[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޞިރާޠުމަގު – 7

ޞިރާޠުމަގު ހުރަސްކުރާ އެންމެ ފަހު މީހާ

 

އިބްނު މަސްޢޫދު رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«يَرِدُ النَّاسُ النَّارَ ثُمَّ يَصْدُرُونَ مِنْهَا بِأَعْمَالِهِمْ، فَأَوَّلُهُمْ كَلَمْحِ البَرْقِ، ثُمَّ كَالرِّيحِ، ثُمَّ كَحُضْرِ الفَرَسِ، ثُمَّ كَالرَّاكِبِ فِي رَحْلِهِ، ثُمَّ كَشَدِّ الرَّجُلِ، ثُمَّ كَمَشْيِهِ». [1]

މާނައީ: “މީސްތަކުން ނަރަކަ ހުރަސްކުރާނެއެވެ. ދެން އެބައިމީހުންގެ ޢަމަލުތަކާ އެއްގޮތަށް (ޞިރާޠުމަގުން) ގެންދެވޭނެއެވެ. ފަހެ، އެބައިމީހުންގެ ތެރެއިން ފުރަތަމަ މީހާ ދާނީ ވިދުވަރެއް ފަދައިންނެވެ. ދެން ވައި ރޯޅިއެއް ފަދައިންނެވެ. ދެން ބާރަށް ދުވެފައިދާ އަހެއް ފަދައިންނެވެ. ދެން ސަވާރީއަކަށް ސަވާރުވެގެންދާ މީހެއް ފަދައިންނެވެ. ދެން ދުވެފައިދާ މީހެއް ފަދައިންނެވެ. ދެން ހިނގާފައިދާ މީހެއް ފަދައިންނެވެ.”

 

އެމީހެއްގެ ހެޔޮ ޢަމަލުތައް ގިނަވާ ވަރަކަށް އެމީހެއްގެ ދުވެލި ބާރުވާނެއެވެ. އަދި ހެޔޮ ޢަމަލުތައް މަދުވާ ވަރަކަށް އެމީހެއްގެ ދުވެލި މަޑުވާނެއެވެ. ނަރަކައިގެ މަތިން މީސްތަކުން ހުރަސްކުރާނީ މިފަދައިންނެވެ. އަދި އެމީހެއްގެ ނޫރުވެސްވަނީ މިފަދައިންނެވެ. ފައިގެ ބޮޑުވައި އިނގިލީގައި ނޫރު ލެއްވޭ މީހާގެ ވާހަކަ ޛިކުރު ކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ.

«حَتَّى يَمُرَّ الَّذِي أُعْطِيَ نُورَهُ عَلَى إِبْهَامِ قَدَمَيْهِ يَحْبُو عَلَى وَجْهِهِ وَيَدَيْهِ وَرِجْلَيْهِ تَخِرُّ رِجْل، وَتَعْلَقُ رِجْل، وَيُصِيبُ جَوَانِبَهُ النَّارُ، فَلَا يَزَالُ كَذَلِكَ حَتَّى يَخْلُصَ، فَإِذَا خَلَصَ وَقَفَ عَلَيْهَا، ثُمَّ قَالَ: الْحَمْدُ لِلَّهِ لَقَدْ أَعْطَانِي اللهُ مَا لَمْ يُعْطِ أَحَدًا أَنْ نَجَّانِي مِنْهَا بَعْدَ إِذْ رَأَيْتُهَا». [2]

މާނައީ: “ފައިގެ ބޮޑުވައި އިނގިލީގައި ނޫރު ލެއްވުނު މީހާ ހުރަސްކުރަންދެނެވެ. އޭނާ ހުރަސްކުރާނީ މޫނާއި ހަތަރެސްފައި މަތީ ފިރުކިފައެވެ. އަދި އޭނާގެ ފައި ކައްސާލާނެއެވެ. އަދި ފައި އަޅައިގަންނާނެއެވެ. އަދި އޭނާގެ ދެފަރާތަށް ނަރަކައިގެ އަލިފާނުގެ އަސަރުކުރާނެއެވެ. އެތަނުން ސަލާމަތްވަންދެން އޭނާވާނީ އެފަދަ ޙާލެއްގައެވެ. ފަހެ (ޞިރާޠުމަގު ހުރަސްކޮށް) ނިމުމުން އޭނާ އެތަނުގައި ހުއްޓޭނެއެވެ. ދެން އެއަށްފަހު ބުނާނެއެވެ. ﷲ އަށް ޙަމްދުކުރަމެވެ. ހަމަކަށަވަރުން އެއްވެސް މީހަކަށް ނުދެއްވާފަދަ ކަމެއް ﷲ، ތިމަންއަޅާއަށް ދެއްވައިފިއެވެ. ހަމަކަށަވަރުން އެއީ އެ (އެބަހީ: ނަރަކަ) ފެނުމަށް ފަހު އެއިން ސަލާމަތްކޮށްދެއްވުމެވެ.”

 

ފިރުކިފައި ޞިރާޠުމަގު ހުރަސްކުރާމީހާގެ ފަހުން ދެން އަންނާނީ އެމަގު ހުރަސްކުރާ އެންމެ ފަހު މީހާއެވެ. އޭނާ އެމަގުގައި ދަމަމުން ގެންދެވޭނެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.

«حَتَّى يَمُرَّ آخِرُهُمْ يُسْحَبُ سَحْبًا». [3]

މާނައީ: “އެބައިމީހުންގެ ތެރެއިން އެންމެ ފަހު މީހާ ހުރަސްކުރަން ދެނެވެ. އޭނާ އެ މަގުން ގެންދެވޭނީ ދަމަމުންނެވެ.”

 

ނަރަކައިގެ މަތީގައިވާ، ކަނޑީގެ މިޔަފަދަ މަގުގައި ދަމައި ގެންދެވޭ މީހާގެ ޙާލު ޚިޔާލަށް ގެންނަވާށެވެ!

އެންމެ ފަހުން ސުވަރުގެ ވަންނަ މީހާގެ ވާހަކަ ޛިކުރުކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ.

«آخِرُ مَنْ يَدْخُلُ الْجَنَّةَ رَجُلٌ فَهُوَ يَمْشِي مَرَّةً وَيَكْبُو مَرَّةً وَتَسْفَعُهُ النَّارُ مَرَّةً، فَإِذَا مَا جَاوَزَهَا الْتَفَتَ إِلَيْهَا، فَقَالَ: تَبَارَكَ الَّذِي نَجَّانِي مِنْك، لَقَدْ أَعْطَانِي اللهُ شَيْئًا مَا أَعْطَاهُ أَحَدًا مِنَ الْأَوَّلِينَ وَالْآخِرِينَ». [4]

މާނައީ: “އެންމެ ފަހުން ސުވަރުގެ ވަންނަ މީހާ (ދަންނައެވެ.) އޭނާ (ޞިރާޠުމަގު ހުރަސްކުރުމުގައި) ބައެއް ފަހަރު ހިނގާނެއެވެ. އަދި ބައެއް ފަހަރު މޫނުވަތަށް ވެއްޓޭނެއެވެ. އަދި ބައެއް ފަހަރު އަލިފާނުން ފިހޭނެއެވެ. ފަހެ، އެ ހުރަސްކޮށް ދެވުމުން އެއަށް އެނބުރި ބުނާނެއެވެ. ތިބާގެ ކިބައިން ތިމަން އަޅާ ސަލާމަތްކޮށްދެއްވި ފަރާތް ހެޔޮކަން އިތުރުވެ މަތިވެރިވެގެންވެއެވެ! ހަމަކަށަވަރުން އެންމެ ކުރީގެ މީހުންނާއި އެންމެ ފަހުގެ މީހުންގެ ތެރެއިން އެކަކަށްވެސް ނުދެއްވާފަދަ އެއްޗެއް ﷲ ތިމަން އަޅާއަށް ދެއްވައިފިއެވެ.”

 

އޭނާ އެބުނި ބަސްތަކަށް ވިސްނަވާށެވެ. އެފަދަ ނިކަމެތި ޙާލެއްގައި ޞިރާޠުމަގު ހުރަސްކުރަން ޖެހުމުންވެސް، ނަރަކައިން ސަލާމަތްކޮށްދެއްވުމުން އޭނާއަށް އިޙްސާސްކުރެވުނީ އެހެން އެއްވެސް މީހަކަށް ނުދެއްވާފަދަ ނިޢުމަތެއް އޭނާއަށް ދެއްވިކަމުގައެވެ. ނަރަކައަށް ވެއްޓޭ މީހުންގެ ޙާލު ހުންނާނީ ކޮންފަދައަކުން ހެއްޔެވެ؟!

______________________________

މަޞްދަރު

މިލިޔުމުގެ އެހެންބައިތައް

 

[1] رواه الترمذي في سننه برقم: (3159) وصححه الألباني في سلسلة الأحاديث الصحيحة برقم: (311).

[2]  رواه الطبراني في المعجم الكبير برقم: (9763) وصححه الألباني في صحيح الترغيب والترهيب برقم: (3591).

[3]  رواه البخاري في صحيحه برقم: (7439).

[4]  رواه مسلم في صحيحه برقم: (310 – (187)).