[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މުސްލިމުންގެ ޙަޟާރަތާއި ޘަޤާފަތަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެކަމުގެ ޙައްލު 1

باسم الله الرحمن الرحيم

 

الحمد لله والصلاة والسلام على رسول الله وعلى آله وصبحه أجمعين. أما بعد:

 

ފެށުން

 

ދުނިޔޭގެ ތާރީޚު ދުށް އެންމެ ޢިލްމީ ޙަޟާރަތާއި ތަހްޒީބީ ތަޤާފީ ކުރިއެރުންތައް ދުނިޔެއަށް ފާޅުކޮށްދިން ބަޔަކީ މުސްލިމުންނެވެ. ނަބަވީ މަދަރުސާގެ ދުވަސްވަރުން ފެށިގެން އަދާ ހަމަޔަށް، އިސްލާމީ އުންމަތްވަނީ ޙަޟާރަތާއި ޘަޤާފީ ގޮތުން އާ އުސްމިންތައް ހާޞިލުކޮށްފައެވެ. މި ޢިލްމީ ކުރިއެރުންތައް ޙާޞިލުވުމާއި ތަހުޒީބުތައް އަދާ ހަމައަށް ދެމިއޮތުމުގެ މައިގަނޑު އެއް ސަބަބަކީ މުސްލިމުންނަށް ލިބިފައިވާ ފަނޑުވުމެއް ނުވާ ނޫރުގެ އުޖާލާކަމެވެ. އަދި އިލާހީ ޙިމާޔަތެވެ. އަދި ރައްބާނީ އިރުޝާދުތަކެވެ.

މާތް ﷲ ވަނީ އެކަލާނގެ ދީން ރައްކާތެރިކޮށްދެއްވާނޭކަމަށް ވަޢުދުވެވޮޑިގެންފައެވެ. އެކަލާނގެ ކީރިތި ޤުރްޢާނުގައި ވަޙީކުރެއްވިއެވެ. ﴿إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ﴾ މާނައީ: “ހަމަކަށަވަރުން، قرآن ބާވައިލެއްވީ، ތިމަންރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެ قرآن ރައްކާތެރި ކުރައްވާހުށީމެވެ.” [1]

އިސްލާމީ ޙަޟާރަތާއި ޘަޤާފަތަށް ލިބިފައިވާ އެންމެ މަތިވެރި އެއް މީޒާއަކީ މިފަދަ ޝަރަފުވެރި ކިލަނބުވުމެއް ނުވާ އަސާސްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ޙަޟާރަތަަކަށް ވުމެވެ. އަދި އިންސާނީ ފިޠުރަތާއި ޞަރީޙަ ބުއްދިއާއި ތަޢާރުޟުނުވާފަދަ މަޞްދަރުތަކެއްގެ މަތީގައި ކުރިއަރަމުންދާ ޙަޟާރަތަކަށް ވުމެވެ.

އެހެންކަމުން އިސްލާމްދީނުގެ އަހުލުވެރިންނަކީ އެތައްގޮތަކުން އެހެނިހެން ޙަޟާރާތްތަކުގެ މައްޗަށް ކުރިއަރައި ގޮސްފައިވާ ބައެކެވެ. ތަފާތު އެކިއެކި ރޮނގުތަކުންނެވެ. ޢިލްމީ ރޮނގުންނާއި ފަންނުވެރިކަމުގެ ރޮނގުންނެވެ. ސައިންސާއި ޓެކްނޮލޮޖީގެ ރޮނގުންނެވެ. އަދިވެސް މިނޫން އެތައް ރޮނގަކުންނެވެ.

ނަމަވެސް އަދުގެ ތަރައްޤީވަމުން އަންނަ ވާދަވެރި ދުނިޔޭގައި އެހެނިހެން ޙަޟާރާތްތަކާއި ޘަޤާފާތްތައް، އިސްލާމީ ޙަޟާާރަތާއި ޘަޤާފާތްތަކަށް ގޮންޖަހަމުން އަންނަކަމީ އިންސާފުވެރި ނަޒަރަކުން ބަލައިފި ކޮންމެ މީހަކަށް ފާހަގަވާނެކަމެވެ. އެހެންކަމުން މިލިޔުމުގައި އަލިއަޅުވާލާނީ އިސްލާމީ ޙަޟާރަތާއި ޘަޤާފާތްތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެކަމަށް ހުށަހަޅާލެވޭ ޙައްލުތަކެކެވެ.

 

الحضارة ގެ މާނަ:

ޢަރަބި ބަހުގައި حضارة އަކީ ވަރަށް ތަނަވަސް ލަފްޒެކެވެ. އޭގެ ޖުމްލަ މާނައަކީ ތަމައްދުނުވުމެވެ. އަދި ޢިލްމީ ފަންނީ އަދަބީ އަދި އިޖުތިމާޢީ ކުރިއެރުންތަކަށްވެސް ޙަޟާރަތޭ ކިޔައެވެ. (އަޙްމަދު މުޚްތާރު، 2008 / 1/513)

އަދި ޙަޟާރަތުގެ އިޞްތިލާޙީ މާނައަށް ބަލާލާއިރު، ޙަޟާރަތާ ބެހޭގޮތުން ابن الخلدون (808 ހ/ 1/218) ވިދާޅުވެފައިވެއެވެ: “އެއީ ނިޢުމަތްތަކުގެ އެކި ފަންނުތައް އިތުރުވެގެން ދިޔުމާއި އެކަމުގައި ބޭނުންކުރާ އެކި އުފެއްދުންތަކުގައި ކުރި އަރައިގެން ދިޔުމެވެ.”  

ޢުމްރާނީ ތަރައްޤީގެ މާނައިގަވެސް އެކަލޭގެފާނުގެ ޙަޟާރަތް މާނަކުރައްވާފައިވެއެވެ. ނަމަވެސް މިއީ ޙަޟާރަތުގެ މާނައަށް ބަލާލާއިރު ވަރަށް ހަނި ތަޢުރީފެކެވެ.

ޑރ. ޙުސައިނު މޫނިސް (1978 / ޞ: 13) ޙަޟާރަތުގެ މާނަ މިއަށް ފުޅާ ދާއިރާއެއްގައި ކުރައްވައެވެ. ވިދާޅުވިއެވެ: “އަހަރެމެން މަފްހޫމުގައި ޙަޟާރަތަކީ ކޮންމެ މީހަކުވެސް އެމީހެއްގެ ދިރިއުޅުން ރަނގަޅުކޮށްލުމަށްޓަކައި ކުރާ ކަންތައްތަކުގެ ނަތީޖާއެވެ. ޤަޞްދަކާއެކު ނެރޭ ނަތީޖާއާ ޤަޞްދަކާ ނުލާ ނެރޭ ނަތީޖާ އޭގައި ހިމެނޭނެއެވެ. އަދި ނަތީޖާއަކީ މާއްދީ ނުވަތަ މަޢުނަތީ ނަތީޖާއަކަށްވިޔަސް އޭގައި ހިމެނޭނެއެވެ.”

މިތަޢުފީރަށް ބަލާލާއިރު ޢިލްމީ، ފިކުރީ އަދި އެހެނިހެން ހުރިހާ ކުރިއެރުންތަކެއްވެސް ޙަޟާރަތުގައި ހިމެނޭނެއެވެ.

ޙަޟާރަތުގެ އިޞްތިލާޙީ މާނައަށް ބަލާއިރު އަދުގެ ދުނިޔޭގައި ޙަޟާރަތުގެ މާނަ ޢާންމު ގޮތެއްގައި މި މޭރުމުން ކުރަމުންދާކަން ފާހަގަވެއެވެ.

= ނުނިމޭ =


[1]   سورة الحجر: 9

 

މިލިޔުމުގެ އެހެންބައިތައް