަށް ދީލާލައިގެން ދާނަމަ، އަޅާނުލާ ދޫކޮށްލައިގެން މަޑުން ނުހުންނާށެވެ.
* މުރައްބީއަކު ބަހެއް ބުނެފައި، ވަގުތު ފާއިތުވެގެން ދިޔަޔަސް އެބުނި ބަސް ތަންފީޒު ނުކުރެއެވެ. މިސާލަކަށް: މަންމައެއް ބުންޏެވެ. “ކެއުމުގެ ކުރިން މެޓާ ނުކެވޭނެއެވެ.” ދެން އެހެން ބުނުމުންވެސް އެދަރިފުޅު މެޓާ ކައިފިއެވެ. މަންމަ މިހުންނަނީ އެމަންޒަރު ބަލަން ހޭށެވެ! އެބުނާ ބަހެއްގައި ނުހިފަހައްޓާނަމަ، އަދި އެބުނާ ގޮތަކަށް ކަންތައް ތަންފީޒު ނުކުރާނަމަ، އެދަރިފުޅު ކައިރީ ކަންކަން ކުރަން ބުނެ، އަދި ކަންކަން މަނާ ކުރަނީ ކީއްވެ ހެއްޔެވެ؟
ދަރިފުޅު ކައިރިން މައިންބަފައިން އެދޭ ކަންކަން ބެހެނީ ދެބަޔަކަށެވެ. އެއީ:
1. ވަގުތުން ވަގުތަށް ތަބާވާން ޖެހޭ އަމުރުތައް: މިސާލަކަށް؛ އެއްޗެއް ގެނެސްދިނުމަށް އެދުން، އެއްޗެއް ގަނެދިނުމަށް އެދުން، ނުވަތަ މީހަކަށް ގޮވާލަ ދޭށޭ ބުނުން، މިއެވެ. މިފަދަ ކަމަކު އެދޭނަމަ ބުނާނީ ކަންކަމު އެދޭ ރާގުގައެވެ. “ރުމާ ދީބަލަ.”، އޭރުން އެދަރިފުޅަށް ތިބާ އެކަމުގައި އެދުނީ ސީރިއަސްކަމާއެކީ ކަން ދޭހަވާނެއެވެ. އެކަން ކޮށްނުދީފިނަމަ އަނެއްކާވެސް ހަމަ އެ ސީރިއަސް ކަންމަތީ އެކަން ކޮށްދިނުމަށް އެދޭށެވެ. އަދި އަމިއްލައަށް ގޮސް ރުމާ ނުނަގާށެވެ.
2. އަބަދުވެސް ތަބާވާން ޖެހޭ ގޭގެ ޤަވާއިދުތައް: އެދަރިފުޅު އެޤަވާއިދުތަކަށް ތަބާވުމަށް ތިބާ އެދޭ ޤަވާއިދުތަކަށް އެދަރިފުޅު ލައްވާ ތަބާކުރުވަން ޖެހޭނެއެވެ. މިސާލަކަށް؛ ގޭގެ ސޯފާ މައްޗަށް އަރާ ފުންމުން މަނާކޮށްފައިވާއިރު، އެދަރިފުޅު ފުންމައިފިނަމަ ތިބާ ކަންތައް ކުރާނީ ކިހިނެތްތޯއެވެ؟ ޤަވާއިދުތަކަށް ތަބާނުވެ އުޅެން ދޫކޮށްނުލާށެވެ. އަދި ތިބާ އެކަމާ ހޭންހުރެ ބަހެއް ނުބުނެ ނުހުންނާށެވެ. މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލާފައި އޭނާގެ ނަމުން ގޮވާލާށެވެ. މަޑުމައިތިރިކަމާއެކު އެދަރިފުޅާ ގާތްވެލުމަށްފަހު، ވަރަށް ސީރިއަސް ނަޒަރަކުން އޭނާއަށް ބަލާށެވެ. އޭރުން އޭނާގެ ހިތުގައި ސީރިއަސްކަން އުފެދޭނެއެވެ. އަދި ތިބާގެ ރާގު ބަދަލުކޮށް، ސާބިތުކަމާއެކީ ބުނާށެވެ. “ސޯފާ މަތީ ފުންމުން ހުއްޓާލާ.”، މިހަތަރު ބަސް ބުނެލުމުން އޭނާ ކުރަމުން އައި ކަންތައް ހުއްޓާލާތަން ތިބާއަށް ފެންނާނެއެވެ.
މިގޮތަށް ބުނާ ބަސް ތަންފީޒުކުރުމުގައި ފަރުވާ ކުޑަ ނުކުރާށެވެ. އެނޫނީ އެދަރިފުޅުގެ މައްޗަށް ތިބާގެ ބާރެއް ނުހިނގާނެއެވެ. މިސާލަކަށް؛ މައިންބަފައިންގެ ބަލިކަށިކަމަކީ އެމީހުންނަށް ބާރު ނުފޯރުވޭ ކަމެއް ނަމަ އަހަރެމެން ޤަބޫލުކޮށްފީމުހެވެ. އެހެންނަމަވެސް، އަހަރެންނަށް ފެނިފައިވާ ވަރަށް މޮޅެތި، އަދި ޤާބިލު އަދި ރޭވުންތެރިކަމުގައިވެސް ޤާބިލު، އަދި އެމީހުންގެ ފިރިން އެމީހުންގެ ބާރުގެ ދަށުގައިވާ ކަމަށް ދަޢުވާ ކުރާ، އަދި ކޮންމެ ކަމެއްގައި ކާމިޔާބު ހޯދާ އަންހެނުންވެސް މިފެންނަނީ ކުޑަކުއްޖެއްގެ ކުރިމަތީގައި ބަސްނުވިކޭ ނުކުޅެދޭ ބައެއްގެ ގޮތުގައެވެ!؟
މިހެން ވުމުގެ ސަބަބުން ސަމާސާއަކަށް ބުނެވެއެވެ. “ދުނިޔެ މައްޗަށް ޙުކުމް ކުރަނީ ކުޑަކުދިންނެވެ.” މަންމަ އަމުރުކުރަނީ ބައްޕައަށެވެ. ދަރިފުޅު އަމުރުކުރަނީ މަންމައަށެވެ. މީގެ ސަބަބުން ބައްޕައާއި މުޅި އާއިލާ އެންމެން މިތިބެނީ ދަރިފުޅަށް ކިޔަމަންވެގެންނެވެ! މިކަމާއި މެދު ރައްކާތެރިވާށެވެ. އަދި މިހެންވުމުން ސަލާމަތްތެރިވެގަންނާށެވެ.
* މުރައްބީ ދަރިންނަށް އަދަބު ނުދެއެވެ. އެކުދިންނަށް ބިރު ދައްކައި، ކަންކަން ކުރާނެ ކަމަށް ބުނެ، އަޑުގަދަކޮށް ހަދާފައިވެސް އެއްވެސް އިތުރު ކަމެއް ނުކުރެއެވެ. ހަޤީޤީތަކީ، ބައެއް ޙާލަތްތަކުގައި ދަރިފުޅަށް އަދަބު ދޭންވެސް ޖެހޭނެ ކަމެވެ. އަދި ހަރުކަށި އަދަބުވެސް ދޭން ޖެހޭ ފަހަރު އައިސްދާނެއެވެ. ވަރަށް ގިނަ މައިންބަފައިން އެމީހުންގެ ދަރިންނަށް އަދަބުދިނުމުން މަނާވެގަނެއެވެ. ބައެއް ޙާލަތްތަކުގައި އެއީ ހުއްދަކަމެއް ކަމުގައިވާ އިރުވެސް މެއެވެ.
އަދަބު ދިނުމުގެ ބޭނުމަކީ އިސްލާޙުކުރުމެވެ. އެއީ ޒަރޫރީ ކަމެއްވެސް މެއެވެ. އަދި އަދަބު ދެވޭ މިންވަރު މަތިވަމުން ދާނީ އެކަމަށް ޙާޖަތެއްވާނަމައެވެ. އަދި އެކަންކުރިއަށް ދާންވާނީ ނަސޭހަތްދީ ކެތްތެރިކަމާއެކީގައެވެ. އެއީ ދަރިފުޅަށް ތަދު އިހުސާސްވާ ވަރު ކުރަންޖެހޭނީ، އެކުއްޖާ އިސްލާޙުކުރުމަށް އެޅެން އޮތް އެހެން ހުރިހާ ފިޔަވަޅެއް އަޅާފައެވެ. މިސާލަކަށް؛ ދަރިފުޅު ކުށެއް ތަކުރާރުކުރަނީއެވެ. އޭނާ އެޤަވާއިދަކާ ޚިލާފުވާ ޤަވާއިދުގެ މަތިން ހަނދާންކޮށްދީ، އޭނާއަށް އެއާޚިލާފުވުން މަނާކުރާނީއެވެ. އެއަށްފަހު ވެސް އަނެއްކާ މަނާކުރާނީއެވެ. އަނެއްކާވެސް އެކުށަށް އަރައިގެންފިނަމަ، އަހަރެމެންގެ ނުރުހުންތެރިކަން ފާޅުކޮށް އަދި އެގޮތަށް ކަންކޮށްފިނަމަ ދެން ކުރިމަތިވާނެ ކަންކަން ބުނެދީ އިންޒާރު ދޭނީއެވެ. އަދަބު ދިނުމުގެ ބޭނުމަކީ އެދަރިފުޅުގެ ސުލޫކު ރަނގަޅުކޮށް، އަދި މަގުގެއްލިގެން ދިއުމުން އެއްކިބާކުރުމެވެ.
އަދަބު ދިނުމުގެ އެކި ގޮތްތައް ހުރެއެވެ. މިގޮތުން ތަންކޮޅެއް ހަރުކަށިކަމާއެކު ވާހަކަ ދެއްކިދާނެއެވެ. އޭރުން ކުއްޖާ އެއަރައިގަތް ކުށެއްގެ ކުޑަ ބޮޑުމިން ދެނެގަނެވޭނެއެވެ. އަދި މަންމަ އެދަރިފުޅުގެ ސުލޫކާމެދު ޝަކުވާކުރާ ކަން ފާޅުވެގެންދާނެއެވެ. ދަރިފުޅު ގޯސްކަމެއް ކޮށްފިނަމަ، އެކަހެރިކޮށްލައިގެން އަދަބު ދެވިދާނެއެވެ. މިގޮތުން އެއް ދުވަހަށް ދަރިފުޅާ އަނގައިން ނުބުނެ ހުރެވިދާނެއެވެ. އަދަބު ދެވިދާނެ އަނެއް ގޮތަކީ ދަރިފުޅު ކުރަން ބޭނުން ކަމެއް ކުރަން މަނާކޮށްގެންނެވެ. ދަރިފުޅު ސުވާލުކުރުމުން ޖަވާބު ނުދީ، އަދި ވާހަކަ ދެއްކުމުން އެދިމާއަށް ނުބަލައިގެންވެސް އަދަބު ދެވިދާނެއެވެ.
********
އެހެންކަމުން، މިޖީލަށް މިހާ ބޮޑު ބަދަލެއް އައިސްފައި މިވަނީ ދަރިންނަށް އޯގާތެރިވުމުގެ ނަމުގައި ހައްދު ފަހަނައަޅައި ދިއުމުންނާއި، މުރައްބީންގެ ޝަޚުޞިއްޔަތު ބަލިކަށިވުމުގެ ސަބަބުންނެވެ. ދެން މި މައިގަނޑު ދެ ސަބަބުގެ ތެރެއަށް އިތުރު ސަބަބުތައް މެދުވެރިވުމުގެ ސަބަބުން ކުރިމަތިވެގެންދިއައީ ވަރަށް ވެސް ނުރައްކާތެރި އަދި ބިރުވެރި ކަމެކެވެ. އެއީ މިޖީލުގެ ކުދިންގެ މައްޗަށް މައިންބަފައިންގެ ބާރު ނެތި ދިއުމެވެ.
************************
________________________