ފުރަތަމަ ބާބު
ރޯދައިގެ ތަޢާރުފު، ރޯދަ ބެހޭ ބައިތައް، ރޯދައިގެ މާތްކަން، ރޯދައިގެ ރުކުންތަކާއި ޝަރުޠުތަކާއި ރޯދައިގެ ސުނަނާއި އަދަބުތައް
ފުރަތަމަ ބައި: ރޯދައިގެ ތަޢުރީފު، ރޯދަ ބެހޭ ބައިތައް، ރޯދައިގެ މާތްކަން އަދި ރޯދަ ޝަރުޢު ކުރެއްވެވުމުގެ ޙިކުމަތް
ފުރަތަމައީ: ރޯދައިގެ ތަޢުރީފު
ޢަރަބި ބަހުގައި الصَّومُ އޭ ކިޔެނީ : ކަމެއް ދޫކޮށްލުމަށެވެ.
ޝަރުޢީ އިޞްޠިލާޙުގައި ރޯދައަކީ: ﷲއަށް އަޅުކަން ކުރުމުގެ ގޮތުން، ފަޖުރުއްޞާދިޤުގެ އަލިކަން ފާޅު ވީއްސުރެ އިރުއޮއްސިއްޖެއުމަށް ދާންދެން، ކެއުމާއި ބުއިމާއި ރޯދަ ގެއްލެނިވި އެންމެހާ ކަންކަމުން ރައްކާތެރިވެ ހުރުމެވެ.
ދެވަނައީ: ރޯދަ ބެހޭ ބައިތައް
އަމުރުކުރެވިގެންވުމާއި ނަހީވެގެންވުމަށް ބަލާއިރު ރޯދަ ދެ ބަޔަކަށް ބެހެއެވެ.
ފުރަތަމައީ: ޝަރުޢީ ގޮތުން އަމުރު ވެވިގެންވާ ރޯދައެވެ.
މި ފަދަ ރޯދައަކީ ދެ ބާވަތެކެވެ.
1. ވާޖިބު ރޯދަ:
މިފަދަ ރޯދަ ވަނީ ދެ ބަޔަކަށެވެ.
- ޝަރުޢީ ނައްޞުގެ އަޞްލުން ވާޖިބު ރޯދައެވެ. – އެއީ މުކައްލަފުގެ ޢަމަލެއްގެ ސަބަބަކާ ނުލައި ވާޖިބު ރޯދައެވެ. – މިއީ ރަމަޟާން މަހުގެ ރޯދައެވެ.
- މުކައްލަފުގެ ޢަމަލެއްގެ ސަބަބުން ވާޖިބުވާ ރޯދައެވެ. މިއީ: ނަދުރު ރޯދަ، ކައްފާރާ ރޯދަ އަދި ޤަޟާ ރޯދައެވެ.
2. މުސްތަޙައްބު ރޯދަ:
މި ފަދަ ރޯދަވަނީ ދެ ބަޔަކަށެވެ.
- މުޠުލަޤު ތަޠައްވުޢު ރޯދަ: މިއީ ވަކި ޒަމާނެއްގައި ހިފުން ބަޔާންވެފައި ނުވާ ގޮތުގައި ޝަރުޢީ ނައްޞުތަކުގައި އައިސްފައިވާ ރޯދައެވެ.
- މުޤައްޔަދު ތަޠައްވުޢު ރޯދަ: މިއީ ވަކި ޒަމާނެއްގައި ހިފުމަށް ޝަރުއީ ނައްޞުތަކުގައި އައިސްފައިވާ ރޯދައެވެ. މިސާލަކަށް: ޝައްވާލު މަހުން ހަ ދުވަހު ރޯދަ ހިފުން، ހޯމަ ބުރާސްފަތި ދެ ދެދުވަހު ރޯދަ ހިފުން، ޢަރަފާތް ދުވަހު ރޯދަ ހިފުން އަދި ތާސޫޢާއާއި ޢާޝޫރާ ދެ ދުވަހު ރޯދަ ހިފުން.
ދެވަނައީ: ޝަރުޢުގައި ނަހީކުރެވިގެންވާ ރޯދައެވެ.
މި ފަދަ ރޯދައަކީ ދެ ބާވަތެކެވެ.
- ޙަރާމު ރޯދަ: އެއީ ދެ ޢީދު ދެ ދުވަސްފަދަ [ރޯދަ ހިފުން ޙަރާމުވެގެންވާ ދުވަސް ދުވަހު ހިފާ] ރޯދައެވެ.
- މަކުރޫހަ ރޯދަ: އެއީ ޙައްޖުވެރިޔާ ޢަރަފާތް ދުވަހު ހިފާ ރޯދަފަދަ ރޯދައެވެ.
ތިންވަނައީ: ރޯދައިގެ މާތްކަން
ދެ ވަޙީން ހެކިދޭ ފަދައިން ރޯދައިގެ މާތްކަން ގިނަގުނަ ވެގެންވެއެވެ. އޭގެ ތެރޭގައި:
- ﷲ ތަބާރަކަ ވަތަޢާލާވަނީ ރޯދައަކީ އެކަލާނގެ ޒާތުފުޅަށްޓަކައި ވާ އެއްޗެއް ކަމަށް ބަޔާން ކުރައްވައިފައެވެ. ޤުދުސިއްޔަ ޙަދީޘެއްގައި މިކަން ބަޔާން ކުރައްވައި ވަޙީކުރައްވައިފައި ވަނީ: (الصَّومُ لِي وَأَنَا أَجْزِي بِهِ) މާނައީ: ރާދަވަނީ ތިމަން އިލާހށްޓަކައެވެ. އަދި އެ ރޯދައަށް ޖަޒާ ދެއްވާ ހުށީ ހަމަ ތިމަން އިލާހެވެ.
- ރޯދައިގައި ކެތްތެރިކަމުގެ ތިން ވައްތަރު ޖަމާވެގެން ވެއެވެ. (އެއީ: އަމުރުކުރައްވާފައިވާ ކަންތައްތައް އަދާކުރުމުގައި ކެތްތެރިވުމާއި ނަހީކުރައްވާފައި ކަންކަމުން ދުރުހެލިވުމުގައި ކެތްތެރިވުމާއި މުޞީބާތްތަކަށް ކެތްތެރިވުމެވެ.)
- ޤިޔާމަތް ދަވަހު ރޯދަވެރިޔާއަށް އެ ރޯދަ ޝަފާޢަތްތެރި ވާނެތެވެ.
- ރޯދައަކީ އެ އަޅުކަން ކުރާ މީހާއަށް ބޮޑުވެގެން ވާ އަޖުރުއާއި ފާފަފުއްސެވުމަށް ﷲ ވަޢުދުވެވޮޑިގެންވާ ކަމެކެވެ.
- ރޯދައަކީ ފާފަތަކާއި އޮޅިގެން ކުރެވޭ ނުރަނގަޅު ކަންކަމުގެ ކައްފާރާއެކެވެ.
- ރޯދައަކީ އައްޑަނައެކެވެ. އަދި ނަރަކައިން ރައްކާތެރި ކޮށްދޭ ކިއްލާއެކެވެ.
- ގިނަގިނައިން ރޯދަ ހިފުމަކީ ސުވަރުގެ ވަދެވުމުގެ ސަބަބެކެވެ.
- ރޯދަވެރިޔާގެ އަނގައިގެ ވަހަކީ ﷲގެ ޙަޟުރަތުގައި ގޮމަކަސްތޫރީގެ ވަހަށް ވުރެ މީރު ވަހެކެވެ.
ހަތަރުވަނައީ: ރޯދަ ޝަރުޢުކުރެއްވުމުގެ ޙިކުމަތް
ރޯދައިގެ ފައިދާތައް ސަލާމަތް ބުއްދީންނާއި ސީދާވެގެންވާ ފިޠުރަތުން ކަށަވަރު ވެގެންވެއެވެ. ކަންމިހެން ހުރުމުން ﷲ އެއިލާހުގެ އަޅުތަކުންނަށް ރަޙުމަތެއްކަމުގައި އަދި އެއިލާހުގެ އަޅުތަކުންނަށް އިޙްސާންވަންތަވެ ވޮޑިގެން، ރޯދަ ހިފުން ޝަރުޢުކުރެއްވިއެވެ. އެއީ އެބައިމީހުންނަށް (ނަރަކައިންވާ) ޙިމާޔަތެއް ކަމުގައެވެ. އަދި (ފާޙިޝް ކަންކަމުން ރައްކާތެރި ކުރުވަނިވި) އައްޑަނައެއްވެސް މެއެވެ.
ރޯދައިގައި ގިނަގުނަ ފައިދާތަކާއި މަތިވެރި ޙިކުމަތް ވެއެވެ. އޭގެ ތެރޭގައި:
- ރޯދައަކީ ﷲއަށް ތަޤުވާވެރިވުން ކަށަވަރުވުމުގެ ވަސީލަތެކެވެ.
- ރޯދަވެރިޔާއަށް ﷲގެ ނިޢުމަތުގެ އިޙްސާސު ލިއްބައި ދެއެވެ.
- އަމިއްލަ ނަފުސުގެ އެދުންތައް ތަރުބިއްޔަތުކޮށް އަދި (ކަންކަން) ތަޙައްމަލު ކުރުމުގެ ބާރު ލިއްބައި ދެއެވެ.
- ރޯދައިން ޝައިޠާނާގެ މައްޗަށް ގަދަވެ ގަނެވެއެވެ.
- ރޯދައިގެ ސަބަބުން ރޯދަވެރިޔާގެ ހިތުގައި މިސްކީނުންގެ މައްޗަށް ރަޙުމާއި ކުލުނުވެރިކަން އުފައްދައެވެ.
- ރޯދައިން ހަށިގަނޑުގައި އުފެދޭ ނުބައި ވިހަ މާއްދާތަކުން ސާފު ކޮށްދެއެވެ. އަދި ދުޅަހެޔޮ ޞިއްޙަތެއް ޙާޞިލު ކޮށްދެއެވ.
މަޞްދަރު: ملخص فقه العبادات