ތިންވަނަ ބައި: ޢުމުރުން ދުވަސްވެފައިވާ މީހުން
ފުރަތަމައީ: ޢުމުރުން ދުވަސްވީ މީހާގެ ރޯދައިގެ ޙުކުމް
ޢުމުރުން ދުވަސްވުމުގެ ސަބަބުން ރޯދަ ހިފުމުގެ ކުޅަދާނަކަށް ލިބިގެން ނުވާ މީހުންނަށް، ރޯދަ ދޫކޮށްލުން ހުއްދަވެގެން ވެއެވެ. އިބްނު އަލްމުންޛިރުއާއި އިބްނު ޙަޒްމާ އަދި އިބްނު ޢަބްދިލްބައްރު މިކަމުގެ މައްޗަށް އިޖުމާޢު ނަޤުލުކުރައްވާފައި ވެއެވެ.
ޢުމުރުން ދުވަސްވެފައިވާ މީހާ ރޯދަ ދޫކޮށްލުމުން ލާޒިމުވާ ކަންތައް
ޢުމުރުން ދުވަސް ވުމުގެ ސަބަބުން ރޯދަ ހިފުމުގެ ކުޅަދާނަކަށް ލިބިގެންނުވާ މީހުން ރޯދަ ދޫކޮށްލާ ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާން ދިނުން ވެއެވެ. މިއީ ޖުމުހޫރު – ޙަނަފީ، ޝާފިޢީ އަދި ޙަންބަލީ – ދަންނަބޭކަލުންގެ މަޛްހަބެވެ.
ހަތަރުވަނަ ބައި: މާބަނޑު މީހުންނާއި ކިރުމައިން
ފުރަތަމައީ: މާބަނޑު މީހާއާއި ކިރުމައިންގެ ރޯދައިގެ ޙުކުމް
ކިރުމައިންނާއި މާބަނޑު އަންހެނުން ރޯދަ ދޫކޮށްލުން ހުއްދަކަމުގައި ފިޤުހީ ހަތަރު މަޛްހަބު އިއްތިފާޤުވެފައިވެއެވެ. އެއީ ރޯދަ ހިފައިފިނަމަ، އެ ކަނބަލުންގެ ނަފުސުތަކުގެ މައްޗަށް ނުވަތަ އެކަނބަލުންގެ ދަރިފުޅަށް ގެއްލުމެއް ލިބި ދާނޭކަމަށް ބިރުހީވާނަމައެވެ.
ދެވަނައީ: ކިރުމައިންނާއި މާބަނޑު އަންހެނާ ރޯދަހިފުމުން އޭނާގެ ނަފުސަށް ގެއްލުމެއް ލިބިދާނޭކަމަށް ބިރުހީވާނަމަ ރޯދަ ދޫކޮށްލުމުގެ ޙުކުމް
ރޯދަހިފުމުގެ ސަބަބުން ކިރުމައިންނާއި މާބަނޑު އަންހެނުން އެކަނބަލުންގެ ނަފުސަށް ލިބިދާނޭ ގެއްލުމަކަށް ބިރުހީވެގެން ދޫކޮށްލާ ރޯދަ ޤަޟާކުރުން ނޫން ކަމެއް އެ ކަނބަލުންގެ މައްޗަށް ނުވެއެވެ. މިއީ ޖުމުހޫރު – ޙަނަފީ، ޝާފިޢީ އަދި ޙަންބަލީ – ދަންނަބޭކަލުންގެ މަޛްހަބެވެ.
ތިންވަނައީ: ކިރުމައިންނާއި މާބަނޑު އަންހެނާ ރޯދަ ހިފުމުން އޭނާގެ ދަރިފުޅަށް ގެއްލުމެއް ލިބިދާނޭ ކަމަށް ބިރުގެންފިނަމަ ރޯދަ ދޫކޮށްލުމުގެ ޙުކުމް
ރޯދަ ހިފުމުގެ ސަބަބުން ކިރުމައިންނާއި މާބަނޑު އަންހެނާ އެ ކަނބަލުންގެ ދަރިފުޅަށް ލިބިދާނޭ ގެއްލުމަކަށް ބިރުހީވެގެން، ދޫކޮށްލާ ރޯދަ ޤަޟާކުރުން އެކަނބަލުންގެ މައްޗަށް ވެއެވެ. އަދި ފިދުޔަ ދިނުމެއް ނުވެއެވެ. މިއީ ޙަނަފީ މަޛްހަބުގެ ރައުޔެވެ. އަދި މިއީ ސަލަފުންގެ ޖަމާޢަތެއްގެ ބޭކަލުންގެ ރައުޔެވެ. އަދި މިއީ އިބްނު އަލްމުންޛިރާއި އިބްނު ބާޒާ އަދި އިބްނު ޢުޘައިމީނުގެ އިޚްތިޔާރެވެ.
މަޞްދަރު: ملخص فقه العبادات