[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މުސްލިމުންގެ ޙަޟާރަތާއި ޘަޤާފަތަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެކަމުގެ ޙައްލު 6

އިސްލާމީ ޙަޟާރަތާއި ޘަޤާފަތަށް ކުުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ޙައްލު

 

އިސްލާމީ ޙަޟާރަތަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އިސްލާމީ ޙަޟާރާތް އިތުރަށް ކުރިއަރާދާނީ އެގޮންޖެހުންތަކުން ސަލާމަތްވާނޭ މަގެއް ހޯދައިގެންނެވެ. ވީމާ އެގޮންޖެހުންތަކުން އަރައިގަނެވޭނެ ގޮތްތަކަކަށް އަލިއަޅުވާލާނަމެވެ. މިޙައްލުތައް ދެބަޔަކަށް ބެހިގެންވެއެވެ. އެއީ އިޖުމާލީ ޙައްލުތަކާއި ތަފްޞީލީ ޙައްލުތަކެވެ.

  1. އިޖުމާލީ ޙައްލުތައް

އިޖުމާލީ ޙަައްލުތަކަށް ބަލާލާއިރު، ކުރުގޮތަކަށް ދަންނަވާލަން އޮތީ އިސްލާމީ ޙަޟާރަތާއި ޘަޤާފަތަށް ކުރިމަތިވެފައިވާ ހުރިހާ ގޮންޖެހުންތަކެއް ނައްތާލުމަކީ އިސްލާމީ ޙަޟާރާތްތައް ކުރިއަރައިގެން ދާނެކަމެކެވެ. އެގޮތުން ބައިބައިވުންތައް ނައްތާލުމާއި އެހެން ޙަޟާރަތްތަކާއި ޘަޤާފަތްތަކުގެ ދަޅަައިގައި ނުޖެހުމާއި ޖާހިލުކަން ނައްތާލުމާއި ހުޅަނގުގެ އިސްތިޢުމާރާއި ނުފޫޒުގެ މައްޗަށް ގަދަވެގަތުމާ އަދި ފިކުރީ ހަނގުރާމައިގެ މައްޗަށް ގަދަވެގަތުމަކީ މިކަމުގެ އިޖުމާލީ ޙައްލެވެ.

 

  1. ތަފްޞީލީ ޙައްލުތައް

ތަފްޞީލީ ގޮތަށް މިމައްސަލައިގެ ޙައްލަށް ބަލާއިރު ވަރަށް ގިނަ ޙައްލުތަކެއް ހުށަހަޅާލެވިދާނެއެވެ.

އެގޮތުން ކުރެވިދާނެ ބައެއް ކަންކަމަކީ:

* އަޅުގަނޑުމެންގެ އިސްލާމީ ޢަޤީދާ ވަރުގަދަކޮށް ދީންމަތީ ޘާބިތުވުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން.

* ޢިލްމު އުނގެނުމަށް މަސައްކަތްކުރާ ފަދައިން ދަންނަބޭކަލުންނަށް އަހައްމިއްޔަތުކަން ދިނުން.

* ދީނާއި ސިޔާސަތު ވަކިނުކުރުން. އަދި އެކަމަށް ގޮވާލާ ގޮވާލުންތަކަށް ބީރު ކަންފަތެއް ދިނުމެވެ. އަދި އެކަމާ ދެކޮޅަށް މުސްލިމުން ހޭލުންތެރިކުރުވުމެވެ.

* އެއްބައިވަންތަކަން ދެމެހެއްޓުން. އެއީ ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿وَاعْتَصِمُوا بِحَبْلِ اللَّـهِ جَمِيعًا وَلَا تَفَرَّقُوا ۚ وَاذْكُرُوا نِعْمَتَ اللَّـهِ عَلَيْكُمْ إِذْ كُنتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِ إِخْوَانًا وَكُنتُمْ عَلَىٰ شَفَا حُفْرَةٍ مِّنَ النَّارِ فَأَنقَذَكُم مِّنْهَا ۗ كَذَٰلِكَ يُبَيِّنُ اللَّـهُ لَكُمْ آيَاتِهِ لَعَلَّكُمْ تَهْتَدُونَ﴾ [1] މާނައީ: ތިޔަބައިމީހުން އެންމެން اللَّه ގެ دين ގައި ހިފަހައްޓާށެވެ! އަދި، ވަކިވަކިވެ ނުގަންނާށެވެ! އަދި، اللَّه ތިޔަބައިމީހުންނަށް ދެއްވި نعمة ތިޔަބައިމީހުން ހަނދުމަކުރާށެވެ! އެހެނީ، ތިޔަބައިމީހުން عداوة ތެރިން ކަމުގައިވަނިކޮށް، އެކަލާނގެ ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވިއެވެ. ދެން، އެކަލާނގެ ދެއްވި نعمة ގެ ސަބަބުން ތިޔަބައިމީހުންނީ أخ ންތަކެއް ކަމުގައި ވެއްޖައީމުއެވެ. އަދި، ތިޔަބައިމީހުން ނަރަކައިގެ ވަޅުގަނޑެއްގެ ތުންފަތްމަތީގައި ވީމުއެވެ. ދެން، އެކަލާނގެ ތިޔަބައިމީހުން އެއިން سلامة ކުރެއްވިއެވެ. اللَّه، އެކަލާނގެ آية ތައް ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވަނީ، އެފަދައިންނެވެ. (އެއީ) ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައެވެ.”

* އިސްލާމީ އަޚުލާޤުގެ މަތީގައި ޘާބިތުވުން.

* އިސްލާމީ ޢިލްމު އުނގަންނައިދޭ ޔުނިވަރސިޓީތަކާއި މަދަރުސާތައް އިތުރުކޮށް ހަރުދަނާކުރުން.

* އިސްލާމީ ވެބްސައިޓްތައް އުފެއްދުން.

* އެކިއެކި ޢިލްމުތަކުގެ މަޢުލޫމާތުތައް ލިބޭނެ ފަދަ ލައިބުރަރީތައް ޤާއިމު ކުރުން.

* އެކި ބަސްތަކުގެ ފޮތްތައް ތަރުޖަމާކޮށް ލިޔެ ޗާޕުކުރުން.

* ގެތައް އިޞްލާޙުކޮށް ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތުކުރުން.

* ހުޅަނގުގެ މުސްތަޝްރިޤުން އިސްލާމްދީނާ މެދު އުފައްދާ ޝުބުހަތަކަށް މުސްލިމުން ހޭލުންތެރިކުރުން.

* ނަސްލީތަފާތު ކުރުން ނައްތާލުން. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا ۚ إِنَّ أَكْرَمَكُمْ عِندَ اللَّـهِ أَتْقَاكُمْ ۚ إِنَّ اللَّـهَ عَلِيمٌ خَبِيرٌ﴾ [2] މާނައީ: “އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: آدم ގެފާނާއި، حوّاء ގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު قوم ތަކަށާއި، قبيلة ތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް تعارف ވުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّه ގެ حضرة ގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ تقوى ވެރި މީހާއެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، خبير ވަންތަ ރަސްކަލާނގެއެވެ.”

* އާއީޖާދުތައްކޮށް، އުފެއްދުންތެރިކަން އިތުރުކުރުން.

* ޑިިމޮކްރަސީ ގެ ނަމުގައި ހިންގާ ޖަރީމާތަކަށް ރައްކާތެރިކުރުން.

* އިޤްތިޞާދީ ދާއިރާ ހަރުދަނާކުރުން.

* ތަޢުލީމީ ނިޒާމުގެ ތެރެއަށް ޣައިރު ދީނުގެ ކަންތައްތަކާއި، އެމީހުންގެ ވައްޓަފާޅި ފެތުރުމަށް ފުރުސަތު ނުދިނުން.

* އަންނަން އޮތް ޖީލުތަކަށް އިސްލާމީ ޙަޟާރަތާއި ކުރިއަރާފައިވާ މިންވަރު ބަޔާންކޮށްދިނުން.

* ފިކުރީ ގޮތުން މުސްލިމުންގެ ޢަޤީދާ ބަލިކަށި ކުރުމަށް ކުރާ މަސައްކަތްތަކަށް ހޭލުންތެރިވުން.

* ކޮރަޕްޝަނާއި ފަސާދައަށް ފުރުސަތު ނުދިނުން.

* ރަސޫލުންގެ ފަރާތުން ނަމޫނާ ލިބިގަތުން.

* ހުޅަނގުގެ ވަޟުޢީ ޤާނޫނުތަކަށް ފުރުސަތު ނުދިނުން.

*އިސްލާމީ ޙަޟާރަތް ބަޔާންކޮއްދިނުމަށްޓަކައި ދުނިޔޭގެ ފެންވަރުގައި ވޯރކްޝޮޕްތައް ކުރިޔައް ގެންދިޔުން.

* އިސްލާމީ ޝަޚުޝިއްޔަތުތައް ނައްތާލުމަށް ކުރެވެމުންދާ މަސައްކަތްތަކަށް މުސްލިމުން ހޭލުންތެރިވެ ތިބުން.

ބަޔާންވެގެން މިދިޔަ ކަންތައްތަކަށް ސަމާލުވެ ތިބެ އަދިވެސް ދިމާވެދާނެ ގޮންޖެހުންތަކަށް ރައްކާތެރިވެ ތިބެ ކުރިއަށް ގޮސްފިކަމުގައި ވަނީނަމަ އިސްލާމީ ޙަޟާރާތް ވަރުގަދަކަމާއެކު އަންނަންއޮތް ޖީލަށް ފޯރުކޮށްދެވޭނޭ ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

 

ނިންމުން

 

މިއެސައިމަންޓް ނިންމާލުމުގެ ގޮތުން އަޅުގަނޑު ދަންނަވާލަން އޮތީ އިސްލާމީ ޙަޟާރާތާއި ޘަޤާފަތްތަކަކީ އެހާރާއި މިހާރުވެސް ކުރިއަރާފައިވާ މުހިންމު އެއްޗެއްކަމަށެވެ. އަދި އަދުގެ ދުނިޔޭގެ އެކިތަންތަނުގައި ވަރުގަދަވަމުންދާ އެއްޗެއް ކަމަށެވެ. އަދި މިހާރު ދިމާވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމުން އިތުރަށް ތަރައްޤީވާނެ ކަމެވެ. މި މަތިވެރި ދީނުގެ ޙިމާޔަތުގައި ތިބޭނެ ޒުވާނުންދަނީ އިތުރުވެ ގިނަވަމުންނެވެ. އަދި އިސްލާމްދީނުގެ ހެޔޮގޮތްތައް ފެނި ޣައިރު މުސްލިމުންވަނީ އިސްލާމްވާން ފަށާފައެވެ. މިއީ ހަމަ އިސްލާމީ ޙަޟާރަތައް ލިބެމުންދާ ކުރިއެރުންތަކެވެ. މުސްލިމުން އެކަތިގަނޑަކަށްވެ ބައިބައި ނުވެ، ޑިމޮކްރަސީއަށް ނުހެއްލި ސަލާމަތުގެ އައްސޭރީގައި ތިބެވޭތޯ މަސައްކަތް ކުރަންޖެހެއެވެ. ދުޢާއަކީ ﷲ ތަޢާލާ، އިސްލާމީ ޙަޟާރާތް ރައްކާތެރި ކޮށްދެއްވައި އަޅުގަނޑުމެން ދީން މަތީ ޘާބިތު ކޮށްދެއްވުމެވެ!

 

ރިފެރަންސް ލިސްޓު

 

1. އިބްނު ޚުލްދޫން، ޢަބްދުއްރަޙްމާނު ބުން މުޙައްމަދު ބުން މުޙައްމަދު. (1988). ދީވާނުލް މުބްތަދާ ވަލް ޚަބަރު. ބައިރޫތު: ދާރުލްފިކުރު.

2. ޑރ. އަޙްމަދު މުޚްތާރު ޢަބްދުލް ޙަމީދު ޢުމަރް (2008). މުޢުޖަމުލް ލުޣަތުލް ޢަރަބިއްޔަތުލް މަޢާޞިރަތު. ޢާލަމުލް ކުތުބި

3. ޑރ. ޙުސައިނު މޫނިސް (1978). އަލްޙަޟާރަތު. ޢާލިމުލް މަޢުރިފާ

4. އިބްރާހީމް މުޞްޠަފާ/ އަޙްމަދު އައްޒިޔާތު/ ޙާމިދު ޢަބްދުލް ޤާދިރް/ މުޙައްމަދު އައްނަޖާރް. މުޢުޖަމުލް ވަސީޠް. ދާރުލް ދަޢުވަތު

5. ޑރ. ޖަމީލު ޞަލީބާ (1994). އަލްމުޢުޖަމުލް ފަލްސަފީ. ބައިރޫތު: އައްޝިރުކަތިލްޢާލަމިއްޔަތި ލިލްކިތާބި.

6. އަބުލް ޙަސަނު ޢަލީ ބިން ޢުމަރު ބިން އަޙްމަދު ބިން މަހްދީ ބިން މަސްޢޫދު ބިން ނުޢްމާން ބިން ދީނާރުލް ބަޣްދާދީ އައްދާރުގުޠުނީ(2004) . . ބައިރޫތު: މުއައްސަސަތުއް ރިސާލާ.

7. ޢަބްދު ﷲ ފާރޫޤު ޙަސަން. (1997) .އިސްލާމްދީން ރައްވެހި ދުނިޔޭގެ މޭސްތިރި

9. މުޙައްމަދު ބިން އިސްމާޢީލް އަބޫ ޢަބްދު ﷲ އަލްބުޚާރީ އަލްޖުޢްފީ. ޞަޙީޙުލް ބުޚާރީ. ދާރު ޠޫޤުއްނަޖާތި.

10. އަބޫ ޒަކަރިއްޔާ އަންނަވަވީ. ޝަރްޙު ޞަޙީޙު މުސްލިމް. ބައިރޫތު: ދާރު އިޙްޔާއު އައްތުރާޘުލް ޢަރަބީ.

11. ޢަބްދުލްޢަޒީޒު އައްތުވައިޖިރީ (2004). އަލްޢާލަމުލް އިސްލާމީ ފީ ޢަޞްރުލް ޢައުލަމާ. ޢުއްމާނު: ދާރުއްޝުރޫޤު.

 

= ނިމުނީ =


މިލިޔުމުގެ އެހެންބައިތައް

 

[1] سورة آل عمران: 103

[2] سورة الحجرات: 13