الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
* ނަބިއްޔާ ﷺ އުފަންވީ ތާރީޚް
ނަބިއްޔާ ﷺ އުފަންވީ ޢާމުލް ފީލުގައިކަމަށް ޢިލްމުވެރިންވަނީ އެއްބަސްވެޑައިގެންފައެވެ. އެއީ އަބްރަހާގެ ލަޝްކަރު ގެފުޅު މުގުރާލަން އައި އަހަރެވެ. އަދި އެކަލޭގެފާނު އުފަންވީ ހޯމަ ދުވަހެއްގައިކަން ޞައްޙަ ޙަދީޘުން ޘާބިތުވެއެވެ. އެހެނަސް އެކަލޭގެފާނު އުފަންވީ ސީދާ ކޮން ތާރީޚެއްގައި ކަމާ މެދުގައި އެބޭކަލުން ވަނީ ޚިލާފުވެފައެވެ. ޚިލާފުވެފައިވަނީ އެއީ ކޮން މަހެއްގެ ކޮން ދުވަހެއް ކަމާމެދުގައެވެ. އެގޮތުން އިބްނު ކަޘީރު رحمه الله ގެ السيرة النبوية ގައި މި ޚިލާފުގެ ވާހަކަ ބަޔާންކުރައްވާ ތަފާތު ތާރީޚުތައް ޛިކުރު ކުރައްވާފައިވެއެވެ. އޭގެ ތެރޭގައި:
– ރަބީޢުލް އައްވަލް މަހުން 2 ރޭ ފާއިތުވީ ފަހުން
– ރަބީޢުލް އައްވަލް މަހުން 8 ރޭ ފާއިތުވީ ފަހުން
– ރަބީޢުލް އައްވަލް މަހުން 10 ރޭ ފާއިތުވީ ފަހުން
– ރަބީޢުލް އައްވަލް މަހުން 12 ރޭ ފާއިތުވީ ފަހުން
– ރަބީޢުލް އައްވަލް މަހުން 17 ރޭ ފާއިތުވީ ފަހުން
– ރަބީޢުލް އައްވަލް މަސް ނިމެން 8 ދުވަހަށް ވެފައި ވަނިކޮށް
– ރަމަޟާން މަހުގައި
– އައްޔާމުއް ތަޝްރީޤުގައި
الرحيق المختوم (ص: 45) ގައި މުބާރަކްފޫރީ رحمه الله ވިދާޅުވެފައިވެއެވެ.
“سيد المرسلين ﷺ އުފަންވީ ފީލުގެ ޙާދިޘާ ހިނގިތާ ފުރަތަމަ އަހަރުގެ ރަބީޢުލް އައްވަލް މަހުގެ 9 ވީ ހޯމަ ދުވަހުގެ ހެނދުނު، މައްކާގެ ޝިޢުބު ބަނީ ހާޝިމްގައެވެ. އެއީ ކިސްރާ އަނޫޝިރްވާންގެ ވެރިކަމަށް 40 އަހަރުވީ ފަހުންނެވެ. މުޙައްމަދު ސުލައިމާން އަލްމަންޞޫރު ފޫރީ އާއި ފަލަކީ ޢިލްމުވެރިޔާ މަޙްމޫދު ބާޝާ ވިދާޅުވާގޮތުގައި އެ ދުވަސް ދިމާވަނީ މީލާދީ ގޮތުން 571 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ނުވަތަ 21 ވަނަ ދުވަހާއެވެ.”
އެކަލޭގެފާނު އަވަހާރަވީ ހިޖުރައިން 11 ވަނަ އަހަރުގެ ރަބީޢުލް އައްވަލް މަހުގެ 12 ވީ ހޯމަ ދުވަހުގެ ހެނދުނެވެ. މިކަމުގައި ޚިލާފެއް ނުވެއެވެ.
* ނަބިއްޔާ ﷺ ގެ ޢީދު މީލާދު ފާހަގަކުރަން ފެށުނު ގޮތް
އެންމެ ފުރަތަމަ ނަބިއްޔާ ﷺ ގެ ޢީދު މީލާދު ފާހަގަކުރަން ފެށި ބަޔަކީ ފާޠިމީންނެވެ. އެބައިމީހުން އެނަން ދީފައިވަނީ ނަބިއްޔާ ﷺ ގެ ދަރިކަނބަލުން ފާޠިމަތުގެފާނުގެ ދަރިފަސްކޮޅަށް ނިސްބަތްކޮށެވެ. ނަމަވެސް މިއީ އެބައިމީހުން ކުރާ ބާޠިލު ދަޢުވާއެކެވެ. އެބައިމީހުންނަށް ޢުބައިދީންނޭވެސް ކިޔައެވެ. އެއީ އެބައިމީހުންގެ ޒައީމަށް ނިސްބަތްކޮށެވެ. އެބައިމީހުންގެ ޒައީމަކީ އަބޫ މުޙައްމަދު ޢުބައިދުﷲ ބުން މައިމޫން އަލްޤައްދާޙެވެ. އޭނާއަކީ ސަލަމިއްޔާގެ ޔަހޫދީއެވެ. އޭނާ އިސްލާމްވިކަމަށް ދަޢުވާކޮށް ސަލަމިއްޔާއިން މަޣުރިބަށް ދިޔައެވެ. މަޣުރިބުގައި ފާޠިމީ ދަޢުލަތް ފެށީ މި ޢުބައިދުﷲ އެވެ. މި ދަޢުލަތަށް ޢުބައިދީ ދަޢުލަތޭވެސް ކިޔައެވެ. ފާޠިމީންނަކީ ބާޠިނީ [1] ފިރުޤާއަށް ނިސްބަތްވާ ބައެކެވެ.
ފާޠިމީންގެ ޚިލާފަތުގައި މުޅި އަހަރު އޮންނަނީ ޢީދުތަކާއި މޫސުންތައް ފާހަގަކުރުމެވެ. އެ ގޮތުން އެބައިމީހުން ފާހަގަކުރި ދުވަސްތަކުގެ ތެރޭގައި: އަހަރު ފެށޭ ދުވަހާއި، ޢާޝޫރާ ދުވަހާއި، ނަބިއްޔާ ﷺ ގެ ޢީދު މީލާދާއި، ޢަލީގެފާނާއި ޙަސަނުގެފާނާއި ޙުސައިންގެފާނު އަދި ފާޠިމަތުގެފާނުގެ ޢީދު މީލާދާއި، އެއިރަކު ހުންނަ ޚަލީފާއެއްގެ ޢީދު މީލާދާއި، ރަޖަބު މަހުގެ ފުރަތަމަ ވިލޭރޭ އަދި އެ މަސް ދެބައިވާ ރެއާއި، ޝަޢުބާން މަހުގެ ފުރަތަމަ ރޭ އަދި އެ މަސް ދެބައިވާ ރެއާއި، ރަމަޟާން މަހުގެ ރޭތަކާއި، ރަމަޟާން މަސް ފެށުމާއި، ޚަތިމުކުރާ ރެއާ އަދި މިނޫންވެސް ޢީދުތަކާއި މޫސުންތައް ހިމެނެއެވެ.
ފާޠިމީން ނަބިއްޔާ ﷺ ގެ ޢީދު މީލާދު ފާހަގަކުރަން ފެށީ މިޞްރުގެ ޤާހިރާގައި، ހިޖުރައިން 4 ވަނަ ޤަރުނުގައެވެ. އެގޮތުން އެބައިމީހުން 6 މައުލިދެއް ވަރަށް ކުލަގަދަކޮށް ފާހަގަކުރިއެވެ. އެއީ ނަބިއްޔާ ﷺ ގެ މައުލިދާއި، ޢަލީގެފާނުގެ މައުލިދާއި ފާޠިމަތުގެފާނުގެ މައުލިދާއި، ޙަސަނުގެފާނުގެ މައުލިދާއި، ޙުސައިންގެފާނު މައުލިދު އަދި އެއިރަކު ހުންނަ ޚަލީފާއެއްގެ މައުލިދެވެ. الأفضل بن أمير الجيوش އެކަން ހުއްޓާލަންދެން ކޮންމެ އަހަރަކު އެބައިމީހުން މި ދުވަސްތައް ފާހަގަކުރަމުން ދިޔައެވެ. ދެން އަލުން މިކަން ފެށީ الآمر بأحكام الله އެވެ.
މޫޞަލްގެ އިރްބިލްގައި މިކަން އެންމެ ފުރަތަމަ ފެށީ ހިޖުރައިން 7 ވަނަ ޤަރުނުގައި المظفر أبو سعيد ގެ ރަސްކަމުގައެވެ. އޭގެ ފަހުން މިކަން ދެމިގެން އައިސް މިހާރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުން ދެއެވެ.
ފާޠިމީން މި ދުވަސް ފާހަގަކުރީ ރަބީޢުލް އައްވަލް މަހުގެ 12 ވަނަ ދުވަހުގައެވެ. އެއީ ނަބިއްޔާ ﷺ އަވަހާރަވި ދުވަހެވެ. މިކަމަށް ޚިލާފެއް ނެތެވެ. އެކަލޭގެފާނު އުފަންވި ދުވަހާމެދު އެހާ ބޮޑު ޚިލާފެއް އޮތް އިރު، އެކަލޭގެފާނު އަވަހާރަވީ ދުވަހު، އެއީ އެކަލޭގެފާނު އުފަންވި ދުވަސްކަމަށް ބަލާ އުފާފާޅުކޮށް ބޮޑެތި ހަފްލާތައް ބޭއްވުމަކީ ހަމަ ބުއްދިއަށްވެސް ޤަބޫލުކުރަން އުނދަގޫ ކަމެކެވެ. އެކަލޭގެފާނު އަވަހާރަވީ ދުވަހަކީ މި އުންމަތަށް އެންމެ ހިތާމަވެރި އެއް ދުވަހެވެ.
* ނަބިއްޔާ ﷺ ގެ ޢީދު މީލާދު ފާހަގަކުރުމުގެ ޙުކުމް
މިއީ ނަބިއްޔާ ﷺ އާއި ހަތަރު ޚަލީފާއިންނާއި އެހެން ޞަޙާބީންވެސް އަދި އެންމެ ހެޔޮ 3 ޤަރުނުގެ ބޭކަލުންވެސް ފާހަގަކުރި ދުވަހެއް ނޫނެވެ. އެއީ ނަބިއްޔާ ﷺ ގެ ސުންނަތް އެންމެ ބޮޑަށް ދެނެވަޑައިގަންނަވާނެ ބޭކަލުންނެވެ.
ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.
«خَيْرُ النَّاسِ قَرْنِي، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ الَّذِينَ يَلُونَهُمْ» [رواه البخاري (2652)، ومسلم (212 – (2533))]
މާނައީ: “މީސްތަކުންގެ ތެރެއިން އެންމެ ހެޔޮވެގެންވަނީ ތިމަންކަލޭގެފާނުގެ ޤަރުނެވެ. ދެން އެބައިމީހުންގެ ފަހުން އަންނަ މީހުންނެވެ. ދެން އޭގެ ފަހުން އަންނަ މީހުންނެވެ.”
ނަބިއްޔާ ﷺ ގެ ޢީދު މީލާދަކީ ބާޠިނީ، ފާޠިމީން ދީނަށް އަލަށް ވެއްދި ބިދުޢައެކެވެ. އެހެންކަމުން މި ދުވަސް ފާހަގަކުރުމަކީ ހުއްދަ ކަމެއް ނޫނެވެ.
ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.
«مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ، فَهُوَ رَدٌّ» [رواه البخاري (2697)]
މާނައީ: “ތިމަންމެންގެ މި ދީނުގައި ނެތް ކަމެއް (ބިދުޢައެއް) އުފައްދައިފި މީހާ ދަންނައެވެ. ފަހެ، އެކަމެއްވަނީ (ބާޠިލުވެ) ރައްދުވެގެންނެވެ.”
އަދިވެސް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«وَإِيَّاكُمْ وَالْأُمُورَ الْمُحْدَثَاتِ، فَإِنَّ كُلَّ بِدْعَةٍ ضَلَالَةٌ» [رواه ابن ماجه (42) وصححه الألباني صحيح الترغيب والترهيب (37)]
މާނައީ: “އަދި އަލަށް އުފެދޭ ކަންކަމާމެދު (ބިދުޢަތަކާމެދު) ރައްކާތެރިވެ ތިބޭށެވެ. ފަހެ ހަމަކަށަވަރުން ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.”
* ނަބިއްޔާ ﷺ ހޯމަ ދުވަހު ރޯދަ ހިއްޕެވުން
ހޯމަ ދުވަހުގެ ރޯދައާ ބެހޭ ގޮތުން ނަބިއްޔާ ﷺ ގެ އަރިހުގައި ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވިއެވެ.
«ذَاكَ يَوْمٌ وُلِدْتُ فِيهِ، وَيَوْمٌ بُعِثْتُ – أَوْ أُنْزِلَ عَلَيَّ فِيهِ -» [رواه مسلم (197 – (1162))]
މާނައީ: “އެއީ އެ ދުވަހެއްގައި ތިމަންކަލޭގެފާނު އުފަންވީ ދުވަހެވެ. އަދި ތިމަންކަލޭގެފާނު ނަބީކަމާއިގެން ފޮނުއްވުނު ދުވަހެވެ. – ނުވަތަ ތިމަންކަލޭގެފާނަށް ވަޙީ ބާވައިލެއްވުނު ދުވަހެވެ. -“
މި ޙަދީޘްގެ އަލީގައި އެކަލޭގެފާނު އުފަންވީ ދުވަހަށްވުމުން ހޯމަ ދުވަހު ރޯދަ ހިއްޕެވިކަމަށާ އަދި މިކަމުން އެކަލޭގެފާނު އުފަންވީ ދުވަސް ފާހަގަކުރުން ހުއްދަކަން ދޭހަވާކަމަށް ބައެއް މީހުން ބުނެއެވެ. ނަމަވެސް މި ޙަދީޘްގައި އޮތީ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ރޯދަ ހިއްޕަވާ ވާހަކައެވެ. މަހަކު 4 ނުވަތަ 5 ހޯމަ ދުވަސް އަންނާނެއެވެ. އެހެންކަމުން އަހަރަކު އެއް ދުވަސް ފާހަގަކުރުމާ އެކަން އެއްވަރުކުރާނީ ކިހިނެތް ހެއްޔެވެ! ހަމައެކަނި ރަބީޢުލް އައްވަލް މަހުގެ ހޯމަ ދުވަސްތައް ރޯދަ ހިއްޕެވުމަށް ޚާއްޞަކޮށްފައެއް ނުވެއެވެ. ނުވަތަ ރަބީޢުލް އައްވަލް މަހުގެ 12 ވަނަ ދުވަސް ރޯދަ ހިއްޕެވުމަށް ޚާއްޞަކުރެއްވިކަންވެސް އެނގޭކަން ނެތެވެ. އެހެންކަމުން މިއީ “قياس مع الفارق” އާ އެކުގައި (އަޞްލާ ފަރުޢާ ދެމެދުގައި ޤިޔާސް ނުކުރެވޭނެފަދަ ފަރަޤެއް އޮއްވާ ޤިޔާސްކޮށްގެން) ކުރާ ބާޠިލު ޤިޔާސެކެވެ.
އަދި އެހެން ޙަދީޘްއެއްގައި ވެއެވެ.
«تُعْرَضُ الأَعْمَالُ يَوْمَ الاِثْنَيْنِ وَالخَمِيسِ، فَأُحِبُّ أَنْ يُعْرَضَ عَمَلِي وَأَنَا صَائِمٌ» [رواه الترمذي (747) وصححه الألباني في إرواء الغليل (949)]
މާނައީ: “ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު (ﷲ ގެ ޙަޟްރަތަށް) ޢަމަލުތައް ހުށައެޅެއެވެ. ފަހެ، ތިމަންކަލޭގެފާނުގެ ރޯދައަށް ހުންނަވަނިކޮށް ތިމަންކަލޭގެފާނުގެ ޢަމަލުފުޅުތައް ހުށަހެޅުމަށް ތިމަންކަލޭގެފާނު ލޯބިކުރައްވަމެވެ.”
ނަބިއްޔާ ﷺ އަކީ ޚަލްޤުތަކުންގެ ތެރެއިން އެންމެ މާތް މަޚްލޫޤެވެ. އެކަލޭގެފާނު ދެކެ ލޯބިވުމަކީ ދީނުގެ ވާޖިބުތަކުގެ ތެރެއިން އެންމެ މަތިވެރި އެއް ވާޖިބެވެ. އެކަލޭގެފާނު ދެކެ ލޯބިވާނަމަ އަޅުގަނޑުމެންނަށް ލާޒިމުވެގެންވަނީ އެކަލޭގެފާނަށް ތަބާވުމެވެ. އެކަލޭގެފާނުގެ ސުންނަތް ދެކެ ލޯބިވުމެވެ. އަދި އެކަލޭގެފާނަށް އިހާނެތި ބަސްބުނެވޭ ހިނދު އެކަލޭގެފާނު ދިފާޢުކޮށް ނަޞްރު ދިނުމެވެ. އަދި ބިދުޢަތަކުން ދުރުހެލިވުމެވެ.
ޤިޔާމަތްދުވަހު، ނަބިއްޔާ ﷺ އެކަލޭގެފާނުގެ ޙައުޟުގެ ކައިރީގައި މި އުންމަތުގެ މީހުންނަށް ފެން ދިނުމަށް ހުންނަވަނިކޮށް އެތަނުން ބަޔަކު ދުރަށްލެވޭ ވާހަކަ ބަޔާންކުރައްވާފައިވާ ޙަދީޘްގައިވެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«فَأَقُولُ إِنَّهُمْ مِنِّي، فَيُقَالُ: إِنَّكَ لاَ تَدْرِي مَا أَحْدَثُوا بَعْدَكَ، فَأَقُولُ: سُحْقًا سُحْقًا لِمَنْ غَيَّرَ بَعْدِي» [رواه البخاري (6584)]
މާނައީ: “ފަހެ އެބައިމީހުންވަނީ ތިމަންކަލޭގެފާނާ އެކުގައިކަމަށް ތިމަންކަލޭގެފާނު ޙަދީޘްކުރައްވާނަމެވެ. ފަހެ ތިމަންކަލޭގެފާނަށް ދެންނެވޭނެއެވެ. ކަލޭގެފާނަށް ފަހު އެބައިމީހުން ގެނެސްގަތް ކަންތައްތައް ކަލޭގެފާނަށް އެނގިވަޑައިގެން ނުވެއެވެ. ފަހެ ތިމަންކަލޭގެފާނު ޙަދީޘްކުރައްވާނަމެވެ. (ދީނުގައިވާ ކަންތައްތައް) ތިމަންކަލޭގެފާނަށް ފަހު ބަދަލުކުރިމީހަކު ދަންނައެވެ. އެމީހަކަށްވަނީ ދުރުކުރެއްވުމެވެ. އެމީހަކަށްވަނީ ދުރުކުރެއްވުމެވެ.”
ދުޢާއަކީ އަޅަމެންނަކީ ނަބިއްޔާ ﷺ ސުންނަތުގައި ވަރުގަދައަށް ހިފަހައްޓާ އަދި އެންމެހާ ބިދުޢަތަކާއި ޚުރާފީ ކަންކަމުން އެއްކިބާވެގެންވާ ބަޔަކުކަމުގައި ލެއްވުމެވެ!
___________________________________________
މަޞްދަރު:
– زاد المعاد في هدي خير العباد.
– السيرة النبوية لابن كثير.
– الإبداع في مضار الابتداع لعلي محفوظ.
– الرحيق المختوم لالمباركفوري.
– فرق معاصرة لغالب العواجي.
– رسائل في حكم الإحتفال بالمولد النبوي لمجموعة من العلماء.
[1] ބާޠިނީން: މިނަމަކީ ވަރަށް ގިނަ ޖަމާޢަތްތަކަކަށް ނިސްބަތްކުރެވޭ ނަމެކެވެ. މި ޖަމާޢަތްތަކުގެ މައިގަނޑު ސިފަތަކަކީ ޝަރުޢީ ނައްޞުތަކުގައި އެތެރެފުށުގެ މާނައަކާއި ބޭރެފުށުގެ މާނައެއް ވާކަމަށް ބުނުމާއި އޭގެ ތެރެއިން ބޭރުފުށުގެ މާނަ ދޫކޮށްލާފައި އެތެރެފުށުގެ މާނައިގައި ހިފުމަކީ ވާޖިބެއްކަމުގައި ބުނުމާއި އެތެރެފުށުގެ މާނަ އެނގިއްޖެމީހެއްގެ ކިބައިން ތަކުލީފު ކެނޑިގެންދާކަމަށް ބުނުމާއި ﷲ ތަޢާލާގެ ޞިފަފުޅުތައް އެކުއެކީ ނަފީކުރުމާއި އެބައިމީހުންގެ އިމާމުންނަކީ އިލާހުންކަމުގައި ބުނުމާ އަދި އިސްލާމީ ޝަރީޢަތް ބާޠިލުވެއްޖަކަމަށް ބުނުމެވެ. މިބައިމީހުން ފާޅުވެފައިވަނީ ހިޖުރައިން 200-300 ދެމެދުގައެވެ. މިޢަޤީދާއަށް ނިސްބަތްވާ ބައެއް ފިރުޤާތަކުގެ ތެރޭގައި އިސްމާޢީލިއްޔާއިންނާއި ނުޞައިރިއްޔާއާއި ދުރޫޒާއި ޤާދިޔާނިއްޔާ އަދި ބަހާއިއްޔާ (ނުވަތަ ބާބިއްޔާ) އިން ހިމެނެއެވެ. [ބައްލަވާ: فتح المنان لد. طارق بن سعيد القحطاني (ص: 187)]