ޝިޔަޢީން ކީރިތި ޤުރުއާނާއި މެދު ޤަބޫލުކުރާ ޢަޤީދާ:
ކީރިތި ޤުރުއާނަކީ ޙުއްޖަތެއް ނޫންކަމަށް ޝިޔަޢީން ޤަބޫލުކުރެއެވެ.
ޝިޔަޢީން ޤަބޫލުކުރާގޮތުގައި ކީރިތި ޤުރުއާނަކީ އޭގެ ޒާތުގައި ޙުއްޖަތެއް ނޫނެވެ. ޝިޔަޢީންގެ ގާތުގައި ކީރިތި ޤުރުއާނުން ޙުއްޖަތަކަށް ވާނީ އެބައިމީހުންގެ އިމާމެއް ޤުރުއާނުގައި އާޔަތާއިމެދު ބުނާ ބަހެވެ. އެހެންކަމުން ޝިޔަޢީންގެ ގާތުގައި ޙުއްޖަތަކީ އިމާމުގެ ބަހެވެ. ކީރިތި ޤުރުއާނެއް ނޫނެވެ. ޝިޔަޢީންގެ ބޮޑު ޢިލްމުވެރިއެއް ކަމުގައިވާ ޘިޤަތުލް އިސްލާމް އަލްކުލައިނީ އޭނާގެ އުސޫލުން ކާފީއޭ ކިޔުނު ފޮތުގައި ކީރިތި ޤުރުއާނާއިމެދު މިޢަޤީދާ ފާޅުކޮށްފައިވެއެވެ. މިފޮތަކީ އަހުލުއްސުންނާ ވަލްޖަމާޢަތުގެ އަހުލުވެރިންގެ ގާތުގައި ޞަޙީޙުލް ބުޚާރީއަށް ދެވިފައިވާ މަޤާމު ޝިޔައީންގެ ގާތުގައި ދެވިފައިވާ ފޮތެކެވެ. މިނޫންވެސް ޝިޔަޢީންގެ ފޮތްތަކުގައި (ރިޖާލުލް ކިއްޝިއްޔު، ޢިލަލުއް ޝަރާއިޢު، އަލްމަޙާސިން، ވަސާއިލުއް ޝީޢާ ފަދަ ފޮތްތަކުގައި) ކީރިތި ޤުރުއާނަކީ ޙުއްޖަތެއް ނޫންކަމަށް ބަޔާންކޮށްފައިވެއެވެ.
ނަމަވެސް ޝިޔަޢީންގެ ބައެއް މަޞްދަރުތަކުގައި ކީރިތި ޤުރުއާނަކީ ޙުއްޖަތެއް ކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން ޝިޔަޢީންގެ ދީނީ މުހިންމު މަޞްދަރުތަކުގައި މިމައްސަލައިގައި ތަޢާރުޟުތަކެއް ވާކަމަށް ބުނެވިދާނެއެވެ. މަޒްހަބީ ތަޢާރުޟްތަކުގައި އެބައިމީހުން ގެންގުޅޭ އުސޫލެއްވެއެވެ. އެއީ އެމައްސަލައެއްގައި ޢާންމުންގެ (އަހުލުއްސުންނާ ވަލްޖަމާޢަތުގެ) މަންހަޖާއި ޚިލާފަށް ޢަމަލުކުރުމެވެ. މިއީ ޝިޔަޢީންގެ ހިތްތަކުގައި އަހުލުއްސުންނާ ވަލްޖަމާޢަތުގެ މުސްލިމުންގެ މައްޗަށް އޮންނަ ޢަދާވާތްތެރިކަން ބޮޑުކަން އަންގައިދޭ ހެއްކެކެވެ. މިފަދަ މައްސަލަތަކުގައި ރަނގަޅު ގޮތް ކަނޑައެޅުމުގައި އަހުލުއްސުންނާ ވަލްޖަމާޢަތާއި ޚިލާފުވުން އެއީ ޙައްޤު ކަމުގައި އެބައިމީހުން ދެކެއެވެ. މިމައްސަލައިގައި އަހުލުއްސުންނާ ވަލްޖަމާޢަތުގެ މަންހަޖަކީ ކީރިތި ޤުރުއާނަކީ އެންމެ ވަރުގަދަ ޙުއްޖަތްކަމުގައި ޤަބޫލުކުރުމެވެ. އެހެންކަމުން އަހުލުއްސުންނާ ވަލްޖަމާޢަތުގެ ޢަޤީދާއާއި ޚިލާފުވުމުގެ ގޮތުން ޝިޔަޢީން ކަނޑައަޅާފައިވާ އުޞޫލަކީ އެންމެ ވަރުގަދަ ޙުއްޖަތަކީ އެބައިމީހުންގެ އިމާމުންގެ ބަސްކަމެވެ.
ހަމަ މިބީދައިން ޝިޔަޢީން ޤަބޫލުކުރާގޮތުގައި އެބައިމީހުންގެ ބާރަ އިމާމުންނަށް ކީރިތި ޤުރުއާނުގެ ނާސިޚް މަންސޫޚް ކަނޑައެޅުމާއި، ކީރިތި ޤުރުއާނުގެ ޢާންމު ޙުކުމްތައް ޚާއްސަކުރުމުގެ ބާރު ލިބިގެންވެއެވެ.
ޝިޔަޢީންގެ މިފަދަ ހައްދުފަހަނައަޅާފައިވާ ޢަޤީދާތަކަކީ އިސްލާމްދީނުގެ އެތަކެއް އަސާސްތަކެއް މުގުރާލާ ބާތިލު ޢަޤީދާތަކެކެވެ. އިސްލާމްދީނުގެ އެންމެ މުހިންމު އެއް އަސާސަކީ ނަބިއްޔާ ﷺ އާއި އެކީގައި އިސްލާމްދީން ފުރިހަމަވެފައިވާކަމެވެ.
މިކަން ބަޔާންކުރައްވާ ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:
{الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإِسْلاَمَ دِينًا} سورة المائدة:3
މާނައީ: “މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއް ކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ”.
އިސްލާމްދީން ފުރިހަމަވެފައިވާކަން ﷲ ތަޢާލާ މިފަދައިން އިޢުލާންކުރައްވާފައިވަނިކޮށް ޝިޔަޢީންގެ އިމާމުންނަށް ކީރިތި ޤުރުއާނުގެ އާޔަތްތައް ނަސްޚުކުރުމާއި ޚާއްޞަކުރުމުގެ ބާރު ލިބިގެންވާކަމަށް ބުނުމަކީ އިސްލާމްދީނުގެ އަސްލު ގެއްލިގެންދާނެކަމެކެވެ. އަދި ބޭނުންހާ ބަޔަކު އެބައެއްގެ ހަވާނަފްސާއި އެއްގޮތަށް ދީން ކޮށާ މަށަން ލިބިގެންދާނެ ފުރުސަތެކެވެ. އެހެންވެއްޖެ ނަމަ އިސްލާމްދީނެއް ވުޖޫދުގައެއް ނޯންނާނެއެވެ. އެހެންކަމުން ޝިޔަޢީންގެ މި ޢަޤީދާއަކީ ބާތިލު ޢަޤީދާއެކެވެ.
ޝިޔަޢީން ޤަބޫލުކުރާގޮތުގައި ކީރިތި ޤުރުއާނުގެ ޢިލްމުތައް ލިބިގެންވާ ހަމައެކަނި ބަޔަކީ ޢަލީގެފާނާއި އާލުބައިތުންނެވެ. އޭގެ ފަހުގައި ޤުރުއާނުގެ ޢިލްމުތައް ވާރުތަވެފައިވަނީ ޝިޔަޢީންގެ ބާރަ އިމާމުންނަށް ކަމަށް އެބައިމީހުން ޤަބޫލުކުރެއެވެ. އެނޫން ބަޔަކު ކީރިތި ޤުރުއާނުގެ ޢިލުމުތަކުގެ މައްޗަށް ވާހަކަދެއްކުން ހުއްދަވެގެންނުވާކަމަށް ޤަބޫލުކުރެއެވެ. ޢަލީގެފާނާއި އާލު ބައިތުންނާއި ޝިޔަޢީންގެ އިމާމުން ނޫން ބައެއްގެ ކިބައިން ޤުރުއާނުގެ ޢިލްމުތައް އުނގެނިއްޖެ މީހަކީ މަގުފުރެދިފައިވާ މީހެއްކަމަށްވެސް އެބައިމީހުން ޤަބޫލުކުރެއެވެ.
މިޢަޤީދާއަކީވެސް ބާތިލު ޢަޤީދާއެކެވެ. ނަބިއްޔާ ﷺ ގެންދެވީ އެކަލޭގެފާނުގެ މައްޗަށް ﷲ ތަޢާލާ ބާއްވައިލައްވާ ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ ތަފްސީރު ޞަޙާބީންނަށް ބަޔާންކުރައްވަމުންނެވެ. ކީރިތި ޤުރުއާނުގެ ޢިލްމުތައް ވަކި ޞަޙާބީއަކަށް ނުވަތަ ވަކި ޚާންދާނަކަށް އެކަލޭގެފާނު ޚާއްޞައެއް ނުކުރައްވައެވެ.
ﷲ ތަޢާލާ ކީރިތި ޤުރުއާން މާތް ނަބިއްޔާ ﷺ ގެ މައްޗަށް ބާއްވައިލައްވަމުން ވަޙީކުރެއްވީ މިފަދައިންނެވެ:
{وَأَنزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ} سورة النحل:44
މާނައީ: “އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނަށް ޤުރުއާން ބާވައިލެއްވީ، އެއުރެންނަށް ބާވައިލެއްވި ތަކެތި، މީސްތަކުންނަށް ކަލޭގެފާނު ބަޔާންކޮށް ދެއްވުމަށްޓަކައެވެ”.
އެހެންކަމުން ވަކި ބަޔަކަށް ޚާއްޞަކުރެއްވުމަށް ނެތި އެކަލޭގެފާނު ﷲ ތަޢާލާގެ މިއަމުރުފުޅު ތަންފީޒުކުރެއްވިއެވެ. އެހެންކަމުން ނަބިއްޔާ ﷺ ކީރިތި ޤުރުއާނުގެ ޢިލްމުތައް ބަޔާންކޮށްދެއްވީ ހަމައެކަނި ޢަލީގެފާނަށޭ ޝިޔަޢީން ބުނާ ބުނުމަކީ ބާތިލު ދަޢުވާއެކެވެ. މާތް ނަބިއްޔާ ﷺ ކީރިތި ޤުރުއާނުގެ ޢިލްމުތައް ޢަލީގެފާނަށް ޚާއްޞަ ނުކުރައްވާކަމުގެ ދަލީލަކީ ޞަޙާބީންގެ ތެރެއިން ޢަބްދު ﷲ ބުން ޢައްބާސްގެފާނާއި، އުބައްޔު ބުން ކަޢުބުގެފާނު ފަދަ އެތައް ޞަޙާބީންނެއް ކީރިތި ޤުރުއާނުގެ ޢިލްމުތަކުގައި މަޝްހޫރުވެގެން ގޮސްފައިވުމެވެ.
ކީރިތި ޤުރުއާނުގެ ޢިލްމުތައް އެނގޭނެ ބަޔަކީ ހަމައެކަނި ޝިޔަޢީންގެ އިމާމުންނަށޭ ބުނާ ޝިޔަޢީންގެ މިޢަޤީދާއަކީ ކީރިތި ޤުރުއާނާއި މެދު ވިސްނާ ތަދައްބުރު ކުރުމަށް ﷲ ތަޢާލާ އަންގަވާފައިވާ އެންގުމާއިވެސް ޚިލާފު ޢަޤީދާއެކެވެ. މިޢަޤީދާ ކަނޑައެޅި މީހުންގެ މަޤްސަދަކީ ކީރިތި ޤުރުއާނާއި މެދު ޢާންމުން ވިސްނައިފިނަމަ އެބައިމީހުންގެ މަޒްހަބުގެ ބާތިލުކަން އެނގި އެބައިމީހުން ފަޟީޙަތްވެދާނެތީ އެކަން މަނާކުރުމެވެ.
މަޢުލޫމާތުގެ މަޞްދަރުތައް:
فرق معاصرة تنتسب إلى الإسلام وبيان موقف الإسلام منها – د. غالب بن علي عواجي
أصول مذهب الشيعة الإمامية الإثني عشرية – ناصر بن عبد الله بن علي القفاري