ޑިމޮކްރަސީ (democracy) މިބަސް ނެގިފައިވަނީ ގުރީކް ބަހެއްކަމުގައިވާ “demos” މާނައީ “މީހުން” އަދި “cratus” މާނައީ “ވެރިކަންކުރުން” މިބަހުންނެވެ. މިއީ ވެރިކަމުގެ ނިޒާމެކެވެ. މިނިޒާމު ހިނގާ ގޮތަކީ އެބައެއްގެ ތެރެއިން ބަޔަކު އެބައިމީހުންގެ ރެޕްރެސެންޓެޓިވްސްގެ ގޮތުގައި ޤާނޫނު ހަދާ މަޖިލީހަށް ހޮވައި، އެ ހޮވޭމީހުން، އެބައިމީހުންނަށް ގަވައިދާ ޤާނޫނުތައް އެންމެ ގިނަމީހުން ބޭނުންވާ ގޮތައް ހެދުމަށް ހަވާލުކުރަނީއެވެ. އަބްދުލް ވައްހާބު އަލް ޚިލާލީ ވިދާޅުވެފައިވެއެވެ. “ހުރިހާ (ތަނެއްގައި އޮންނަ) ދީމުޤްރާތީ ނިޒާމެއްވެސް ބިނާވެފައިވަނީ އެއް ideology އެއް ނުވަތަ އެއް ވިސްނުމެއްގެ މައްޗަށެވެ. ޤާނޫނާ ޤަވާޢިދުތައް ހެދުމުގެ ބާރު ރައްޔެތުންނަށް ލިބިދީފައިވުމުގެ މައްޗަށެވެ. އެހެނީ، ދީމުޤްރާތީ ނިޒާމުގެ އަސާސަކީ ރައްޔިތުންގެ ވެރިކަމެވެ.” “މީސްތަކުންގެ ޤަވާޢިދުތަކާއި ޤާނޫނުތައް، މީސްތަކުންގެ ފަރާތުން، މީސްތަކުންނަށް” މިއީ އަބްރަހަމް ލިންކޮން ބުނެފައިވާ ގޮތެވެ.
އެހެންކަމުން މިއީ ވަރަށް ޤަބޫލުނުކުރެވޭ ވެރިކަމުގެ ނިޒާމެކެވެ. އަދި މުސްލިމުންނާ ވަރަށް ބީރައްޓެހި ނިޒާމެއްވެސް މެއެވެ. ވެރިކަން ވަނީ ﷲ އަށެވެ. އެއިލާހުވަނީ ޤާނޫނު އަސާސީ ތައްޔާރުކޮށް ނިންމަވާފައެވެ. އިންސާނުން ޚަލްޤުކުރެވިގެންވަނީ އެ ޤާނޫނު އަސާސީ މިބިންމަތީގައި ތަންފީޛުކުރުމަށެވެ. އެއަށްވުރެން ފުރިހަމަ އެއްޗެއް އިންސާނުންނަށް ހެދިދާނެ ހެއްޔެވެ! ނުހެދޭނެކަން ޙައްޤު އެނގޭ، ތަޢައްޞުބުން އެއްކިބާވެފައިވާ ކޮންމެ މީހެއް ޤަބޫލުކުރާނެއެވެ.
ނަޞާރާއިންނާ ބެހޭގޮތުން ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.
﴿اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِنْ دُونِ اللَّهِ وَالْمَسِيحَ ابْنَ مَرْيَمَ وَمَا أُمِرُوا إِلَّا لِيَعْبُدُوا إِلَهًا وَاحِدًا لَا إِلَهَ إِلَّا هُوَ سُبْحَانَهُ عَمَّا يُشْرِكُونَ﴾ [سورة التوبة: 31]
މާނައީ: “އެއުރެންގެ ޢިލްމުވެރިންނާއި، ފާދިރީންނާއި، މަރިޔަމްގެފާނުގެ ދަރިކަލުން (ޢީސާގެފާނު) އަކީ، ﷲ ފިޔަވައި އިލާހުން ކަމުގައި އެއުރެން ހެދޫއެވެ. (ނަމަވެސް) އެއްކައުވަންތަ އިލާހަށް، އަޅުކަން ކުޅައުމަށް މެނުވީ އެއުރެންނަށް އަމުރުކުރެވިގެން ނުވެއެވެ. އެއިލާހު މެނުވީ ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކު ނުވެއެވެ. އެއުރެން އެ ޝަރީކުކުރާ ތަކެތިން، އެއިލާހު ހުސްޠާހިރުވެ ވޮޑިގެންވެއެވެ.”
ބަނޫއިސްރާއީލުގެ މީހުން، އެމީހުންގެ ޢިލްމުވެރިންނާއި، ފާދިރީންނަކީ އިލާހުން ކަމުގައި ބަލައިގަނެ ސަޖިދަކޮށް އެބައިމީހުންގެ ކިބައިން ކަންކަމުގައި އެދިއެއް ނަހަދައެވެ. އެހެނެއްކަމަކު ﷲ ބާއްވައިލެއްވި ތަކެތި ދޫކޮށް އެބައިމީހުންގެ ބުނުންތަކަށް ތަބަޢަވީއެވެ. ﷲ ޙަރާމްކުރެއްވި ކަންތައް އެބައިމީހުން ޙަލާލުކަމުގައި ހެދުމުން އެއަށް ތަބަޢަވީއެވެ. އަދި އެއިލާހު ޙަލާލްކުރެއްވި ކަންތައް ޙަރާމްކަމުގައި ހެދުމުން އެއަށް ތަބަޢަވީއެވެ. އެހައިރުން ބަނޫއިސްރައީލުގެ މީހުންނީ، އެމީހުންގެ ބޮޑުން އިލާހުންކަމުގައި ހަދައި ޝަރީކުކުރި ބައެއްކަމުގައި ﷲ ކަނޑައެޅުއްވިއެވެ. ވީމާ، މިހާރުވެސް ﷲ ގެ އެންގެވުމާއި ޚިލާފަށް ނުވަތަ އެކަލާނގެ ކަމެއް ވަކިގޮތަކަށް ކަނޑައަޅުއްވައި ނިންމަވައިފައިވާ ކަމެއްގައި އިންސާނެއްގެ ބަހަށް އެކަން ދޫކޮށްލައިފިނަމަ އެމީހަކު ޝިރުކު ކުރިމީހަކަށް ވާނެކަން ދަންނާށެވެ. އެކަން އެވަނީ ދުސްތޫރުގައި ބަޔާންވެގެންނެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ މީސްތަކުން ޚަލްޤުކުރެއްވީ އިލާހީ ޝަރީޢަތް ޤާއިމްކުރާށެވެ. ނަމަވެސް މިބައިމީހުން ޙައްދު ފަހަނައަޅައި ދަނީއެވެ.
﴿أَلَمْ تَرَ إِلَى الَّذِينَ يَزْعُمُونَ أَنَّهُمْ آَمَنُوا بِمَا أُنْزِلَ إِلَيْكَ وَمَا أُنْزِلَ مِنْ قَبْلِكَ يُرِيدُونَ أَنْ يَتَحَاكَمُوا إِلَى الطَّاغُوتِ وَقَدْ أُمِرُوا أَنْ يَكْفُرُوا بِهِ وَيُرِيدُ الشَّيْطَانُ أَنْ يُضِلَّهُمْ ضَلَالًا بَعِيدًا﴾ [سورة النساء: 60]
މާނައީ: ”ކަލޭގެފާނަށް ބާއްވައިލައްވާފައިވާ ފޮތަށާއި، ކަލޭގެފާނުގެ ކުރިން ބާއްވައިލައްވާފައިވާ ފޮތްތަކަށް، އީމާންވެގެން ތިބިކަމަށް ބުނާ މީހުން ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ އެއުރެން އެދެނީ، ޙުކުމް ލިބިގަންނާން، ތާޣޫތުންގެ ގާތަށް (އެބަހީ: ﷲ ފިޔަވައި އަޅުކަންކުރެވޭ ފަރާތްތަކުގެ ގާތަށް) ދިޔުމަށެވެ. (އެއީ) ހަމަކަށަވަރުން، އެފަރާތަށް ކާފަރުވުމަށް އަމުރުކުރައްވާފައި ވަނިކޮށެވެ. އަދި ޝައިޠާނާ އެދެނީ، (ޙައްޤު މަގުން) ދުރުވެގެންވާ މަގުފުރެދުމަކުން، އެއުރެން މަގުފުރެއްދުމަށެވެ.”
﴿أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُمْ مِنَ الدِّينِ مَا لَمْ يَأْذَنْ بِهِ اللَّهُ وَلَوْلَا كَلِمَةُ الْفَصْلِ لَقُضِيَ بَيْنَهُمْ وَإِنَّ الظَّالِمِينَ لَهُمْ عَذَابٌ أَلِيمٌ ﴾ [سورة الشورى:21]
މާނައީ: ”ނުވަތަ ﷲ އިޛުނަ ދެއްވާފައިނުވާ، ދީނުގެ ކަންތަކެއް، އެއުރެންނަށް، ޝަރުޢުކޮށް ކަނޑައަޅައިދިން ޝަރީކުންތަކެއް އެއުރެންނަށް ވޭހެއްޔެވެ؟ ޖަޒާ ދެއްވުން، ކަނޑައެޅިގެންވާ ދުވަހަށް ލަސްކުރައްވާފައި ނުވާނަމަ، އެއުރެންގެ މެދުގައި ނިޔާ ކަނޑައެޅުއްވީސްކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން، އަނިޔާވެރިންނަށް ވޭންދެނިވި ޢަޛާބު ހުށްޓެވެ.”
﴿قَدْ كَانَتْ لَكُمْ أُسْوَةٌ حَسَنَةٌ فِي إِبْرَاهِيمَ وَالَّذِينَ مَعَهُ إِذْ قَالُوا لِقَوْمِهِمْ إِنَّا بُرَآَءُ مِنْكُمْ وَمِمَّا تَعْبُدُونَ مِنْ دُونِ اللَّهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ الْعَدَاوَةُ وَالْبَغْضَاءُ أَبَدًا حَتَّى تُؤْمِنُوا بِاللَّهِ وَحْدَهُ إِلَّا قَوْلَ إِبْرَاهِيمَ لِأَبِيهِ لَأَسْتَغْفِرَنَّ لَكَ وَمَا أَمْلِكُ لَكَ مِنَ اللَّهِ مِنْ شَيْءٍ رَبَّنَا عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ الْمَصِيرُ﴾ [سورة الممتحنة: 4]
މާނައީ: “އިބްރާހީމްގެ ފާނާއި، އެކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ ކިބައިގައި ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވާކަން ކަށަވަރެވެ. (އެއީ) އެއުރެން، އެއުރެންގެ ޤައުމަށް ބުނި ހިނދެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނާއި، ﷲ ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެތިން، ތިމަންމެން ބަރީއަވެގެންވަމުއެވެ. ތިޔަބައިމީހުންގެ ދީނަށް ތިމަންމެން އިންކާރު ކުރަމުއެވެ. ތިމަންމެންނާއި، ތިޔަބައިމީހުންނާ ދެމެދުގައި ޢަދާވާތްތެރިކަމާއި، ރުޅިވެރިކަންވަނީ އަބަދަށްޓަކައި ފާޅުވެފައެވެ. އެއްކައުވަންތަ ﷲ އަށް އީމާންވެއްޖައުމަށް ދާންދެނެވެ. އިބްރާހީމްގެފާނު އެކަލޭގެފާނުގެ ބައްޕައަށް ވިދާޅުވި ބަސްފުޅު މެނުވީއެވެ. ހަމަކަށަވަރުން ބައްޕައަށް ފާފަފުއްސެވުން އެދި ތިމަންކަލޭގެފާނު ދުޢާ ކުރައްވާހުށީމެވެ. (އެހެނެއްކަމަކު) ﷲ ގެ ޙަޟްރަތުން ބައްޕައަށް އެއްވެސްކަމެއް ކޮށްދިނުމުގެ ބާރެއް ތިމަންކަލޭގެފާނަކަށް ލިބިގެނެއް ނުވެއެވެ. އަޅަމެންގެ ރައްބު! ހަމައެކަނި، އިބައިލާހަށް އަޅަމެން ވަކީލްކޮށްފީމުއެވެ. އަދި ހަމައެކަނި، އިބައިލާހުގެ ޙަޟްރަތަށް އަޅަމެން ރުޖޫޢަވެ ތައުބާވެއްޖައީމުއެވެ. އަދި އެނބުރި ދިޔުންވަނީ، އިބައިލާހުގެ ޙަޟްރަތަށެވެ.”
އަހަރުމެން ޙުކުމް ކުރަންވީގޮތް ބަޔާންކުރައްވައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ.
﴿وَأَنِ احْكُمْ بَيْنَهُمْ بِمَا أَنْزَلَ اللَّهُ وَلَا تَتَّبِعْ أَهْوَاءَهُمْ وَاحْذَرْهُمْ أَنْ يَفْتِنُوكَ عَنْ بَعْضِ مَا أَنْزَلَ اللَّهُ إِلَيْكَ فَإِنْ تَوَلَّوْا فَاعْلَمْ أَنَّمَا يُرِيدُ اللَّهُ أَنْ يُصِيبَهُمْ بِبَعْضِ ذُنُوبِهِمْ وَإِنَّ كَثِيرًا مِنَ النَّاسِ لَفَاسِقُونَ﴾ [سورة المائدة: 49]
މާނައީ: “އަދި ﷲ ބާއްވައިލައްވާފައިވާ ޙުކުމުން އެއުރެންގެ މެދުގައި ކަލޭގެފާނު ޙުކުމް ކުރައްވާށެވެ! އަދި އެއުރެންގެ އަމިއްލަ އެދުންތަކަށް ކަލޭގެފާނު ތަބަޢަވެވަޑައި ނުގަންނަވާށެވެ! އަދި ﷲ، ކަލޭގެފާނަށް ބާވައިލެއްވި ބައެއް އާޔަތްތަކުން ކަލޭގެފާނު އެއްކިބާކޮށްފާނެކަމަށް އެއުރެންނާމެދު ރައްކާތެރިވެ ވަޑައިގަންނަވާށެވެ! ފަހެ، އެއުރެން ފުރަގަސްދީފިނަމަ، ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ﷲ އިރާދަކުރައްވަނީ، އެއުރެންގެ ބައެއް ފާފަތަކުގެ ސަބަބުން، އެއުރެންނަށް ޢުޤޫބާތް ދެއްވުމަށެވެ. އަދި މީސްތަކުންގެ ތެރެއިން ގިނަމީހުންނީ ފާސިޤުންކަން ކަށަވަރެވެ.”
އަހަރުމެން ކަމަކާއި މެދު ދެބަސްވާހިނދު، އެކަމެއްގެ އެންމެ ފުރިހަމަ ޙުކުމް އޮތްގޮތް ބެލުމަށްޓަކައި ރުޖޫޢަވާންވީ މަޞްދަރުވެސް ﷲ ސުބްޙާނަހޫ ވަތަޢާލާ ބާއްވާލައްވާފައިވާ މިފުރިހަމަ ޤާނޫނުގައިވެއެވެ. އެކަލާނގެ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ.
﴿ يَا أَيُّهَا الَّذِينَ آَمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنْكُمْ فَإِنْ تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِنْ كُنْتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآَخِرِ ذَلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا﴾ [سورة النساء: 59]
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، ﷲއަށް ކިޔަމަންވާށެވެ! އަދި، ރަސޫލާއަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުންގެ ތެރެއިންވާ ވެރީންނަށްވެސްމެއެވެ. ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، ﷲ އަށާއި، ރަސޫލާއަށް އެކަމެއް ރައްދުކުރާށެވެ. (އެބަހީ: އެކަމާމެދު ﷲ އާއި، އެކަލާނގެ ރަސޫލާގެ ޙުކުމް އޮތްގޮތެއް ބަލައި އެގޮތަށް ޢަމަލުކުރާށެވެ!) ތިޔަބައިމީހުންނީ، ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާންވާ ބަޔަކުކަމުގައި ވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި، ނިމުމެއްގެ ގޮތުގައި ރީތިކަންވެސް ބޮޑުމެއެވެ.”
ނަމަވެސް އެންމެހައި ރައްޔިތުން ނިކުމެ ﷲގެ ޝަރީޢަތް ޤާއިމްކުރަން އެދުނަސް، ދީމުޤްރާތީ ނިޒާމުގެ ހުންގާނުގައި ތިބޭ މީހުންގެ ބަހަކަށް ވެގެންދާނީ، އެއީ މުޅިން ޑިމޮކުރަސީއާއި ޚިލާފު ނާތަހުޒީބު ޢަމަލެއް ކަމުގައެވެ. އަދި ޤާނޫނުހަދާ މަޖިލީހުން ﷲގެ ޝަރީޢަތާ ފުށުއަރާ ޤަވާޢިދެއް ޤާނޫނެއް ނެހެދުމަށް ރައްޔިތުން ގޮވިޔަސް، ކުއްކުރާ މީހުންނަށް ﷲ ގެ ޝަރީޢަތް ޤާއިމްކުރުމަށް އެދުނަސް، އަންހެނުންނަށް އެބައިމީހުންގެ ޙަޤީޤީ ޙައްޤުތައް ދިނުމަށް އެދުނަސް، އަދިވެސް އިންސާނާގެ ކަރާމަތް ގެއްލޭފަދަ ކަންކަމުން މުޖުތަމަޢު ރައްކާތެރިކުރުމަށް ގޮވާލިއަސް، މިބައިމީހުންގެ ބަހަކަށް ވެގެންދާނީ ހަމަ މިދެންނެވި ބަހެވެ.
ނަމަވެސް ﷲ، އެއިލާހުގެ ބިމުގައި ބާރުދެއްވާހިނދު، މުއުމިނުން ކަންކުރާނެގޮތް ބަޔާންކުރައްވައި ވަޙީކުރައްވަނީ މިފަދައިންނެވެ.
﴿الَّذِينَ إِنْ مَكَّنَّاهُمْ فِي الْأَرْضِ أَقَامُوا الصَّلَاةَ وَآَتَوُا الزَّكَاةَ وَأَمَرُوا بِالْمَعْرُوفِ وَنَهَوْا عَنِ الْمُنْكَرِ وَلِلَّهِ عَاقِبَةُ الْأُمُورِ﴾ [سورة الحج: 41]
މާނައީ: “އެއުރެންނީ، ބިމުގައި ތިމަންއިލާހު އެއުރެން ބާރުވެރިކުރައްވައިފިނަމަ، ނަމާދު ޤާއިމްކޮށް، ޒަކާތްދީ، ހެޔޮކަންތަކަށް އަމުރުކޮށް އަދި ނުބައިކަންތައް ނަހީކޮށްއުޅޭ މީހުންނެވެ.”
ވެރިކަމެއްގެ ބޭނުމަކީ މިއީއެވެ. ﷲގެ ދީން ބިންމަތީގައި ޤާއިމުކޮށް، އެއިލާހު އެއްކައުވަންތަކޮށް، އެގޮތުގައި އިޖްތިމާޢީގޮތުންނާއި، އިޤްތިޞާދީގޮތުންނާއި، އެހެނިހެން ހުރިހާގޮތަކުންވެސް ކުރިއަރައިދާ މުޖުތަމަޢެއް ބިނާކުރުމެވެ. އަދި އިޖްތިމާޢީ ރައްކާތެރިކަން ޤާޢިމްކޮށް، އިންސާނުންގެ ނަފްސާއި، މުދަލާއި، އަބުރާއި، ޢިއްޒަތް ރައްކާތެރިކުރުމަށްޓަކައި އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ޙުކުމްތައް ޤާއިމްކުރުމެވެ. އަދި އެފަދަ ކަމަކަށް ބުރޫއަރާނޭފަދަ އެންމެހައި މުންކަރާތްތަކުން ދުރުހެލިވުމަށް މީސްތަކުންނަށް ނަޞޭޙަތްތެރިވެ، ﷲގެ ސީދާވެގެންވާ ތެދުމަގަށް މީސްތަކުން ލެންބުމަށް މަސައްކަތްކުރުމެވެ. އަދި މިކަމުގެ މައްޗަށް އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ ވާގިވެރިވާ މުޖްތަމަޢެއް އުފެއްދުމެވެ. ﷲ ގެ ޝަރީޢަތަށް ބޯލަނބަންވީ މިކަންކަން ހާޞިލްކުރުމަށެވެ. މުޖުތަމަޢުގެ ހެވާއި ލާބައަށްޓަކައެވެ. އިންސާނީ ކަރާމާތްތެރިކަން ދެމެހެއްޓުމަށްޓަކައެވެ.