[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މޫނު ބުރުގާ: އިސްލާމްދީނުގެ މަތިވެރި ޝިޢާރެއް – 1

الحمد لله والصلاة والسلام على رسول الله وعلى آله وصحبه وسلم.

މިފަހަކަށް އައިސް އިސްލާމްދީނާ ގުޅުވައިގެން ދެކެވޭ ވާހަކަތަކުގެ ތެރޭގައި މުޅި ދުނިޔޭގައިވެސް އެންމެ ޢާންމު އެއް ވާހަކައަކީ އިސްލާމްދީނުގައި ޝަރުޢުކުރައްވާފައިވާ ބައެއް ކަންކަމަކީ އަންހެނުން ނިކަމެތިކުރުވާ ކަންކަންކަމަށް ދެކެވޭ ވާހަކަތަކެވެ. އަދި އެއީ މިފަދަ ތަހުޒީބު ޒަމާނަކާ ނުގުޅޭ ކަމެއްގެ ގޮތުގައި ސިފަކޮށްފައި ދެކެވޭ ވާހަކަތަކެވެ. މިފަދަ ފިކުރުތަކުގެ އަސަރު ދިވެހި ފަސްގަނޑާ ހަމައަށްވެސް މިވަނީ ފޯރާފައެވެ. އަދި ދޭތެރެ ދޭތެރެއިން ދިވެހި މުޖުތަމަޢުގައިވެސް މިފަދަ އަޑުތައް ގަދަވެގެން ދެއެވެ.

މި ދުވަސްވަރު އެންމެ ބާރަށް ދެކެވޭ އެއް ވާހަކައަކީ މޫނު ބުރުގާގެ ވާހަކައެވެ. ކިޔަވައިދޭ މުދައްރިސުން މޫނު ބުރުގާ އެޅުން މަނާކުރަން ޖެހޭކަމަށް ދެކެވޭ ވާހަކައެވެ. އެގޮތުން ދިވެހި މުޖުތަމަޢުގައި މައިންބަފައިންނާއި ބެލެނިވެރިންނާ އަދި ދަރިވަރުންގެ ގިނަ ބަޔަކު ބޭނުންވަނީ އެ ދަރިވަރުންނަށް ސްކޫލު މަދަރުސާތަކުގައި އުނގަންނައިދެއްވުމަށް މުދައްރިސުން ކުރިމަތިލައްވާއިރު އެ މުދައްރިސުން މޫނު ބުރުގާއިން މޫނު ނުފޮރުވާ ނުވަތަ އެއީ ކޮންބޭކަނބަލުންނެއްކަން ދަރިވަރުންނަށް ރަނގަޅަށް ސާފުވާގޮތަށް ތިބުމަށް ކަމަށް ބައެއް މީހުން ބުނެއެވެ. އަދި މިއީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް އާދަކާދަކަމަށްވެސް ބުނެއެވެ.

އަދި އެބައިމީހުން ބުނަނީ މޫނުބުރުގާ އަޅައިގެން ކިޔަވައިދޭން ބޭނުންވާ މުދައްރިސުންނަށް އެފުރުޞަތު ފަހިކޮށްދީފައިވަނީ ޚުދު އެބައިމީހުން ކަމަށެވެ. ނަމަވެސް ކިޔަވައިދޭ ވަގުތު ދަރިވަރުންނަށް މޫނު ފެންނާނެހެން ތިބުމަށް ޝަރުޠުކޮށްފައިވާނެ ކަމަށެވެ. ސަބަބެއް ކަމަށް ބުނަނީ ލޮލާއި އަނގައާއި މޫނުމަތީގެ އިޝާރާތްތަކަކީ މުވާސަލާތުކުރުމުގައި ޒަރޫރީ ކަންކަމަށްވެފައި، ކިޔަވައިދޭ ފިލާވަޅު ދަރިވަރުންނަށް ފަހުމުވުމުގައި މި ދެންނެވިފަދަ އިޝާރާތްތައް މުހިންމު ދައުރެއް އަދާކުރާތީއެވެ. އަދި މިކަމަށް ތަޖުރިބާކާރުންނާއި މާހިރުން އިއްތިފާޤުވާކަމަށްވެސް ބުނެއެވެ. އަދި ހަމައެއާއެކު މި ދުވަސްވަރު މުދައްރިސުން ކިޔަވައިދިނުމުގައި މާސްކު އަޅަން އަންގާފައިވަނީ ޞިއްޙީގޮތުން ދިމާވެފައިވާ ޚާއްޞަ ޙާލަތަކާ ގުޅިގެން މަޖުބޫރީ ޙާލަތެއް މެދުވެރިވުމުން ކަމަށް ފާހަގަކުރެއެވެ.

 

 

އެގޮތުން އެބައިމީހުން ފާހަގަކުރާ ނުކުތާތައް އިސްލާމީ ނަޒަރަކުން ކިރާލާނަމެވެ.

 

* މުދައްރިސުން ދަރިވަރުންނަށް ކިޔަވައިދޭއިރު މޫނު ފެންނަށް ހުރުމަށް ގިނަ ބަޔަކު ބޭނުންވާކަމަށް ބުނާ އިރު މިކަމަށް އެއްވެސް ތަފާސްހިސާބެއް ހެދިފައިވޭ ހެއްޔެވެ؟ ތަފާސްހިސާބަކުން ގިނަ ބަޔަކު އެފަދައިން ދެކޭކަމަށް ބުނި ކަމުގައިވިޔަސް މޫނު ބުރުގާ އެޅުން މަނާ ނުކުރެވޭނެއެވެ. އެހެނީ މޫނު ބުރުގާއަކީ އިސްލާމްދީނުގެ ޝިޢާރެއް ކަމާމެދު ދެބަސްނުވެވޭނެއެވެ. އަދި މިއީ މީހާގެ މޫނު ނުފެނުނަސް އެއީ ކާކުކަން ދެނެގަނެވޭނެ އެތައް ވަސީލަތެއް ފަހިވެފައިވާ ޒަމާނެކެވެ. މިސާލަކަށް ފިންގާ ޕްރިންޓާއި އައި ސްކޭނާއި އެކި ބާވަތްތަކުގެ އައިޑެންޓިފިކޭޝަން ކާޑުތައްފަދަ ވަސީލަތްތައް މިއަދު މި ވަނީ ޢާންމުވެ މީހުން ދިރިއުޅޭ ބައެއް ގޭގޭގައިވެސް މީސްތަކުން ބޭނުންކުރަން ފަށާފައެވެ. އަދި ގިނަ މީހުން އެއްބަސްވެގެން އިސްލާމީ އެއްވެސް ޝިޢާރެއް ދުލެއް ނުކޮށްލެވޭނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿ وَمَا أَكْثَرُ النَّاسِ وَلَوْ حَرَصْتَ بِمُؤْمِنِينَ﴾ ‎ [سورة يوسف ١٠٣‏]ٍ

މާނައީ: “އަދި ކަލޭގެފާނު ކިތަންމެވަރަކަށް ޝައުޤުވެރިވެވަޑައިގަތަސް މީސްތަކުންކުރެ ގިނަމީހުން އީމާންވާ ބަޔަކު ކަމުގައެއް ނުވެއެވެ.”

އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَاللَّهُ يُرِيدُ أَن يَتُوبَ عَلَيْكُمْ وَيُرِيدُ الَّذِينَ يَتَّبِعُونَ الشَّهَوَاتِ أَن تَمِيلُوا مَيْلًا عَظِيمًا﴾ ‎‏ [سورة النساء ٢٧]

މާނައީ: “އަދި ﷲ އިރާދަކުރައްވަނީ ތިޔަބައިމީހުންގެ މައްޗަށް ތައުބާލެއްވުމަށެވެ. އަދި އަމިއްލަ އެދުންތަކަށް ތަބާވާ މީހުން އެދެނީ (ޙައްޤު މަގު ދޫކޮށް ބާޠިލު މަގަށް) ބޮޑުވެގެންވާ ލެނބުމަކުން ތިޔަބައިމީހުން ލެނބިގަތުމަށެވެ.”

 

* ލޮލާއި އަނގައާއި މޫނުމަތީގެ އިޝާރާތްތަކަކީ މުވާސަލާތުކުރުމުގައި ޒަރޫރީ ކަންކަމަށްވެފައި، ކިޔަވައިދޭ ފިލާވަޅު ދަރިވަރުންނަށް ފަހުމުވުމުގައި މިފަދަ އިޝާރާތްތައް މުހިންމު ދައުރެއް އަދާކުރާކަމަށާއި ތަޖުރިބާކާރުންނާއި މާހިރުން މިކަމަށް އިއްތިފާޤުވާކަމަށް ބުނާނަމަ، މޫނު ބުރުގާ އަޅާ މުދައްރިސުން މޫނު ބުރުގާ ނާޅާ ކިޔަވައިދެވޭނެފަދަ ރައްކާތެރި އަދި ދެ ޖިންސުގެ މީހުން މަސްހުނިވުމެއް ނުވާ މާހައުލެއް ފަހިކޮށްދިނުމަކީ މިކަން ހައްލުކުރެވޭނެ ގޮތެކެވެ. މި ފަދައިން ދުނިޔޭގެ ބައެއް ޤައުމުތަކުގައި ޢަމަލުކުރަމުންވެސް ދެއެވެ.

 

* ޞިއްޙީގޮތުން ދިމާވެފައިވާ ޚާއްޞަ ޙާލަތަކާ ގުޅިގެން މަޖުބޫރީ ޙާލަތެއް މެދުވެރިވުމުން މުދައްރިސުން ކިޔަވައިދިނުމުގައި މާސްކު އަޅަން އަންގާފައިވުމާއެކު، މޫނު ބުރުގާ އަޅާ މުދައްރިސުން ކިޔަވައިދޭ ވަގުތު ދަރިވަރުންނަށް މޫނު ފެންނާނެހެން ތިބުމަށް އެންގުމަކީ ނުވަތަ މޫނު ބުރުގާގެ ބަދަލުގައި މާސްކު އެޅުމަށް އެންގުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. އަދި ޢަދުލުވެރި ގޮތެއްވެސް ނޫނެވެ. އެހެނީ މާސްކު އަޅާ ގިނަ މީހުން އެކަން ކުރަނީ އެކަން އެއީ ދީނީކަމަކަށް ބަލައިގެނެއް ނޫނެވެ. އަދި މާސްކުން ނިވާކުރެވެނީ މޫނު ބުރުގާއިން ނިވާކުރާ ގޮތަށް، ނިވާކުރާ މިންވަރަކަށް ނޫނެވެ. އެހެނީ މާސްކު އަޅާފައިވެސް މޫނު ބުރުގާ އެޅިދާނެއެވެ. މާސްކު އަޅާ ގިނަ މީހުން މާސްކު އަޅަނީ ﷲ އާ ކުއްތަންވުމުގެ ގޮތުން، ދީނުގައި އަމުރުކުރައްވާފައިވާ ކަމަކަމަށް ބަލައިގެނެއް ނޫނެވެ. އަދި އެންމެ ހެޔޮ ޖީލުތަކުގެ ބޭކަނބަލުންނާއި ނަބިއްޔާ صلى الله عليه وسلم ގެ އަނބިއަނބިކަނބަލުންނާއި ދަރިދަރިކަނބަލުން އެކަން ކުރައްވާފައިވާތީ އެއް ނޫނެވެ. އެހެންކަމުން މިދެކަން ހަމަހަމަ ކުރެވޭނެ ދީނީ އުޞޫލެއް ނުއޮންނާނެއެވެ.

މޫނު ބުރުގާއަކީ ދީނުގެ ޝިޢާރަކަށްވީ ހިނދު، މޫނު ބުރުގާ އަޅާ މީހަކަށް އެކަން މަނާ ނުކުރެވޭނެއެވެ. ޞިއްޙީ ގޮތުން ދިމާވި ޙާލަތަކާ ގުޅިގެން މާސްކުއަޅަށް މަޖުބޫރުކުރާ ފަދައިން ދީނީ ކަމަކަށް ވުމުން މޫނު ބުރުގާ އަޅަން ބޭނުންވާ މީހުންނަށް އެކަމަށްވެސް ފުރުޞަތު އޮންނަންވާނެއެވެ. މިއީ ދިރިއުޅުމުގެ ކަންކަމުން ދީން އެއްފަރާތް ކުރުމަށް ގޮވާލާ ސެކިއުލަރިޒަމް ފިކުރެވެ. މިބައިމީހުން ބުނާގޮތުގައި ދީން އޮންނަންވާނީ ހަމައެކަނި މިސްކިތުގައެވެ.

އެހެންކަމުން މިނުކުތާގައި ޙާލުގެ ދުލުން އެބައިމީހުންނަށް އެ ބުނެވެނީ ދީނުގައި އޮވެގެން ތިމަންމެން އެކަމަކަށް ފަރުވާލެއް ނުބަހައްޓާނަމެވެ. އެހެނަސް ޞިއްޙީ ނުރައްކަލެއް ނުވަތަ އެފަދަ ދުނިޔަވީ ސަބަބެއް އޮތިއްޔާ މާސްކު އެޅުންފަދަ ކަންކަމަށް ޢަމަލުކުރުމަކީ މައްސަލައެއް ނޫންކަމުގައެވެ. މިއީ ރާއްޖޭގެ ޝައިޚުން އިޝާރާތްކުރަމުން އެދާ، ޢާންމުން އެކަމަކަށް ސަމާލުކުރުވަމުން އެދާ “ލާދީނީ ފިކުރު” ނުވަތަ “ސެކިއުލަރ ފިކުރެވެ.” އެ ފިކުރުގެ މައިގަނޑު ދަޢުވާއަކީ މީސްތަކުންގެ ދިރިއުޅުމުގެ އެއްވެސް ކަމެއްގައި ދީން ބޭނުންކޮށްގެން ނުވާނެކަމަށެވެ. ނުވަތަ ދީން އޮންނަން ޖެހޭނީ މިސްކިތު ތެރޭގައި ކަމެވެ. އެގޮތުން ވިޔަފާރީގެ އެއްވެސް ކަމެއްގައިވެސް އަދި ޤާނޫނުތައް ހެދުމުގައިވެސް ދީނުގެ ކަންކަމަށް ބަރޯސާވެ އެކަން ކޮށްގެން ނުވާނެކަމަށް އެ ފިކުރުގައި ދަޢުވާ ކުރެއެވެ.

 

* އަދި ބައެއް މީހުން ބުނާގޮތުގައި ވައްކަންކުރުމާއި އެނޫންވެސް އެފަދަ ކުށްތަކަށް އަރައިގަންނަ މީހުން މޫނު ބުގުރާގެ ނިވަލުގައި އެފަދަ ކުށްތަކަށް އަރައިގަނެއެވެ. އެހެން ކަމުން މޫނު ބުގުރާ އެޅުމަށް ހުއްދަ ދެވިގެން ނުވާނެއެވެ.

ހަމައެކަނި ދިވެހި މުޖުތަމަޢަށް ބަލައިލިޔަސް މިއީ ހަމަޖެހޭ ވާހަކައެއް ނޫންކަން ދޭހަވެއެވެ. ސައިކަލް ދުއްވާއިރު ހެލްމެޓު އެޅުމަށް އެންގުމުން ހެލްމެޓުގެ ނިވަލުގައި ފޭރުމާއި ވައްކަން ނުކުރޭ ހެއްޔެވެ؟ މާސްއެޅުން މަޖުބޫރުކުރުމުން މާސްކުގެ ނިވަލުގައި އެފަދަ ކުށްތަކަށް އަރައި ނުގަނޭ ހެއްޔެވެ؟ އަދި މި ދުވަސްވަރު ޞިއްޙީ ދާއިރާގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ލާ ޕީޕީއީގެ ނިވަލުގައިވެސް ބައެއް މީހުން މިފަދަ ކުށްތައް ނުކުރޭ ހެއްޔެވެ؟ ކަން މިހެން އޮތްއިރު މަނާ ކުރަންވީ ހަމައެކަނި މޫނު ބުގުރާ ހެއްޔެވެ؟ އެ ފަދައިން ބުނެ މޫނު ބުގުރާ މަނާކުރާނަމަ ހެލްމެޓާއި މާސްކު އަދި ޕީޕީއީ ވެސް މަނާކުރަން ޖެހޭނެއެވެ. އަދި އެ ހުރިހާ އެއްޗެއް މަނާކޮށްފައި ވަނިކޮށްވެސް އަދި މޫނު ބުރުގާ މަނާކޮށްފައި ވަނިކޮށްވެސް ކުށެއް ކުރާ މީހަކު ފޮތިގަނޑަކުން ނުވަތަ މާސްކަކުން ނިވާވެގެން އެ މީހަކު ކުށެއް ކުރަން ބޭނުންވީމާ ކުރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން މިއީ އެއްވެސް ބުރަދަނެއް ހުރި ވާހަކައެއް ނޫނެވެ. އަދި ޢަރަބި އިސްލާމީ ދުނިޔޭގައި މޫނު ބުރުގާ އަޅައިގެން އުޅޭ މީހުން އެހާ ގިނައިން އުޅޭ އިރުވެސް އެބައިމީހުންގެ ޢާންމު ދިރިއުޅުމުގައި މިއީ އެބައިމީހުން ‘ރިސްކެއްކަމަށް’ ދެކޭ ކަމެއް ނޫނެވެ. މިކަން ރިސްކެއްކަމަށް ދެކެނީ އިސްލާމީ ޝިޢާރުތަކަށް ގޮންޖަހާ ސެކިއުލާ ޤައުމުތަކުގައެވެ. ފްރާންސް ފަދަ ޤައުމުތަކުގައި ބުރުގާ އެޅުމަކީވެސް އެބައިމީހުން ދެކޭ ގޮތުގައި ރިސްކެކެވެ.

 

* މިއީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް އާދަކާދައެއް ނޫންކަމަށް ބުނާއިރު، އާދަކާދައަކީ ދީނުގެ ޝިޢާރެއް މަނާކުރުމަށް ދެއްކޭނެ ޙުއްޖަތެއް ނޫނެވެ. ހެދުން އެޅުމުގައި މިއަދު ދިވެހި މުޖުތަމަޢުން ފެންނަނީ އިހުގެ ކާބަފައިންގެ އާދަކާދައެއް ނޫނެވެ. ހުޅަނގުގެ ފެޝަންތަކެކެވެ. އަދި މޫނު ބުރުގާއަކީ ދިވެހި ތާރީޚުގައި އާއެއްޗެއްވެސް ނޫނެވެ. ރަސްރަސްކަލުންގެ ޒަމާނުގައި ދިވެހި އަންހެނުން މޫނު ބުރުގާ އެޅި ދުވަސްވަރެއްވެސް ދިޔައެވެ. އަދި އަޅުގަނޑުމެން އިސްލާމްދީނަށް އާއެކޭ ބުނީވެސް ބުދު ދީނުގައި ހުރި ހުރިހާ ބާޠިލު އާދަކާދަތަކަށް ނޫނެކޭ ބުނެ އެއަށް އިންކާރުކުރުމަށް ފަހުގައެވެ. އަދި ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ކިޔަމުން ދިޔަ ދީނީ ފޮތްތައް ކަމުގައިވާ ތަޢުލީމުއް ދިޔާނާއާއި ބޮޑު ތަރުތީބުގައިވެސް ވަނީ ހިލޭ ފިރިހެނުންގެ ކުރިމަތީގައި މިނިވަން އަންހެނާގެ އަޢުރައަކީ މުޅި ހަށިގަނޑުކަމުގައެވެ. [1] ކަން މިހެން އޮތްއިރު ދިވެހި ރާއްޖޭގައި ހަރުކަށި ވެރިންގެ ސަބަބުންނާ އަދި ގިނަ މީހުންނަށް މިކަމުގެ ޙުކުމް ސާފު ނުވެ އޮތުމުގެ ސަބަބުން، އެއްޒަމާނެއްގައި މީހުން މޫނު ބުރުގާ ނާޅާ އުޅުން އެއީ މިހާރު މޫނު ބުރުގާ އަޅާ މީހުންނަށް އެކަން މަނާކުރަން ދެއްކޭނެ ޙުއްޖަތެއް ނޫނެވެ.

 

ދެން އަންނަ ބައިގައި ގެނެސްދޭނީ މޫނު ބުރުގާއަކީ ދީނުގެ މަތިވެރި ޝިޢާރެއްކަމަށް ދަލާލަތުކުރާ ދަލީލުތަކެވެ.

 

=ނުނިމޭ=


[1] ބޮޑު ތަރުތީބުގެ ޞަފްޙާ 178، ތަޢުލީމުއް ދިޔާނާގެ ދެވަނަ ބައިގެ ޞަފްޙާ 51.

 

މި ލިޔުމުގެ އެހެންބައިތައް