[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަމާދުގެ ޝަރުޠުތަކުގެ ތެރެއިން … (1)

ނަމާދު ޞައްޙަވުމަށްޓަކައި ޝަރުޠުތަކެއް ވެއެވެ. އެޝަރުޠުތައް ނުވަތަ އެޝަރުޠުތަކުގެ ތެރެއިން ބައެއް އުނިވެއްޖެކަމުގައިވާނަމަ ނަމާދު ޞައްޙައެއް ނުވާނެއެވެ. ޝަރުޠުތަކަކީ ނަމާދުކުރުމުގެ ކުރިން ނަމާދުކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ކަންކަމެވެ. އެގޮތުން އިސްލާމްކަމާއި، ބާލިޣުވުމާއި، ބުއްދިހަމަޖެހުމަކީ ކޮންމެ ޢަމަލެއްގެވެސް ޝަރުޠުތަކެކެވެ. މިލިޔުމުގައި އަލިއަޅުވާލައިފައިވާނީ މިތިން ޝަރުޠުގެ އިތުރަށް ނަމާދުގައިވާ ޝަރުޠުތަކުގެ ކުރު ތަފްޞީލަކަށެވެ.  އެޝަރުޠުތަކުގެ ތެރޭގައި :

ފުރަތަމައީ: ވަގުތު ވަނުން :

الله تعالى ވަޙީކުރައްވާފައިވެއެވެ. ((إِنَّ الصَّلاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَاباً مَوْقُوتاً)) النساء: 103 މާނައީ: “ހަމަކަށަވަރުން ނަމާދަކީ މުއުމިނުންގެ މައްޗަށް ވަގުތުކަނޑައެޅިގެންވާ ކަމެއްކަމުގައި ވިއެވެ.” އެބަހީ ނަމާދަކީ ޙައްދުކަނޑައެޅިގެންވާ ވަގުތުތަކެއްގައި ކުރުމަށް ފަރުޟުވެވިފައިވާ ކަމެކެވެ. ނަމާދުގެ ވަގުތުތަކަކީ އެއީ ޙައްދެވެ. ހަމަކަށަވަރުންވެސް الله سبحانه وتعالى ނަމާދުގެ ވަގުތުތައް ކަނޑައެޅުއްވިއެވެ. އެހެނީ، އެކަލާނގެ ވަގުތުތަކުގެ ތެރެއިން ޙައްދު ކަނޑައެޅިގެންވާ ވަގުތުތަކެއް ނަމާދަށް ޚާއްޞަކުރެއްވިއެވެ. އެންމެހާ މުސްލިމުން އިޖުމާޢުވެފައިވާގޮތުގައި ފަރުޟު ފަސްނަމާދަށް ޚާއްޞަވެގެން ޙައްދު ކަނޑައެޅިގެންވާ ވަގުތުތަކެއްވެއެވެ. އެވަގުތުތައް ވަނުމުގެކުރިން ނަމާދުކުރުމެއްނުވެއެވެ. އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. ” ﷲ (سبحانه وتعالى) ނަމާދަށް ވަގުތު ޝަރުޠުކުރެއްވެވިއެވެ. އެޝަރުޠާއިނުލައި ނަމާދު ޞައްޙަނުވާހުއްޓެވެ.”

ނަމާދު ވާޖިބުވާހުށީ ވަގުތު ވަނުމުންނެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. ((أَقِمْ الصَّلاةَ لِدُلُوكِ الشَّمْسِ إِلَى غَسَقِ اللَّيْلِ)) الإسراء: 78 މާނައީ: “އިރުމެދުން ފިލުމުން، ރޭގަނޑުގެ އަނދިރިކަމާހަމައަށް ކަލޭގެފާނު ނަމާދު ޤާއިމުކުރައްވާށެވެ.” އަންނަނިވި އާޔަތްތަކަށް ރިޢާޔަތްކޮށް ޢިލްމުވެރިން ވިދާޅުވެފައިވަނީ ނަމާދު އޭގެ އެންމެ ކުރީކޮޅުގައި ކުރުން މަތިވެރިވެގެންވާ ކަމުގައެވެ. ((فَاسْتَبِقُوا الْخَيْرَاتِ)) البقرة: 148 މާނައީ: “ފަހެ، ތިޔަބައިމީހުން ހެޔޮކަންކަމުގައި އެއްބަޔަކުއަނެއްބަޔަކާ ވާދަކޮށް ކުރިއަރާ ދާށެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((وَسَارِعُوا إِلَى مَغْفِرَةٍ مِنْ رَبِّكُمْ وَجَنَّةٍ عَرْضُهَا السَّمَوَاتُ وَالأَرْضُ)) آل عمران: 133 މާނައީ: “އަދި ތިޔަބައިމީހުންގެ ވެރިއިލާހުގެ ޙަޟްރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެއަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ.” އަދިވެސް ވަޙީކުރައްވާފައިވެއެވެ. ((وَالسَّابِقُونَ السَّابِقُونَ * أُوْلَئِكَ الْمُقَرَّبُونَ)) الواقعة: 10-11 މާނައީ: “އަދި ކުރިއަރައިދިޔަމީހުންނީ (ދަރަޖައިގެގޮތުން) ކުރިއަރައިދިޔަމީހުންނެވެ. ކުއްތަންކުރައްވާފައިވާ މީހުންނީ އެބައިމީހުންނެވެ.” އަދި ބުޚާރީއާއި މުސްލިމްގައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ސުވާލު ދެންނެވުނެވެ. ” ﷲ ގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލަކީ ކޮބައިތޯއެވެ؟ ” އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. “ނަމާދު އޭގެ ވަގުތުގައި އަދާކުރުމެވެ.” (ބުޚާރީ: 527، މުސްލިމް: 85) އަދި އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ((حَافِظُوا عَلَى الصَّلَوَاتِ)) البقرة: 238 މާނައީ: “ތިޔަބައިމީހުން ނަމާދުތަކަށް ރައްކާތެރިވާށެވެ.” ނަމާދަށް ރައްކާތެރިވާ މީހާ ނަމާދު އޭގެ އެންމެ ކުރީކޮޅުގައި އަދާކުރާނެއެވެ.

ރެއަކާއިދުވާލު ފަރުޟުވެގެންވަނީ ފަސްނަމާދެވެ. މިއިން ކޮންމެ ނަމާދަކަށް މުނާސަބު ވަގުތެއް الله سبحانه وتعالى ވަނީ އިޚްތިޔާރުކުރައްވާފައެވެ. އެވަގުތުތައް މުނާސަބުވެގެންވަނީ އަޅުތަކުންގެ ޙާލަތާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. އެއީ އެވަގުތުތަކުގައި ދުނިޔަވީ އެންމެހާ ޢަމަލުތައްދޫކޮށް ނަމާދަށް އިސްކަންދިނުމަށްޓަކައެވެ. އެނަމާދުގެ ސަބަބުން އެބައިމީހުނަށް ކުރެވޭ ފާފަތައް ފޮހެވިގެންދެއެވެ. އެހެނީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދު ސިފަކުރައްވަނީ އޮއިދެމޭ ކޯރެއްގެ މިސާލުގައެވެ. އިންސާނަކު ދުވާލަކު ފަސްފަހަރު އެކޯރުން ފެންވަރާކަމުގައިވާނަމަ އޭނާގެ ގައިގައި އެއްވެސް ހަޑިއެއް ނުހުންނާނެއެވެ. (ބައްލަވާ: ބުޚާރީ: 528، މުސްލިމް: 667)

އެވަގުތުތައް ކަނޑައެޅިގެންވަނީ އަންނަނިވި ގޮތަށެވެ.

1. މެންދުރު ނަމާދު: މެންދުރު ނަމާދު ފެށޭވަގުތަކީ އިރުމެދުން ފިލާ ވަގުތެވެ. އެބަހީ، އިރު މެދުން ފިލައި ކުޑަކޮށް ހުޅަނގު ފަރާތަށް ޖެހިލާވަގުތެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ، ((أَقِمْ الصَّلاةَ لِدُلُوكِ الشَّمْسِ)) الإسراء: 78 މިއާޔަތުގައި ނަންގަންނަވާފައިއެވަނީ މިވަގުތެވެ. މެންދުރުވަގުތު ދެމިގެންވަނީ، ދިގުމިނުން އެއްޗަކާއި އެއެއްޗެއްގެ ހިޔަނި އެއްވަރުވާންދެނެވެ. ދިގުމިނުން އެއްޗަކާއި އެއެއްޗެއްގެ ހިޔަނި އެއްވަރުވުމުން މެންދުރު ވަގުތު ނިމުނީއެވެ. އެކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވިއެވެ. ((وَقْتُ صَلاَةِ الظُّهْرِ إِذَا زَالَتِ الشَّمْسُ ، وَكَانَ ظِلُّ الرَّجُلِ كَطُولِهِ)) (މުސްލިމް: 612) މާނައީ: “މެންދުރުނަމާދު ވަގުތަކީ އިރުމެދުން ފިލީއްސުރެ މީހެއްގެ ހިޔަނި އެމީހަކާ އެއްވަރު ވާނދެނެވެ.”

 ހޫނުގަދަ ދުވަސްތައް ފިޔަވައި އެހެން ދުވަސްދަވަހު މެންދުރުނަމާދު އޭގެ އެންމެ ކުރީކޮޅުގައި  އަދާކުރުން މުސްތަޙައްބުވެގެންވެއެވެ. އަދި ހޫނުގަދަ ދުވަސް ދުވަހު ފިނިވެލަންދެން ލަސްކޮށްލުން މުސްތަޙައްބުވެގެންވެއެވެ. އެކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވިއެވެ. ((إِذَا اشْتَدَّ الْحَرُّ فَأَبْرِدُوا بِالصَّلاَةِ ، فَإِنَّ شِدَّةَ الْحَرِّ مِنْ فَيْحِ جَهَنَّمَ)) (ބުޚާރީ: 536، މުސްލިމް: 615) މާނައީ: “ހޫނުގަދަވާ ހިނދު ފަހެ ތިޔަބައިމީހުން މެންދުރުނަމާދު ފިނިވަގުތުގައި (އެބަހީ ހޫނުމަޑުވުމުން) ކުރާށެވެ. އެހެނީ ހަމަކަށަވަރުން ހޫނުގަދަވުންވަނީ ނަރަކައިގެ އާވިންނެވެ.”

 2. ޢަޞުރު ނަމާދު: ޢަޞުރު ނަމާދު ފެށޭ ވަގުތަކީ މެންދުރު ނަމާދު ނިމޭ ވަގުތެވެ. އެބަހީ ދިގުމިނުން އެއްޗެއްގެ ހިޔަނި އެއެއްޗަކާ އެއްވަރުވުމެވެ. ޢަޞުރު ނަމާދު ދެމިގެންވަނީ އިރުއޮއްސުމަށް އިރު ރަތްވާ ވަގުތާ ޖެހެންދެނެވެ. އެއީ ޢިލްމުވެރިންގެ ބަސްތަކުގެ ތެރެއިން އެންމެ ޞައްޙަވެގެންވާ ބަހެވެ. (އެބަހީ ގިނަމީހުންނަށް ހީވެފައި އޮންނަފަދައިން މަޣްރިބު ނަމާދަށް ބަންގިގޮވަންދެން ނޫނެވެ.)

ޢަޞުރުނަމާދު އޭގެ އެންމެ ކުރީކޮޅުގައި އަދާކުރުން މުސްތަޙައްބުވެގެންވެއެވެ. ޢަޞުރުނަމާދަކީ ކީރިތި ޤުރުއާނުގައި “މެދު ނަމާދު” ކަމަށް އައިސްފައިވާ ނަމާދެވެ. އެއީ އެނަމާދުގެ މަތިވެރިކަމުގެ ސަބަބުންނެވެ. الله تعالى ވަޙީކުރެއްވިއެވެ. ((حَافِظُوا عَلَى الصَّلَوَاتِ وَالصَّلاةِ الْوُسْطَى)) البقرة: 238 މާނައީ: “ތިޔަބައިމީހުން ނަމާދުތަކަށާއި (ޚާއްޞަކޮށް) މެދުނަމާދަށް ރައްކާތެރިވާށެވެ.” ޢަޞުރުނަމާދަކީ މެދު ނަމާދުކަމަށް ޘާބިތުވާ ޙަދީޘްތައް ވާރިދުވެފައިވެއެވެ. (ނުނިމޭ)

 __________________________

މަރުޖިޢު:

* އަލްމުލައްޚަޞުލް ފިޤުހީ – ޞާލިޙު ބިން ފަވްޒާން އާލްފަވްޒާން. (ކުދި ބަދަލުތަކާއެކު)

 ކުރީގެ ބައިތައް