[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަމާދުގެ ޝަރުޠުތަކުގެ ތެރެއިން … (6)

ފަސްވަނައީ: ނިޔަތްގަތުން :

ނަމާދުގެ ޝަރުޠުތަކުގެ ތެރޭގައި ނިޔަތްގަތުންވެއެވެ. ޢަރަބިބަހުގައި ނިޔަތު ގެ މާނައަކީ ޤަޞްދުކުރުމެވެ. ޝަރުޢުގައި ނިޔަތުގެ މުރާދަކީ، الله سبحانه وتعالى އާ ކުއްތަންވުމުގެގޮތުން އަޅުކަމެއްކުރުމަށް ޢަޒުމުކަނޑައެޅުމެވެ.

ނިޔަތްގަންނާނީ ހިތުންނެވެ. ދުލުން ނިޔަތް ކިޔާކަށް ނުޖެހޭނެއެވެ. އަދިކިއެއްތޯއެވެ. ދުލުން ނިޔަތްކިޔުމަކީ ބިދުޢައެކެވެ. (އެބަހީ، ދީނަށް އަލަށް ވައްދާފައިވާ ކަމެކެވެ.) އެހެނީ، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކަލޭގެފާނުގެ މާތް ސަޙާބީން ދުލުން ނިޔަތް ވިދާޅުވެފައެއްނުވެއެވެ. ނިޔަތް ގަންނާނީ ކުރަން ބޭނުންވާ ނަމާދެއްކުރުމަށް ހިތުންނެވެ. މެންދުރުނަމާދުކަމުގައިވާނަމަ މެންދުރަށް، ނުވަތަ ޢަޞުރުނަމާދުކަމުގައިވާނަމަ ޢަޞުރުނަމާދަށެވެ. އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. ((إِنَّمَا الْأَعْمَالُ بِالنِّيَّةِ)) މާނައީ: “ޢަމަލުތައް ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ.” (ބުޚާރީ: 6689، 6953، މުސްލިމް: 1907) ނިޔަތް ގަންނާނީ ޙަރަމް ބަން ތަކުބީރާ އެކީގައެވެ. އެއީ ނިޔަތާއި ނަމާދާ ކައިރިކުރުމުގެ ގޮތުންނެވެ. ނަމާދުކުރަން ފެށުމުގެ ކުޑައިރުކޮޅެއްކުރިން ނިޔަތްގަތްކަމުގައިވީނަމަވެސް މައްސަލައެއްނެތެވެ.

ނަމާދުކޮށް އަވަދިވަންދެން ނިޔަތް ދެމެހެއްޓުމަކީ ޝަރުޠުވެގެންވާ ކަމެކެވެ. ނަމާދުގެ ތެރޭގައި ނިޔަތް އަރައިރުންވެއްޖެކަމުގައިވާނަމަ، ނުވަތަ ނިޔަތް ބާޠިލުކޮށްލައިފިކަމުގައިވާނަމަ ނަމާދު ބާޠިލުވާނެއެވެ.

ފަރުޟުނަމާދަކަށް މައުމޫމްވެހުރެ ނުވަތަ އެކަނިހުރެ ނަމާދުކުރުމަށް ނިޔަތް ގަތުމަށްފަހު، ޞައްޙަ ޢުޛުރަކަށްޓަކައި އެނަމާދު ސުންނަތް ނަމާދަކަށް ނިޔަތް ބަދަލުކޮށްލެވިދާނެއެވެ. މިސާލަކަށް ފަރުޟުނަމާދެއް އެކަނިކުރުމަށް ނިޔަތް ގަތުމަށްފަހު، ޖަމާޢަތުގައި ނަމާދުކުރުމަށްޓަކައި ކުރަމުންދިޔަ ނަމާދު ސުންނަތްނަމާދަކަށް ނިޔަތް ބަދަލުކޮށްލެވިދާނެއެވެ.

އަދި ދެނެގަންނާށެވެ. މީސްތަކުންގެ ތެރެއިން ބައެއްމީހުން ނިޔަތް ގަތުމުގައި ބިދުޢަހަދައި، ﷲ ބާވާލެއްވިގޮތުގެ މައްޗަށް ހަރުކަށިގޮތް ޚިޔާރުކުރެއެވެ. ނިޔަތްގަންނަވަގުތު އޭގެތެރެއިން މީހުން ބުނާކަމުގައިވެއެވެ. “އެވެނިމިވެނި ފަރުޟުނަމާދެއް، މިވެނި ޢަދަދެއްގެ ރަކުޢަތްތަކެއް މިއިމާމްމީހާގެ ފަހަތުގައި ﷲއަށްޓަކައި އަދާއަށްކުރުމަށް ތިމަން ނިޔަތްގަތްފީމެވެ.” މިފަދަ ލަފްޒުތައް ބޭނުންކޮށްއުޅެތެވެ. މިކަމަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވިކަމެއްނޫނެވެ. އަދި މިގޮތަށް ބާރަށް ނުވަތަ ސިއްރުން އެކަލޭގެފާނު ނިޔަތްކިއުއްވިކަން ނަޤުލުވެފައެއްނުވެއެވެ. އަދި މިގޮތަށް ނިޔަތްކިޔުމަށް އަމުރުކުރައްވާފައެއްނުވެއެވެ. އަދި ޞަޙާބީބޭކަލުންގެ ކިބައިންވެސް މިކަން ޘާބިތުވެފައެއް ނުވެއެވެ.

ޝެއިޚުލްއިސްލާމް އިބުން ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އެންމެހާ އިމާމުބޭކަލުން އިއްތިފާޤުވެވަޑައިގެންފައިވާގޮތުގައި، ނިޔަތް ކިޔައި، އެނިޔަތް ތަކުރާރުކުރުމަކީ ޝަރުޢުވެގެންވާ ކަމެއް ނޫނެވެ. މިފަދައިން ޢަމަލުކުރާމީހުންނަށް އެކަންކުރުން މަނާކުރުންވެއެވެ. އަދި އެކަން ފާޅުކޮށް ހަދާމީހުންނަށް، އެކަން އަންގައިދިނުމަށްފަހު (އެބަހީ، ނިޔަތް ދުލުން ކިޔުމަކީ ޝަރުޢުވެގެންވާ ކަމެއް ނޫންކަން އަންގައިދިނުމަށްފަހު، އެކަންކުރާކަމުގައިވާނަމަ) އެމީހަކަށް ތަޢުޒީރުން އަދަބުދިނުން ހައްޤުވެގެންވެއެވެ. ހަމައެފަދައިން، އެކަން ނުހުއްޓާ، ތަކުރާރުކޮށް ކުރާ މީހާވެސް މިފަދައެވެ…” އަދި މިމޭރުމުން ވާހަކަފުޅު ގެންނަވަމުން، ޝެއިޚުލްއިސްލާމް ވިދާޅުވެފައިވެއެވެ. “ފަހުގެ ބައެއްމީހުން ޝާފިޢީ މަޒުހަބުގައި އޮންނަކަމެއްކަމަށް ޙުއްޖަތްދައްކާ އުޅެތެވެ. ނަމަވެސް ޝާފިޢީ މަޒުހަބުގެ ބޮޑެތި ޢިލްމުވެރިން މިކަމަކީ ގޯހެއްކަމުގައި ވިދާޅުވެފައިވެއެވެ. ޝާފިޢީގެފާނު ވިދާޅުވެފައިވެއެވެ. “ހަމަކަށަވަރުން ނަމާދަށް ފަށާއިރު ދުލުން ކިޔުން ވެއެވެ. ފަހެ، އެފަދަމީހުން (އެބަހީ، ޝާފިޢީ މަޒުހަބުގައި ނިޔަތް ދުލުން ކިޔަން އޮންނަކަމެއްކަމުގައި ބުނާމީހުން، ޝާފިޢީގެފާނުގެ މިބަސްފުޅުގެ މުރާދަކީ) ނިޔަތް ދުލުން ކިޔުންކަމުގައި ބުނެއެވެ. ނަމަވެސް ޝާފިޢީގެފާނުގެ މިބަސްފުޅުގެ މުރާދަކީ ޙަރަމްބަން ތަކުބީރުގެ ވާހަކައެވެ.” (ބައްލަވާ: މަޖުމޫޢުލް ފަތާވާ: 246/22، އަދި އަލްފަތާވާ އަލްކުބުރާ: 447/2، އަދި 388/4)

ކުރީގައި ދެންނެވިފައިވާނޭ ފަދައިން ނިޔަތް ދުލުން ކިޔުމަކީ ބިދުޢައެކެވެ. އެކަމުގެ ސަބަބުން ދެއްކުންތެރިކަމަށްވެސް މީހާ ވާޞިލުކޮށްފާނެތެވެ. އެހެނީ، ނިޔަތުގެ މަޤްޞަދަކީ ޢަމަލެއްގައި ﷲއަށް އިޚުލާޞްތެރިވުމެވެ. އަދި ނިޔަތްދުލުން ކިޔުމަށް ދަލީލެއް އައިސްފައިނުވާ ޢަމަލެއްގައި ނިޔަތް ސިއްރުކުރަންޖެހޭނެއެވެ. ފަހެ މުސްލިމުންގެ މައްޗަށްވަނީ ޝަރީޢަތުގެ ޙައްދުތަކުގެ ތެރޭގައި ހުރުމެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ޢަމަލުކުރާމީހެއްކަމުގައިވުމެވެ. އަދި ބިދުޢައިގެ ވައްތަރުތަކާއި މަޞްދަރުތަކުން އެއްކިބާވުމެވެ. الله تعالى ވަޙީކުރެއްވިއެވެ. ((قُلْ أَتُعَلِّمُونَ اللَّهَ بِدِينِكُمْ وَاللَّهُ يَعْلَمُ مَا فِي السَّمَوَاتِ وَمَا فِي الأَرْضِ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ)) الحجرات: 16 މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންތިބީ ކޮން ދީނެއްގައިކަން ﷲއަށް ތިޔަބައިމީހުން އަންގައިދެނީހެއްޔެވެ؟ އުޑުތަކުގައްޔާއި، ބިމުގައިވާހާކަމެއް ﷲ ދެނެވޮޑިގެންވެތެވެ. އަދި ﷲއީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”

ހިތްތަކުގައިވާ ނިޔަތްތަކާއި މަޤުޞަދު އެންމެ ބޮޑަށް ދެނެވޮޑިގެންވަނީ ﷲ އެވެ. ވުމާއިއެކު، ނަމާދުގަޔާއި އެހެނިހެން އަޅުކަންތަކުގައި (ޙައްޖަށާއި ޢުމުރާފަދަ ނިޔަތްދުލުންކިޔުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ކިބައިން ޘާބިތުވެފައިވާ ކަމަކަށް މެނުވީ) ދުލުން ނިޔަތްކިޔުމެއްނުވެއެވެ. والله تعالى أعلم.

އަޅަމެނަށް الله سبحانه وتعالى ގެ ލޯތްބާއި ރުއްސެވުން ލިބުމުގެ މަގަށް ތައުފީޤް ދެއްވާށި !

(ނިމުނީ)

 __________________________

މަރުޖިޢު:

* އަލްމުލައްޚަޞުލް ފިޤުހީ – ޞާލިޙު ބިން ފަވްޒާން އާލްފަވްޒާން. (ކުދި ބަދަލުތަކާއެކު)

 ކުރީގެ ބައިތައް