[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އީމާންކަމުގެ ރުކުންތަކުގެ ތެރެއިން: މަލާއިކަތުންނަށް އީމާންވުން – 12

މަލާއިކަތުންގެ ނަންފުޅުތައް

ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ صلى الله عليه  وسلمގެ ސުންނަތަށް، ޢިލްމީ ނަޒަރަކުން ބަލާލައިފިނަމަ ފެނިގެންދާނީ މަލާއިކަތް ބޭކަލުންގެ ނަންފުޅުތައް ދެ ބަޔަކަށް ބެހިގެންދާކަމެވެ. ފުރަތަމަ ބަޔަކީ މަލާއިކަތުންނަށް ނިސްބަތްކޮށް ދެވިފައިވާ ޢާންމު ނަންފުޅުތަކެވެ. ދެވަނަބަޔަކީ ވަކި ވަކި މަލާއިކަތް ބެކަލުންނަށް ދެވިފައިވާ ޚާއްޞަ ނަންފުޅުތަކެވެ.

 

މަލާއިކަތުންނަށް ދެއްވާފައިވާ ޢާންމު ނަންފުޅުތައް:

މަލާއިކަތުންނަށް ދެއްވާފައިވާ ޢާންމު ނަންފުޅުތަކުގެ ތެރޭގައި، އެ ހުރިހާ ބޭކަލުން ޝާމިލުވާ ނަންފުޅުތަކާއި އަދި އޭގެ ތެރެއިން ވަކި ޖަމާޢަތްތަކަށް ނިސްބަތްކުރެވޭ ނަންފުޅުތައް ވެއެވެ.

 

1.      رسل (ރަސޫލުން)

ރަސޫލުންނަކީ، އެކި ކަންކަމުގައި އެއްތަނުން އަނެއްތަނަށް ފޮނުވާ ފަރާތްތަކަށް ޢަރަބި ބަހުގައި ބޭނުންކުރެވޭ ނަމެކެވެ. ދީނަށް ގޮވާލެއްވުމަށްޓަކައި ވަޑައިގެންނެވި ރަސޫލުބޭކަލުންނަށް ރަސޫލުންނޭ ކިޔުނީ ﷲ ތަޢާލާ، އެ އިލާހުގެ ދީން މީސްތަކުންނަށް ބަޔާންކޮށްދެއްވުމަށްޓަކާ އެ ބޭކަލުން މީސްތަކުންގެ ގާތަށް ފޮނުއްވި ކަމަށްޓަކައެވެ.

ހަމަ އެފަދައިން މަލާއިކަތުންނަށްވެސް ރަސޫލުންނޭ ކިޔުނީ މި ދެންނެވި ގޮތަށް، ޢަރަބި ބަހުގައި އެފަދަ ބޭކަލުންނަށް ރަސޫލުންނޭ ކިޔާތީއެވެ. ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގެ އެއްތަނަށްވުރެ ގިނަ ތަނުގައި މި ނަމުން އެބޭކަލުންނަށް ނިސްބަތްކުރައްވާފައެވެ. އެގޮތުން އެ އިލާހު ވަޙީކުރެއްވިއެވެ؛ ﴿الْحَمْدُ لِلَّهِ فَاطِرِ السَّمَاوَاتِ وَالْأَرْضِ جَاعِلِ الْمَلَائِكَةِ رُسُلًا﴾ فاطر: ١ މާނައަކީ [ޙަމްދުހުރީ ﷲއަށެވެ. އެއިލާހުއީ، އިސްވެދިޔަ މިސާލަކާ ނުލާ އުޑުތަކާއި ބިން އުފެއްދެވި އިލާހެވެ. (އަދި) އެއީ މަލާއިކަތުން، އެކިއެކި ކަންކަމާއިގެން ފޮނުއްވާ ރަސޫލުންތަކެއް ކަމުގައި ލެއްވި އިލާހެވެ.]

 

2.      سفرة (ދަތުރުކުރައްވާ ބޭކަލުން)

މި ނަންފުޅު ކީރިތި ޤުރްއާނުގެ ޢަބަސަ ސޫރަތުގައި ބަޔާންވެގެން ވެއެވެ. ﴿بِأَيْدِي سَفَرَةٍ﴾‏ عبس: ١٥ މާނައަކީ [ދަތުރުކުރައްވާ މަލާއިކަތުންގެ އަތްޕުޅުތަކުގައެވެ.]

އިބުނު ޖަރީރު رحمه الله ވިދާޅުވިއެވެ. [السفرة އަކީ މަލާއިކަތުންނެވެ. އޭގެ މާނައަކީ އެއީ ﷲ ތަޢާލާއާއި އެއިލާހުގެ ޚަލްޤުތަކުންނާއި ދެމެދުގައިވާ ބޭކަލުންނެވެ. އިންސާނުން އެއްބަޔަކު އަނެއް ބައެއްގެ ގާތަށް ޞުލްޙައަށްޓަކައި ފޮނުވާ ފަރާތްތަކަށް ސަފީރުންނޭ ކިޔެނީ މި އުޞޫލުންނެވެ.]

 

3.      جنود (ލަޝްކަރު)

ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި މަލާއިކަތް ބޭކަލުންނަކީ ﷲ ތަޢާލާގެ ލަޝްކަރުގެ ގޮތުގައި ޞިފަކުރައްވާފައި ވެއެވެ.‎﴿وَأَنزَلَ جُنُودًا لَّمْ تَرَوْهَا وَعَذَّبَ الَّذِينَ كَفَرُوا ۚ وَذَٰلِكَ جَزَاءُ الْكَافِرِينَ﴾ التوبة: ٢٦ މާނައަކީ [އަދި ތިޔަބައިމީހުންނަށް ނުފެންނަ ލަޝްކަރެއް ބާވައިލެއްވިއެވެ. އަދި ކާފަރުވި މީހުންނަށް އެއިލާހު ޢަޛާބު ދެއްވިއެވެ. އެއީ ކާފަރުންގެ ޖަޒާއެވެ.]

﴿يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا نِعْمَةَ اللَّهِ عَلَيْكُمْ إِذْ جَاءَتْكُمْ جُنُودٌ فَأَرْسَلْنَا عَلَيْهِمْ رِيحًا وَجُنُودًا لَّمْ تَرَوْهَا ۚ وَكَانَ اللَّهُ بِمَا تَعْمَلُونَ بَصِيرً﴾‏ الأحزاب: ٩ މާނައަކީ [އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ލަޝްކަރުތަކެއް ތިޔަބައިމީހުންނާ ހަމައަށް އައިހިނދު، ﷲ ތިޔަބައިމީހުންނަށް ދެއްވި ނިޢުމަތް ތިޔަބައިމީހުން ހަނދުމަކުރާށެވެ! ފަހެ، އެހިދު އެއުރެންގެ މައްޗަށް ގަދަ ވަޔަކާއި، ތިޔަބައިމީހުންނަށް ނުފެންނަ ލަޝްކަރުތަކެއް ތިމަން އިލާހު ފޮނުއްވީމެވެ. ތިޔަބައިމީހުން ކަންތައް ކުރާގޮތް މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.]

﴿وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ﴾‏ المدثر: ٣١ މާނައަކީ [އަދި ކަލޭގެފާނުގެ ވެރިއިލާހުގެ ލަޝްކަރުގެ (މަލާއިކަތުންގެ) ޢަދަދު، އެއިލާހު މެނުވީ ދެނެވޮޑިގެން ނުވެއެވެ.]