[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މުސްލިމުންގެ ޙަޟާރަތާއި ޘަޤާފަތަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެކަމުގެ ޙައްލު 3

އިސްލާމީ حضارة އާއި މުސްލިމު ޢިލްމުވެރިން

 

حضارة އަކީ ހުރިހާ މައިދާނެއްގައިވެސް އިންސާނީ ކުރިއެރުމެވެ. އިސްލާމީ حضارة ބިނާވެފައިވަނީ ކީރިތި ޤުރުއާނާއި ސުންނަތުގެ މައްޗަށެވެ. އެއަށް ފަހު އިންސާނާގެ ވިސްނުމާއި ފިކުރުގެ މައްޗަށެވެ. އިސްލާމީ حضارة ގެ ކުރީ ކޮޅުން ފެށިގެން މީސްތަކުން އެކި ޢިލްމުތައް އުނގެނި ދަސްކޮށް ތަރައްޤީކޮށް އުޅުނެވެ. އޭގެ ތެރޭގައި ބޭސްވެރިކަމާއި ޞިނާޢަތްތަކާއި ހަނގުރާމައާ ގުޅުން ހުރި އުކުޅުތަކާއި ސާމާނުތައް ހިމެނެއެވެ. އަދި އިސްލާމްދީނަށް އަލަށް ވަންނަމުން އައި ބޭކަލުން އެބޭކަލުންގެ ޤަބީލާގައި ނުވަތަ ރަށުގައި ބޭނުން ކުރަމުން އައި އެކި ފަންނުތަކާއި ތަޖުރިބާތަކުން މުސްލިމުންނަށް ފައިދާ ޙާޞިލުކޮށްދެއްވަމުން ގެންދެވިއެވެ. މިކަންތައްތައް ވަނީ ރަސޫލާ محمد صلى الله عليه وسلم ދުވަސްވަރުގައިވެސް ފެށިފައެވެ.

އަދި ކޮންމެ ޖީލެއްގެ ބޭކަލުންވެސް އިސްލާމީ ޙަޟާރަތް ތަރައްޤީ ކުރަމުން ގެންދެވިއެވެ. އެޒަމާނަކާއި މަކާނަކާ ގުޅޭގޮތުން، މުސްލިމުންގެ ޙަޟާރަތުގެ ކުރިއެރުންތައް ފެނުނެވެ. ބަޣްދާދާއި އަންދަލުސްއާއި ޤިސްޠަންޠީނިޔާއަކީ އެކި ޒަމާންތަކަށް ބަލާލިޔަސް މުސްލިމުންގެ ޙަޟާރީ ކުރިއެރުންތައް ދައްކުވައިދޭ ރަށްތަކެކެވެ. މި ހުރިހާ ރަށެއްވެސް ކުރިއަރުވާފައިވަނީ އެތަނެއްގެ ވެރިންނާއި ޢިލްމުވެރިންގެ ބުރަ މަަސައްކަތްތަކުންނެވެ.

އެގޮތުން ޚަލީފާ ހާރޫނުއްރަޝީދުގެ ދުވަސްވަރު ބަޣްދާދުގައި ބިންގާ އެޅިގެންދިޔަ ބައިތުލް ޙިކުމަތަކީ އިސްލާމީ ޙަޟާރަތަށް ކުރިއެރުންތަކެއް ގެނުވައިދިންތަނެކެވެ. އެދުވަސްވަރުގައި ބޭސްވެރިކަމާއި އިންޖިނިއަރިންގްއާއި ނުޖޫމީ ޢިލްމާއި އަދަބިއްޔާތާއި އަދި މިނޫނަސް އެތައް ފަންނުތަކެއްގެ ފޮތްތައް ތަރުޖަމާ ކުރެވިގެން ދިޔައެވެ. އަދި ކިޔަވާ ކުދިންނާއި ޢިލްމުވެރިންނަށް ފައިދާ ވާނޭހެން މަކްތަބާތަކުގައި އެފަޮތްތައް ބެހެއްޓުނެވެ. އަދި އެހެނިހެން ޙަޟާރަތްތަކުގެ ފޮތްތަކުގެ ސަބަބުން އިސްލާމީ ޙަޟާރަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދިޔައެވެ. އަދި ފަލްސަފާގެ ބައެއް ފޮތްތަކުގެ ސަބަބުން ގެއްލުންތަކެއްވެސް ވިއެވެ. އެހެނަސް ދުނިޔަވީ ތަރައްޤީގެ ރޮނގުތަކުން ބޮޑެތި ކުރިއެރުންތަކެއް އެދުވަސްވަރު ލިބިގެން ދިޔައެވެ.

ޑޮކްޓަރީ އޮޕަރޭޝަންތަކުގައި ބޭނުންކުރާނެ ސާމާނުތަކާއި ޤައުމުތަކުގެ ޗާޓުތަކާއި ފަލަކީ ކުރެހުންތަކާ އަދި ޙިސާބު ޢިލްމުގެ އެކި ހޯދުންތަކާއި މިނޫނަސް އަދުގެ ދުނިޔޭގައި ހުޅަނގުގެ ޤައުމުތަކުން ބޭނުން ހިފި އެތައް ހޯދުންތަކެއް އިސްލާމީ ޙަޟާރަތުގައި މުސްލިމު ޢިލްމުވެރިންވަނީ އީޖާދުކޮށް ތަޢާރަފުކޮށްފައެވެ. އިބްނުލް ޤައްޔިމަކީ ދީނީ ރޮނގުންނާއި ދުނިޔަވީ ރޮނގުތަކުންވެސް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި ބޭކަލެކެވެ.

 

= ނުނިމޭ =

މިލިޔުމުގެ އެހެންބައިތައް