* ނަބިއްޔާ صلى الله عليه وسلم ނަބީކަމައިގެން ފޮނުއްވުން
ޙިރާ ހޮހޮޅައިގައި އިންނަވަނިކޮށް، ﷲ ގެ ޙަޟްރަތުން ވަޙީއާއިގެން ޖިބްރީލުގެފާނު ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް ވަޑައިގެންނެވުމުން، އެކަލޭގެފާނު ނުހަނު ބިރުފުޅުގެންވަޑައިގެންނެވިއެވެ. އަދި އަވަހަށް ގެކޮޅަށް ވަޑައިގެންނެވިއެވެ.
ވަޙީ ބާވައިލައްވަން ފެށުނު ޙާދިޘާއާ ގުޅޭގޮތުން ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.
“فَدَخَلَ عَلَى خَدِيجَةَ بِنْتِ خُوَيْلِدٍ رَضِيَ اللَّهُ عَنْهَا، فَقَالَ: «زَمِّلُونِي زَمِّلُونِي» فَزَمَّلُوهُ حَتَّى ذَهَبَ عَنْهُ الرَّوْعُ، فَقَالَ لِخَدِيجَةَ وَأَخْبَرَهَا الخَبَرَ: «لَقَدْ خَشِيتُ عَلَى نَفْسِي» فَقَالَتْ خَدِيجَةُ: كَلَّا وَاللَّهِ مَا يُخْزِيكَ اللَّهُ أَبَدًا، إِنَّكَ لَتَصِلُ الرَّحِمَ، وَتَحْمِلُ الكَلَّ، وَتَكْسِبُ المَعْدُومَ، وَتَقْرِي الضَّيْفَ، وَتُعِينُ عَلَى نَوَائِبِ الحَقِّ، فَانْطَلَقَتْ بِهِ خَدِيجَةُ حَتَّى أَتَتْ بِهِ وَرَقَةَ بْنَ نَوْفَلِ بْنِ أَسَدِ بْنِ عَبْدِ العُزَّى ابْنَ عَمِّ خَدِيجَةَ وَكَانَ امْرَأً تَنَصَّرَ فِي الجَاهِلِيَّةِ، وَكَانَ يَكْتُبُ الكِتَابَ العِبْرَانِيَّ، فَيَكْتُبُ مِنَ الإِنْجِيلِ بِالعِبْرَانِيَّةِ مَا شَاءَ اللَّهُ أَنْ يَكْتُبَ، وَكَانَ شَيْخًا كَبِيرًا قَدْ عَمِيَ، فَقَالَتْ لَهُ خَدِيجَةُ: يَا ابْنَ عَمِّ، اسْمَعْ مِنَ ابْنِ أَخِيكَ، فَقَالَ لَهُ وَرَقَةُ: يَا ابْنَ أَخِي مَاذَا تَرَى؟ فَأَخْبَرَهُ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ خَبَرَ مَا رَأَى، فَقَالَ لَهُ وَرَقَةُ: هَذَا النَّامُوسُ الَّذِي نَزَّلَ اللَّهُ عَلَى مُوسَى، يَا لَيْتَنِي فِيهَا جَذَعًا، لَيْتَنِي أَكُونُ حَيًّا إِذْ يُخْرِجُكَ قَوْمُكَ، فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أَوَ مُخْرِجِيَّ هُمْ»، قَالَ: نَعَمْ، لَمْ يَأْتِ رَجُلٌ قَطُّ بِمِثْلِ مَا جِئْتَ بِهِ إِلَّا عُودِيَ، وَإِنْ يُدْرِكْنِي يَوْمُكَ أَنْصُرْكَ نَصْرًا مُؤَزَّرًا”. [رواه البخاري (3) ومسلم (252 – (160))]
މާނައީ: ފަހެ، އެކަލޭގެފާނު ޚަދީޖާ ބިންތު ޚުވައިލިދު رضي الله عنها ގެ އަރިހަށް ވަދެވަޑައިގެންނެވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. “ތިމަންކަލޭގެފާނުގެ ގައިކޮޅުގައި ރަޖާ އަޅާ ނިވާކޮށްދެއްވާށެވެ! ތިމަންކަލޭގެފާނުގެ ގައިކޮޅުގައި ރަޖާ އަޅާ ނިވާކޮށްދެއްވާށެވެ!” ފަހެ، އެކަލޭގެފާނު ބިރުފުޅު ފިލައްޖައުމަށްދާންދެން އެކަމަނާ، އެކަލޭގެފާނުގެ ގައިކޮޅުގައި ރަޖާ އަޅާ ނިވާކޮށްދެއްވިއެވެ. ދެން ކަންތައް ހިނގާދިޔަ ގޮތ އެކަމަނާއަށް ް ކިޔައިދެއްވާ އެކަމުގެ ޚަބަރުދެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. “ތިމަންކަލޭގެފާނުގެ ނަފްސުގެ މައްޗަށް ބިރުފުޅުގަނެއެވެ.”
ފަހެ، ޚަދީޖަތުގެފާނު ވިދާޅުވިއެވެ. “ހަމަހިލާ އެހެނަކުން ނުވާނެއެވެ. ﷲ ގަންދީ ބުނަމެވެ. އެއްގޮތަކަށްވެސް ﷲ، ކަލޭގެފާނު ނިކަމެތި ނުކުރައްވާނެއެވެ. ހަމަކަށަވަރުން ކަލޭގެފާނަކީ ރަޙިމުގެ ގުޅުން ޤާއިމުކުރައްވާ، ދަތިވެފައިވާ މީހުންނަށް އެހީތެރިވެދެއްވާ، ނިކަމެތިންނަށް ފޭރާން ދެއްވާ، މެހެމާނުންނަށް ކަމޭހިއްތަވާ އަދި މީސްތަކުންނަށް ދިމާވާ ބޮޑެތި ކަންކަމުގައި އެހީތެރިވެދެއްވާ ބޭކަލެކެވެ.”
ފަހެ، ޚަދީޖަތުގެފާނު އެކަލޭގެފާނާއެކު، އެކަމަނާގެ ބަފައިފުށު ބޮޑުބޭބެގެ ދަރިކަލުން، ވަރަޤާ ބުން ނައުފަލު ބުން އަސަދު ބުން ޢަބްދުލްޢުއްޒާގެ އަރިހަށް ވަޑައިގެންނެވިއެވެ. އެއީ ޖާހިލިއްޔަ ޒަމާނުގައި ނަޞާރާދީނަށް އުޅުއްވި ބޭކަލެކެވެ. އެއީ ޢިބްރާނީ ބަހުން ލިޔުއްވާ ބޭކަލެކެވެ. އަދި ﷲ އިރާދަކުރެއްވި މިންވަރަށް އެކަލޭގެފާނަށް ޢިބްރާނީ ބަހުން ތައުރާތު ލިޔުއްވަން އެނގިވަޑައިގަންނަވައެވެ. އަދި އެއީ ވަރަށް މުސްކުޅި، ލޮލަށް ނުފެންނަ ބޭކަލެކެވެ.
ފަހެ، ޚަދީޖަތުގެފާނު އެކަލޭގެފާނަށް (އެބަހީ: ވަރަޤާ ބުން ނައުފަލަށް) ވިދާޅުވިއެވެ. “އޭ ބޮޑުބޭބެގެ ދަރިކަލުންނޭވެ! ކަލޭގެފާނުގެ އަޚުގެ ދަރިކަލުންގެ ވާހަކަ އަޑުއައްސަވާށެވެ.”
ފަހެ، ވަރަޤާ ދެންނެވިއެވެ. “އޭ ތިމަންގެ އަޚުގެ ދަރިކަލުންނޭވެ! ތިބާއަށް ފެނުނީ ކޮން އެއްޗެއް ހެއްޔެވެ؟”
ފަހެ، އެކަލޭގެފާނަށް ފެނުނު ކަންތަކުގެ ޚަބަރުދެއްވިއެވެ. ފަހެ، ވަރަޤާ އެކަލޭގެފާނަށް ދެންނެވިއެވެ. “މިއީ މޫސާގެފާނުގެ އަރިހަށް ވަޑައިގެންނެވި ނާމޫސްއެވެ. އޭ ސަހަރޯއެވެ! ތިމަން ޒުވާންކަމުގައި ވީނަމައެވެ. ކަލޭގެފާނުގެ ޤައުމުގެ މީހުން ކަލޭގެފާނު ރަށުން ނެރެލައްވާއިރު ދިރި ހުންނާނެ ނަމައެވެ.”
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އެބައިމީހުން ތިމަންކަލޭގެފާނު ނެރެލައްވާނެ ހެއްޔެވެ؟”
(ވަރަޤާ) ދެންނެވިއެވެ. “އާއެކެވެ. ކަލޭގެފާނު ތިޔަ ގެންނެވި ފަދަ ކަމެއް ގެންނަވާ ބޭކަލަކަށް (އެބަހީ: ރަސޫލުކަމައިގެން ވަޑައިގަންނަވާ ކޮންމެ ބޭކަލަކަށް) މީސްތަކުން ޢަދާވާތްތެރި ނުވެ ނުދާނެއެވެ. ކަލޭގެފާނުގެ (ޚަބަރު ފެތުރިގެންދާ) ދުވަހާ ތިމަންކަލޭގެފާނާ ބައްދަލުވެއްޖެނަމަ ވަރުގަދަ ނަޞްރަކުން ކަލޭގެފާނަށް ނަޞްރުދެއްވާ ހުށީމެވެ.”
ނަބިއްޔާ صلى الله عليه وسلم ދީނަށް ގޮވާލައްވަން ފެއްޓެވުމުން ޤުރައިޝުންގެ ފަރާތުން އުނދަގޫތަކާކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއެވެ. މި އުނދަގޫ ވަގުތުގައި އެކަމަނާ އެކަލޭގެފާނަށް ވާގިވެރިވެވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ ހިތްޕުޅު ހަމަޖައްސަވައިދެއްވާ އެކަލޭގެފާނުގެ އަރިހުގައި ސާބިތުވެ ހުންނެވިއެވެ.
=ނުނިމޭ=
________________________
މަޞްދަރު: الإصابة في تمييز الصحابة لابن حجر