އިމާމު މުސްލިމުގެ ޞަޙީޙުގައި ކުރައްވާފައިވާ ޝަރުޠު:
މި ފޮތުގައި އިމާމު ބުޚާރީގެ ޞަޙީޙުގެ ޝަރުޠު ބަޔާންކުރި އިރު މިކަންވާނީ ބަޔާންކޮށްފައެވެ. އަދި އިމާމު މުސްލިމު އެކަލޭގެފާނުގެ ޞަޙީޙުގައި ގެންގުޅުއްވި މަންހަޖު ބަޔާން ކުރަމުން، އިސްވެ ދިޔަ ނުކުތާގައިވެސް މިކަންވާނީ ކޮންމެވެސް ވަރަކަށް ބަޔާންކޮށްފައެވެ.
އިމާމު މުސްލިމުގެ ޞަޙީޙުގައި މުޢައްލަޤު ރިވާޔަތްތައްވޭ ހެއްޔެވެ؟
الحافظ أبو عمر بن الصلاح ވިދާޅުވިއެވެ.
“އިމާމު މުސްލިމުގެ ޞަޙީޙުގައި ވަރަށް މަދުން ނޫނީ މުޢައްލަޤު ރިވާޔަތެއް ނުވެއެވެ… އަދި الحافظ أبو على الغسانى الأندلسي ވިދާޅުވިއެވެ. އިމާމު މުސްލިމު އެކަލޭގެފާނުގެ ޞަޙީޙުގައި ގެންނަވާފައިވާ ރިވާޔަތްތައް މެދުކެނޑިގެން އައިސްފައިވަނީ 14 ތަނެއްގައެވެ.” [1]
ابن الصلاح ގެ މިބަސްފުޅު ގެންނަވާފައި الحافظ العراقي ވިދާޅުވިއެވެ.
“މިބަސްފުޅުގައި ވަރަށް ގިނަ ކަންތައްތައް އެކުލެވިގެންވެއެވެ.
“ފުރަތަމައީ: ހަމަކަށަވަރުން މުސްލިމުގައި (މުޢައްލަޤު ރިވާޔަތްތައް) މަދުކަމަށް ވިދާޅުވި ބަސްފުޅަކީ ތެދު ބަސްފުޅެކެވެ. ކަން އޮތީ އެގޮތަށެވެ. އެހެނަސް އެ ރިވާޔަތްތައް އައިސްފައިވާ ތަންތަން ބަޔާންކޮށްދިނުމަށް ތިމަން ބޭނުމެވެ. އެއީ އެ ރައްކާތެރިކުރުމަށެވެ.” ދެން އެއަށްފަހުގައި ތިން ތަނެއް ޛިކުރުކުރެއްވިއެވެ. އެއީ؛
ފުރަމަތަ: باب التيمم
ދެވަނަ: كتاب البيوع
ތިންވަނަ: كتاب الحدود
މިހުރިހާ ތަނެއްގައިވެސް ގެންނަވާފައިވާ ޞީޣާއަކީ: “وروى الليث” މިފަދައިންނެވެ. ދެން އެއަށްފަހުގައި ވިދާޅުވިއެވެ.
“އެންމެ ފަހު ދެ ޙަދީޘް – البيوع އަދި الحدود ގައި އައިސްފައިވާ ޙަދީޘް – އިމާމު މުސްލިމު އެންމެ ފުރަތަމަ ރިވާކުރެއްވީ ގުޅިފައިވާ ސަނަދަކުންނެވެ. ދެން އެއަށްފަހުގައި މި ދެ ސަނަދުވެސް ގެންނެވިއެވެ. އެހެންކަމުން އިމާމު މުސްލިމުގެ ޞަޙީޙުގައި މުޤައްދިމާއަށް ފަހުގައި މުޢައްލަޤު ޙަދީޘެއް ގުޅިފައިވާ ސަނަދަކުން ނުގެންނަވާ އެކަލޭގެފާނު ދޫކޮށްލާފައި ނުވެއެވެ. އެއީ التيمم ގެ ބާބުގައި ގެންނަވާފައިވާ أبو الجهم ގެ ޙަދީޘް ފިޔަވައެވެ.
އެހެންކަމުން އެކަލޭގެފާނު އިތުރު ސާދަތަނެއްގައި ގުޅިފައިވާ (متصل) ސަނަދުން ޙަދީޘްތައް ގެންނަވާފައި ދެން “މިވެނި މީހަކު މިފަދައިން ރިވާކުރެއްވި” ސަނަދުތައް އެއަށް ފަހުގައި ގެންނެވިއެވެ. މިކަން الرشيد العطار ވަނީ “الغرر المجموعة” ގައި ޛިކުރުކުރައްވާފައެވެ. މި ހުރިހާ ކަމެއް ތިމަން ވާނީ ތިމަން ޖަމާކޮށްފައިވާ ފޮތެއްގައި ބަޔާންކޮށްފައެވެ. އޭގައި ވާނީ ދެ ޞަޙީޙުގައިވާ، ޟަޢީފުކަމަށް ނުވަތަ މެދުކެނޑިފަކަމަށް މީސްތަކުން ވާހަކަދައްކާފައިވާ ޙަދީޘްތައް ޖަމާކޮށްފައެވެ.” [2]
الحافظ العراقي ގެ މި ބަސްފުޅަށް ތަޢުލީޤު ކުރައްވަމުން الحافظ ابن حجر ވިދާޅުވިއެވެ.
“މިބަސްފުޅުގައި ވަރަށް ގިނަ ކަންތައްތައް އެކުލެވިގެންވެއެވެ.
ފުރަތަމައީ: ‘އިތުރު ސާދަތަނެއްގައި’ ކަމަށް ވިދާޅުވެފައިވާ އިރު الرشيد العطار ގެ އަރިހުގައި ވަނީ ތޭރަ ތަނެވެ. އޭގެ އެއް ޙަދީޘް ވަނީ ތަކުރާރުވެފައެވެ. ޝައިޚު އެ ގޮތަށް ވިދާޅުވުމަށް މެދުވެރިވި ސަބަބަކީ أبو علي الجياني އާއި އެކަލޭގެފާނަށް ތަބާވެވަޑައިގެން المازري އެފަދައިން ސާދަ ތަނެއް ޛިކުރުކުރައްވާފައި ވާތީއެވެ.
ދެވަނައީ: ‘ގުޅިފައިވާ (متصل) ސަނަދުން ޙަދީޘްތައް ގެންނަވާފައި ދެން “މިވެނި މީހަކު މިފަދައިން ރިވާކުރެއްވި” ސަނަދުތައް އެއަށް ފަހުގައި ގެންނެވި’ ކަމަށް ވިދާޅުވެފައިވާއިރު، ހުރިހާ ޙަދީޘެއްގައި މިފަދައިން އައިސްފައި ނުވެއެވެ. އެފަދައިން އައިސްފައި ވަނީ ހަ ތަނެއްގައެވެ. ދެން އެއަށްފަހުގައި އެ ޙަދީޘްތައް ބަޔާންކުރެއްވިއެވެ. ދެން އިތުރަށް އައިސްވާ ހަތް ޙަދީޘްވެސް ބަޔާންކުރެއްވިއެވެ.
އެއީ ތަކުރާރުވި ޙަދީޘް ހިމަނައިގެންނެވެ. ދެން އެއަށް ފަހުގައި ވިދާޅުވިއެވެ. “އެހެންކަމުން އެއީ ޖުމްލަ ބާރަ ޙަދީޘެވެ. އެގޮތުން ހަ ޙަދީޘް އައިސްފައިވަނީ މުޢައްލަޤު ޙަދީޘެއްގެ ޞީޣައިގައެވެ. އަދި ހަ ޙަދީޘް އައިސްފައިވަނީ ގުޅިފައިވާ ޙަދީޘްގެ ޞީޣާގައެވެ. އެހެނަސް އެ ޙަދީޘްތަކުގައި އެކަލޭގެފާނަށް އެ ޙަދީޘް ކިޔައިދެއްވި ބޭކަލުން ބަޔާންކުރައްވާފައި ނުވެއެވެ. އެހެންކަމުން މިކަމުގައި ބުނުން ރަނގަޅު ގޮތަކީ: އިތުރު ހަ ތަނެއްވެސް އެފަދައިން ވެއެވެ. ބުނެވޭ ގޮތުގައި އެއީ މެދުކެނޑިފައިވާ ސަނަދުތަކެކެވެ. އެހެނަސް ޖުމްހޫރު މުޙައްދިޘުންގެ ރައުޔަކީ އެއީ މެދު ކެނޑިފައިވާ ރިވާޔަތްތަކެއް ނޫނެވެ. އެއީ ގުޅިފައިވާ ސަނަދެއްގައި ބަޔާންކުރައްވާފައި ނުވާ ރާވީއަކު ވުމެވެ.” [3]
= ނުނިމޭ =
[1] أبو عمرو بن الصلاح: صيانة صحيح مسلم (ص: 76).
[2] أبو الفضل عبد الرحيم بن الحسين العراقي: التقييد والإيضاح (ص: 15) ملخَّصاً.
[3] أبو الفضل أحمد بن علي بن حجر: النكت (1 / 344 – 353).