القتل شبه العمد (قصدމަރާ ވައްތަރު މަރު)
فقه علمވެރިން ބަޔާންކުރައްވާގޮތުގައި القتل شبه العمد އަކީ މީހަކު މަރާލުމުގެ قصدއެއް ނެތި، މީހަކަށް އަނިޔާއެއް ދިނުމުގެ ނިޔަތުގައި މީހަކާ މެދު عدواني عملއެއް ހިންގުމުން އެމީހަކު މަރުވުމެވެ. قاتلގެ ބޭނުމަކީ މީހަކަށް އަދަބެއް ދިނުން ނުވަތަ ރުޅިވެރިކަމުގެ ގޮތުން އަނިޔާވެރި عملއެއް ހިންގުންކަމުގައިވެފައި އެކަމުގެ ތެރޭގައި ހައްދުފަހަނައަޅައިގެންގޮސް އަނިޔާ ލިބެމުންދިޔަ މީހާ މަރުވުމުން އެފަދަ ޙާލަތުގައި އެއީ القتل شبه العمد ކަމުގައި ބެލެވޭނެއެވެ. ”القتل شبه العمد“ ގެ ނަން ދެވިފައިވާ ސަބަބަކީ އެމީހާގެ ނިޔަތަކީ އަނިޔާއެއް ނުވަތަ އަދަބެއް ދިނުންކަމުގައިވެފައި، މަރާލުމުގެ قصدއެއް ނެތި އެމީހަކު މަރާލެވޭތީއެވެ.
މިކަމާއި ގުޅިގެން ابن رشد ވިދާޅުވެފައިވަނީ:
”މަރާލުމަށް ޢާންމުކޮށް ބޭނުންނުކުރާފަދަ އެއްޗަކުން މީހަކަށް ހަމަލާދިނުމުގެ ނިޔަތުގައި ކުށުގެ ޢަމަލެއް ހިންގައިފިނަމަ މިކަމުގެ ޙުކުމްވަނީ القتل العمد އާއި القتل الخطأ ގެ ދެމެދުގައެވެ… (އެބަހީ: މި ދެ ބާވަތުގެ ޤަތުލާވެސް އެއްގޮތުން ވައްތަރުވެއެވެ.) القتل العمد އާއި ވައްތަރު قتلއަކަށްވަނީ القاتل قصدގައި އަނިޔާ ކުރުމުންނެވެ. އަދި القتل الخطأ އާއި ވައްތަރުވަނީ ޢާންމުކޮށް މީހަކު قتلކުރުމަށް ބޭނުން ނުކުރާ އެއްޗަކުން ހަމަލާ ދިނުމުންނެވެ.“[1]
القتل شبه العمد ގެ މިސާލެއްގޮތުގައި ހިމެނޭ އެއް ޙާލަތަކީ ކުޑަ عصاއަކުން ނުވަތަ ހަންމުއްށި ފަދަ އެއްޗަކުން މަރުވެދާފަދަ ނުވަތަ ހަށިގަނޑުގެ ދިރިހުރުމަށް ބޭނުން ނުވާ (މަރު ވަޅު ފަދަ ތަންތަން ނޫން) ގުނަވަނެއްގައި ޖެހުމުގެ ސަބަބުން މަރުވުމެވެ. އެހެން ޙާލަތަކަށް ބަލާއިރު، ދިރިހުރުމަށް ބޭނުންނުވާ ގުނަވަނެއްގައި އަތުން އެތި ފަހަރެއް ޖެހުމުގެ ސަބަބުން ފަހުން އެ އަނިޔާގައި މަރުވުމެވެ. މިފަދަ ޙާލަތްތަކަކީ القتل شبه العمدގެ ވައްތަރުތަކެވެ. އަދި قاتلގެ މުދަލުން كفارة ދިނުން ވާޖިބުވެގެންވެއެވެ. القتل شبه العمد ގެ މަރުގެ ބަދަލުގައި القتل الخطأ އެކޭ އެއްފަދައިން كفارةގެ ގޮތުގައި مؤمنއަޅަކު މިނިވަން ކުރަން ޖެހޭނެއެވެ. މިނިވަން ކުރާނެ مؤمنއަޅަކު ނެތް ކަމުގައިވާނަމަ ނުވަތަ އެކަން ނުވާނަމަ ވިދިވިދިގެން ދެ މަސްދުވަހު ރޯދަ ހިފަން ޖެހޭނެއެވެ. މީގެ އިތުރުން قاتلގެ ޢާއިލާގެ ޢާޤިލާއިންގެ [2] މައްޗަށް دية ދިނުން واجبވެގެންދެއެވެ. أبو هريرة I ރިވާކުރެއްވި ބަސްފުޅެއްގައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. «اقْتَتَلَتِ امْرَأَتَانِ مِنْ هُذَيْلٍ، فَرَمَتْ إِحْدَاهُمَا الأُخْرَى بِحَجَرٍ قَتَلَتْهَا وَمَا فِي بَطْنِهَا، فَاخْتَصَمُوا إِلَى النَّبِيِّ صلى الله عليه وسلم فَقَضَى أَنَّ دِيَةَ جَنِينِهَا غُرَّةٌ عَبْدٌ أَوْ وَلِيدَةٌ، وَقَضَى دِيَةَ الْمَرْأَةِ عَلَى عَاقِلَتِهَا»[3] މާނައީ: ”هُذَيْل قبيلةގެ ދެ އަންހެނަކު ތަޅާފޮޅުމުގެ ތެރޭގައި އޭގެ ތެރެއިން އެކަކު އަނެކަކާ ދިމާލަށް ހިލަގަނޑެއް އެއްލުމުގެ ސަބަބުން އެކަކު މަރުވިއެވެ. އަދި އެމަރުވި އަންހެން މީހާގެ ބަނޑުގައި އޮތް ދަރިފުޅުވެސް މަރުވިއެވެ. މި މައްސަލަ ނަބިއްޔާ صلى الله عليه وسلم އާ ހަމައަށް ގެންދިޔުމުން ބަނޑުގައި އޮތް ދަރިފުޅުގެ ديةގެ ގޮތުގައި ފިރިހެން ނުވަތަ އަންހެން އަޅަކު މިނިވަންކޮށް، މަރާލެވުނު އަންހެނާގެ ديةގެ ގޮތުގައި قاتلގެ ޢާއިލާގެ ޢާޤިލާއިންގެ މައްޗަށް މަރުގެ دية ދިނުމަށް ނަބިއްޔާ صلى الله عليه وسلم ހަމަޖެއްސެވިއެވެ.“
މަތީގައި ދެންނެވިފައިވާ حديثއިން ދޭހަވާ ގޮތުގައި މި ވައްތަރުގެ މަރުގައި قصاص ހިފުމެއް ނުވާކަން ދޭހަވެގެންދެއެވެ. މީގެ އިތުރުން ދޭހަވެގެންދާކަމަކީ قاتلގެ ޢާއިލާގެ ޢާޤިލާއިންގެ މައްޗަށް دية ދިނުން واجبވެގެންދާކަމެވެ. القتل شبه العمد މަރަކީ قصاص ހިފުން واجبވެގެންނުވާ މަރުގެ ވައްތަރަކަށް ވުމުގެ ސަބަބުން القتل الخطأ އެކޭ އެއްފަދައިން دية ދިނުމަށް قاتلގެ ޢާއިލާގެ ޢާޤިލާއިންގެ މައްޗަށް واجبވެގެންދެއެވެ.
ابن المنذر ވިދާޅުވެފައިވެއެވެ.
”القتل شبه العمد ގެ دية ދިނުމަށް قاتلގެ ޢާއިލާގެ ޢާޤިލާއިންގެ މައްޗަށް واجب ވެގެންވާކަމަށް ހުރިހާ مسلم علمވެރިން إجماع ވެފައިވެއެވެ.“[4]
މީގެ އިތުރުން الموفّق ވިދާޅުވެފައިވެއެވެ.
”القتل شبه العمد ގެ دية ދިނުމަށް قاتلގެ ޢާއިލާގެ ޢާޤިލާއިންގެ މައްޗަށް واجب ވެގެންވާކަމުގެ ރައުޔުއަށް ދެބަސްވުމެއްވާކަން އެނގިލައްވާފައެއް ނުވެއެވެ.“[5] އަދި މިކަމަށް އެހެން علمވެރިންވެސް އެއްބަސްވެވަޑައިގަންނަވައެވެ.
[1] بداية المجتهد ونهاية المقتصد لمحمد بن أحمد بن محمد بن رشد الأندلسي [2/486].
[2] العاقلة އިންނަކީ: دية އަދާކުރާ މީހުންނެވެ. އެއީ عصبةގެ ތެރެއިން ބައްޕަ ފަރާތުގެ ތަނަވަސްކަން ލިބިގެންވާ މީހުންނެވެ.
[3] متفق عليه: البخاري (6910) [12/314]: الديات (26) : ومسلم (4367) [6/177].
[4] الإجماع لابن المنذر [ص172].
[5] المغني لعبد الله بن محمد بن قدامة المقدسي [12/16].