މި ކަންކަން މިއީ ދަންނަބޭކަލުންގެ މެދުގައިވާ ޚިލާފެއްކަމުގައި ދެކުމަށް ވުރެވެސް ނުބައީ، މިއީ މާތްރަސްކަލާނގެ ދީނުގައި ދެއްވައިފައިވާ ލުޔެއްކަމުގައި ދެކުމެވެ. ޒުވާނުންގެ ތެރެއިން އެފަދަ ކުއްޖެއްގެ ސަމާލުކަމަށް ގެނެސް، އެފަދަ މައްސަލައެއްގައި އޮތް ގޮތް ބުނެ ދީފިނަމަ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمގެ އަންނަނިވި ޙަދީޘް ބަސްފުޅު ތަކުރާރު ކުރެއެވެ:
((إنَّ اللهَ يحِبُ أن تُؤتَى رُخَصُه)) [1]
މާނައީ: “ހަމަކަށަވަރުން ﷲ ދެއްވައިފައި ވާ ލުއިތަކުގައި މީސްތަކުން ހިފުމަށް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ.”
ނަމަވެސް މިއީ ޝަރީޢަތުގައި ލިބިދީފައިވާ ލުއިތަކާއި ދަންނަބޭކަލުންގެ މެދުގައި އުފެދިފައިވާ އިޢުތިބާރެއް ނެތް ޚިލާފީ މައްސަލަތައް އިޖުތިހާދީ ޚިލާފުތަކާ އެއްކޮށްލައި އޮޅުވައިލުމެވެ. އެހެނީ މި ޙަދީޘުގައި އިތުރު އެކަލޭގެފާނު އެ ބަޔާންކުރައްވަނީ ﷲ އެކަލާނގެ އަޅުތަކުންނަށް އެކަލާނގެ ނަބީކަލޭގެފާނުގެ ދޫފުޅުގެ މަތިން ދެއްވަވާފައިވާ ލުއިތަކުގެ ވާހަކައެވެ. މީގެ ބައެއް މިސާލުތަކަކީ؛ ދަތުރުވެރިޔާއަށް ރަމަޟާން މަހުގެ ރޯދަ ދޫކޮށްލުމުގައި ލިބިދީފައިވާ ލުޔާއި ދަތުރުވެރިޔާ ނަމާދުތައް ޖަމްޢުކޮށް ޤަޞްރުކުރުމަށް ލިބިދީފައިވާ ލުއިފަދަ ކަންކަމެވެ. މިފަދަ ކަންކަމާ ޚިލާފަށް ބައެއް ޢިލްމުވެރި ބޭބޭކަލުން ދެއްވާފައިވާ ބައެއް ކަހަލަ ލުއިތައް އެއީ ސާބިތު ދަލީލާ ދިމާ އިދިކީލަ ލުޔެއްނަމަ؛ އެއީ ﷲ އެކަލާނގެ އަޅުތަކުންނަށް ދެއްވާފައިވާ ލުޔެއްކަމުގައި ނުވާނެއެވެ.
އިމާމު އަބޫ އަޙްމަދު އަލްޚަރަޖިއްޔު އަލްޤައްޞާބު ވިދާޅުވެފައި ވެއެވެ:
[މީސްތަކުން ކުރެ ގިނަ ބަޔަކު މި ޙަދީޘް (މަތީގައި އިޝާރާތް ކުރެވުނު ޙަދީޘް) އޭގެ ޙަޤީޤީ މަޤާމު ނޫން މަޤާމުތަކުގައި ބޭނުން ކުރާތީ ފެނެއެވެ. އަދި އެ ޙަދީޘުން ލިބޭން ނެތް ދަލީލެއް އެ ޙަދީޘުން ނެރެން އުޅެއެވެ. މިބައިމީހުންގެ ނަޒަރުގައި މި ޙަދީޘްގައި އިތުރު އެކަލޭގެފާނު ބަޔާންކުރައްވާފައިވާ ‘ލުއި’ތަކުގެ ތެރޭގައި ދަންނަބޭބޭކަލުން ބަޔާންކުރައްވާފައިވާ ލުއިތައް ހިމެނެއެވެ. ކަން އޮތީ އެ މަގަކަށް ނޫނެކެވެ! އެހެނީ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم އެ ޙަދީޘުގައި ލުޔެއްކަމަށް ބަޔާންކުރައްވައިފައި އެވަނީ ﷲ ލައްވަވާފައިވާ ލުއިތަކުގެ ވާހަކައެވެ. ޙަދީޘް ކުރައްވައިފައި އެވަނީ: ((إنَّ اللهَ يحِبُ أن تُؤتَى رُخَصُه)) މި ފަދައިންނެވެ. މާނައީ: [ހަމަކަށަވަރުން ﷲ ދެއްވައިފައި ވާ ލުއިތަކުގައި މީސްތަކުން ހިފުމަށް އެކަލާނގެ ލޯބިވެވޮޑިގެން ވެއެވެ.] އެހެންކަމުން އެކަލާނގެ ދެއްވާފައިވާ ލުއިތަކަކީ އެއީ ސީދާ އެކަލާނގެ ދީނުގައި ލައްވާފައިވާ ލުއިތަކެވެ… ދެން ދަންނަބޭބޭކަލުން (ދަލީލެއް ނެތި ނުވަތަ ދަލީލު އެ ބޭބޭކަލުންނަށް ވަންހަނާވުމުގެ ސަބަބުން) ލުޔެއް ބަޔާންކުރެއްވުމުން، އެ ކަމަކީ އެއީ ދީނުގައި ލައްވާފައިވާ ލުޔެކޭ ބުނެއްޖެ މީހާ، ﷲގެ މައްޗަށް ދޮގުހަދައިފިކަން ކަށަވަރެވެ.][2]
ދަންނަބޭބޭކަލުން (ދަލީލެއް ނެތި ނުވަތަ ދަލީލު އެ ބޭބޭކަލުންނަށް ވަންހަނާވުމުގެ ސަބަބުން) ލުޔެއް ކަމުގައި ބަޔާންކުރައްވާފައިވާ ކަންކަމާއި ބައެއް ދަންނަބޭބޭކަލުން މައްސަލައެއްގައި ދޫ ދެއްވާފައިވާ ވުމުން އެކަމުގައި ހިފައި، އެއަށް ތަބާވުމަށްޓަކައި އެފަދަ ކަންކަން ބަލައި ހޯދުމަކީ ބޮޑުވެގެންވާ މަގުފުރެދުމެކެވެ. ދަންނަބޭކަލުންވަނީ މިފަދަ ކަންކަމުގެ ނުރައްކާތެރިކަން އެފަދަ ކަންކަމަށް އެދޭ މީހުންނަށް ބަޔާން ކޮށްދެއްވާފައެވެ.
އިމާމު އިބްނު ޙަޒްމު ވިދާޅުވެފައި ވެއެވެ:
“ޤުރުއާނުން ނުވަތަ ސުންނަތުން ބާރު ލިބުމެއް ނެތި، ލުއި ހޯދުމަށް އުޅުމަކީ ޙުއްދަވެގެން ނުވާ، ފާސިޤުކަމެއްކަމަށް (ދަންނަބޭކަލުން) އިއްތިފާޤު ވެއެވެ.”[3]
[1] أخرجه أحمد (5866)، وابن حبان (2742)
[2] النكت الدالة على البيان في أنواع العلوم والأحكام (500/2)
[3] مراتب الإجماع (ص: 175).