[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެމެންގެ ދަރިން ނުކިޔަމަންތެރި ނުވުމަށްޓަކައި … (19)

3- ޒަމާން ބަދަލުވެ، އެއަންނަ ބަދަލުތަކާއި ކުރިމަތިލުމުގެ ބާރު މައިންބަފައިންނަށް ލިބިގެންނުވާ ކަމަށް މައިންބަފައިން ގަބޫލުކުރުން. މިއީ ދަރިންވެސް އެމީހުންގެ މައިންބަފައިންނާ ދެކޮޅުވެރިވުމަށްޓަކައި ދައްކާ ބަހަނާއެވެ. މައިންބަފައިން މިވަނީ މިކަން ގަބޫލުކޮށް، ދަރިންގެ ކުރިމަތީގައި ބަސްހުއްޓި އަދި އެދަރިންގެ ކުރިމަތީގައި މައިންބަފައިންނަކީ ބަސްވިކޭ ބަޔަކަށްވުމުން މަހުރޫމުވެގެންނެވެ. މިއަދު ދަރިން ބުނެއެވެ. “އަހަރެމެންގެ ޒަމާނަކީ މަންމަމެންގެ ޒަމާނެއް ނޫނެވެ.”، “އަހަރެމެންގެ ޖީލަކީ މަންމަމެންގެ ޖީލެއް ނޫނެވެ.”، “އަހަރެމެންގެ ދުނިޔެއަކީ މަންމަމެންގެ ދުނިޔެއެއް ނޫނެވެ.”، “ދުނިޔެ މިވަނީ ބަދަލުވެފައެވެ.”، “އަހަރެމެން މިދިރިއުޅެނީ 21ވަނަ ޤަރުނުގައެވެ.”، “މަންމަމެން ތިޔަ ވާހަކަ ދައްކަނީ މުޅިން އެހެން ޢާލަމަކާ ގުޅޭ ގޮތުންނެވެ.” މައިންބަފައިންނަށް ކަންކަން ނުވިސްނޭ ކަމަށާއި، އަދި އެމީހުން، އޭނާގެ އިހުސާސްތަކަށް ރިޢާޔަތް ނުކުރާ ކަމަށާއި، އަދި އެދަރިފުޅުގެ މައްސަލަތައް ނުވިސްނެނީ އެދެމީހުންނަކީ ދޮށީ އުމުރުގެ މީހުންކަމަށް ވުމުން ކަމަށާއި، އަދި މިހެންވަނީ އޭނާގެ ކުޑަކުޑަ ދުނިޔެއިން އެދެމީހުން ދުރުވެފައިވުމުގެ ސަބަބުން ކަމަށް ހީކޮށް، ދަރިން ބުނާ މިފަދަ ބަސްތަކަކީ އޭގައި އެއްވެސް އޮއްޓަރެއް ހުރި ވާހަކަތަކެއް ނޫނެވެ.

ދަރިންނަށް މިގޮތަށް ވިސްނިފައިވުމުގެ ސަބަބުން، އޭނާގެ ޚިޔާލުތަކާއި ޙިކުމަތްތެރިކަން ބޮޑު ކަމަށް ދެކި، މައިންބަފައިންގެ ތަޖުރިބާއާއި، ވިސްނުމުގައި އެތައް އައިބުތަކެއް ވާކަމަށް ދެކެއެވެ. އަދި އޭނާ ދެކޭ ގޮތުގައި، އޭނާ އެކަނި ދިރިއުޅުމުގެ ކަންކަމާ ކުރިމަތިލުމުގެ ގާބިލުކަން އޭނާގެ ކިބައިގައި އެބަހުއްޓެވެ. އެހެންވެ، ފުރާވަރުގެ އުމުރާ ގާތްވާ ވަރަކަށް، އޭނާއާއި އޭނާގެ ރަޙުމަތްތެރިން، އެކުދިންގެ މައިންބަފައިން ދޭ އިރުޝާދުތައް އަޑު ނާހައެވެ. އަދި އެދެމީހުން ދައްކާ ވާހަކަތަކަށް އެކުދިންގެ އެއްވެސް ޝައުޤުވެރިކަމެއް ނުހުރެއެވެ. އަދި އެމީހުން ދޭ ނަޞޭހަތަކަށް ތަބާ ނުވެއެވެ.

ފުރާވަރުގެ އުމުރުގެ ކުއްޖާ (13 އަހަރުގެ) އޭނާގެ މައިންބަފައިންގެ ކައިރިން ކަންކަމުގެ ޚިޔާލު ނުހޯދައެވެ. އަދި އެމީހުންގެ ކިބައިން ނަޞޭހަތަށާއި އެހީތެރިކަމަށްވެސް ނޭދެއެވެ. އޭގެ ބަދަލުގައި، އޭނާގެ ނަފްސަށް ރަނގަޅު ކަމަށް ފެންނަ ގޮތަށް ނުވަތަ އޭނާގެ އަމިއްލަ ވިސްނުމަށާއި ރަހުމަތްތެރިން ކަންކަމުގައި ދެކޭ ގޮތަށް އޭނާގެ ހިތް ލެނބެއެވެ. މިކަމުގައި އޭނާ ދައްކާ ހުއްޖަތަކީ އޭނާގެ އާއިލާ މީހުންނަށް އޭނާގެ އަމިއްލަ ނަފްސުގައި ހިނގަމުންދާ ކަންކަން ނޭނގޭކަމަށެވެ. އަދި އޭނާގެ ނަފްސުގެ ކަންކަން އޭނާއަށް މާބޮޑަށް އެނގޭ ކަމަށެވެ. އަދި އޭނާއާއި އޭނާގެ ރަޙުމަތްތެރިން މާގުޅޭ ކަމަށާއި، ރަޙުމަތްތެރިންގެ ފުށުން، އޭނާއާ އެއްފަދަ ބައެއް އޭނާއަށް ފެންނަ ކަމަށެވެ. އެހެންވެ، އޭނާއަށް ހީކުރެވެނީ އޭނާގެ އަމިއްލަ މައްސަލަތައް ޙައްލުކޮށް، އަދި މަސްއޫލިއްޔަތު އަމިއްލައަށް އުފުލޭނެކަމަށެވެ. އެހެނަސް ކަންކަމުގެ މައްޗަށް ގޮތް ނިންމުމަށްޓަކައި ހަމައެކަނި މިކަންކަން ނުފުދޭނެއެވެ. އަދި މިއީ އޭނާގެ އަހުލުންގެ ބެލުމެއްނެތި އޭނާ އަމިއްލައަށް އުޅުމަށް އޮތް ހުއްޖަތެއްވެސް ނޫނެވެ. ސަބަބަކީ ކުޑަކުދިންނާއި އަދި ފުރާވަރުގެ ކުދިންނަކީވެސް ކަންކަމުގެ ހުރިހާ ދިމަދިމާއަކުން ވިސްނުމުގެ ގާބިލުކަން ނުހުންނަ، އަދި ކަންކަމުގެ ޙަޤީޤަތް ނޭނގޭ ކުދިންނެވެ. އަދި އެކުދިންނަށް ފެންނާނީ ކަންކަމުން ލިބޭ ވަގުތީ ފައިދާއެވެ.

ދަރިންނާއި އެމީހުންގެ އަހުލުންގެ މިސާލަކީ، ބޯޓު ޖެއްސުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން، ބޯޓުގެ ކުޑަދޮރުން އެޖައްސަން އުޅޭ ރަށަށް ބަލާ ދަތުރުވެރިއެއްގެ މިސާލެވެ. އެހާލަތުގައި އޭނާއަށް ހުރިހާ އެއްޗެއް ވަރަށް ތަފްސީލުކޮށް ސާފުކޮށް ފެންނާނެއެވެ. ކަނޑު ކޮބައިކަމާއި، އެއާޕޯޓު ކޮބައިކަމާއި، ބޮޑެތި މަގުތަކަކީ ކޮބައިކަން ސާފުކޮށް ފެންނާނެއެވެ. އޭނާއަށް އެރަށުގެ މަތިން ވަރަށް ސާފުކޮށް، އެރަށުގެ ހުރިހާ މަންޒަރެއް އެރަށުގެ ބޮޑު މިނާއެކީ ފެންނާނެއެވެ. މިއީ ކުއްޖާގެ އަހުލުންގެ މިސާލެވެ. ފުރާވަރުގެ ކުއްޖާގެ މިސާލަކީ އެރަށުގެ މަގެއްގެ މަތިން ހިނގާފައިދާ މީހެއްގެ މިސާލެވެ. އޭނާއަށް އެމަގުގެ ހުރިހާ ތަފްސީލުތަކެއް އެނގޭނެއެވެ. އަދި ގެތަކާއި، އެމަގުގައިވާ ފިހާރަތަކާއި، ޝޯރޫމްތައް އޭނާއަށް އެނގޭނެއެވެ. އަދި އެމަގުގެ ދިގުމިނާއި، ފުޅާމިނާއި، އަދި މަގުގެ ފާރުތަކުގެ ކުލަތަކާއި، އެމަގުގެ ނަން އޭނާއަށް އެނގޭނެއެވެ. އެހެންނަމަވެސް، ދެން ޖެހިގެން އޮތް މަގުގައި ހުރި ތަންތަނާއި ކަންކަމުގެ ކަންކަން އޭނާއަކަށް ނޭނގޭނެއެވެ. އެހެންކަމުން މައިންބަފައިންނަށް، ދަރިންނަށްވުރެ ބޮޑަށް ކަންކަމުން ނިކުންނާނެ ނަތީޖާތައް ލަފާކުރަން އެނގޭނެއެވެ. އަދި ކަންކަމުން ކުރާނެ ދުރު ރާސްތާ އަސަރު އެމީހުންނަށް ދެނެގަނެވޭނެއެވެ. އަދި މައިންބަފައިންނަށް، ލޮލަށް ފެންނަން ހުންނަ ކަންކަމުގެ އިތުރުކަންކަން ފާހަގަކުރެވޭނެއެވެ.

ފަހަރެއްގައި ތިބާއަކީ ކިޔަވައިގެން ހުރި މީހަކަށް ނުވެދާނެއެވެ. އަދި ތިބާގެ ފިރިމީހާއަކީ މާހުނަރުވެރި މީހަކަށް ނުވެދާނެއެވެ. އަދި ދަރިންނަކީ މައިންބަފައިންނަށްވުރެ މޮޅަށް ކިޔަވައިގެން ތިބި، އަދި ވިސްނޭ ބަޔަކަށް ވެދާނެއެވެ. އެހެންނަމަވެސް، މިއީ ދަރިން މައިންބަފައިންގެ މައްޗަށް ބަސްބުނެ، ގަދަވެގަނެވޭނެ އުޒުރެއް ނޫނެވެ. މިހެން ކަން އޮތް ނަމަވެސް، މައިންބަފައިން ވެގެންދާނީ ދަރިންނަށްވުރެ ބުއްދިވެރި، އަދި މަދު ޙާލަތްތަކުގައި ފިޔަވައި އެހެން ގިނަ ޙާލަތްތަކުގައި ދުރު ވިސްނޭ ބަޔަކަށެވެ.  މީގެ މައިގަނޑު ސަބަބަކީ މައިންބަފައިންނާއި ދަރިންނާ ދެމެދު އުމުރުގެ ގޮތުންވާ ފަރަޤެވެ. އިޖުތިމާޢީ ދިރިއުޅުމަކީ އެކަމުގައި ހުނަރާއި، ޢިލްމާއި އަދަބުތައް ހިމެނޭ ކަމެކެވެ. މީހުންނާއި މުޢާމަލާތްކުރުމުގެ ހުނަރާއި، ދިރިއުޅުމުގެ ތަޖުރިބާތަކަކީ އޭގެ އަގު ވަޒަން ނުކުރެވޭހާ ބޮޑު ކަންޒެކެވެ. ޙަޔާތަކީ، ބައެއްފަހަރު، މީހާއަށް ސުކޫލަށްވުރެ ބޮޑަށް ޢިލްމާއި ދަރުސް އުނގަންނައިދޭ އެއްޗެކެވެ. އޭގެ ސަބަބުން މީހާގެ ޝަޚުޞިއްޔަތު ސީދާކުރެވި، އަދި ނަފްސު ތާހިރުކުރެވިގެންދެއެވެ. އަދި ޙިކުމަތްތެރިކަން ދަސްވެ، ދުރު ވިސްނޭ މީހަކަށްވެގެންދެއެވެ. ޢިލްމަކީ ހަމައެކަނި ޖާހިލުކަމުގެ އިދިކޮޅެއް ނޫނެވެ. މިސާލަކަށް؛ މަންމައަކު މަދަރުސާއިން ފެށޭ ތަޢުލީމު ޙާސިލު ނުކޮށް ހުރެދާނެއެވެ. އެހެންނަމަވެސް އޭނާއަކީ، ޔުނިވާސިޓީ ދަރިވަރުންނަށްވުރެ، މީހުންނާބެހޭ ގޮތުން ވަރަށް ގިނަ ޢިލްމު އެނގޭ، އަދި ދިރިއުޅުން ހިންގުންތެރިކަމާއެކު ކުރިއަށް ގެންދިއުމުގައި ވަރަށް ޤާބިލު މީހަކަށް ވެދާނެއެވެ. ހަރުދަނާ މަންމައަކު، އޭނާގެ ދަރިފުޅުގެ ތަޖުރިބާ މަދުކަމާއިހުރެ، އޭނާގެ ފުށުން ކުރިމަތިކުރުވާ އުނދަގޫތަކުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެއެވެ. އޭނާ ވާނީ އޭނާގެ ދަރިފުޅުގެ ފަރާތުން އަންނަ ދަތި އުނދަގޫ ކަންކަން ޙައްލުކުރަން އެނގޭ މީހަކަށެވެ. އެއީ އޭނާއަށް އެކަން ޙަޔާތުގައި މީގެ ކުރިން ތަޖުރިބާކުރެވިފައިވުމުގެ ސަބަބުންނެވެ. އެނޫންނަމަ، މީހުންގެ ފުށުން އެފަދަ ޙާލަތްތަކުގެ ވާހަކަ އަޑު އިވިފައިވުމުގެ ސަބަބުންނެވެ. އެހެންކަމުން، ދުނިޔެ ބަދަލުވެއްޖެއޭ ބުނެ، ޖީލެއްގެ މީހުންގެ ދިރިއުޅުމުގެ ތަޖުރިބާތައް ކުޑައިމީސްކުރުމަކީ އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއް ނޫނެވެ.

އަދި އަހަރެންގެ އިތުރު ވާހަކައެއްވެސް އެބައޮތެވެ: އޭ ކުދިންނޭވެ! އޭ މައިންބަފައިންނޭވެ! ޒަމާން ބަދަލުވާނެއެވެ. މީހުންވެސް ބަދަލުވާނެއެވެ. އެކި އާދަތަކާއި، މީހުން ގަބޫލުކުރާ ގަބޫލުކުރުންތައްވެސް ބަދަލުވާނެއެވެ. ކަންކަމުގައި ކުރިއެރުން އައުމަކީ ޠަބީޢީ ކަމެކެވެ. އަބަދު އެއްޙާލެއްގައި ކަންކަން ނޯންނާނެއެވެ. އެހެނަސް ސުވާލަކީ، ހުރިހާ ކަމެއް ބަދަލުވޭ ހެއްޔެވެ؟ އަހަރެމެން ކުޑަކޮށް ވިސްނާލައިފިނަމަ ފެނިގެންދާނީ، ބަދަލުނުވެ އަބަދު އެއްގޮތަކަށް ވާ ކަންކަން ހުންނަކަމެވެ. މިފަދަ އެތައް ބަދަލެއް އަންނައިރުވެސް، އިންސާނާ އޭނާގެ ޝުޢޫރުތަކުގައި ވަނީ ހަމަ އިންސާނެއްގެ ގޮތުގައެވެ. އޭނާ ލޯބިވެ، ނަފްރަތުކުރެއެވެ. އަދި އުފާވެރިކަމުގެ އިހުސާސާއި، ވޭން އިހުސާސްކުރެއެވެ. އަދި އޭނާގެ ސުލޫކަށްވެސް ބަދަލެއް ނާދެއެވެ. އޭނާ މަސައްކަތްކުރެއެވެ. އަދި އަރާމުކޮށްލުމަށް އޭނާ އެދެއެވެ. އަދި އޭނާގެ އެދުންތަކާއި ބޭނުންތަކުގައިވެސް އޭނާއަށް ބަދަލެއް ނާދެއެވެ. އޭނާ ކައިވެނިކުރެއެވެ. އަދި ކައިބޮއި ހަދައި، ނިދައެވެ.

އެހެންކަމުން، އިންސާނާ، އޭނާގެ ވަށައިގެންވާ ޙަޔާތަށް ކިތަންމެ ގިނަ ބަދަލެއް އައި ކަމުގައިވިއަސް، އޭނާގެ ޒާތުގައި ޘާބިތުވެއެވެ. އޭނާގެ ބޭރުފުށުގެ ކަންކަން ބަދަލުވެދާނެއެވެ. އެހެންކަމުން، މިއީ ކުޑަކުދިންނާއި، ފުރާވަރު އުމުރުގެ ކުދިންވެސް ކަޑައްތުކުރަމުންދާ މަރުޙަލާއެވެ. އެކުދިން މައިންބަފައިން ބުނާ އެއްވެސް ކަމަކާ އިތުރު ވިސްނުމެއް ނެތި، ކޮންމެ ކަމަކަށް ވަގުތުން ދެކޮޅުވެރިވެއެވެ. އެހެނަސް ޙަޤީޤަތަކީ، ޒަމާން ބަދަލުވިއަސް، ޖީލުތައް ބަދަލުވިއަސް، އަދި ދުނިޔެ ކިތަންމެ ތަރައްޤީ ވިއަސް، ބަދަލުނުވެ، އެއްގޮތެއްގައި ޘާބިތުވާނެ ކަންކަން ހުންނަ ކަމެވެ. އިންސާނާ ކިތަންމެ ޢިލްމީ ގޮތުން ކުރިއަރައި ދިއައަސް، އަދި ތަފާތު އީޖާދުތައްކޮށް، އާހޯދުންތައް ހޯދިކަމުގައިވީ ނަމަވެސް، ދީނާއި، ރިވެތި އަޚްލާޤާއި، އުސޫލުތަކާއި، ރިވެތި ނަމޫނާއަކީ ބަދަލުނުވާނެ ކަންކަމެވެ. އަދި ކިތަންމެ ގިނަ ޙާލަތްތަކަށް ޙަޔާތް ބަދަލުވިއަސް މިފަދަ ކަންކަން ބަދަލެއްނުވާނެއެވެ. ވަޙީ ބާވާލެއްވެން ފެށުނީއްސުރެ މިއަދާ ހަމައަށްވެސް އީމާންކަމުގެ ރުކުންތަކަކީ ހަމަ އެއް ރުކުންތަކެކެވެ. ނަމާދުގެ ރަކްޢަތްތަކުގެ ޢަދަދުތަކާއި، ނަމާދުކުރާނެ ގޮތަށް ބަދަލެއް ނާދެއެވެ. ރިވެތި އަޚުލާޤާއި އާދަތަކަކީ މީހުން އެކަންކަމަށް ލޯބިކުރާ، އަދި އެފަދަ ސިފަތައް އަށަގަންނުވަން ހިތް އެދޭ ކަންކަމެވެ.

އަހަރެމެން އަދިވެސް ފުންކޮށް ވިސްނާލައިފިނަމަ އެނގިގެންދާނީ ދުނިޔޭގެ ނިޒާމަކީ އެއް ނިޒާމެއްކަމެވެ. ތަފްޞީލީ ކަންކަމުގައި ތަފާތުތަކެއް ހުރިކަމުގައިވީ ނަމަވެސްމެއެވެ. ކޮންމެ ބައެއްގެ ތެރޭގައިވެސް އެމީހުންގެ ލީޑަރެއް ނުވަތަ ރައީސެއް ހުރެއެވެ. ކޮންމެ ދައުލަތެއްވެސް، އެދައުލަތަކަށް މަންފާކުރާނެ ޤާނޫނާއި ޤަވާއިދުތައް ހަދާ، އަދި މީހުންނަށް އެއަށް ތަބާވުމަށް ލާޒިމްކުރުވައެވެ. މިޤާނޫނުތައް ދޭދޭ މުޖުތަމައުތަކުގައި ތަފާތުވިއަސް، މިޤާނޫނުތައް، ރަގަޅު ގޮތުގައި އުޅުމަށް ހިތްވަރުދީ، ފަސާދަކުރާ މީހުންނަށް އަދަބު ކަނޑައަޅައެވެ. މީހުންގެ ހިތްތައްވެސް ލެނބިގެންދަނީ ރަގަޅު މީހުންނަށެވެ. އަދި ނުބައި މީހުންނާ ދުރުވުމަށް އެންމެންވެސް މަސައްކަތްކުރެއެވެ… އެހެންކަމުން،ދުނިޔެ ބަދަލުވެއްޖެކަމަށް ބުނެ، މައިންބަފައިންގެ ބަސް ބޮލާލައި ޖަހާލައިގެން ދަރިން ނުވާނެއެވެ. މިފަދައިން ދަރިން ކަންކުރުމުން ދައްކުވައިދެނީ އެކުދިން އެވަނީ މަގު ގެއްލިފައި ކަމުގައާއި، އަދި އެކުދިން ބުނާ ގޮތަށް ކަންތައްތައް ކުރުން ރަނގަޅު ނޫންކަމެވެ. އަދި އޭނާ ކަންކުރަނީ ރަނގަޅަށް ކަމާމެދު ވިސްނައިގެން ތިބެގެން ނުވާނެކަމެވެ. އަދި އެދަރިފުޅުގެ މައްޗަށް އޮތީ މަޑުޖެހިލަމުން، ކަންކަމާއިމެދު ފުންކޮށް ވިސްނުމެވެ.

އަހަރެމެންގެ ދަރިން ދެކޭ ގޮތުގައި އަހަރެމެންގެ ފިކުރަކީ ބޯދާ ފިކުރެކެވެ. އަދި ދުނިޔެ މިއަދު މިދެކޭ ތަރައްޤީއާއި ތަހުޒީބުގެ ކުރިމަތީގައި އަހަރެމެންގެ ވިސްނުމަކީ އެކަންކަމަށް އޮތް ހުރަހެކެވެ. އަދި އެއީ އަހަރެމެން މިދެކޭ އާދަތަކާއި، އުސޫލުތަކާއި ޤާނޫނުތައް އަހަރެމެންގެ ދިރިއުޅުން ތަރުތީބުކޮށް ނިޒާމަކަށް ބައްޓަންކޮށްދޭ އިރުގައިވެސްމެއެވެ. އަދި އަހަރެމެންގެ އުފަލާއި އަރާމަށް މިކަންކަމުން އެހީތެރިވެދޭ ހިނދުގައެވެ. އެހެންކަމުން، މިކަންކަމަކީ މައިންބަފައިންނާއި ދަރިން މިކަންކަމާއިމެދު ހޭލުންތެރިވެ، ފަހުމުވާންޖެހޭނެ ކަންކަމެވެ.

ދަރިންގެ ޒަމާނާއި މައިންބަފައިންގެ ޒަމާނާ ދެމެދުގައި އައިސްފައިވާ ޙަޤީޤީ ބަދަލަކީ އަމާންކަން (ކިޑްނެޕްކުރުމާއި ވައްކަންކުރުން ގިނަވުމުގެ ސަބަބުން) ގެއްލިގެން ދިއުމެވެ. އަދި ދީނީ ގޮތުންނާއި، ފިކުރީ ގޮތުންނާއި، މައިންބަފައިންނަށް ނުކިޔަމަންތެރިވުމުގެ ގޮތުން ދަރިން މަގުފުރެދިފައިވާލެއް ގިނަވުމެވެ. އަދި ހަރުދަނާ، ޒިންމާދާރު ބައަކަށް ދަރިން ބަދަލުވާ އުމުރު ލަސްވުމެވެ. (މިގޮތުން ޒިންމާ ނެގުން ނެތި، އަމިއްލަ އެދުން ބޮޑުވުމެވެ.) މީގެ ސަބަބުން، ދަރިންނާމެދު ސަމާލުވާންޖެހޭ ވުން އެތައް ގުނައަށް އިތުރުވެ، އަދި ކުރިއަށްވުރެ ބޮޑަށް އެކުދިންނާއިމެދު ފަރުވާތެރިވާންޖެހޭލެއް މިވަނީ އިތުރުވެފައެވެ. އެހެންކަމުން، މިފަދަ ފާސިދު ޙާލަތްތަކުގައި، މައިންބަފައިންނަށް ހަމަޖެހިލެވޭނީ ކިހިނެތް ހެއްޔެވެ؟ އަދި އެމީހުންގެ ބާރުވެރިކަން ދޫކޮށްލެވޭނީ ކިހިނެތް ހެއްޔެވެ؟!

______________________________

މި ލިޔުމުގެ އިތުރު ލިޔުންތައް ބެއްލެވުމަށް ފިއްތަވާލައްވާ!