ދަންނަބޭކަލުން ބަޔާން ކުރައްވާ ގޮތުގައި ޚިލާފަކީ މުސްލިމުންގެ އެއްވެސް ޢިލްމުވެރިއެއްގެ ކިބައިގައި ޙުއްޖަތެއް ނޫނެވެ.
އިމާމު އިބްނުޢަބްދިލްބައްރު ވިދާޅުވެފައި ވެއެވެ:
[އުންމަތުގެ ފިޤުހުވެރީން ކުރެ ތިމަންމެން ދަންނަ އެއްވެސް ބޭކަލެއްގެ އަރިހުގައި، ދަންނަބޭކަލުންގެ މެދުގައި އޮތް ޚިލާފަކީ ޙުއްޖަތެއް ނޫނެވެ. އެ ޙުއްޖަތެއްކަމަށް ހަދައިގެން އުޅޭނީ ޝަރީޢަތުގެ ޢިލްމެއް އެ މީހެއްގެ ކިބައިގައި ނުވާ، ޝަރީޢަތް ނުވިސްނޭ މީހެކެވެ. އެފަދަ މީހެއްގެ ބަހުގައި ޙުއްޖަތެއް ނުވެއެވެ.][1]
އަލްޚައްޠާބީ ވިދާޅުވެފައި ވެއެވެ:
[ދަންނަބޭކަލުން މައްސަލައެއްގައި ޚިލާފުވެފައި ވުމަކީ (އޭގެ ޛާތުގައި) ޙުއްޖަތެއް ނޫނެވެ. އެހެނެއްކަމަކު ޙުއްޖަތަކީ، ޚިލާފުވެގަންނަ މީހުންނަށް ސުންނަތް ބަޔާންކޮށްދިނުމެވެ.][2]
އައްޝާޠިބީ ވިދާޅުވެފައި ވެއެވެ:
[މައްސަލަތަކުގައި ދަންނަބޭކަލުންގެ މެދުގައި ޚިލާފުވެފައި އޮތުމުން، އެއީ އެކަމެއް ޙުއްދަވުމުގެ ޙުއްޖަތެއްގެ ގޮތުގައި (ބައެއް މީހުން) ބަލަން ފަށައިފިއެވެ… މައްސަލައެއްގައި، އެ ކަމަކީ މަނާވެގެންވާ ކަމެއްކަމުގައި ފަތުވާ ދިނުމުން މީހަކު ބުނެފާނެއެވެ: “ތިޔަ މައްސަލައިގައި ދަންނަބޭކަލުންގެ މެދުގައި ޚިލާފު ވަނިކޮށް ތިޔައީ މަނާކަމެއްކަމުގައި ތިޔަ ބުނަނީ ކީއްވެގެން ހެއްޔެވެ؟” މި ގޮތަށް އެފަދަ މައްސަލަތަކުގައި ހަމައެކަނި ޚިލާފެއް ވާ ކަމަށްޓަކައި، އެ ކަމެއް ޙުއްދަ ކަމަށް ބުނާ ދަލީލަކަށް ބެލުމެއް ނެތި، އެ ޚިލާފު އެއީ ޙުއްޖަތެއް ކަމުގައި ބަލައެވެ. އަދި އެއީ އެކަމެއް މަނާކަމުގައި ނުވަތަ ޙުއްދަކަމުގައި ބުނި މީހާއަށް ވުރެ، އެ ބޭކަލަކަށް ތަޤުލީދު ކުރުން އެންމެ މޮޅުއިތުރު ވެގެންވާ އިތުރުއެކަލޭގެފާނަށް ތަޤުލީދު ކުރުމަކާވެސް ނުލައެވެ. މިއީ ކަނޑައެޅިގެން ޝަރީޢަތާ މެދު ހަދާ ގޯހެކެވެ! އެހެނީ މި ފަދައިން ކަންތައް ކުރާ މީހާ އެކަމެއްގެ މައްޗަށް ބުރަ ނުވެވޭނެކަމެއް، އެއީ އެކަމެއްގެ މައްޗަށް ބުރަވެވޭ ކަމަކަށް ހަދަނީއެވެ! އަދި ޙުއްޖަތެއްކަމުގައިވެސް ނުވާ ކަމެއް ޙުއްޖަތެއްކަމުގައި ބަލަނީއެވެ!][3]
[1] جَامعُ بَيَانِ الْعِلْمِ وفَضْلِه (2/922)
[2] أَعْلَامُ الْحَدِيث (3/209)
[3] الموافقات (93/5)