3. މަޣްރިބު ނަމާދު: މަޣްރިބު ނަމާދު ފެށޭ ވަގުތަކީ އިރުއޮއްސުމެވެ. އެބަހީ، އިރުގެ ވަށްބުރުން އެއްވެސް މިންވަރެއް، ހަމަބިމުގައި ނުވަތަ ފަރުބަދައެއްގެ މަތިންވިޔަސް ނުފެންނާނޭ މިންވަރަށް އޮއްސުމެވެ. އިރުއޮއްސުނުކަން އެނގޭނޭ އަނެއްގޮތަކީ އިރުމަތީ ފަރާތުން ރޭގަނޑުގެ އަނދިރިކަން ފާޅުވުމެވެ. އެކަލޭގެފާނު (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްފުޅުކުރެއްވިއެވެ. ((إِذَا أَقْبَلَ اللَّيْلُ مِنْ هَا هُنَا وَأَدْبَرَ النَّهَارُ مِنْ هَا هُنَا فَقَدْ أَفْطَرَ الصَّائِمُ)) މާނައީ: “މިފަރާތުން (އެބަހީ، އިރުމަތިފަރާތުން) ރޭގަނޑު ފާޅުވެއްޖެނަމަ، އަދި މިފަރާތުން (އެބަހީ ހުޅަނގުފަރާތުން) ދުވާލުގެ އަލިކަން ނެދިގެން ހިނގައްޖެނަމަ، ފަހެ، ރޯދަވެރިޔާ ރޯދަވިއްލާހުށިކަމެވެ.” (ބުޚާރީ: 1954، 1941، މުސްލިމް: 1100، 1101)
މަޣުރިބު ނަމާދު ދެމިގެންވަނީ ރަތްވިލާ އޮއްސިއްޖެއުމަށް ދާންދެނެވެ. އިރުއޮއްސުމަށްފަހު، އުޑުމަތީގައި ހުދުކަމާއެކު ރަތްކަމެއް އެކުލެވިގެންވާނެއެވެ. ކުޑައިރުކޮޅެއްފަހުން، ރަތްކަން ފިލައިގޮސް ހުދުކަމެއް ހުންނާނެއެވެ. އެއަށްފަހު، ކުޑަހިނދުކޮޅެއް ތެރޭގައި އެހުދުކަންވެސް ނެތިގެންދާނެއެވެ. އެހެންކަމުން، މަޣުރިބުނަމާދުގެ ވަގުތަކީ ވަރަށްވެސް ކުރުވަގުތުކޮޅަކަށްވުމާއެކު، ޚާއްޞަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިއްމުކަމެކެވެ.
މަޣުރިބުނަމާދު އޭގެ އެންމެ ކުރީކޮޅުގައި އަދާކުރުން މުސްތަޙައްބުވެގެންވެއެވެ. ސަލަމަތު ބުން އަކްވަޢު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައިވެއެވެ. ((أَنَّ رَسُولَ اللَّهِ -صلى الله عليه وسلم- كَانَ يُصَلِّى الْمَغْرِبَ إِذَا غَرَبَتِ الشَّمْسُ)) މާނައީ: “ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ މަޣުރިބުނަމާދު ކުރައްވާކަމުގައިވަނީ އިރުއޮއްސުމާއެކުއެވެ.” (ބުޚާރީ: 561، މުސްލިމް: 636، ތިރުމިޛީ: 164) މިޙަދީޘާ ބެހޭގޮތުން ތިރުމިޛީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “މިއީ (އެބަހީ މަޣުރިބުނަމާދު އެންމެ ކުރީކޮޅުގައި ކުރުމަކީ) ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޞަޙާބީންނާއި، އެބޭކަލުންގެ ފަހުން ވަޑައިގެންނެވި ތާބިޢީންގެ ގިނަ ޢިލްމުވެރިންގެ ބަސްފުޅެވެ. އެބޭކަލުން ޚިޔާރުކުރައްވާފައިވާ ގޮތަކީ މަޣުރިބުނަމާދު އެންމެ ކުރީކޮޅުގައި ކުރުމަށެވެ. އަދި ފަސްކުރުމަކީ މަކްރޫހަކަމެއްކަމުގައެވެ.”
4. ޢިޝާ ނަމާދު: ޢިޝާ ނަމާދު ފެށޭ ވަގުތަކީ މަޣުރިބު ނަމާދު ނިމޭ ވަގުތެވެ. އެބަހީ، ރަތްވިލާ އޮއްސުމުންނެވެ. އަދި ޢިޝާ ނަމާދު ދެވިގެންވަނީ فجر الصادق ގެ އަލިކަން ފާޅުވާންދެނެވެ. ޢިޝާ ނަމާދު ދެމިގެންވާ ވަގުތު ދެބަޔަކަށް ބެހެއެވެ. އެއީ އިޚްތިޔާރު ލިބިގެންވާ ވަގުތަކާއި، ޟަރޫރީ ޙާލަތުގެ ވަގުތެވެ. އިޚްތިޔާރު ލިބިގެންވާ ވަގުތަކީ ރަތްވިލާ އޮއްސުނީއްސުރެ ރޭގަނޑުގެ ތިންބައިކޮށްފަ އެއްބައި ނުވަތަ ދެބައިކޮށްފަ އެއްބައި ފާއިތުވުމާ ދެމެދުގައިވާ ވަގުތެވެ. ޟަރޫރީ ޙާލަތުގެ ވަގުތަކީ ތިންބައިކޮށްފަ އެއްބައި ފާއިތުވީއްސުރެ فجر الصادق ގެ އަލިކަން ފާޅުވުމާ ދެމެދުގައިވާ ވަގުތެވެ. ޝަރުޢީ އުޒުރަކާނުލައި ރޭގަނޑު ދެބައިކުޅަ އެއްބަޔަށްވުރެ ޢިޝާނަމާދު ފަސްކުރުމަކީ ރަނގަޅުކަމެއް ނޫނެވެ.
ފަސޭހަކަމެއްކަމުގައިވާނަމަ ޢިޝާނަމާދު އިޚްތިޔާރު ލިބިގެންވާ ވަގުތަށް (ރޭގަނޑުގެ ތިންބައިކޮށްފަ އެއްބައި ފާއިތުވަންދެން) ލަސްކޮށްލުން މޮޅުއިތުރެވެ. ނަމަވެސް މައުމޫމުންނަށް އުނދަގޫކަމެއްކަމުގައިވާނަމަ އޭގެ އެންމެ ކުރީކޮޅުގައި އަދާކުރުން މުސްތަޙައްބުވެގެންވެއެވެ. އެއީ މީސްތަކުން އުނދަގުލުން އެއްކިބާކުރުމަށްޓަކައެވެ.
ނިދިން ނުހޭލެވިދާނެތީވެ، މަޣުރިބު ނަމާދާއި ޢިޝާ ނަމާދާއި ދެމެދު ނިދުން މަކްރޫހަވެގެންވެއެވެ. ހަމައެފަދައިން ޢިޝާނަމާދަށްފަހު ފައިދާއެއް ނެތް ވާހަކަތައް ދެއްކުން މަކުރޫޙަވެގެންވެއެވެ. އެއީ އެކަމުގެ ސަބަބުން ނިދުން ލަސްވެ، އަވަހަށް ހޭލުމަށް ހުރަސް އަޅާތީއެވެ. ރޭގަނޑުގެ ފަހުބައިގައި ތެދުވެ ދަމުނަމާދު ކުރުމަށާއި ފަތިސް ނަމާދު ހީވާގިކަމާއެކު ކުރުމަށްޓަކައި، ޢިޝާނަމާދަށް ފަހު ވީހާވެސް އަވަހަކަށް ނިދުމަކީ މުސްތަޙައްބުކަމެކެވެ. އެހެނީ، ޢިޝާނަމާދުގެ ކުރިން ނިދުމާއި އެނަމާދުގެ ފަހުން ވާހަކަ ދެއްކުމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނުރުއްސަވާ ކަމެއްކަމުގައިވެއެވެ. މިއީ ޢިޝާނަމާދުގެ ފަހުން ފައިދާއެއްނެތް ކަންތައްތަކުގައި ރޭގަނޑުގެ ވަގުތުތައް ހޭދަކުރުމުގެ ވާހަކައެވެ. ފައިދާހުރި ރަނގަޅުކަމެއްގައި ނިދުން ލަސްކޮށްލުމަކީ މައްސަލައެއްނޫނެވެ.
5. ފަތިސް ނަމާދު: ފަތިސް ނަމާދު ފެށޭ ވަގުތަކީ فجر الصادق ގެ އަލިކަން ފާޅުވުމެވެ. އަދި އިރު އަރައްޖެއުމަށް ދާންދެން ވަގުތު ދެމިގެންވެއެވެ. ފަތިސްވެއްޖެކަން ޔަޤީންވެއްޖެކަމުގައިވާނަމަ ކުރީކޮޅުގައި ނަމާދު އަދާކުރުން މުސްތަޙައްބުވެގެންވެއެވެ.
ބަޔާންވެގެން މިދިޔައީ الله سبحانه وتعالى ފަރުޟުކުރެއްވި ފަސްނަމާދުގެ ވަގުތުތަކެވެ. ތިބާގެ މައްޗަށް ވަނީ މިވަގުތުތަކަށް އިޙްތިރާމުކުރުމެވެ. އެއީ އެވަގުތުތަކުގެ ކުރިން ނުވަތަ ފަހުން ނަމާދު ކުރުމުން އެއްކިބާވުމަށެވެ. الله تعالى ވަޙީކުރެއްވިއެވެ. ((فَوَيْلٌ لِلْمُصَلِّينَ * الَّذِينَ هُمْ عَنْ صَلاتِهِمْ سَاهُونَ)) الماعون: 4-5 މާނައީ: “އެބައިމީހުންގެ ނަމާދާމެދު ހަނދާންނައްތައިލައިގެންހުރެ ނަމާދުކުރާމީހުންނަށް ވައިލުއޭކިޔުނު ވަދީ ހުއްޓެވެ.” އެބަހީ، ނަމާދު އޭގެ ވަގުތުން ފަސްކޮށްގެން ނަމާދުކުރާމީހުންނެވެ. އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ. ((فَخَلَفَ مِنْ بَعْدِهِمْ خَلْفٌ أَضَاعُوا الصَّلاةَ وَاتَّبَعُوا الشَّهَوَاتِ فَسَوْفَ يَلْقَوْنَ غَيّاً)) مريم: 59-60 މާނައީ: “ފަހެ، އެބޭކަލުންގެ ފަހުން ބަޔަކުއައެވެ. އެބައިމީހުން ނަމާދުތައް ނަގާލައި، އަދި ޝަހްވަތްތަކަށް ތަބާވެއެވެ. ފަހެ، އެބައިމީހުން (ނަރަކާގައިވާ) ޣައްޔުއޭ ކިޔުނު ވާދީއާ ކުރިމަތިލާނެއެވެ.” މިއާޔަތުގައިވާ ނަމާދުއެޅުމުގެ މާނަކަމުގައި ތަފްސީރު ޢިލްމުވެރިން ވިދާޅުވެފައިވަނީ، އެއީ ނަމާދު އޭގެ ވަގުތުން ފަސްކުރުންކަމުގައެވެ. ފަހެ، ނަމާދު ވަގުތުން ފަސްކުރާމީހުންނަށް ﷲ ނަންދެއްވާފައިވަނީ ނަމާދުމަތިން ހަނދާންނައްތާލާ، އެނަމާދުތައް ނަގާލާމީހުންކަމުގައެވެ. އެކަލާނގެ އެބައިމީހުން ނަރަކައިގައިވާ ވައިލުއާއި ޣައްޔުއޭ ކިޔުނު ވާދީއަށް ވައްދަވާހުއްޓެވެ. ނަމާދު މަތިން ހަނދާން ނެތުނުމީހާ ނުވަތަ އެވަގުތުގައި ނިދިފައިވާމީހާ، ފާއިތުވި ނަމާދުކުރުމަށް އަވަސްވެގަތުން ވާޖިބުވެގެންވެއެވެ.
ފާއިތުވެފައިވާ ނަމާދު ވީއެންމެ އަވަހަކަށް ކުރުން ވާޖިބުވެގެންވެއެވެ. ބައެއް ތަންދޮރު ނުދަންނަމީހުން ކަންތައްކުރާފަދައިން ޖެހިގެން އޮތް ނަމާދުގެ ވަގުތު ޖެހެންދެން އިންތިޒާރުނުކުރާށެވެ. އަދި ނަމާދުކުރުން ނަހީކުރައްވާފައިވާ ވަގުތުތައް ދަންދެންވެސް ނަމާދުކުރުން ލަސްނުކުރާށެވެ. އެމީހާގެޙާލު ތަންދޭ ގޮތެއްގެމަތިން ނަމާދުކުރާށެވެ. (ނުނިމޭ)
__________________________
މަރުޖިޢު:
* އަލްމުލައްޚަޞުލް ފިޤުހީ – ޞާލިޙު ބިން ފަވްޒާން އާލްފަވްޒާން. (ކުދި ބަދަލުތަކާއެކު)