ޞިރާޠުމަގުގައި މުސްލިމުން
އިބްނު މަސްޢޫދު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«فَيُعْطِيهِمْ نُورَهُمْ عَلَى قَدْرِ أَعْمَالِهِمْ، فَمِنْهُمْ مَنْ يُعْطَى نُورَهُ مِثْلَ الْجَبَلِ الْعَظِيمِ يَسْعَى بَيْنَ يَدَيْهِ، وَمِنْهُمْ مَنْ يُعْطَى نُورَهُ أَصْغَرَ مِنْ ذَلِكَ، وَمِنْهُمْ مَنْ يُعْطَى نُورًا مِثْلَ النَّخْلَةِ بِيَمِينِهِ، وَمِنْهُمْ مَنْ يُعْطَى نُورًا أَصْغَرَ مِنْ ذَلِكَ، حَتَّى يَكُونَ رَجُلًا يُعْطَى نُورَهُ عَلَى إِبْهَامِ قَدَمِهِ يُضِيءُ مَرَّةً وَيَفِيءُ مَرَّةً، فَإِذَا أَضَاءَ قَدَّمَ قَدَمَهُ فَمَشَى وَإِذَا طُفِئَ قَامَ». [1]
މާނައީ: “ފަހެ އެބައިމީހުންނަށް ނޫރު ލެއްވޭނީ އެބައިމީހުންގެ ޢަމަލުތަކާ އެއްވަރަށެވެ. ފަހެ އެމީހެއްގެ ކުރިމަތިން ބޮޑު ފަރުބަދައެއް ފަދައިންވާ ނޫރު ލެއްވޭ މީހުން އެބައިމީހުންގެ ތެރެއިން ވެއެވެ. އަދި އެއަށްވުރެ ކުޑަ ނޫރެއް ލެއްވޭ މީހުންވެސް އެބައިމީހުންގެ ތެރެއިން ވެއެވެ. އަދި ކަދުރު ރުކެއް ފަދައިން އެމީހެއްގެ ކަނާއަތް ފަރާތުގައި ނޫރެއް ލެއްވޭ މީހުން އެބައިމީހުންގެ ތެރެއިން ވެއެވެ. އަދި އެއަށްވުރެ ކުޑަ ނޫރެއް ލެއްވޭ މީހުން އެބައިމީހުންގެ ތެރެއިންވެއެވެ. އެމީހެއްގެ ފައިގެ ބޮޑުވައި އިނގިލީގައި ނޫރެއް ލެއްވޭ މީހަކާ ޖެހެންދެނެވެ. އެނޫރު ބައެއް ފަހަރު ދިއްލޭނެއެވެ. އަދި ބައެއް ފަހަރު ނިވޭނެއެވެ. ފަހެ (އެނޫރު) ދިއްލުމުން އޭނާގެ ފައިތިލަ ކުރިއަށް ޖައްސާ ހިނގައިގަނެއެވެ. އަދި (އެނޫރު) ނިވުމުން ކޮޅަށް ހުރެއެވެ.”
ޞިރާޠުމަގު ހުރަސްކުރުމުގައި އެބައިމީހުންގެ ދުވެލިވަނީ އެބައިމީހުންގެ ޢަމަލުތަކާ އެއްވަރަށެވެ. އެބައިމީހުންގެ ނޫރުގެ އަލިކަން ތަފާތުވާ ފަދައިން އެބައިމީހުންގެ ދުވެލިވެސް ތަފާތުވާނެއެވެ. ފަހެ އެބައިމީހުންގެ ދުވެލި ތަބާވަނީ އެބައިމީހުންގެ ނޫރަށެވެ.
އިބްނު މަސްޢޫދު رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީޘްގައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«وَيَقُولُ: مُرُّوا، فَيَمُرُّونَ عَلَى قَدْرِ نُورِهِمْ، مِنْهُمْ مَنْ يَمُرُّ كَطَرْفِ الْعَيْنِ، وَمِنْهُمْ مَنْ يَمُرُّ كَالْبَرْقِ، وَمِنْهُمْ مَنْ يَمُرُّ كَالسَّحَابِ، وَمِنْهُمْ مَنْ يَمُرُّ كَانْقِضَاضِ الْكَوْكَبِ، وَمِنْهُمْ مَنْ يَمُرُّ كَالرِّيحِ، وَمِنْهُمْ مَنْ يَمُرُّ كَشَدِّ الْفَرَسِ، وَمِنْهُمْ مَنْ يَمُرُّ كَشَدِّ الرَّجُلِ». [2]
މާނައީ: “އަދި ބުނާނެއެވެ. ތިޔަބައިމީހުން (ޞިރާޠުމަގު) ހުރަސްކުރާށެވެ. ފަހެ، އެބައިމީހުންގެ ނޫރާ އެއްވަރަށް އެބައިމީހުން (އެމަގު) ހުރަސްކުރާނެވެ. އެސްފިޔަ ޖަހާލާހާ އަވަހަށް ހުރަސްކުރާމީހުން އެބައިމީހުންގެ ތެރޭގައިވެއެވެ. އަދި ވިދުވަރެއްހާ ހަލުވިކޮށް ހުރަސްކުރާމީހުން އެބައިމީހުންގެ ތެރޭގައިވެއެވެ. އަދި ވިލައެއް ދާ ފަދައިން ހުރަސްކުރާމީހުން އެބައިމީހުންގެ ތެރޭގައިވެއެވެ. އަދި ތަރިއެއް ދާ ފަދައިން ހުރަސްކުރާމީހުން އެބައިމީހުންގެ ތެރޭގައިވެއެވެ. އަދި ވައިރޯޅިއެއް ފަދައިން ހުރަސްކުރާމީހުން އެބައިމީހުންގެ ތެރޭގައިވެއެވެ. އަދި އަހެއް ދުވާ ފަދައިން ހުރަސްކުރާމީހުން އެބައިމީހުންގެ ތެރޭގައިވެއެވެ. އަދި ދުވެފައިދާ މީހެއް ފަދައިން ހުރަސްކުރާމީހުން އެބައިމީހުންގެ ތެރޭގައިވެއެވެ.”
އެބައިމީހުންގެ ހަލުވިކަން ސިފަކުރައްވާފައިވާ ޙަދީޘެއް ޞަޙީޙު މުސްލިމުގައިވެސް ވެއެވެ.
«فَيَمُرُّ أَوَّلُكُمْ كَالْبَرْقِ» قَالَ: قُلْتُ: بِأَبِي أَنْتَ وَأُمِّي، أَيُّ شَيْءٍ كَمَرِّ الْبَرْقِ؟ قَالَ: «أَلَمْ تَرَوْا إِلَى الْبَرْقِ كَيْفَ يَمُرُّ وَيَرْجِعُ فِي طَرْفَةِ عَيْنٍ؟ ثُمَّ كَمَرِّ الرِّيحِ، ثُمَّ كَمَرِّ الطَّيْرِ، وَشَدِّ الرِّجَالِ، تَجْرِي بِهِمْ أَعْمَالُهُمْ وَنَبِيُّكُمْ قَائِمٌ عَلَى الصِّرَاطِ يَقُولُ: رَبِّ سَلِّمْ سَلِّمْ، حَتَّى تَعْجِزَ أَعْمَالُ الْعِبَادِ، حَتَّى يَجِيءَ الرَّجُلُ فَلَا يَسْتَطِيعُ السَّيْرَ إِلَّا زَحْفًا». [3]
މާނައީ: “ފަހެ ތިޔަބައިމީހުންގެ ތެރެއިން އެންމެ ފުރަތަމަ މީހާ ހުރަސްކުރާނީ ވިދުވަރެއް ފަދައިންނެވެ.”
(އަބޫ ހުރައިރާ) ވިދާޅުވިއެވެ. “ތިމަން ދެންނެވީމެވެ. ތިމަންގެ މަންމައާއި ބައްޕަ ކަލޭގެފާނަށްޓަކައި ފިދާކުރަމެވެ. ވިދުވަރެއް ފަދައިން ދަނީ ކޮން އެއްޗެއް ހެއްޔެވެ؟”
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެސްފިޔަ ޖަހާލާހާ އަވަހަށް ވިދުވަރު ގޮސް އެނބުރި އަންނަ ތަން ތިޔަ ބޭކަލުން ދެކެވަޑައި ނުގަންނަވަމު ހެއްޔެވެ؟ ދެން ވައިރޯޅިއެއް ފަދައިންނެވެ. ދެން ދޫނި އުދުހޭ ފަދައިންނެވެ. ދެން މީހަކު ދުވެފައިދާ ފަދައިންނެވެ. އެބައިމީހުން ގެންދެވޭނީ އެބައިމީހުންގެ ޢަމަލާ އެއްފަދައިންނެވެ. އަދި ތިޔަބައިމީހުންގެ ނަބިއްޔާ ޞިރާޠުމަގުގައި ހުންނަވާ ދަންނަވާނެއެވެ. “ރައްބެވެ! ސަލާމަތްކޮށްދެއްވާށެވެ. ސަލާމަތްކޮށްދެއްވާށެވެ.” އެއީ އަޅުތަކުންގެ ޢަމަލުތައް ބަލިކަށިވެއްޖައުމަށް ދާނދެނެވެ. ފިރުކިފައި މެނުވީ ކުރިއަށް ނުދެވޭމީހަކު އަތުވެއްޖައުމަށް ދާނދެނެވެ.”
ކަނޑީގެ މިޔަފަދަ މަގުގައި ފިރުކިފައި މެނުވީ ކުރިއަށް ނުދެވޭ ޙާލަތު ޚިޔާލަށް ގެންނަވާށެވެ! މަގުގެ ދެ ފަރާތުގައި ކަށިތަކާއި ބުޅިތައްވެއެވެ. އަދި މަގުގެ އެއްކޮޅުން އަނެއްކޮޅަށް ދަށުގައިވަނީ އަނދައަނދާ އޮތް ނަރަކައެވެ. ދުނިޔެ މަތީގައި ހެޔޮ ޢަމަލު ކުރުމަށް މަޑުޖެހުނު މީހުންނަށް ﷲ ޖަޒާ ދެއްވަނީ މި ފަދައިންނެވެ.
«يَا عِبَادِي إِنَّمَا هِيَ أَعْمَالُكُمْ أُحْصِيهَا لَكُمْ، ثُمَّ أُوَفِّيكُمْ إِيَّاهَا، فَمَنْ وَجَدَ خَيْرًا فَلْيَحْمَدِ اللهَ، وَمَنْ وَجَدَ غَيْرَ ذَلِكَ فَلَا يَلُومَنَّ إِلَّا نَفْسَهُ». [4]
މާނައީ: ”އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންނަށްޓަކައި ތިމަންއިލާހު ޙިސާބުކުރައްވާހުށީ ތިޔަބައިމީހުން ކުޅަ ޢަމަލުތަކެވެ. ދެން (އޭގެ ޖަޒާ) ތިޔަބައިމީހުންނަށް ފުރިހަމައަށް ދެއްވާހުށީމެވެ. ފަހެ ޢަމަލުތަކުގެ ތެރޭގައި ހެޔޮ ޢަމަލު ފެނުނުމީހާ ދަންނައެވެ. އޭނާ ﷲ އަށް ޙަމްދުކުރާހުށިކަމެވެ. އަދި އެނޫން އެއްޗެއް ފެނުނުމީހާ ދަންނައެވެ. (އެބަހީ: އަބާއްޖަވެރިޔާ ދަންނައެވެ.) އެމީހެއްގެ އަމިއްލަ ނަފްސަށް މެނުވީ ބަދުބަސް ނުބުނާށެވެ.”
ޞިރާޠުމަގުގެ މި މަޤާމު އެކަނިވެސް މިކަމަށް ފުދެއެވެ. ޞިރާޠުމަގު ހުރަސްކުރުން ފަސޭހަވުމަށް އެދޭމީހަކަށް އޮތީ އޭނާގެ ޢަމަލުތައް އިޞްލާޙުކުރުމެވެ. ހެޔޮ ޢަމަލުތައް ގިނަކުރުމެވެ. އެދުވަހު އަޅުގަނޑުމެންގެ ޙާލު ބިނާވަނީ މިއަދު އަޅުގަނޑުމެން ކުރާ ޢަމަލުތަކުގެ މައްޗަށެވެ. މިއަދު ހެޔޮ ޢަމަލުކުރުމުގައި ފަހަތަށް ޖެހިފައިވާމީހާ އެކަން އިޞްލާޙު ކުރާށެވެ. މިއަދު އުރެދިފައިވާމީހާ ތައުބާވާށެވެ.
______________________________
[1] رواه الطبراني في المعجم الكبير برقم: (9763) وصححه الألباني في صحيح الترغيب والترهيب برقم: (3591).
[2] رواه الطبراني في المعجم الكبير برقم: (9763) وصححه الألباني في صحيح الترغيب والترهيب برقم: (3591).
[3] رواه مسلم في صحيحه برقم: (329 – (195)).
[4] رواه مسلم في صحيحه برقم: (55 – (2577)).