ތަފްސީރުލް ބަޣަވީގެ މަންހަޖު
(މަޢާލިމުއް ތަންޒީލް)
މުޤައްދިމާ
މަޝްހޫރު ތާބިޢީ އިބްނު ސީރީންގެ އަރިހުން ރިވާވެފައިވާ އަޘަރެއްގައިވެއެވެ.
“إِنَّ هَذَا الْعِلْمَ دِينٌ، فَانْظُرُوا عَمَّنْ تَأْخُذُونَ دِينَكُمْ” [رواه مسلم في مقدمة صحيحه برقم: (438) وصححه الألباني في المشكاة برقم: (273)]
މާނައީ: “ހަމަކަށަވަރުން މިޢިލްމަކީ ދީނެވެ. ފަހެ ތިޔަބައިމީހުން ތިޔަބައިމީހުންގެ ދީން ނަގަނީ ކޮންފަރާތަކުންކަން ބަލާށެވެ.”
އަދި އެހެން ރިވާޔަތެއްގައިވެއެވެ.
“هَذَا الْحَدِيثُ دِينٌ فَانْظُرُوا عَمَّنْ تَأْخُذُونَ دِيْنَكُم” [ شمائل المحمدية للترمذي برقم: (397) وصححه الألباني في مختصر الشمائل برقم: (352)]
މާނައީ: “ޙަދީޘަކީ ދީނުގެ ތެރެއިންވާ އެއްޗެކެވެ. ފަހެ ތިޔަބައިމީހުންގެ ދީން ނަގަނީ ކޮންފަރާތަކުންކަން ބަލާށެެވެ.”
ދީނުގެ ޢިލްމު ހޯއްދުވުމުގައި ޢިލްމުވެރިންނާއި ދަރިވަރުން ރައްކާތެރިވެވަޑައިގަތް މިންވަރުގެ ނަތީޖާއަކަށްވީ، ތާރީޚުގައި ދުވަހަކުވެސް ދީނުގެ ޢިލްމު ރައްކާތެރި ނުކުރެވޭ ފަދަ ގޮތަކަށް އިސްލާމީ ޢިލްމު ރައްކާތެރިކުރެވުމެވެ. އިސްނާދުގެ ޢިލްމުފަދަ ޢިލްމުތައް ފެށުމެވެ.
ދީނީ ޢިލްމު އުނގެނެން ފަށާ ހިނދު ތަފްސީރު ޢިލްމުވެރިންގެ މަންހަޖު ދެނެގަތުމުގެ އަހައްމިއްޔަތު އަންނަނީ މިހާ ހިސާބުންނެވެ. އެހެނީ އެކި ޢިލްމުވެރިން ތަފްސީރު ފޮތްތައް ލިޔުއްވުމުގައި ގެންގުޅުއްވީ އެކި މަންހަޖެވެ. މީގެ އިތުރުން އެބޭކަލަކު ނިސްބަތްވެވަޑައިގަންނަވާ ޢަޤީދާގެ މަޛްހަބުގެ ސަބަބުން ބައެއް އާޔަތްތައް ތަފްސީރުކުރެއްވުމުގައި ވަކި ގޮތަކަށް ބުރަވެވަޑައިގެންފައިވެއެވެ. މިގޮތުން ކީރިތި ޤުރްއާނުގެ ބަހަވީ މާނަތަކާ ބެހޭގޮތުން ލިޔެވިފައިވާ ތަފްސީރުތަކުގެ ތެރެއިން އެއްމެ ތަފްޞީލީ އެއް ތަފްސީރަކީ އަލްކައްޝާފު ކަމުގައިވިޔަސް، އައްޒަމަޚްޝަރީ އަކީ މުޢުތަޒިލީ ޢަޤީދާގެ ބޭކަލެއްކަމުން، އީމާންކަމުގެ މާނައާއި، ބޮޑު ފާފަވެރިންގެ ޙާލަތު ފަދަ އެތައް މައްސަލަތައް ނިންމަވާފައިވަނީ ސުންނަތް ޖަމާޢަތުގެ ޢަޤީދާއާ ޚިލާފަށް މުޢުތަޒިލީންގެ ޢަޤީދާގެ މައްޗަށެވެ. އަދި އާޔަތެއްގެ ޝަރަޙައާއި ގުޅޭ ގިނަ ރިވާޔަތްތަކެއް ގެންނަވާ، އެއިން އެއްވެސް ބަސްފުޅެއް ރާޖިޙު ނުކުރައްވާ، އެ ރިވާޔަތްތަކާމެދު އެއްވެސް އެއްޗެއް ވިދާޅުނުވެ ދޫކޮށްލައްވާފައިވެއެވެ.
މިހެންކަމުން، ޝަރުޢީ ޢިލްމު ފަށައިގަންނަ އިރު ބޮޑެތި ޢިލްމުވެރިންގެ ތަފްސީރު ފޮތްތަކުން ފުރިހަމައަށް ފައިދާ ލިބިގަތުމަށް، ފުރަތަމަ އެ ޢިލްމުވެރިއެއްގެ މަންހަޖު ދެނެގަތުމަކީ މުހިއްމުކަމެކެވެ.
ތަފްސީރުލް ބަޣަވީގެ އަހައްމިއްޔަތު
- މިއީ ތަފްސިރު ޢިލްމުގައި ލިޔެވުނު އެއްމެ އިހުގެ ތަފްސީރުތަކުގެ ތެރެއިން ތަފްސީރެކެވެ.
- އަދި މިއީ މިޢިލްމުގައި ލިޔެވުނު އެއްމެ ވަރުގަދަ (އުއްމަހާތުލް ކުތުބި) ފޮތްތަކުގެ ތެރެއިން ހިމެނޭ ފޮތެކެވެ. އެހެނީ މިއީ ތަފްސިރު ޢިލްމުގެ އެއްމެ ކުރީގެ މަސައްކަތްޕުޅެއްކަމަށްވާ ތަފްސީރުއް ޘަޢުލަބީގެ މުޚްތަޞަރެކެވެ. އެހެނަސް އަލްއިމާމް އަލް ބަޣަވީ އެފޮތުގައިވާ މައުޟޫޢު ޙަދީޘްތައް އުނިކުރައްވައި ބަދަލުތަކެއް ގެންނެވިއެވެ. (فتاوى شيخ الإسلام ابن تيمية، 13 / 386)
- މިތަފްސީރަކީ ޢިލްމުވެރިންގެ އަރިހުގައި ވަރަށް މަތިވެރި ދަރަޖައެއް ދެވިގެންވާ ފޮތެކެވެ. އިމާމް އިބްނި ތައިމިއްޔާއަށް ސުވާލު ދެންނެވުނެވެ.
“ﷲ ގެ ފޮތާއި ސުންނަތާއި އެއްމެ ގާތްކަން ބޮޑީ ކޮން ތަފްސީރެއް ހެއްޔެވެ؟ ތަފްސީރުލް ޤުރްޠުބީ ހެއްޔެވެ؟ ނުވަތަ ތަފްސީރުއް ޒަމަޚްޝަރީ ހެއްޔެވެ؟ ނުވަތަ ތަފްސީރުލް ބަޣަވީގެ ހެއްޔެވެ؟ ނުވަތަ އެހެން ފޮތެއް ހެއްޔެވެ؟” އެކަލޭގެފާނު ވިދާޅުވިއެވެ.
“… ތިޔަ ސުވާލުކުރެއްވި ތަފްސީރުތަކުގެ ތެރެއިން ބިދުޢަތަކާއި ޟަޢީފު ޙަދީޘްތަކުގެ ތެރެއިން އެންމެ ސަލާމަތްވެގެންވަނީ ތަފްސީރުލް ބަޣަވީއެވެ.” (مجموع الفتاوى (2 / 193)) [1]
= ނުނިމޭ =
_____________________________
[1] މިފަތުވާ ފައްޓަވަމުން ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވެފައިވަނީ ތަފްސީރުތަކުގެ ތެރެއިން އެންމެ ޞައްޙަ ތަފްސީރަކީ ތަފްސީރުއް ޠަބަރީއެވެ.