[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމީ ޝަރުޢީ ނިޒާމު – 1

بسم الله، الحمد لله، والصلاة والسلام على رسول الله، وعلى آله وصحبه ومن والاه. أما بعد:

ﷲ ސުބުޙާނަޙޫ ވަތަޢާލާއީ ޢަދުލުވެރި ޙާކިމެވެ. އެއިލާހު ކާއިނާތުގައި ލައްވާފައިވާ އެންމެހައި މަޚްލޫޤުތަކާއި، ތަދުބީރުކުރައްވާފައިވާ އެންމެހައި ކަންކަމަކީ އެއިލާހުގެ ފުރިހަމަ ޢަދުލުގެ ނިޒާމުގެ ދަށުން ހިނގަމުންދާ ކަންކަމެވެ.

އިންސާނުންގެ މެދުގައި ޢަދުލުގެ ނިޒާމެއް އޮތުމަކީ ފަރުދުންނަށާއި، ޖަމާޢަތަށާއި، އަދި ދައުލަތްތަކަށްވެސް ލާޒިމުކަމެކެވެ. އެހެނީ ޢަދުލުގެ ނިޒާމަކާއި ނުލައި އިންސާނީ ދަރިފަސްކޮޅު ސުލްޙަވެރި ޖައްވެއްގައި އަމާންކަމާއިއެކު އުޅުމީ މުސްތަޙީލުކަމަކަށް ވާނެތީއެވެ.  އެހެންކަމުން ﷲ ތަޢާލާވަނީ އިންސާނުން ބިންމަތީގައި ޚަލީފާއިން ކަމުގައި ލެއްވި ދުވަހުން ފެށިގެން އެބައިމީހުންގެ މެދުގައި ފައިސަލާކޮށް ޙުކުމް ކުރާނެ ގޮތުގެ އިލާހީ އިރުޝާދުތައް، ރަސޫލުންނާއި ނަބިއްޔުންނާއި ފޮތްތަކުގެ އަލީގައި އިންސާނުންނަށް ބަޔާންކޮށްދެއްވާފައެވެ.

އިންސާނާ ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނެވީ ﷲ ތަޢާލާއެވެ. އެހެންކަމުން އިންސާނުންގެ ޠޮބީޢަތާއި، ނަފްސާނީ ޙާލަތު އެންމެ މޮޅަށް ދެނެވޮޑިގެންވާނީވެސް އެ އިލާހެވެ. ﷲ ތަޢާލާ އިންސާނުންގެ މެދުގައި ލައްވާފައިވާ ޢަދުލުގެ ނިޒާމަކީ، އިންސާނީ ފިޠްރަތާއި އެންމެ އެކަށޭނެ ނިޒާމުކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. އެއްޗެއް މަސައްކަތްކުރާނެ ނިޒާމާއި، އެއަށް ދިމާވާނެ މައްސަލަތަކާއި، އެމައްސަލަތައް ޙައްލު ކުރާނެގޮތް އެންމެ ރަނގަޅަށް އެނގޭނީ އެއެއްޗެއް އުފައްދާ ފަރާތައްކަން އެއީ ބުއްދީގެ ހަމައިން އެންމެން އެއްބަސްވާނެ ކަމެކެވެ.

އިސްވެދިޔަ އުންމަތްތަކަށް އިސްލާމީ ޢަދުލުގެ ނިޒާމުގެ އުސޫލުތަކާއި ޤަވާޢިދުތަކާއި ޙުކުމްތައް ﷲ ތަޢާލާ ބަޔާންކޮށްދެއްވި ފަދައިން، އެންމެ ފަހުގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ އުންމަތަށްވެސް ﷲ ތަޢާލާ ވަނީ އިސްލާމީ ޢަދުލުގެ ނިޒާމުގެ އެންމެހައި ކަންކަމެއް ބަޔާންކޮށްދެއްވާފައެވެ. ކީރިތި ޤުރުއާނާއި، ޙަދީޘްތަކުގައި ވަނީ މިކަންކަން ބަޔާންވެފައެވެ. ކީރިތި ޤުރުއާނާއި ޙަދީޘްތަކުގައި ބަޔާންވެފައިވާ އުސޫލުތަކާއި ޤަވާޢިދުތަކުގެ އަލީގައި އުންމަތުގެ ދަންނަބޭކަލުންވަނީ އިސްލާމީ ޤަޟާއީ ނިޒާމުގެ ތަފްސީލުތައް ބަޔާންކޮށް ގިނަ ޢަދަދެއްގެ ފޮތްތަކެއް ލިޔުއްވާފައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:

‎﴿لَقَدْ أَرْسَلْنَا رُسُلَنَا بِالْبَيِّنَاتِ وَأَنزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِ﴾([1])

މާނައީ: “ހަމަކަށަވަރުން، ފާޅުވެގެންވާ ހެކިތަކާއެކު ތިމަންރަސްކަލާނގެ ރަސޫލުން ފޮނުއްވީމެވެ. އަދި އެރަސޫލުންނާއެކު، ފޮތާއި، ޢަދުލު އިންޞާފުގެ ތިލަފަތް ބާވައިލެއްވީމެވެ. (އެއީ) މީސްތަކުން ޢަދުލު އިންޞާފު ޤާއިމުކުރުމަށްޓަކައެވެ”.

އިލާހީ މަންހަޖުގެ މަތިވެރި އުސޫލުތަކުގެ މަތީގައި ބިނާވެފައިވާ އިސްލާމީ ޤަޟާއީ ނިޒާމަކީ އެއިން އަމްނު އަމާންކަމާއި، ޢަދުލުވެރިކަމާއި، ހިތްހަމަޖެހުން ކަށަވަރުކޮށްދޭނެ ނިޒާމެކެވެ.

 

އިސްލާމީ ޤަޟާއީ ނިޒާމުގެ ތަޢުރީފު:

ޙުކުމްކުރުން ނުވަތަ ފައިސަލާކުރުން ނުވަތަ ނިޔާ ކަނޑައެޅުމަށް ޢަރަބި ބަހުގައި ބޭނުންކުރާ ލަފްޒަކީ “اَلْقَضَاءُ” / “އަލްޤަޟާއު” މިލަފްޒެވެ. މިމާނައިގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: ‎

﴿قَالُوا لَن نُّؤْثِرَكَ عَلَىٰ مَا جَاءَنَا مِنَ الْبَيِّنَاتِ وَالَّذِي فَطَرَنَا ۖ فَاقْضِ مَا أَنتَ قَاضٍ ۖ إِنَّمَا تَقْضِي هَٰذِهِ الْحَيَاةَ الدُّنْيَا﴾([2])

މާނައީ: “އެއުރެން ބުނޫއެވެ. ބަޔާންވެގެންވާ ޙުއްޖަތާއި، ދަލީލުގެ ތެރެއިން ތިމަންމެންނާ ހަމަޔަށް އައިސްފައިވާ އެއްޗަކާއި، ތިމަންމެން ހެއްދެވި ކަލާނގެއަށްވުރެ މައްޗަކަށް ތިމަންމެން ކަލޭ (ފިރުޢައުނު) އިހެއްނުކުރާހުށީމެވެ. ފަހެ، ކަލޭގެ ކަނޑައަޅާގޮތަކަށް ޙުކުމް ކަނޑައަޅައި ނިންމާށެވެ! ހަމަކަށަވަރުން، ކަލެޔަށް ޙުކުމް ކަނޑައަޅައި ނިންމޭނީ (ހަމައެކަނި) މި ދުނިޔޭގެ ޙަޔާތުގައެވެ”.

 

އިސްލާމީ ޤަޟާގެ އިޞްޠިލާޙީ ތަޢުރީފު:

ކީރިތި ޤުރުއާނާއި ސުންނަތުގެ އުސޫލުތަކުގެ އަލީގައި، ޚަސްމުންގެ މެދުގައި އުފެދޭ ދެބަސްވުންތަކާއި، ޚަސްމުންގެ ދެމެދު ފައިސަލާކުރަން އެދޭ ކަންކަންކަމާއި، ޙާކިމާގެ ފަރާތުން އިސްވެ ބަލަންޖެހޭ ޤަޟިއްޔާތަކުގައި ޙުކުމްކުރުމުގެ މަންސަބެވެ.

މިތަޢުރީފުގައި ޤަޟާގެ މަޤްސަދަކީ ކޮބައިކަން ބުނެދެވިފައިވެއެވެ. އަދި ޙުކުމްކުރާނެ ގޮތްވެސް ބަޔާންކޮށްފައިވެއެވެ. އެއީ ކީރިތި ޤުރުއާނާއި ސުންނަތުގެ އުސޫލުތަކުގެ އަލީގައިކަން ބަޔާންކޮށްފައިވެއެވެ. އަދި ތަޢުރީފުގައި ޙުކުމްކުރުމުގެ މަންސަބެކޭ އޮތުމުން ޤަޟާއަކީ އެންމެހައި އަފްރާދުންގެ އޭގެ ނިޔާ ބަލައިގަތުން ލާޒިމުވާނެ ބާރުވެރި ފަރާތެއްކަން ދޭހަވެއެވެ. އަދި މިފަދައިން ޙުކުމް ބަލައިގަތުން ލާޒިމްވުމުގެ ސަބަބުން، ޙުކުމް ބަލައިގަތުން ލާޒިމްނުވާ ސުލްޙައިގެ އެއްބަސްވުންތަކާއި، ތަޙްކީމުގެ (އާބިޓްރޭޝަންގެ) މައްސަލަތަކާއި، ފަތުވާފަދަ ކަންކަން މިތަޢުރީފުން ބޭރުކޮށްދެއެވެ. އަދި ހަމައެއާއި އެކީ މަންސަބެކޭ އޮތުމުން އާދައިގެ ޤަޟާއީ މައްސަލަތަކާއި، ވެރިންނާއި، ރަސްމީ އިދާރާތަކާއި ދެކޮޅަށް ހުށައެޅޭ މަޡާލިމުގެ މައްސަލަތަކާއި، ދައުލަތުން އިސްނަގައިގެން ބަލާ ޙިސްބާގެ މައްސަލަތައްވެސް ޝާމިލުވެގެންދެއެވެ.

 

المصادر:

  • القضاء ونظامه في الكتاب والسنة – د. عبد الرحمن إبراهيم عبد العزيز الحميضي
  • الدعوى القضائية في الفقه الإسلامي – د. عدنان بن محمد الدقيلان

 


 

([1]) سورة الحديد 25

([2]) سورة طه 72