[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެމެންގެ ދަރިން ނުކިޔަމަންތެރި ނުވުމަށްޓަކައި … (22)

3- ޓެކްނޮލޮޖީގެ އެކިއެކި އާލާތްތައް، އެއްވެސް ބެލެހެއްޓުމެއްނެތި ދަރިންގެ ބާރުގެ ދަށުގައިވުން. ޒަމާނީ ކުރިއެރުންތަކާ ފައިހަމަކުރުމަށްޓަކައި އަހަރެމެން ޓެކްނޮލޮޖީގެ އެކިއެކި އާލާތްތައް ބޭނުން ކުރަން ފަށައިފީމެވެ. ޓެކްނޮލޮޖީގެ އެކިއެކި ވަސީލަތްތައް އަހަރެމެން އެކުދިންގެ އަތް މައްޗަށް ދޫކޮށްލީ އެކުދިންނަށް އޭގެ ކަންތައްތައް އަހަރެމެންނަށްވުރެ ބޮޑަށް އެނގޭ ގޮތުގައެވެ. މިއީ ވަރަށް ބޮޑު ފަސާދައެކެވެ. އެހެންނަމަވެސް އަހަރެމެން މިވަނީ ކޮންމެ ކުއްޖެއްގެ އަތަށް ފޯނެއް ދީފައެވެ. ކީއްވެ ހެއްޔެވެ؟ ކުޑަކުއްޖަކަށް ފޯނުން ކުރާނެ ފައިދާއަކީ ކޮބައި ހެއްޔެވެ؟ އެއިން އެދަރިފުޅުގެ ސިއްހަތަށްވާނީ ނުރައްކަލެވެ. އަދި ބޭކާރުގޮތުގައި މީހުންނަށް ގުޅަން އޭގެ ބޭނުންކުރާނެއެވެ. އަދި ގޯސް މީހުންނާއި ގުޅުމަށް މެދުވެރިވެ، އޭގެ ސަބަބުން ފަހުން ހިތާމަކުރާނެފަދަ ނަތީޖާ ނުކުމެދާނެއެވެ. ބައެއް މީހުން ބުނެފާނެއެވެ: “ދަރިފުޅު ބޭރަށް ދިއުމުން އޭނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެހިތްހަމަޖެހުމަށްޓަކައި ދަރިފުޅަށް ފޯނެއް ވަރަށް މުހިއްމެވެ.” އެކަމަކު ކުޑަކުދިން އެކަނި ބޭރަށް ދަނީ ކީއްވެ ހެއްޔެވެ؟ އެގޮތަށް އެކަނި ބޭރަށް ދިއުމަކީ ނުރައްކާތެރި ކަމެކެވެ. މަދަރުސާތަކުގައި ފޯނު ގެންގުޅުމަކީވެސް މަނާކަމެކެވެ. މަދަރުސާތަކަކީ އެތަންތަނަށް ދާންޖެހޭ ވަގުތާއި ނިމޭ ވަގުތު ކަނޑައެޅި، ބެލެނިވެރިންނަށްވެސް އެކަން އެންގިފައިވާ ތަންތަނެވެ. އިމާޖެންސީ ޙާލަތްތަކުގައި ގުޅޭނެ ނަމްބަރުތައް ސްކޫލުގެ އިސްވެރިންގެ އަތުގައިވާނެއެވެ. އަހަރެމެން ބޮޑެތި މީހުންނީވެސް އެއްއިރެއްގައި ކިޔަވާ ކުދިންނެވެ. އަހަރެމެންވަނީ ފޯނާ ނުލައި ފަސޭހަކަމާއެކު އުޅެފައެވެ. އެހެންކަމުން ކުޑަކުދިންނަށް ފޯނު ދެނީ ކީއްކުރަން ހެއްޔެވެ؟ އެކުދިން ރަނގަޅު މަގުން ކައްސުވާލަން ހެއްޔެވެ؟ އަހަރެމެންނަށް ނޭނގި، އެކުދިން ބޭނުން ބަޔަކާ ބޭނުން ވަގުތަކު ވާހަކަދައްކަން ފުރުސަތު ދޭން ހެއްޔެވެ؟ އެކުދިންނަށް ކަންކަން ސިއްރުކޮށް، އެކަހެރިކޮށް އުޅުމަށް އާދަކުރުވައި މައިންބަފައިންގެ ބާރުގެ ދަށުން ދޫވެގެން ދިއުމަށް އާދަކުރުވަން ހެއްޔެވެ؟

ގެއަށް އިންޓަނެޓުގެ ޚިދުމަތްލުމަށްފަހު ދަރިންގެ އަތަށް އެންމެ ފަހުގެ ޑިވައިސްތައް އަހަރެމެން ދޫކޮށްލަނީއެވެ. އަދި އެކުދިން ނިދާކޮޓަރީގައި ޓީވީ ބަހައްޓައިދެނީއެވެ. އަދި އެފަދަ ތަކެތި އެކުދިން ބޭނުންކުރަނީ ކޮން އެއްޗެއް ބަލަންތޯ އަދި އޭގެ ސަބަބުން އެކުދިންނަށް ކުރަނީ ކޮން އަސަރުތަކެއްކަމެއް އަހަރެމެންނަކަށް ނޭނގެއެވެ. މީގެ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟

އަހަރެމެންގެ ދަރިންގެ އަތްފޯރާފަށަށް ނުބައިކަންކަން ގެނެސްދެނީއެވެ. އަދި އެކުދިން މައިންބަފައިންނާ ދެކޮޅުވެރިވެ، ފަސާދައަށް ހިތްވަރުދޭފަދަ ތަކެތި އަހަރެމެން އެދަރިންނަށް ގަނެދެނީއެވެ. އެއަށްފަހު، އަޑުގެ ކޮޅަށް އަހަރެމެން އެބަ ގޮވަމެވެ. އޭ މީސްތަކުންނޭވެ! މިޖީލު މިވަނީ އަހަރެމެންގެ ކިޔަމަންތެރިކަމުން ބޭރުވެ ފަސާދަވެފައެވެ!

4- ދަރިންގެ އަތަށް ފައިސާ ދީފައި ބެހެއްޓުމަކީ މައިންބަފައިން ހަދާ ވަރަށް ބޮޑު ގޯހެކެވެ. އަހަރެމެންގެ ދަރިންނަށް އެކުދިންނަކީ ބޭނުން ކަމެއް ކުރުމުން މަހުރޫމްވެފައިވާ ބައެއްކަމުގެ އިހުސާސްވެދާނެ ކަމުގެ ބިރަށްޓަކައި، އެކުދިންނަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ރުފިޔާދެނީއެވެ. އަދި އަހަރެމެންގެ ފައިސާ އެކުދިން ބޭނުން ގޮތަކަށް ހޭދަކުރަން ދޫކޮށްލަނީއެވެ. ފައިސާ ދީފައި އެކުދިން ބޭރަށް ދިއުމުގެ މިނިވަންކަން ދެނީއެވެ. އެއީ ނުވިސްނޭ ކުޑަކުދިން ކަމުގައިވާ އިރުއެވެ. އަދި އެކުދިންގެ ވަށައިގެން ނުބައި ކަންކަމާއި، ހިތްއެދޭ ކަންކަން ފެތުރިފައިވާ ހިނދުގައެވެ. ތިޔަ މައިންބަފައިން ދެކޭގޮތުގައި އެކުދިން އެފައިސާއިން ކުރާނީ ކޮންކަމެއް ހެއްޔެވެ؟

ހަމަ ޔަޤީނުންވެސް އެކުދިން އެފައިސާ އިސްރާފުކޮށް، އަދި މައިންބަފައިންގެ ކިޔަމަންތެރިކަމުގެ ދަށުން އެކުދިން ބޭރުވެގެންދާނެއެވެ.

ފައިސާއަކީ ފަސާދަކުރަނިވި ބެކްޓީރިއެއްފަދަ އެއްޗެކެވެ. މީހުން ފައިސާ ބޭނުންކުރަނީ ތިމާގެ މުއްސަނދިކަން އަނެކާއަށް ދެއްކުމަށާއި، ބޮޑާވުމަށާއި، ކިބުރުވެރިވުމަށާއި، ނުކިޔަމަންތެރިކަން ދެއްކުމަށެވެ. މި ހުރިހާ ކަމަކީ މައިންބަފައިންގެ ބާރުގެ ދަށުން ދަރިން ބޭރުވެ ދިއުމަށް މެދުވެރިވާ ކަންކަމެވެ.

ފައިސާއަކީ އަގުހުރި އަދި ބާރުގަދަ އެއްޗެކެވެ. އެހުންނަން ޖެހޭނީ ތިބާގެ އަތުގައެވެ. ދަރިންގެ އަތަށް އެފައިސާ އެއްވެސް ހައްދެއްނެތި ދޫކޮށް ނުލާށެވެ. އެނޫނީ އޭގެ ސަބަބުން އެކުދިންގެ ބާރުގަދަކޮށް، މައިންބަފައިންގެ ކިޔަމަންތެރިކަމުގެ ދަށުން ބޭރުވެ ހިނގައިދާނެއެވެ.

5- ތަޢުލީމީ ގޮތުން ކުއްޖާ ހޯދާ ކުރިއެރުންތަކަށް މާބޮޑަށް އިސްކަން ދިނުމާއި، ދިރިއުޅުން ބިނާވެފައިވަނީ ލިބޭ ސެޓްފިކެޓުތަކާއި ތިމާ ހުންނަ މަޤާމަކަށް ހަނިކުރުމުގެ ސަބަބުން ދަރިންވަނީ ފަސާދަވެފައެވެ. ސަބަބަކީ ސެޓްފިކެޓްތަކުން މުޖުތަމައުގައި ތިމާގެ ދަރަޖަ އުފުލި، މުދާލިބުމުގެ ސަބަބަކަށްވެއެވެ. މީގެ ސަބަބުން ސެޓްފިކެޓްތަކުގެ އަގު ވަނީ ދީންވެރިކަމާއި، އަޚުލާޤަށްވުރެވެސް މަތިވެފައެވެ. އަދި ދިރިއުޅުމުގެ އެކިއެކި ހުނަރުތައް ދަސްކުރުމަށްވުރެވެސް މަތީ ޤަދަރެއް ލިބިއްޖެއެވެ. ކާމިޔާބު މުރައްބީއެއްގެ ކިބައިގައި ހުންނަންޖެހޭ އެންމެ މުހިއްމު ދެސިފައަކީ ބެލެންސްކުރުމާއި، އިސްކަންދޭންޖެހޭ ކަންކަން ދެނެގަތުން ކަމުގައިވާއިރު، ގިނަ މައިންބަފައިންވަނީ ތަޢުލީމު އުނގެނުމަށް އެމީހުންގެ ހުރިހާ ސަމާލުކަމެއް ދީ، އެހެން އެއްވެސް ކަމަކަށް ފުރުސަތު ނުދީ ދޫކޮށްލާފައެވެ. އަދި އެމީހުންވަނީ، ޙަޔާތުގެ އެންމެ މުހިއްމު އަދި އެންމެ މަތިވެރި މަޤްސަދަކީ ތަޢުލީމު އުނގެނުންކަމުގައި ހަދާފައެވެ. އަދިއެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް، ސެޓުފިކެޓުތައް ޙާސިލުކުރުމަށް ވާދަޖަހައި، ޤުރުބާންވާނެ ކަމަށް ދެކެއެވެ.

މައިންބަފައިންވަނީ އެމީހުންގެ ދަރިންނަށް ލޯތްބާއި އަޅާލުން އުނގަންނައިދީ އަދި ރިވެތި އާދަތަކާއި ހުނަރުތައް ދަސްކޮށްދޭންޖެހޭ އުމުރުގައި، ސެޓްފިކެޓުތަކަކީ މަތިވެރި އެއްޗެއްކަމާއި، އަދި އެޙާސިލު ކުރުމަކީ އެންމެ މުހިއްމުކަން ކަމުގައި ދަސްކޮށްދީފައެވެ. މީގެ ނަތީޖާއެއްގެ ގޮތުގައިވެގެން ދިއައީ:-

ހ- ކުދިންގެ ކިބައިން މީހުންނާ މުޢާމަލާތްކުރުމުގެ ރިވެތި އަދަބުތަކާއި އުޞޫލުތައް ނެތިގެން ދިއުމެވެ. އަދި ދިރިއުޅުމުގެ ތަޖުރިބާ އެކުދިންގެ ކިބައިގައި ނެތިގެން ދިއުމެވެ. އަދި ކުދިންގެ ކިބައިން ޙިކުމަތްތެރިކަމާއި، އިމޯޝަނަލް އިންޓެލިޖެންސް ނެތިގެން ހިނގައްޖެއެވެ. އެކުދިންނަށް މުސްތަޤުބަލުގައި އަމިއްލަ ފައި މައްޗަށް ތެދުވުމަށްފަހު ކުރަން އެނގެން ޖެހޭނެ ކަންކަން ކަމުގައިވާ ކެއްކުމާއި، ގެއަށް ބޭނުންވާ ސާމާނުގަތުންފަދަ ހުނަރުތައްވެސް އެކުދިންނަކަށް ނޭނގެއެވެ. އަދި އެކުދިންގެ ދީނާއި އަޚުލާޤު ރަނގަޅު މަގަށް އިޞްލާޙުކޮށްދޭނެ އެނގުން ލާޒިމް ޙުކުމްތަކެއްވެސް އެކުދިންނަކަށް ނޭނގެއެވެ. ޖާހިލުކަމަކީ ނުކިޔަމަންތެރިވެގަތުމަށް މަގުފަހިކޮށްދޭ ކަމެކެވެ.

ށ- ގިނަ ކުދިން އެކުދިންގެ މަންމައިންނަށް ނުކިޔަމަންތެރިވެއެވެ. އަދި މަންމަ ގޭތެރޭގެ މަސައްކަތްކުރާއިރު އެހީތެރި ނުވެއެވެ. އަދި އެކުދިންނާ އެއްގެއެއްގައި މަންމަ އުޅޭއިރު އެމަންމަގެ ޙާލު ބަލައެއް ނުލައެވެ. އަހަރުގެ ޗުއްޓީ ލިބުމުން އާއިލާގެ މެންބަރުންނަށް ޒިޔާރަތް ނުކުރެއެވެ. އަދި ރަޙިމުގެ ގުޅުން ގާއިމްކުރަންޖެހޭ ގޮތަށް އެކަން ނުކުރެއެވެ. މީގެ މާނައަކީ އެކުދިން އާދަކާދަތައް ދޫކޮށް، އިޖުތިމާއީ ކަންކަމުގައި އުޅުން އެކުދިންގެ ކިބައިން އެއްކޮށް ގެއްލިފައިވާތީއެވެ.

ނ- މަތީ ފާސް ހޯދުމަށްޓަކައި، ބައެއް މައިންބަފައިން އެމީހުންގެ ދަރިން ބޭރުގެ ސްކޫލުތަކަށް ވައްދައި، ޢަރަބިބަސް ދަސްކޮށްދިނުމުގެ ކުރިން އެހެނިހެން ބަސްތައް ދަސްކޮށްދެއެވެ. އަދި އޭގެ ސަބަބުން ނޭނގި ނަމަވެސް އެދަރިންނަށް އެކިއެކި މީސްމީހުންގެ ވާހަކަތައް ދަސްކޮށްދީ، އަހަރެމެންގެ ދީނާއި، އާދަތަކާއި، އުސޫލުތައް އެއީ ކަޓު އެއްޗެއްކަމަށް ދެކެން ފަށައެވެ. އެއަށްފަހު، އެކުދިންގެ އަހުލުންނަށްވެސް ނުރުހުންތެރިވެ އެމީހުންނަކީ ދަށް ބައެއްކަމަށް ދެކެން ފަށައެވެ.

ރ- ތަޢުލީމަށް ދޭންވާ ވަރަށް ވުރެ އިސްކަން ދޭން ފެށުމުން، ތަޢުލީމު ލިބިގަތުމަށްޓަކައި އެހެނިހެން ގައުމުތަކަށް ދަތުރުކުރުމަކީ މަޖުބޫރުކަމެއް ކަމުގައި ދެކެއެވެ. އަދި ދުނިޔޭގެ ފެންވަރުގައި މަޝްހޫރު ޔުނިވާސިޓީތައް އިޚްތިޔާރުކުރެއެވެ. މިފަދައިން ކަންކުރާއިރު އެތަންތާނގެ އަޚްލާޤީ މިންގަނޑު ހުރި ގޮތް ބަލާނުލައެވެ. އަދި ޖޯޝާއި ފޯރީގައި ހުރި ދަރިފުޅު އެކަނި އެފަދަ ތަންތަނަށް ފޮނުވާލައެވެ. އޭގެ ސަބަބުން އޭނާއަށް އެކަނި އުޅުމަށް އާދަވެ، މައިންބަފައިންގެ ބާރުގެ ދަށުން ބޭރުވެގެންދެއެވެ. އަދި ޔުނިވާސިޓީއިން ގްރެޖުއޭޓްވާއިރު ހުންނަނީ ބޮޑާކަން އިތުރުވެފައެވެ. އަހަރެމެންވަނީ، މިފަދައިން ފޮނުވުމުން މުރުތައްދުވެފައިވާ އެތައް ކުދިންނަކާއި، ރަނގަޅު ނޫން މީހުންނާ ކައިވެނިކޮށްގެން މައިންބަފައިން ގާތަށް އައުމަށް ދެކޮޅު ހަދާފައިވާ އެތައް ކުދިންގެ ވާހަކަތައް އަޑުއަހާފައެވެ.

ތަޢުލީމަށް ދޭންވާ ވަރަށް ވުރެ ބޮޑަށް އިސްކަންދިނުމުގެ ސަބަބުން، ވަރަށް ގިނަ އަންހެން ދަރިންވަނީ މައިންބަފައިންގެ ބާރުގެ ދަށުން ދޫވެގެންގޮސްފައެވެ. އެކުދިން ބޭނުން ޔުނިވާސިޓީއަކަށާއި ތަންތަނަށް، އެތަންތަނުގެ ގޮތް ރަނގަޅަށް ބަލާ ނުލައި ދާން އެކުދިން އަމިއްލައަށް އިޚްތިޔާރުކުރެއެވެ. އަދި އެކުދިން ގޭގައި، ހަމައެކަނި ކިޔެވުމަށް ހުސްވެގެން، ހިތްއެދޭ ހުރިހާ ގޮތަކަށް އުޅެއެވެ. އަދި ގޭގެ އަހުލުންގެ މަސައްކަތުގައި އެހީވެ ނޫޅެއެވެ. އަދި ކައިވެނި ކުރުމަށް ދެކޮޅު ހަދައި، ޤާބިލު ޒުވާނަކު ކައިވެންޏަށް އެދެފިނަމަވެސް އެގުޅުން ޤަބޫލުނުކުރެއެވެ. އަދި ގިނަ މައިންބަފައިން ތިބެނީ އެކުއްޖާއަށް އެލިބޭ ސެޓުފިކެޓުގެ ސަބަބުން މިހުރިހާ ކަމަކާ ރުހިގެންނެވެ.

ދިރިއުޅުމުގެ އެކި ޤާނޫނުތަކަށް ތިބާގެ ދަރިން ކިޔަމަންވާތަން ތިބާ ދެކެމު ނޫން ހެއްޔެވެ؟ މިސާލަކަށް، “ނުކިޔަވައިފިނަމަ ދިރިއުޅުމުގައި ކާމިޔާބު ނުވާނެއެވެ.” އެހެންކަމުން، އެކުދިން ފޮތްތައް ކިޔުމުގައި ވަގުތު ހޭދަކޮށް، ދިރިއުޅުމުގެ އެކި އުފާތައް ޤުރުބާންކޮށް، އަދި އާއިލީ އެއްވުންތަކާއި، ޕިކްނިކުތަކަށް ނުގޮސް ކިޔެވުމަށް ވަގުތު ހުސްކުރެއެވެ. މިހެން ކަން އޮތް އިރު، އެހެނިހެން ޤާނޫނުތަކާއި ޤަވާއިދުތަކަށް ކިޔަމަންތެރި ނުވެވޭންވީ ކީއްވެ ހެއްޔެވެ؟ ސެޓުފިކެޓު ހޯދުމަށް އިސްކަންދޭ ވަރަށް ވުރެ ބޮޑަށް، ދީނީ ކަންކަމަށާއި، ރިވެތި އާދަތަކަށާއި، މައިންބަފައިންނަށް ކިޔަމަންތެރިވުމަށް އަހައްމިއްޔަތުކަން ނުދެވޭންވީ ކީއްވެ ހެއްޔެވެ؟

ކިޔެވުމަށް އިސްކަންދީ، އެހެނިހެން ކަންކަމަށް ކުދިންގެ ހިތުގައި އިސްކަމެއް ނެތުމުގެ އެންމެ އިސް ދައުރެއް އަދާކުރަނީ މަންމައެވެ! ކުދިންނަށް އަސަރުކުރުވުމުގައި މަންމައަށް ލިބިފައިވާ ބާރާއި މެދު ވިސްނަން ހެއްޔެވެ؟ ތިޔަ މަންމަ އެކުދިން ރިވެތި އަޚްލާޤުގެ މަތީގައި ބޮޑުކުރިނަމަ، އަދި އެކުދިންގެ ކިބައިގައި ރިވެތި އާދަތައް އަށަގެންނެވިނަމަ، އެކުދިން މަންމައާ ދެބަސް ނުވާނެއެވެ. އަދި މަންމަގެ ކިޔަމަންތެރިކަމުގެ ދަށުން ބޭރުވެގެން ނުދާނެއެވެ. އަހަރެމެންގެ ދަރިން ރަނގަޅު މަގަށް އަނބުރާ އަންނާނީ އެކުދިންގެ ހިތްތައް ތަޤުވާވެރިކަމަށާއި، ރިވެތި އާދަތަކަށް ރުޖޫޢަކުރެވިގެންނެވެ. މިއީ އިޞްލާޙުކުރުން ފެށިގެން ދާ ހިސާބެވެ. އެންމެ ފަހަރަކު މަސައްކަތްކޮށްގެން މިޖީލު އިޞްލާޙުކުރުމަކީ ވާނެކަމެއް ނޫނެވެ. އެހެންނަމަވެސް ހިންމަތާއެކު މަސައްކަތްކުރާ ކޮންމެ ބެލެނިވެރިޔަކަށް، އެމީހުންގެ ދަރިން އިޞްލާޙުގެ މަގަށް ގެންގޮސް، ހެޔޮ ރަނގަޅު ތަރުބިއްޔަތުކުރުމަކީ ހާޞިލުކުރެވިދާނެ ކަމެކެވެ.

އެހެންނަމަވެސް، ގިނަ މަންމައިން ދެކޭ ގޮތުގައި ދަރިން ތަރުބިއްޔަތުކުރުމަކީ ވަރަށް އުނދަގޫ އަދި ނުކުރެވޭފަދަ މަސައްކަތެކެވެ. އަދި އެކަމުގައި ކާމިޔާބުވެފައިވަނީ ވަރަށް މަދު ބައެއް ކަމެވެ. އަދި މިކަމަކީ ޢިލްމު ލިބިފައިވާންޖެހޭ އަދި އެކަމަށް ޚާއްސަވާންޖެހޭ ކަމެކެވެ. މިހާ ހިސާބަށް ކަންތައް ގޮސްފައިވާ އިރުވެސް އަހަރެމެންނަށް އަބަދުމެ މިއިވޭ ޝަކުވާއަކީ މިޖީލު ބަދަލުވެފައިވާ ކަމަށާއި، އަދި މިޖީލުގެ ކުދިން ކިޔަމަންތެރިކުރުވުމަށް އުނދަގޫ ވާހަކައެވެ.

ވީމާ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުމަކީ އެކަމުގައި ކާމިޔާބުނުވެވޭނެފަދަ މުސްތަހީލު ކަމެއް ހެއްޔެވެ؟ މިސުވާލުގެ ޖަވާބު ކުރިއަށް އޮތް ބާބުގައި ލިބިގެންދާނެއެވެ. (ނުނިމޭ)

_______________________________

މި ލިޔުމުގެ އިތުރު ލިޔުންތައް ބެއްލެވުމަށް ފިއްތަވާލައްވާ!