މާތްވެގެންވާ އިސްލާމްދީނަކީ މެދުމިނުގެ ދީނެވެ. އިސްލާމްދީން ބިނާވެފައިވަނީ އިންސާނީ ޠަބީޢަތާއި އެކަށޭނެ، މެދުމިނުގެ އުސޫލުތަކެއްގެ މައްޗަށެވެ. އެއުސޫލުތަކަކީ އިންސާނީ ފިތުރަތާއި ގުޅޭ، މުޖުތަމަޢުގެ ހަމަޖެހުން އޭގެ މައްޗަށް ބިނާވާ، ދެދުނިޔޭގެ ފަލާޙާއި ކާމިޔާބާއި ގުޅިފައިވާ އުސޫލުތަކެކެވެ. މިހަރުދަނާ އުސޫލުތައް ކަނޑައެޅުއްވީ އިންސާނުންގެ ޙާލަތު މޮޅަށް ދެނެވޮޑިގެންވާ ﷲ ތަޢާލާ އެވެ. ﷲ ތަޢާލާ އިސްލާމީ އުންމަތް ސިފަކުރައްވާފައިވަނީ މެދުމިން އުންމަތެއްގެ ގޮތުގައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: ﴿وَكَذَٰلِكَ جَعَلْنَاكُمْ أُمَّةً وَسَطًا﴾ سورة البقرة 143 މާނައީ: “އަދި ހަމަ އެފަދައިން، ޢަދުލުވެރި ހެޔޮ އުންމަތެއްކަމުގައި (ހައްދުފަހަނަ އެޅުމާ ފަރުވާ ކުޑަކުރުމާ ދެމެދުގައިވާ އުންމަތެއްކަމުގައި) ތިމަންރަސްކަލާނގެ ތިޔަބައިމީހުން ލެއްވީމެވެ”. އެހެންކަމުން އެއްވެސް ކަމެއްގައި ހައްދުފަހަނައަޅައި ދިއުމަކީ މާތް ވެގެންވާ އިސްލާމްދީނުގެ އުސޫލެއް ނޫނެވެ. އަދި ކިއެއްތަ އެއީ ﷲ ތަޢާލާ ނަހީކުރައްވާފައިވާ ކަމެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: ﴿فَاسْتَقِمْ كَمَا أُمِرْتَ وَمَن تَابَ مَعَكَ وَلَا تَطْغَوْا ۚ إِنَّهُ بِمَا تَعْمَلُونَ بَصِيرٌ﴾ سورة هود 112 މާނައީ: “ފަހެ، ކަލޭގެފާނަށް އަމުރުކުރައްވާފައިވާ ފަދައިން، ކަލޭގެފާނުންގެ އަރިހުގައި އީމާންވެ، ތައުބާވެގެން ތިބިމީހުންނާއެކު، ކަލޭގެފާނު ސީދާވެވަޑައިގަންނަވާށެވެ! އަދި ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ”. އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ ﷺ ވެސް ވަނީ ހައްދުފަހަނައަޅައި ދިއުމާއިމެދު އިންޒާރުކުރައްވާފައެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ: «إِيَّاكُمْ وَالْغُلُوَّ فِي الدِّينِ، فَإِنَّهُ أَهْلَكَ مَنْ كَانَ قَبْلَكُمُ الْغُلُوُّ فِي الدِّينِ» رواه ابن ماجه 3029، وصححه الألباني.މާނައީ: “ތިޔަބައިމީހުން ދީނުގައި ޙައްދުފަހަނައަޅައި ދިއުމާއި ދުރުހެލިވާށެވެ. ފަހެ ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރީގެ މީހުން ހަލާކުވެގެން ދިޔައީ ދީނުގައި ހައްދުފަހަނައަޅައި ދިއުމުންނެވެ”. މިޙަދީޘުން އެނގި ބަޔާންވެގެންދާ ފަދައިން ދީނުގައި ކަނޑައެޅިފައިވާ އިންތައް ފަހަނައަޅައި ދިއުމަކީ އެބަޔަކު ހަލާކުވެގެންދާނެކަމެކެވެ. ﷲ އާއި ރަސޫލާއަށް އީމާންވެ، އިސްލާމްދީނަށް ތަބާވެގެންވާ ބަޔަކު އެދީނުގެ ކަންކަންކަމުގައި ހައްދުފަހަނައަޅައިގެން ގޮސް މަގުފުރެއްދުމަކީ ޝައިތާނާގެ މަޅިތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.
ހައްދުފަހަނައެޅުން މާނަކުރުން:
ދީނީ ގޮތުން ހައްދުފަހަނައެޅުން މިތަނުގައި މާނަ މިކުރަނީ ދީނުގައި ކަނޑައެޅިފައިވާ އިންތަކާއި އުސޫލުތައް ފަހަނައަޅައި ގޮސް، ދީނުގެ ނަމުގައި ދީނާއި ޚިލާފު ކަންތައްތަކެއް ކުރުމަށެވެ.
ހައްދުފަހަނައަޅާފައިވާ ކަމެއްކަން ކަނޑައަޅާނީ ކޮންބައެއް؟
ކަމަކީ ދީނީ ހައްދުފަހަނައެޅުމުގެ ކަމެއްކަން ކަނޑައެޅުމުގައި ރުޖޫޢަވާންޖެހޭނީ އިސްލާމީ ޝަރީޢަތަށެވެ. އިސްލާމީ ޝަރީޢަތަށް ރުޖޫޢަވެ އެކަމުގެ މައްޗަށް ޙުކުމް ނެރޭނީ އިސްލާމީ ޝަރީޢަތް ރަނގަޅަށް ދަނެތިބި ދަންނަބޭކަލުންނެވެ. މިކަމަކީ ޢާންމު ފަރުދުންގެ އަމިއްލަ މަފްހޫމުތަކުން ކަނޑައަޅަން ދޫކޮށްލާވަރުގެ ކަމެއް ނޫނެވެ. ސަބަބަކީ ކީރިތި ޤުރުއާނާއި ސުންނަތުން ޘާބިތުވާ ބައެއް ކަންކަމަކީ ހައްދުފަހަނައެޅުމުގެ ކަންކަން ގޮތުގައި ޢާންމުންގެ ބައެއް މީހުން ސިފަކުރާތީއެވެ. ދީނުގެ ޢިލްމު ފުރިހަމައަށް ލިބިފައި ނެތުމުގެ ސަބަބުން، ނުވަތަ ލާދީނީ ފިކުރީ ހަނގުރާމައިގެ އޮއިވަރުތަކުގައި ޖެހި އަސީރުވެގެން، ނުވަތަ ނިފާގުކަމުގެ ސަބަބުން އިސްލާމްދީނުގެ ތެރެއިންވާ ބައެއް ކަންކަން އެއީ ހަރުކަށި ހައްދުފަހަނައަޅާފައިވާ ކަންކަމުގެ ގޮތުގައި ބައެއް މީހުން ސިފަކުރެއެވެ. މިގޮތުން ފަރުޟު ފަސް ނަމާދަށް މިސްކިތަށް ދިއުމާއި، ސުންނަތް ނަމާދުތަކަށް ރައްކާތެރިވުމާއި، ސުންނަތް ރޯދަ ހިފުމާއި، ތުނބުޅި ބެހެއްޓުމާއި، ފައިގެ ކުޑަހުޅަށްވުރެ މަތީގައި އިޒާރު ބެހެއްޓުމާއި، މޫނު ބުރުގާ އެޅުމާއި، ދެޖިންސުގެ ހިލޭ މީހުން އަތާ އަތް ޖޯޑުކޮށް ސަލާމް ނުކުރުންފަދަ ކަންކަމީ ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރުގެ ކަންކަން ކަމުގައި ބައެއް މީހުން ސިފަކުރެއެވެ. މިފަދައިން އޮޅުއަށިތަކުގެ މިންގަނޑުން ހައްދުފަހަނައެޅުމާއި ހަރުކަށިކަން ކަނޑައަޅަންވެއްޖެ ކަމުގައިވަނީނަމަ “ހައްދުފަހަނައެޅުން” ނައްތާލުމުގެ ނަމުގައި ދީނުގެ ޢަދާވާތްތެރިންނާއި، ސެކިއުލަރ ލާދީނީ މީހުންނާއި، މުނާފިޤުންނަށް އިސްލާމްދީން ކޮށައި މަށައި އެމީހުން ބޭނުންހާ ގޮތަކަށް، ބޭނުންހާ މަޤްސަދެއް ޙާސިލުކުރުމަށް މޮޑޭ ފުށްގަނޑަކަށް އިސްލާމްދީން ހެދުމުގެ ފުރުސަތު އޭރުން ހުޅުވިގެންދާނެއެވެ. އޭރުން އިސްލާމްދީން ވުޖޫދުގައެއް ނޯންނާނެއެވެ. ވުޖޫދުގައި އޮންނާނީ އިސްލާމްދީނުގެ ނަން އެކަންޏެވެ. ދީނުގެ އަސްލެއް ޝިޢާރެއް ނޯންނާނެއެވެ.
އިސްވެ ދެންނެވި ފަދައިން އިސްލާމީ ޝަރީޢަތުގެ ތެރެއިންވާ ބައެއް ކަންކަމަކީ ހައްދުފަހަނައެޅުމުގެ ކަންކަން ކަމަށް ސިފަކުރާ ބަޔަކު އަޅުގަނޑުމެންގެ ތެރެއިންވެސް އެބައުޅެއެވެ. އިސްލާމީ އުންމަތުގެ ބޮޑެތި ދަންނަބޭކަލުން ބިދުޢަތަކާއި ދެކޮޅަށް މަސައްކަތް ކުރެއްވުމުން އެބޭކަލުންނަކީ ހައްދުފަހަނައަޅާފައިވާ ބައެއްކަމަށް ބިދުޢަވެރިން ކަނޑައެޅިއެވެ. އެހެންކަމުން ހައްދުފަހަނައަޅައިދިއުން ކަނޑައެޅުން މިއީ ބައެއްގެ ހަވާނަފްސަށް ދޫކޮށްލާވަރުގެ ކުޑަކަމެއް ނޫނެވެ. އެކަންކުރުމަށް ރުޖޫޢަވާންޖެހޭނީ އިސްލާމީ ޝަރީޢަތަށެވެ. ޝަރީޢަތުގެ އަލީގައި އެކަން ނިންމާނީ ދަންނަބޭކަލުންނެވެ.
المصادر:
نظرة في مفهوم الإرهاب والموقف منه في الإسلام – عبد الرحمن المطرودي.
الجذور التاريخية لحقيقة الغلو والتطرف والإرهاب والعنف- علي بن عبد العزيز بن علي الشبل.