[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާން ބާވައިލެއްވުން

اَلْحَمْدُ لِلَّهِ.

ރަސޫލާ صَلَّى اللهُ عَلَيهِ وَسَلَّمَ ގެ މައްޗަށް ޤުރުއާނުން އެންމެ ފުރަތަމަ ބާވައިލެއްވުނު މިންވަރެއް ބާވައިލެއްވުނީ ރަމަޟާން މަހެއްގެ ލައިލަތުލް ޤަދްރި ވިލޭރޭގައެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ.

‎﴿إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ﴾  [1]

މާނައީ: “ހަމަކަށަވަރުން ތިމަންއިލާހު އެ (ޤުރުއާން) ބާވައިލެއްވީ ލައިލަތުލް ޤަދްރި ވިލޭރޭގައެވެ.”

އަދިވެސް ވަޙީކުރެއްވިއެވެ.

﴿إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ ۚ إِنَّا كُنَّا مُنذِرِينَ [3] فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ [4]﴾ [2]

މާނައީ: “ހަމަކަށަވަރުން، ތިމަންއިލާހު އެ (ޤުރުއާން) ބާވައިލެއްވީ ބަރަކާތްތެރި ވެގެންވާ ރެޔެއްގައެވެ. ހަމަކަށަވަރުން، އިންޛާރު ކުރައްވާ އިލާހަކު ކަމުގައި ތިމަންއިލާހު ވޮޑިގެން ވަމެވެ. އެ ރޭ، ކަނޑައެޅިގެންވާ ކޮންމެކަމެއް ބަޔާންކުރައްވަތެވެ.”

އަދިވެސް ވަޙީކުރެއްވިއެވެ.

﴿شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ﴾ [3]

މާނައީ: “ރަމަޟާންމަހަކީ، އެމަހެއްގައި ޤުރުއާން ބާވާލެއްވުން މައްސަރެވެ. އެޤުރުއާން ބާވާލެއްވުނީ މީސްތަކުންނަށްވާ ތެދުމަގެއްކަމުގައެވެ. އަދި ހިދާޔަތާއި ޙައްޤާއި ބާޠިލް ވަކިކޮށްދެނިވި ހެކިތަކެއްގެ ގޮތުގައެވެ.”

އެންމެ ފުރަތަމަ ޤުރުއާން ބާވައިލެއްވުނު އިރު ރަސޫލާ صَلَّى اللهُ عَلَيهِ وَسَلَّمَ ގެ ޢުމުރުފުޅަކީ ސާޅީސް އަހަރެވެ. ޢިލްމުގެ އަހުލުންގެ މެދުގައި އެންމެ މަޝްހޫރު ޤައުލަކީ މިއީއެވެ. އިބްނު ޢައްބާސް رَضِيَ اللهُ عَنْهُمَا، ޢަޠާއު، ސަޢީދު ބުން އަލްމުސައްޔިބު އަދި މިނޫންވެސް ބޭކަލުންގެ ކިބައިން މިގޮތަށް ރިވާވެގެން ވެއެވެ. މި ޢުމުރަކީ (އިންސާނާގެ) ހެޔޮވިސްނުމާއި ބުއްދިއާ އަދި ކަންކަން ދެނެގަތުން އެންމެ ފުރިހަމަ ވާނެ ޢުމުރެވެ.

الله ތަޢާލާގެ ޙަޟްރަތުން ޤުރުއާނާއިގެން ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّمَ ގެ އަރިހަށް ފައިބައިވަޑައިގެންނެވީ ޖިބްރީލް އެވެ. އެއީ މާތްވެގެންވާ އިލާހާއި ކުއްތަންވެގެންވާ މަލާއިކަތެކެވެ. ޤުރުއާނާއި ބެހޭގޮތުން اللهُ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

﴿وَإِنَّهُ لَتَنزِيلُ رَبِّ الْعَالَمِينَ [192] نَزَلَ بِهِ الرُّوحُ الْأَمِينُ [193] عَلَىٰ قَلْبِكَ لِتَكُونَ مِنَ الْمُنذِرِينَ [194] بِلِسَانٍ عَرَبِيٍّ مُّبِينٍ [195]﴾ [4]

މާނައީ: “ހަމަކަށަވަރުން އެ (ޤުރުއާން) އަކީ ޢާލަމްތަކުގެ ވެރިއިލާހުގެ ޙަޟްރަތުން ބާވައިލެއްވުނު އެއްޗެކެވެ. އެ (ޤުރުއާން) އާއިގެން ފައިބައިވަޑައިގެންވީ އައްރޫޙުލް އަމީން (ޖިބްރީލް عَلَيهِ السَّلَام) އެވެ. (އެ ޤުރުއާން) ކަލޭގެފާނުގެ ހިތްޕުޅަށް ބާވައިލެއްވުނީ (މީސްތަކުންނަށް) އިންޛާރު ކުރައްވާ ބޭކަލެއްކަމުގައި ވުމަށެވެ. (އެ ޤުރުއާން) ބާވައިލެއްވުނީ ބަޔާންވެ ސާފުވެގެންވާ ޢަރަބި ބަހުންނެވެ.”

 

ޝަރަޙަ

 

(ޤުރުއާނުން އެންމެ ފުރަތަމަ ބާވައިލެއްވުނު މިންވަރެއް..) މާނައަކީ: ރަސޫލާ صَلَّى اللهُ عَلَيهِ وَسَلَّمَ ގެ މައްޗަށް ޤުރުއާން ބާވައިލެއްވުނީ އެކީ އެކައްޗަކަށް ނޫނެވެ. މިތަނުގެ މުރާދަކީ ޤުރުއާން ބާވައިލައްވަން ފައްޓަވައި ޤުރުއާނުން އެންމެ ފުރަތަމަ ބާވައިލެއްވުނު މިންވަރެއް ބާވައިލެއްވުނީ ރަމަޟާން މަހެއްގެ ލައިލަތުލް ޤަދްރި ވިލޭރޭގައެވެ. ލައިލަތުލް ޤަދްރި ވިލޭރޭގައެއްކަން އެނގިގެން ދަނީ الله ތަޢާލާގެ އަންނަނިވި ވަޙީ ބަސްފުޅުންނެވެ.

‎﴿إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ﴾ [5]

މާނައީ: “ހަމަކަށަވަރުން ތިމަންއިލާހު އެ (ޤުރުއާން) ބާވައިލެއްވީ ލައިލަތުލް ޤަދްރި ވިލޭރޭގައެވެ.”

އަދިވެސް ވަޙީކުރެއްވިއެވެ.

﴿إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ ۚ إِنَّا كُنَّا مُنذِرِينَ [3] فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ [4]﴾ [6]

މާނައީ: “ހަމަކަށަވަރުން، ތިމަންއިލާހު އެ (ޤުރުއާން) ބާވައިލެއްވީ ބަރަކާތްތެރި ވެގެންވާ ރެޔެއްގައެވެ. ހަމަކަށަވަރުން، އިންޛާރު ކުރައްވާ އިލާހަކު ކަމުގައި ތިމަންއިލާހު ވޮޑިގެންވަމެވެ. އެ ރޭ، ކަނޑައެޅިގެންވާ ކޮންމެކަމެއް ބަޔާންކުރައްވަތެވެ.”

އަދި އެއީ ރަމަޟާން މަހެއްގައިކަން އެނގިގެން ދަނީ الله ތަޢާލާގެ އަންނަނިވި ވަޙީ ބަސްފުޅުންނެވެ.

﴿شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ﴾ [7]

މާނައީ: “ރަމަޟާންމަހަކީ، އެމަހެއްގައި ޤުރުއާން ބާވާލެއްވުން މައްސަރެވެ. އެޤުރުއާން ބާވާލެއްވުނީ މީސްތަކުންނަށްވާ ތެދުމަގެއްކަމުގައެވެ. އަދި ހިދާޔަތާއި ޙައްޤާއި ބާޠިލް ވަކިކޮށްދެނިވި ހެކިތަކެއްގެ ގޮތުގައެވެ.”

ލައިލަތުލް ޤަދްރި ވިލޭރޭ ވަނީ ރަމަޟާން މަހުގައިކަން މި އާޔަތުން އެނގިގެން ދެއެވެ.

ޤުރުއާނުން އެންމެ ފުރަތަމަ ބާވައިލެއްވުނީ ރަމަޟާން މަހު ކަމުގައި ވިޔަސް ރަމަޟާން މަހުގެ ކުރިން އެކަލޭގެފާނަށް ހުވަފެންފުޅުގެ ޛަރީޢާއިން ވަޙީ  ބާވައިލެއްވުނެވެ.[8] މިގޮތަށް ހުވަފެންފުޅު ފެނިވަޑައިގަންނަވަން ފެއްޓެވީ ޤުރުއާން ބާވައިލެއްވުނު އަހަރުގެ ރަބީޢުލް އައްވަލު މަހުގައެވެ. އެކަލޭގެފާނަށް މިގޮތަށް ހުވަފެންފުޅެއް ފެނިވަޑައިގެންފިނަމަ އެގޮތަކަށް އެކަމެއް ހިނގައި ދެއެވެ. އޭގެ ހަ މަސް ފަހުން (ރަބީޢުލް އައްވަލް, ރަބީޢުއް ޘާނީ, ޖުމާދުލް އައްވަލް, ޖުމާދުއް ޘާނީ, ރަޖަބް, ޝަޢުބާން) ރަމަޟާން މަހުގައި އެކަލޭގެފާނުގެ މައްޗަށް ޤުރުއާން ބާވައިލެއްވުން ފެއްޓުނެވެ.

ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. ތެދު ހުވަފެނަކީ ނަބީކަމުގެ 46 ބައިކުޅަ އެއްބައި [9] ކަމުގައި ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّمَ ޙަދީޘް ކުރައްވާފައިވާ ބަސްފުޅުގެ ސިއްރަކީ މިއީއެވެ. އެއީ ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّمَ ގެ ރިސާލަތުގެ މުއްދަތަކީ 23 އަހަރާއި ބައެވެ. ވުމާއެކު ނަބީކަމުގެ 46 ބައިން ބައެއް ކަމުގައި 23 އަހަރު އެބަވެއެވެ. وَاللهُ أَعْلَم.

ޤުރުއާން ބާވައިލެއްވުން ފެއްޓެނު އިރު އެކަލޭގެފާނު عَلَيهِ الصَّلاةُ وَالصَّلَامُ ޢުމުރުފުޅަކީ 40 އަހަރެވެ.

﴿وَلَمَّا بَلَغَ أَشُدَّهُ وَاسْتَوَىٰ﴾ [10]
މާނައީ: “އަދި އެކަލޭގެފާނުގެ ގައިކޮޅުގެ ބާރުފުޅުގަދަ ޒުވާންކަން ފުރާފުރިހަމަވާ ހިސާބަށް ދިއުމުން..”

މިހެންވެ މި އާޔަތުގެ ތަފްސީރުގައި އެއީ 40 އަހަރު ފުރުމުން ކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ.

(﴿وَإِنَّهُ لَتَنزِيلُ رَبِّ الْعَالَمِينَ﴾ މާނައީ: “ހަމަކަށަވަރުން އެ (ޤުރުއާން) އަކީ ޢާލަމްތަކުގެ ރައްބުގެ ޙަޟްރަތުން ބާވައިލެއްވުނު އެއްޗެކެވެ.”)

ޤުރުއާން ބާވައިލެއްވީ ޢާލަމްތަކުގެ ރައްބުކަމުގައި މިވަނީ އެއީ މި ޤުރުއާނަކީ މުޅި ޢާލަމަށް ބާވައިލެއްވުނު އެއްޗެއް ކަމަށް އިޝާރަތް ކުރުމަށެވެ. ޤުރުއާން ބާވައިލެއްވީ ޢާލަމްތަކުގެ ވެރި ރައްބެވެ. ވުމާއެކު އެ ޤުރުއާން ވާނީ މުޅި ޢާލަމަށް ބާވައިލެއްވުނު އެއްޗެއް ކަމަށެވެ.

(﴿نَزَلَ بِهِ الرُّوحُ الْأَمِينُ﴾ މާނައީ:” އެ (ޤުރުއާން) އާއިގެން ފައިބައިވަޑައިގެންވީ އައްރޫޙުލް އަމީން (ޖިބްރީލް عَلَيهِ السَّلَام) އެވެ.”)

﴿اَلْأَمِينُ﴾ މާނައަކީ އަމާނަތްތެރިޔާއެވެ. މިއީ ޖިބްރީލް عَلَيهِ السَّلَام އަށް ލާޒިމުވެގެންވާ ޞިފައެކެވެ. ސަބަބަކީ ޖިބްރީލް عَلَيهِ السَّلَام ފައިބައިވަޑައިގެންނެވީ އެންމެ މަތިވެރިވެގެންވާ އަމާނާތާއި އެކުއެވެ. އެއީ ޤުރުއާނެވެ. ޖިބްރީލް عَلَيهِ السَّلَام އަށް އަމާނާތްތެރި ކަމުގެ ޞިފަ ލިބިގެންވީ މިހެންވެ އެވެ.

الله ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

﴿إِنَّهُ لَقَوْلُ رَسُولٍ كَرِيمٍ [19] ذِي قُوَّةٍ عِندَ ذِي الْعَرْشِ مَكِينٍ [20]  مُّطَاعٍ ثَمَّ أَمِينٍ [21]﴾ [11]

މާނައީ: “ހަމަކަށަވަރުން އެ ޤުރުއާނަކީ މާތްވެގެންވާ ޖިބްރީލް عَلَيْهِ السَّلآم, الله ގެ ޙަޟްރަތުން ގެންނެވި ބަސްފުޅެކެވެ. ޖިބްރީލް عَلَيْهِ السَّلآم އަކީ ޢަރުޝީގެ ވެރިއިލާހުގެ ޙަޟްރަތުގައި ދަރަޖަފުޅު އުފުލިގެންވާ މަތީ ދަރަޖައެއްގެ ވެރި މާތްބޭކަލެކެވެ. އަދި އެއީ އެންމެހައި މަލާއިކަތްބޭކަލުން އެކަލޭގެފާނަށް ކިޔަމަންތެރިވެވަޑައިގަންނަވާ އަމާނާތްތެރި ބޭކަލެކެވެ.”

(﴿عَلَىٰ قَلْبِكَ﴾ މާނައީ: “(ޤުރުއާން) ބާވައިލެއްވުނީ ކަލޭގެފާނުގެ ހިތްޕުޅަށް..”)

މި އާޔަތުގައި الله ޛިކުރު ކުރައްވާފައި މިވަނީ ޤުރުއާން ބާވައިލެއްވުނު މަޙައްލެވެ. އެއީ ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّمَ ގެ ހިތްޕުޅެވެ. އަދި އެ ޤުރުއާން ބާވައިލެއްވުނީ މީސްތަކުންނަށް އިންޛާރު ކުރައްވާ ބޭކަލެއް ކަމުގައި ވުމަށެވެ.

(﴿بِلِسَانٍ عَرَبِيٍّ مُّبِينٍ﴾ މާނައީ:”(އެ ޤުރުއާން) ބާވައިލެއްވުނީ ބަޔާންވެ ސާފު ވެގެންވާ ޢަރަބި ބަހުންނެވެ.”)

ޤުރުއާން ބާވައިލެއްވިފައި ވަނީ ޢަރަބި ބަހުންނެވެ. ސަބަބަކީ ރަސޫލާ صَلَّى اللهُ عَلَيهِ وَسَلَّمَ ގެ އަރިހުގައި އެ ދުވަސްވަރު ތިއްބެވީ ޢަރަބިންނެވެ.

ބަޔާންވެ ދިޔަ އާޔަތްތައް ދަލީލު ކޮށްދެނީ ކީރިތި ޤުރުއާނަކީ الله ގެ ޙަޟްރަތުން ބާވައިލެއްވުނު ފޮތެއް ކަމެވެ. އަދި الله އާއި ރަސޫލާ صلى الله عليه وسلم އާއި ދެމެދު (ވަޙީގެނެސްދެއްވުމުގައި) މެދުވެރިޔަކަށް ވީ ޖިބްރީލް عَلَيهِ الصَّلاةُ وَالصَّلَامُ ކަމެވެ. އަދި ޤުރުއާން ބާވައިލެވުނީ ޢަރަބި ބަހުން ކަމެވެ.


 

މަޞްދަރު: شرح أصول في التفسير للشيخ محمد بن صالح العثيمين – رحمه الله –

 


 

[1] سورة القدر 1

[2] سورة الدخان 3 ، 4

[3] سورة البقرة 185

[4] سورة الشعراء 192 – 195

[5] سورة القدر 1

[6] سورة الدخان 3 – 4

[7] سورة البقرة 185

[8] أخرجه البخاري: كتاب بدء الوحي، باب بدء الوحي، رقم (٤)، ومسلم: كتاب الإيمان، باب بدء الوحي إلى رسول الله صلى الله عليه وسلم، رقم (١٦٠)

[9] أخرجه البخاري، كتاب التعبيرات، باب رؤيا الصالحين، رقم (٦٩٨٣)، ومسلم: كتاب الرؤيا، رقم (٢٢٦٤).

[10] سورة القصص 14

[11] سُورَةُ التَّكوِير 19 – 21

ކީރިތި ޤުރުއާނުން އެންމެ ފުރަތަމަ ބާވައިލެއްވުނު އާޔަތްތައް

 

ކީރިތި ޤުރުއާނުގެ އާޔަތްތައް ބާވައިލެއްވުން ބެހިގެންވާ ބައިތައް – 1