ދެވަނައީ: ޚަވާރިޖުންނާއި މުޢުތަޒިލާއިން
ބަހުގެ ގޮތުން خوارج ނެގިފައިވަނީ خارج އިންނެވެ. މާނައަކީ ނުކުތުމެވެ. އެބައިމީހުންނަށް މިފަދައިން ނަންދެވިފައިވަނީ އެބައިމީހުން ދީނުން ބޭރުވެގެން ދާތީއެވެ. ނުވަތަ ޙައްޤު މަގުން ނުކުންނާތީއެވެ. ނުވަތަ މީސްތަކުންނާ ދެކޮޅަށް ނުކުންނާތީއެވެ. ނުވަތަ ޢަލީގެފާނާ ދެކޮޅަށް ނުކުތީމައެވެ. [1]
ޢިލްމުވެރިންގެ އިޞްތިލާޙުގައި ޚަވާރިޖުންނަކީ: އިސްލާމްދީނާއި މުސްލިމުންގެ ޖަމާޢަތުން ނުކުމެގެންދާ ބައެކެވެ. އަދި އެއީ ޙައްޤަކާ ނުލާ މީސްތަކުން ކާފިރުކޮށް، މީސްތަކުންގެ ލޭ ހުއްދަކުރާތީއެވެ. އަދި ގިނަ ފަހަރަށް ދުލުން ނުވަތަ ހަތިޔާރާއެކު ވެރިންނާ ދެކޮޅަށް އެބައިމީހުން ނުކުމެއެވެ. [2]
ބަހުގެ ގޮތުން معتزلة ނެގިފައިވަނީ اعتزل އިންނެވެ. މާނައަކީ ދުރުވެ، އެއްކިބާވުމެވެ. އެބައިމީހުންވަނީ ބޮޑެތި ފާފަތަކާއި ގުޅުން ހުރި މައްސަލާގައި މި އުންމަތުގެ ސަލަފުންގެ ބަސްފުޅުން ދުރުވެ އެއްކިބާވެފައެވެ. އަދި އެފިރުޤާގެ އަހުލުވެރިން ޙަސަނުލް ބަޞްރީގެ މަޖުލިހުން ދުރުވެ އެއްކިބާވެ އެކަލޭގެފާނުގެ ޒަމާނުގައި އެހެން މަޖުލިހެއް މިސްކިތުގައި ހެދިއެވެ. [3]
ޢިލްމުވެރިންގެ އިޞްތިލާޙުގައި މުޢުތަޒިލާއިންނަކީ އެބައިމީހުންގެ ފަސް އަސާސު ޤަބޫލުކުރާ މީހުންނެވެ. އެއީ التوحيد އާއި العدل އާއި إنفاذ الوعيد އާއި المنزلة بين المنزلتين އަދި الأمر بالمعروف والنهي عن المنكر އެވެ. [4] މުޢުތަޒިލާއިންގެ ގާތުގައި މި އިޞްތިލާޙުތައް ބޭނުންކުރަނީ ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިން ބޭނުންކުރާ މާނަތަކާ މުޅިން ތަފާތު މާނަތަކެއްގައެވެ. އެގޮތުން ތިރީގައިވާ ތާވަލުގައި އެ ތަފާތު ފެނިގެންދާނެއެވެ. [5]
އެހެންކަމުން މި ފަސް އުޞޫލު އެބައިމީހުން އެ ޤަބޫލުކުރާ ގޮތަށް ޤަބޫލުކުރާ މީހަކީ މުޢުތަޒިލީއެކެވެ.
އީމާންކަމާ ބެހޭގޮތުން ޚަވާރިޖުންނާއި މުޢުތަޒިލާއިންގެ ބަހަކީ: ހިތުން އިޤުރާރުވެ ތެދުކުރުމާއި ދުލުން އިޤުރާރުވުމާއި ގުނަވަންތަކުން ޢަމަލުކުރުމެވެ. މިއީ އީމާންކަމުގައި ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިންގެވެސް ބަސްފުޅެވެ. އެހެނަސް ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިންނާއި މުޢުތަޒިލާއިންނާ ޚިލާފުވެފައިވާ ނުކުތާއަކީ:
– ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިންގެ އަރިހުގައި މުސްލިމަކު ބޮޑު ފާފައެއް ކުރިޔަސް އޭނާއަކީ ދުނިޔޭގައި: މުސްލިމެކެވެ. އެހެނަސް އޭނާގެ ފާފައިގެ ސަބަބުން ފާސިޤެކެވެ. އަދި އާޚިރަތުގައި: އޭނާވަނީ ﷲ ގެ އިރާދަކުރެއްވުމުގެ ދަށުގައެވެ. (މަޝީއަތުގެ ދަށުގައެވެ.) އެއިލާހު އިރާދަކުރައްވާނަމަ އޭނާއަށް ފުއްސަވާނެއެވެ. އަދި އިރާދަކުރައްވާނަމަ އޭނާއަށް ޢަޛާބު ދެއްވާނެއެވެ. ދެން އެއަށްފަހުގައި އޭނާ ސުވަރުގެއަށް ވަންނާނެއެވެ.
– ޚަވާރިޖުން ދެކެނީ ބޮޑު ފާފަ ކުރާ މީހަކީ ދުނިޔޭގައި: ކާފިރެކެވެ. އަދި އާޚިރަތުގައި: ދާއިމަށް އަބަދުގެ އަބަދަށް ނަރަކައިގައި އޮންނާނެ މީހެކެވެ.
– މުޢުތަޒިލީން ދެކެނީ ބޮޑު ފާފަ ކުރާ މީހަކީ ދުނިޔޭގައި: ދެ މަންޒިލުގެ ދެމެގުގައިވާ މީހެކެވެ. މުސްލިމެއްވެސް އަދި ކާފިރެއްވެސް ނޫނެވެ. އަދި އާޚިރަތުގައި: އެފަދަ މީހަކީ ދާއިމަށް އަބަދުގެ އަބަދަށް ނަރަކައިގައި އޮންނާނެ މީހެކެވެ.
އެ ދެ ބައިމީހުން ޤަބޫލުކުރަނީ އީމާންކަމުގެ ބައެއް އުނިވާނެކަމަށް ބުނެފިނަމަ މުޅި އީމާންކަން އެއްކޮށް ނަފީވާނެ ކަމަށެވެ. އަދިވެސް އެބައިމީހުން ޤަބޫލުކުރަނީ އެކެއްގެ ކިބައިގައި ޘަވާބު ލިބުމާއި ޢުޤޫބާތް ލިބުން ޖަމާ ނުވާނެކަމަށެވެ. އެހެނަސް މިއީ ކުށް ހީއެކެވެ. [6]
އީމާންކަމުގެ ބައެއް ކަންކަމަކީ އޭގެން ބައެއް އުނިވެއްޖެނަމަ އީމާންކަން އެއްކޮށް ނަފީވާނެ ކަންކަމެއް ނޫނެވެ. އަންނަނިވި ޙަދީޘާ އަދި އެތައް އެތައް ނައްޞެއް މިކަމަށް ދަލާލަތުކުރެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«سِبَابُ المُسْلِمِ فُسُوقٌ، وَقِتَالُهُ كُفْرٌ» [رواه البخاري (48)]
މާނައީ: “މުސްލިމަކާ ދިމާއަށް އެއްޗެތި ކިޔުމަކީ ފާސިޤުކަމެކެވެ. އަދި އޭނާއާ ތަޅާފޮޅުމަކީ ކުފުރެކެވެ.”
އެހެނަސް މިއީ މިއްލަތުން ބޭރުވެ، ތާއަބަދު ނަރަކައިގައި އޮންނަން ޖެހޭނެ ކުފުރެއް ނޫންކަން އަންނަނިވި އާޔަތުން އެނގިގެން ދެއެވެ. އަދި އޭނާގެ ކިބައިން މުއުމިނެއްގެ ލަޤަބު ނަފީވެގެން ނުދާނެކަންވެސް އެނގިގެން ދެއެވެ. އެހެނަސް އެއީ މުއުމިނެއްގެ ކިބައިގައި ހުރެގެން ނުވާނެ އުނިކަމެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَإِن طَآئِفَتَانِ مِنَ ٱلْمُؤْمِنِينَ ٱقْتَتَلُوا۟ فَأَصْلِحُوا۟ بَيْنَهُمَا﴾ [سورة الحجرات ٩]
މާނައީ: “މުއުމިނުންގެ ދެބަޔަކު ތަޅައިފޮޅައިގެންފިނަމަ، ފަހެ އެ ދެބައިމީހުންގެ ދެމެދު ތިޔަބައިމީހުން ޞުލްޙަކުރާށެވެ!”
މިއާޔަތުގައި އެ ދެބައިމީހުންނަށް ﷲ ތަޢާލާ މުޚާޠަބުކުރައްވާފައި އެވަނީ “މުއުމިނުން” ގެ ނަމުންނެވެ.
މިހާ ހިސާބުން އެނގިގެން މިދިޔައީ ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިން ދެކިލައްވާ ގޮތާ، މިފަދަ ފިރުޤާތަކުގެ އަހުލުވެރިން އީމާންކަމާ މެދު ދެކޭގޮތް ވަރަށް ތަފާތުކަމެވެ. އެގޮތުން މުރުޖިޢާއިންނާއި ޚަވާރިޖުންނާ އަދި މުޢުތަޒިލާއިން ޤަބޫލުކުރާ ގޮތުގައި އީމާންކަމަކީ އިތުރުވެ، އުނިވާ އެއްޗެއް ނޫނެވެ. އެހެނަސް މިއީ ވަރަށް ގިނަ ޝަރުޢީ ނައްޞުތަކާ ޚިލާފު ޢަޤީދާއެކެވެ. [7] ޝަރުޢީ ނައްޞުތަކުން އެނގޭ ގޮތުގައި އީމާންކަމަކީ އިތުރުވެ އަދި އުނިވެސްވާ އެއްޗެކެވެ. އެއީ ހެޔޮޢަމަލުކުރުމުން އިތުރުވާ އަދި ފާފަކުރުމުން އުނިވާ އެއްޗެކެވެ. މި ލިޔުމުގެ ކުރީ ކޮޅުގައި އެކަމުގެ ބައެއް ދަލީލުތައްވާނީ ބަޔާންވެފައެވެ.
މިފަދަ ކަންކަމުގެ މައްޗަށް ބިނާކޮށް އީމާންކަމާ ގުޅޭ ގޮތުން ވަރަށް ގިނަ އޮޅުންތައް މުސްލިމުންގެ މެދުގައި ފެތުރިފައި ވެއެވެ.
= ނުނިމޭ =
[1] ބައްލަވާ: الخوارج لد. غالب العواجي (ص: 4).
[2] ބައްލަވާ: فتح المنان لد. طارق القحطاني (ص: 104).
[3] ބައްލަވާ: الأصول الخمسة عند المعتزلة لد. صالح بن العابدين (ص: 14).
[4] الأصول الخمسة عند المعتزلة لد. صالح بن العابدين (ص: 28).
[5] أحكام عصاة المؤمنين من كلام شيخ الإسلام ابن تيمية لمروان كجك (ص: 24) وشرح الطحاوية للبراك (ص: 420 – 421).
[6] ބައްލަވާ: مجموع الفتاوى لشيخ الإسلام ابن تيمية (13 / 48) وشرح العقيدة الأصفهانية له (ص: 190 – 191).
[7] زيادة الإيمان ونقصانه لد.عبدالرزاق البدر (ص: 325 – 372).