[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ﷲ ތަޢާލާ ވޮޑިގެންވަނީ ހަތް އުޑުގެ މަތީގައިވާ ޢަރުޝީގެ މަތީގައި

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި ﷲ ތަޢާލާ ވޮޑިގެންވުމަށް ވަކިތަނެއް، ވަކިފަރާތެއް ޚާއްޞަވެފައި ނުވެއެވެ. ނަމަވެސް މިއީ ސުންނަތް ޖަމާޢަތުގެ ޢަޤީދާއާ ޚިލާފު، ބާޠިލު ޢަޤީދާއެކެވެ.

 

ޝަރަޙަ: 

އަހްލުލް ކަލާމުގެ އަޘަރުކޮށްފައިވާ ބައެއް މީހުންނަށް ހީވެފައިވަނީ ﷲ ތަޢާލާ އެއްވެސް ފަރާތެއްގައި ވާކަމަށް ބުނުމީ ހުއްދަކަމެއް ނޫންކަމުގައެވެ. އެހެންކަމުން ﷲ ތަޢާލާއަށް ޢުލުއްވުއް ޛާތުގެ ޞިފަފުޅު ލިބިވޮޑިގެންވާކަން (އެބަހީ: އެންމެހާ މަޚްލޫޤުންނަށް ވުރެ މަތީގައި ވޮޑިގެންވާކަން) އެބައިމީހުން އިންކާރުކުރެއެވެ. އެބައިމީހުންނަށް ހީވެފައި އޮންނަނީ ވަކި ފަރާތެއްގައި ﷲ ތަޢާލާ ވޮޑިގެންވާކަމަށް ބުނުމުން އެއިލާހު ވަކިތަނަކަށް ޙަޞްރުކުރެވުނީ (އެބަހީ: ބަންދުކުރެވުނީ) ކަމުގައެވެ.

 

ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ނިސްބަތްކޮށް الجِهَة (ވަކި “ފަރާތެއް”) މި ލަފްޡު ޝަރުޢީ ނައްޞުތަކުގައި ނަފީކޮށްފައި ނުވެއެވެ. އަދި ޘާބިތުކޮށްފައިވެސް ނުވެއެވެ. އެހެންކަމުން އެއިލާހު ވަކި ފަރާތެއްގައިވާކަމަށް ބުނާ މީހާގެ މުރާދާމެދު ސުވާލުކުރަން ޖެހެއެވެ.

  •  ﷲ ސުބްޙާނަހޫ ވަތަޢާލާއަށް الجِهَة (ވަކި “ފަރާތެއް”) ނިސްބަތްކުރުމުގެ މުރާދަކީ ޢުލުއްވުގެ ޞިފަފުޅު ލިބިވޮޑިގެންވާކަމަށް ބުނުންކަމުގައިވާނަމަ ދަންނައެވެ. އެއިލާހަށް ޢުލުއްވުގެ ޞިފަފުޅު ލިބިވޮޑިގެންވާކަމަށާއި އެއިލާހު އިސްތަވާވެވޮޑިގެންވާކަން ދަލާލަތުކޮށްދޭ ޝަރުޢީ ދަލީލުތައް ހާހަކަށްވުރެ ގިނަކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿أَأَمِنتُم مَّن فِي السَّمَاءِ أَن يَخْسِفَ بِكُمُ الْأَرْضَ فَإِذَا هِيَ تَمُورُ﴾ [سورة الملك ١٦]

މާނައީ: “އުޑުގެ މަތީގައިވާ އިލާހު، ތިޔަބައިމީހުންނާއިގެން ބިންގަނޑު ގަންބަވައިގެންފާނެކަމާމެދު (ބިރެއްނެތި) އަމާންކަމުގައި ތިޔަބައިމީހުން ތިބީ ހެއްޔެވެ؟ ފަހެ، އެހާރުން ބިންގަނޑު ތެޅިފޮޅިގަންނާނެއެވެ.”

އެހެންކަމުން އެއިލާހު ވޮޑިގެންވަނީ އުޑުތަކަށް ވުރެ މަތީގައި، އެއިލާހު ޛާތުފުޅާ އެކަށީގެންވާ ގޮތުގައެވެ. އަދި އަށާރަ ބާވަތުގެ ދަލީލުން ޢިލްމުވެރިން މިކަން ޘާބިތުކުރައްވާފައިވެއެވެ. އެގޮތުން އެއިލާހު މަތީގައި ވޮޑިގެންވާކަމަށް އައިސްފައިވާ ޞަރީޙަ އާޔަތްތަކާއި، މަލާއިކަތުން އެއިލާހުގެ ޙަޟްރަތަށް އަރާވަޑައިގަންނަވާކަމާއި، ފޮތް ބާވައިލެއްވުމާއި، ބައެއް މަޚްލޫޤުން އެއިލާހުގެ ޙަޟްރަތަށް އުފުއްލެވުމާ އަދި މިނޫނަސް ކީރިތި ޤުރުއާނާއި ސުންނަތުން ޘާބިތުވާ އެތައް ދަލީލެއް ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ. މި ފަދައިން ޝައްކެތް ނެތް މިންވަރަށް ދީނުގައި ޘާބިތުވެފައިވާ ކަމަކަށް އިންކާރުކުރުމީ ގިނަ ޞައްޙަ ޝަރުޢީ ދަލީލުތަކަކަށް އިންކާރުކުރުމެވެ.

 އަދި ﷲ ތަޢާލާއަށް الجِهَة (ވަކި “ފަރާތެއް”) ނިސްބަތްކުރުމުގެ މުރާދަކީ އެއިލާހު ވަކި މަޚްލޫޤެއްގެ ތެރޭގައިވުންކަމުގައިވާނަމަ ދަންނައެވެ. މިއީ ކީރިތި ޤުރުއާނާއި ސުންނަތާ އަދި ސުންނަތްޖަމާޢަތުގެ ޢަޤީދާއާ ޚިލާފު ބާޠިލު މާނައެކެވެ.

﴿وَلِلَّهِ الْمَشْرِقُ وَالْمَغْرِبُ ۚ فَأَيْنَمَا تُوَلُّوا فَثَمَّ وَجْهُ اللَّهِ ‎﴾ [سورة البقرة ١١٥]

މާނައީ: “މަޝްރިޤާއި މަޣްރިބު މިލްކުވެގެންވަނީ ﷲ އަށެވެ. ފަހެ ތިޔަބައިމީހުން ކޮންމެ ފަރާތަކަށް އެނބުރުނަސް އެތަނެއްގައި ﷲގެ ވަޖުހުފުޅު ވޮޑިގެންވެއެވެ.”

ދެންފަހެ މި އަޔާތަކީ ﷲ ތަޢާލާ އިސްތަވާވެވޮޑިގެންވާކަމާއި އެއިލާހުގެ ޢުލުއްވު ނަފީކުރުމަށް އޮތް ޙުއްޖަތެއް ނޫނެވެ. އެހެނީ ﷲ ތަޢާލާގެ ޛާތުފުޅު އުޑުތަކަށް ވުރެ މަތީގައި ވޮޑިގެންވާކަމަށާއި އެއިލާހުގެ މަތިވެރިކަމަށް އެތައް ޞަރީޙަ ދަލީލެއް އައިސްފައިވެއެވެ. އަދި އެ ފަދައިން އައިސްފައިވާ ނައްޞުތަކަކީ މުޙްކަމު އަދި ޤަޠުޢީ ނައްޞުތަކެކެވެ. އެހެންކަމުން މި އާޔަތް މާނަކުރަން ޖެހޭނީ އެކަން ނަފީނުވާ ގޮތަށެވެ. އަދި މިކަމާ ގުޅޭގޮތުން އައިސްފައިވާ ޙަދީޘްތަކުގެ އަލީގައެވެ. އަދި ސަލަފުންގެ ބޭކަލުން ތަފްސީރުތަކުރައްވާފައިވާ ގޮތަށެވެ. އެގޮތުން ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިން މިއާޔަތް ތަފްސީރުކުރައްވާފައިވާ ގޮތަށް ބަލާލާއިރު:

  •  މިއީ ﷲ ތަޢާލާގެ ޢުލުއްވު ނަފީކުރާ އާޔަތެއްކަމުގައި އެބޭކަލުން ދެކިވަޑައިނުގަންނަވައެވެ.
  •  ބައެއް ބޭކަލުން ތަފްސީރުކުރައްވާފައިވަނީ މި އާޔަތުގައިވާ وَجْهُ اللَّـهِ އަކީ އެއިލާހުގެ މޫނުފުޅުކަމުގައެވެ. އެބަހީ: ފަހެ ތިޔަބައިމީހުން ކުރިމަތިލީ ކޮންމެ ދިމާއެއްގައި ﷲ ތަޢާލާގެ މޫނުފުޅުވާނެއެވެ. އަދި އެބޭކަލުން ވިދާޅުވަނީ މިކަމުގެ ކައިފިއްޔަތަކީ އިންސާނުންނަށް އެނގޭނެކަމެއް ނޫންކަމުގައެވެ. އަދި މިއީ ﷲ ތަޢާލާގެ ޢުލުއްވު ނަފީވާކަމެއްވެސް ނޫނެވެ. މި ހުރިހާކަމަކަށްވެސް އީމާންވާން ޖެހޭނެއެވެ.
  •  އަދި ބައެއް ބޭކަލުން މި އާޔަތުގައިވާ وَجْهُ اللَّـهِ އަކީ “ﷲ ލެއްވި ދިމާ”ކަމުގައިވެސް މާނަކުރައްވައެވެ. އެހެނީ ދަތުރުމަތީގައި ސުންނަތް ނަމާދުތައް ކޮންމެ ދިމާއަކަށް ހުރެ ކުރެވިދާނެއެވެ.

 

ޚުލާޞާ:

ﷲ ތަޢާލާއަށް އެއިލާހުގެ ޛާތުފުޅާ އެކަށީގެންވާގޮތުގައި ޢުލުއްވުއް ޛާތުގެ ޞިފަލިބިވޮޑިގެންވާކަން (އެބަހީ: އެންމެހާ މަޚްލޫޤުންނަށްވުރެ މަތީގައި ވޮޑިގެންވާކަން) ޤަބޫލުކުރުމީ އަހްލުއްސުންނަތުގެ ޢަޤީދާއެވެ. އަދި އެކަން އިންކާރުކުރުމީ އަހްލުއްސުންނަތުގެ ޢަޤީދާއާ ޚިލާފުކަމެކެވެ.


 

މަޞްދަރު:

مجموع الفتاوى لابن تيمية (3 / 42).

الصواعق المرسلة لابن القيم (4 / 1279).

إعلام الموقعين لابن القيم (2 / 215).

تعليق ابن باز لفتح الباري (2 / 133).

مجموع فتاوى ورسائل العثيمين (١٠ / ١١٣١).

شرح العقيدة الواسطية لابن عثيمين(١ / ٢٤٣ – ٢٤٥ .(

ގުޅުންހުރި ލިޔުންތައް:

ﷲ ވޮޑިގެންވަނީ ކޮންތާކު؟

ﷲ އެއިލާހުގެ ޛާތުފުޅައިގެން ވޮޑިގެންވަނީ ހުރިހާ ތަނެއްގައިކަމަށް ޤަބޫލުކުރާމީހަކަށް ވުރެ މަގުފުރެދިފައިވާ މީހަކު ފަހެ ކޮބައިބާ؟

توحيد الأسماء والصفات އަށް އީމާންވުން

الأسماء والصفات ގައި މަޚްލޫޤުންނާ އެއްވައްތަރުވުމުން ﷲ ހުސްޠާހިރުވެގެންވެއެވެ.