[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އެހެން މީހެއްގެ މުދަލެއް ހޮވައިފި މީހަކު އެއާމެދު ޢަމަލުކުރަންވީ ގޮތް (اللُّقَطَة ގެ ޙުކުމް) – 1

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

މިއީ އިސްލާމީ ފިޤުހުގައި ބަޔާންކުރައްވާފައިވާ ކަމެކެވެ.

اللُّقَطَة އަކީ: މުދަލުގެ ވެރިފަރާތަށް ގެއްލިފައިވާ މުދަލެވެ. އެހެން މީހަކަށް އެފަދަ އެއްޗެއް ފެނުމުން އެއާ މެދު ޢަމަލުކުރަންވީ ގޮތާއި އެ ރައްކާތެރިކޮށް ބަލަހައްޓަންވީ ގޮތް އިސްލާމްދީނުގައި ވަނީ އަންގަވާފައެވެ. މުސްލިމުންގެ މުދަލަށް އިޙްތިރާމުކޮށް އެ ރައްކާތެރިކޮށްދޭން ޖެހޭނެއެވެ. اللُّقَطَة އަކީ އެފަދަ މުދަލެކެވެ.

މުދަލުގެ ވެރި ފަރާތަށް ގެއްލިފައިވާ މުދާ އެހެން މީހަކަށް ފެނިއްޖެނަމަ އެކަމުގައި ތިން ޙާލަތެއް ވެއެވެ.

 

 

ފުރަތަމަ ޙާލަތު:

 

އެއީ މުޖުތަމަޢުގެ މެދު ފަންތީގެ މީހުންނަށް އެއްވެސް އަގެއް ހުރި އެއްޗަކަށް ނުވުން.

މިސާލަކަށް ވާގަނޑެއް ނުވަތަ ރޮށްޓެއް ނުވަތަ މޭވާއެއް ނުވަތަ އާދައިގެ އަސާއެއް ފަދަ އެއްޗެކެވެ. އެފަދަ އެއްޗެއް ފެންނަ މީހަކަށް އެ އެއްޗެއް މިލްކުކޮށް އޭގެ ފައިދާ ޙާޞިލުކުރެވޭނެއެވެ. އަދި އެ އިޢުލާނު ކުރާކަށް ނުޖެހޭނެއެވެ.

 

ދެވަނަ ޙާލަތު:

 

ޝިކާރަކުރެވޭ ޖަނަވާރުގެ ތެރެއިން ކުދި ޖަނަވާރުގެ ކިބައިން އަމިއްލައަށް ރައްކާތެރިވެވޭ ވަރުގެ ޖަނަވަރާކަށްވުން.

– އެއީ މިސާލަކަށް ޖަމަލާއި އަހާއި ގެރިފަދަ، ބޮޑު ޖަނަވާރަކަށްވުން.

– ނުވަތަ ދޫނިސޫފާ ސޫފިފަދަ، އުދުހެވޭ އެއްޗަކަށްވުން.

– ނުވަތަ ފުއްލާފަދަ، ބާރަށް ދުވެވޭ ޖަނަރާވަރަކަށްވުން.

– ނުވަތަ cheetah ފަދަ، ފޭރާ ދަތުން އަމިއްލަށް ދިފާޢުވެވޭ ޖަނަވާރަކަށްވުން.

މިފަދަ ކޮންމެ ޖަނަވާރެއްވެސް އޭގެ ވެރިމީހާއަށް ގެއްލިފައިވަނިކޮށް ނެގުމަކީ ޙަރާމްކަމެކެވެ. އަދި އެ ނަގާ މީހަކަށް އެ މިލްކެއްވެސް ނުވާނެއެވެ. އެއީ އެ ހޮވިކަން އިޢުލާނުކޮށްފައި އޭގެ ވެރިފަރާތުން ބަލާ ނައިކަމުގައި ވިޔަސްމެއެވެ.

އެހެނީ ޖަމަލުގެ ތެރެއިން ގެއްލޭ ޖަމަލާ ބެހޭގޮތުން ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«مَا لَكَ وَلَهَا، مَعَهَا سِقَاؤُهَا وَحِذَاؤُهَا، تَرِدُ المَاءَ وَتَرْعَى الشَّجَرَ، فَذَرْهَا حَتَّى يَلْقَاهَا رَبُّهَا» [رواه البخاري (91)]

މާނައީ: “އެއާ ތިބާއާ ކޮން ކަމެއް ހެއްޔެވެ! އެއާ އެކު އޭގެ ބުއިމާއި އޭގެ މޮށްގަނޑުވެއެވެ. (އެބަހީ: އެ އަމިއްލައަށް ހިނގާބިނގާވެ އުޅޭނެއެވެ. އަދި އެއާ ދިމާ ކުރާ އެއްޗަކަށް އެއިން ހަމަލާ ދޭނެއެވެ.) އެ ފެންގަނޑުތަކުން ފެން ބޮމުން، ގަސްގަހުން ކަމުން ދާނެއެވެ. އޭގެ ސާހިބުމީހާއާ ބައްދަލުވަންދެން އެ ދޫކޮށްލާށެވެ.”

އަދި ޢުމަރު رضي الله عنه ވިދާޅުވިއެވެ.

“مَنْ أَخَذَ ضَالَّةً فَهُوَ ضَالٌّ” [رواه مالك (2809)]

މާނައީ: “ގެއްލިފައިވާ އެއްޗެއް ނަގައިފި މީހަކު ދަންނައެވެ. އެއީ މަގުފުރެދިފައިވާ މީހެކެވެ.”

އެބަހީ: އެއީ މަގުފުރެދުމެކެވެ.

އިސްވެ ދިޔަ ޙަދީޘްގައި ނަބިއްޔާ صلى الله عليه وسلم ވަނީ އެފަދަ ޖަނަވާރެއް ފެނުނަސް ނުގެންދިޔުމަށް އިރުޝާދުދެއްވާފައެވެ. އަދި ކިއެއް ހެއްޔެވެ. އޭގެ ވެރިމީހާއާ ބައްދަލުވަންދެން، އެ އަމިއްލައަށް ކައިބޮއެ ހަދަން ދޫކޮށްލާނީއެވެ.

އިސްވެ ބަޔާން ދިޔަ ޖަނަވާރުތަކުގެ އިތުރުން، ބޮޑެތި ތެއްޔާއި ލަކުޑިއާއި ދަގަނޑުފަދަ، ބޮޑެތި ތަކެއްޗާމެދުވެސް ޢަމަލުކުރާނީ މިފަދައިންނެވެ. އެއީ ދޫކޮށްލާފައި އޮތްކަމުގައިވިޔަސް، އެއަށް ގެއްލުމެއްވުމުގެ ފުރުޞަތު ކުޑަ އަދި އެ އަމިއްލައަށް އެ އޮތްތަނުން އެހެން ތަނަކަށް ބަދަލު ނުވާނެފަދަ ބޮޑެތި ތަކެއްޗެވެ. އެފަދަ ތަކެތި ނެގުން ޙަރާމްވެގެންވެއެވެ. އަދި ކިއެއް ހެއްޔެވެ. ޖަމަލަކަށް ވުރެ އެ ތަކެތި ނެގުން ޙަރާމްވުން އައުލާވެގެން ވެއެވެ.

 

= ނުނިމޭ =


މަޞްދަރު

 

اللُّقَطَة ގެ ޙުކުމް – އެހެންބައިތައް